2018ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމިންގެ ނަން އޮތުމާއި މެދު ޝައްކު ކަމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ކަންކަން ހިނގަމުންދާ ގޮތުން، ރައްޔިތުން ގުބޯ ހައްދައިގެން ރައީސް ޔާމިންއަށް ނޫޅެވޭނެ ކަމަށާއި އެގޮތުން ދެން އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމިންގެ ނަން އޮތުމާއި މެދުވެސް ޝައްކު ކަމަށެވެ.
އަދި ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބަކީ ސެމީ ފައިނަލެއް ކަމަށް ސަރުކާރުން ބުނާއިރު މާދަމާ ރިޔާސީ އިންތިހާބެއް ބޭއްވިއަސް އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރާނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
އަދި މިނިވަން އިންސާފްވެރި އިންތިހާބެއް ބާއްވައިފިނަމަ ރައީސް ޔާމިންއަށް ވޯޓްދޭން ތިބި މީހުން މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކާމިޔާބު ލިބުނީ ހަޤީޤަތުގައި ވެސް އެކުގައި މަސައްކަތްކޮށްގެން. ރައީސް ޔާމިންގެ އަނިޔާވެރިކަން ރައްޔިތުންނަށް އިނގޭ. ސިޔާސީ ވެރިންނަށް ހިންގާ އަނިޔާވެރިކަންތައްތައް އިނގޭ. އިންސާފްވެރިކަމެއް ނެތް ކަންވެސް ރައްޔިތުންނަށް ޔަޤީންވޭ. ރައީސް ޔާމިންއަށް ވެރިކަން ކުރެވޭ ކަމަށްނުވި ކާޑުގެ އަގުތައް މައްޗަށް ނުގެންގޮސް. ރާއްޖޭގެ ރައްޔިތުންނަކީ ގަމާރުންނެއް ނޫން. އިންތިހާބާއި ދިމާކޮށް ޤާސިމް އިބްރާހިމް ހައްޔަރުކުރުން ވެގެން ދިޔައީވެސް ރައީސް ޔާމިންއަށް ރައްޔިތުން ނޫނެކޭ ބުނި އެއް ކަންތައް" ޝިފާޒް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ނިމިގެން ދިޔައިރު އިރުވެސް މި އިންތިހާބު ނިމުނު ކަމެއް ރައީސް ޔާމިން އަކަށް އަދިވެސް އިހުސާސެއް ނުކުރެވޭކަން އެމަނިކުފާނުގެ ވާހަކަތަކުން ދޭހަވާ ކަމަށާއި ކޯފާ އިސްނުކުރައްވާ މިއިންތިހާބުގައި ރައީސް ޔާމިން ބަލިވެއްޖެ ކަމަށް ޤާބޫލުފުޅުކުރައްވަން ޖެހޭ ކަމަށް ޝިފާޒު ވިދާޅުވިއެވެ.
މިއަދުގެ ހަޤީޤަތަކީ ރާއްޖޭގައި އޮންނާނީ މަލްޓިޕާޓީ ސިސްޓަމެއް ކަމަށާއި ރައްޔިތުން އެސިސްޓަމް ޤާބޫލުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
"ދެއުޅި ދިމާނުވާ ވާހަކަ އަޑު އިވިގެންދަނީ މިއިންތިހާބު ފެށުނު ފަހުން. މިއިންތިހާބުގެ ނަތީޖާ ދެން ބަދަލެއް ނުވާނެ. ރައްޔިތުން ގުބޯ ހައްދައިގެން ދެން ނުގެންގުޅެވޭނެ. ރައީސް ޔާމިންވެސް ނަތީޖާ ޤަބޫލުކުރައްވާ." ޝިފާޒް ވިދާޅުވިއެވެ.