ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ މިއީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންވީ ވަގުތެއް ނޫން ކަމަށާއި، މިގޮތަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ގަބޫލުކުރައްވާކަން ހާމަވެގެންދާ ކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލިހުގެ 39 މެމްބަރުންގެ ވޯޓުން އެގަރާރު ފާސް ކުރި ނަމަވެސް ގައުމީ މަޖިލީހުގައި 142 މެންބަރުން ތިއްބަވާ ކަމަށެވެ. އަދި އެމަޖިލީހުގެ ބައްދަލުވުމުގައި ގިނަ މެމްބަރުން ބައިވެރިވެވަޑައިނުގަތީ ކުއްލި ނުރައްކަލުގެ ހާލަތު މި ދަނޑިވަޅުގައި އިއުލާން ކުރަން ޖެހޭ ކަމަށް ނުފެންނާތީ ފާޅުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަށް ދެކޮޅު ނުހެއްދެވުމުގެ ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ނުކުރި ނަމަވެސް އެކަމާއި ގުޅިގެން ހަރުކަށި ފިކުރުގެ މީހުން ހޯދައި އޭގެ ހަރާކާތްތައް ހުއްޓުވުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ވެސް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެކަމުގެ ނަތީޖާ ފެންނަ ކަމަށެވެ.
އަޅުގަނޑު އަމިއްލައަށް ދެކޭ ގޮތުގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންވީ ވަގުތެއް ނޫން މިއީ. ނަމަވެސް އެކަމާއި ގުޅިގެން ހަރުކަށި ފިކުރުގެ މީހުން ހޯދައި އޭގެ ހަރާކާތްތައް ހުއްޓުވުމަށް މިދެންނެވިހެން މިހާރު ވެސް ފުލުހުން ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރޭ. އޭގެ ނަތީޖާ ތިބޭފުޅުންނަށް ފެންނަމުން ވެސް ދާނެރައީސް އިބްރާހިމް މުހައްމަދު ސާލިހު![]()
ޓެރަރިސްޓުން ހައްޔަރު ކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް ކުއްލި ނުރައްކާ އިއުލާނުކުރުމަށް އެމްޑީޕީން އިގުރާރުވެފައިވަނީ މިކަމަށްޓަކައި އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކުރުމަށް ފަހުއެވެ. މި ގަރާރު އެމްޑީޕީގެ 180 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާފައިވަނީ އެ ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. މި ގަރާރު ފާސްވެފައިވަނީ އޮންލައިންކޮށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 43 މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
މި ގަރާރު ހުށަހަޅުއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަނީ މިގަރާރު މިގޮތަށް ހުށަހެޅުއްވީ 24 ޖުލައި 2021ގައި ކޮމިޝަނަރ އޮފް ޕޮލިސްއާއި ޕްރޮސެކިއުޓަރ ޖެނެރަލް ދެއްވި މައުލޫމާތުގެ އަލީގައި، ސަރުކާރުން އަމަލު ކުރާންވީގޮތް ކަމަށް އެމްޑީޕީ ދެކޭގޮތްކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާތީކަމަށެވެ. ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ފިކުރުގެ މީހުން އިތުރުވެފައިވާ މިންވަރު މިއަދު ހާމަވެފައިވާއިރު، ކުއްލި ނުރައްކާ އިއުލާނުކޮށް، ޓެރަރިސްޓުން ހައްޔަރު ކުރުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދިނުމަށް އެމްޑީޕީން އިގުރާރުވެ ރައީސް ސާލިހަށް ހުށަހެޅުމަށް އެދޭކަމަށް ނަޝީދު ވިދާޅުވިއެވެ.
މިކަމަކީ ގާނޫނު އަސާސީން ރައީސްއަށް ލިބިދޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ ބާރަށް އަރައިގަތުމަށް އެޅުއްވި ފިޔަވަޅެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.