އަންނަ ސީޒަނުގައިވެސްޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްގައި މަޑުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނެފިއެވެ.
ރެއާލް މެޑްރިޑަށް ނުވަ އަހަރު ކުޅެދިނުމަށްފަހު އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 100 މިލިޔަން ޔޫރޯއަށެވެ. އެފަހަރު ރޮނާލްޑޯ ވަނީ ޔުވެންޓަސްއާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން ރޮނާލްޑޯގެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރެވެ.
މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ ރޮނާލްޑޯ އަލުން ރެއާލްލަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ރިޕޯޓުކޮށްފައެވެ. އަދި މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރޮނާލްޑޯ ހޯދަން އޭނާގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑާއި ފްރާންސްގެ ޕީއެސްޖީންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
އެކަމަކު އެ ވާހަކަތަކަށް ރައްދު ދެމުން ޔުވެންޓަސްގެ ބޯޑް އޮފް ޑިރެކްޓަރުންގެ ވައިސް ޗެއާމަން އަދި ކުރީގެ ކުޅުންތެރިޔާ ޕަވެލް ނެޑްވެޑް ވަނީ އަންނަ ސީޒަނުގައިވެސް ރޮނާލްޑޯ ޔުވެންޓަސްގައި މަޑުކުރާނެ ކަމަށް މީގެ ކުރިން ބުނެފައެވެ. ދާދި ފަހުން ރޮނާލްޑޯ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާއިރު، މީޑިއާއަށް ދިން އިންޓަވިއުއެއްގައި އެލެގްރީވެސް ވަނީ ރޮނާލްޑޯ އަންނަ ސީޒަނުގައިވެސް ފެންނާނީ ޔުވެންޓަސްއިން ކަމަށް ބުނެފައެވެ.
ޔުވެންޓަސްއަށް 2018 ވަނަ އަހަރު ރޮނާލްޑޯ ގެނައީ އަލެގްރީ ކޯޗުގެ މަގާމުގައި ހުއްޓައެވެ. އެކަމަކު މިދިޔަ ސީޒަނުގައި ޔުވެންޓަސްއަށް އަންދްރެއާ ޕިރްލޯ އިރުޝާދުދިން އިރު، ޔުވެންޓަސްއިން ވަނީ ޕިރްލޯ ވަކިކޮށް އެ ޓީމުގެ ކޯޗުގެ މަގާމާ އަލުން އެލެގްރީ ހަމަޖައްސާފައެވެ.
ރޮނާލްޑޯ ޔުވެންޓަސްގައި މަޑުކުރާއިރު، މީގެ ކުރިން ރެއާލާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކުރި ރޮނާލްޑޯއަށް އަދި މިހާތަނަށް ޔުވެންޓަސްއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެގޮތުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޔުވެންޓަސް ވަނީ ދެވަނަ ބުރުން ކަޓާފައެވެ.
އެކަމަކު ޔުވެންޓަސްގައި ރޮނާލްޑޯ މިހާތަނަށް މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ ޔުވެންޓަސްއަށް ކުޅެދިން 133 މެޗުގައި 101 ލަނޑު ޖަހާފައެވެ. އަދި ވަނީ މިހާތަނަށް ޔުވެންޓަސްއާއެކު އިޓާލިއަން ލީގާއި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު އަދި އިޓާލިއަން ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.