ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްސަލާގައި ދޫދީ، ދީލާލަން ޖެހޭ ކަހަލަ އެއްވެސް ލިޔުމެއް ނުވަތަ އެޒާތުގެ އެއްވެސް އެއްޗެއް އެއްވެސް މީހެއްގެ އަތުގައި ނޯންނާނެ ކަމަށް ވިދާޅުވެ އެފަދަ އެއްޗެއް އޮތްނަމަ ހާމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.
ބުދަ ދުވަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނު ދީލާލައި އަމާންދޭން ޖެހޭ ކަހަލަ އެއްވެސް ލިޔުމެއް ނުވަތަ އެއްވެސް އެއްޗެއް އެއްވެސް ބޭފުޅެއްގެ އަތުގައި ނޯންނާނެ ކަމަށާއި، އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
އަޅުގަނޑު ކޮމްޕްރަމައިޒް ވާކަހަލަ އެއްވެސް ލިޔުމެއް އެއްވެސް އެއްޗެއް އެއްވެސް ބޭފުޅެއްގެ އަތުގައި ނޯންނާނެ. އޮތްނަމަ ހަމަކުރައްވަންވީ.ރައީސް އިބްރާހިމް މުހައްމަދު ސާލިހު![]()
އަލީ ވަހީދުގެ މައްސަލައަށް އަލިއަޅުއްވާލައްވާ ރައީސް ސާލިހު ވިދާޅުވީ އެމައްސަލައިގެ ޝަކުވާ އައުމާއެކު އެމުއައްޒަފުންނާއެކު ބައްދަލުކުރެއްވި ކަމަށެވެ. ޖެންޑާ މިނިސްޓަރާއެކު ބޭއްވި އެބައްދަލުކުރެއްވުމަށްފަހު އެވަގުތު އެޅެން އޮތް ފިޔަވަޅު އެމަނިކުފާނު އެޅުއްވި ކަމަށެވެ. އެގޮތުން އަލީ ވަހީދު މަގާމުން ވަކި ކުރައްވާ އެމައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް އެންގެވި ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
އެމައްސަލަ މިހާރު އޮތީ ކޯޓު މަރުހަލާގައިކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ މިނިވަންކަމާއެކު ޝަރީއަތް ހިންގުމުގެ ޖާގަ ދޭނެ ކަމަށާއި، އެކަމުގެ ތެރެއަށް އެމަނިފާނުގެ އެއްވެސް ނުފޫޒެއް ނުވަންނާނެ ކަމަށެވެ. ދައުލަތުގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް ވިދާޅުވިއެވެ.
އެކަން ފުރިހަމަ ކުރުމަށްޓަކައި ދައުލަތުގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން އަޅުގަނޑު ފޯރުކޮށްދެމުން ގެންދާންނަން. އަދި އެކަން ހިގަމުންދަނީ ގާނޫނުތަކާއި ގާނޫނު އަސާސީއަށާއި، އެއްގޮތަށްތޯ ބެލުން ވެސް އެއީ އަޅުގަނޑަށް މަތިކޮށްފައި އޮތް މަސައްކަތެއް. އެހެންވީމަ ކޯޓު މަރުހަލާގައި ވެސް ތަހުގީގު މަރުހަލާގައި ވެސް ކަމެއް ހިނގަމުންދަނީ ގާނޫނު އަސާސީއާ ގާނޫނުތަކާ އެއްގޮތަށްތޯ ބެލުމަށް ކުރަން ޖެހޭ މަސައްކަތް ކޮންމެ މަރުހަލާއެއްގައި އަޅުގަނޑު ކުރަމުން ގެންދާނަންރައީސް އިބްރާހިމް މުހައްމަދު ސާލިހު![]()
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްސަލާގައި ދީލާލަން ޖެހޭ ވަރުގެ އެއްވެސް ޑޮކިއުމެންޓެއް ނުވަތަ ލިޔުމެއް އެއްވެސް މީހެއްގެ އަތުގައި ނޯންނާނެ ކަމަށް ރައީސް ސާލިހު ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އުމަރު ވިދާޅުވެފައިވަނީ އަލީ ވަހީދުގެ މައްސަލާގައި ޝަރީއަތް ކުރިއަށްދާ ގޮތާމެދު ސަރުކާރުން ތަފާތުތަކެއް ގެންގުޅޭ ކަމަށެވެ. އަދި ރައީސް ސާލިހު ކޮމްޕްރަމައިޒް ވާކަހަލަ ލިޔުންތަކެއް އަލީ ވަހީދުގެ އަތުގައި އެބަހުރި ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑުމުން އަލީ ވަހީދުގެ މައްޗަށް 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން ބުދަދުވަހު ވަނީ ކޮށްފައެވެ. ބުދަ ދުވަހު ސުޕްރީމްކޯޓުގައި ތާވަލް ކޮށްފައިވަނީ، ކްރިމިނަލް ކޯޓުގައި އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް އޮންލައިކޮށް ކުރިއަށް ގެންދާ މަައްސަލައިގެ އަޑު އެހުމުގައި އޮންލައިކޮށް ބައިވެރިވާ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ އަޑުއެހުމެކެވެ. ކޯޓުގެ ހުކުމް އައީ މި އަޑުއެގުމަށް އަލީ ވަހީދު ހާޒިރު ނުވުމުންނެވެ.
މިކަމާ ގުޅޭގޮތުން ރައީސް ސާލިހު ވިދާޅުވީ ސްޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ ކަންކަން އެ މުއައްސަސާތަކުން ކުރަމުންދާނެ ކަމަށެވެ.