ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 17:05
ދިވެހީންގެ މިނިވަންކަމާއި އަމިއްލަ ވަންތަކަން ރަމްޒުކޮށްދޭ ދިވެހީންގެ ގައުމީ ދިދަ ޖުމްހޫރީ މައިދާނުގައި ވިހުރުވެނީ
ދިވެހީންގެ މިނިވަންކަމާއި އަމިއްލަ ވަންތަކަން ރަމްޒުކޮށްދޭ ދިވެހީންގެ ގައުމީ ދިދަ ޖުމްހޫރީ މައިދާނުގައި ވިހުރުވެނީ
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ޝަޚުސަކީ ނިމިގެންދާ އެއްޗެކެވެ. ދެމިއޮންނާނީ ފަލްސަފާއާއި ގައުމެވެ.
 
ޝަޚުސުތައް ނިމިގެންދިޔައަސް ގައުމާޢި ފަލްސަފާތައް ދެމިއޮންނާނެ
 
ފަލްސަފާއަށްވުރެ ޝަޚުސު އިސްކުރުމަކީ ޑިމޮކްރަސީގެ ދުޅަހެޔޮކަމަށް އެޅޭ ހުރަހެއް

ކޮންމެ ގައުމެއްގައިވެސް ސިޔާސީ ފަލްސަފާތައް ހުންނާނެއެވެ. ފަލްސަފާތަކުގެ ވާދަވެރިކަންވެސް އޮންނާނެއެވެ. އެއަށް ކިޔަނީ ފިކުރެވެ. އެއީ ފިކުރުތަކުގެ ވާދަވެރިކަމެވެ. ރާއްޖޭގައިވެސް ޒަމާނުއްސުރެ މިކަން ހިނގަމުން އަންނަނީ މިމަގުންނެވެ. ޑިމޮކްރަސީގެ ފަތިހަކަށް އަލިވިލިގެން ސިޔާސީ ޕާޓީތައް ވުޖޫދުކޮށްގެން ރަސްމީ ސިފައެއްގައި ސިޔާސީ ފިކުރުތަކާއިގެން އާއްމުކޮށް ހޭލަމޭލަވާން ފެށީ ދާދިފަހަކުން ކަމަށްވިޔަސް މިރާއްޖޭގައި ސިޔާސީ ފަލްސަފާތަކުގެ ވާދަވެރިކަން ކުރިއަށްދާތާ ދުއިސައްތައެއްހާ އަހަރުވެއްޖެއެވެ. ނުރަސްމީކޮށް ޕާޓީ ނިޒާމު އުފަންވިތާ ޒަމާންތަކެއް ވެއްޖެއެވެ. މިކަމުގެ ފެށުމާ ހިސާބަށް ދަންޏާ ޖެހިލަންޖެހެނީ ސުލްތާން މުހައްމަދު މުއީނުއްދީނު އެއްވަނައިގެ ދައުރަށެވެ. އެރަދުން ރަސްކަން ކުރެއްވީ މީލާދީން 1799 ވަނަ އަހަރުން ފެށިގެން 1835 ވަނަ އަހަރާ ހަމައަށެވެ.

މިދެންނެވި ރަދުންގެ ޒަމާނުގައި ރާއްޖޭގެ ސިޔާސީ ތާރީޚުގެ އައު ބާބެއް ފެށިގެން ދިޔައެވެ. ދައުލަތް ހިންގުމުގެ ބުރަ މަސްއޫލިއްޔަތު ރަސްގެފާނުގެ ކޮނޑުފުޅުން ނެއްޓި ރަސްގެފާނު އަންގަވާ ގޮތެއްގެ މަތިން އަދި ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ދައުލަތް ހިންގުން ބޮޑުވަޒީރަކާ މަތިކޮށްގެން ކަންކަން ހިންގާން ފެށީ އެ ދައުރުގައެވެ. އަދި ދިވެހިރާއްޖޭގައި ނުރަސްމީކޮށް ދެ އާއިލާއެއްގެ މެދުގައި ޕާޓީ އުސޫލުން ވާދަވެރިކަން ފެށި އެއްބައެއްގެ މައްޗަށް އަނެއް ބަޔަކު ގަދަވެގަތުމުގެ އޮއިވަރު ފެށުނީވެސް އެ ދައުރުގައެވެ. ބޮޑުވަޒީރު އައްޔަން ކުރައްވަނީ ރަސްގެފާނެވެ. ބޮޑުވަޒީރު ވަކިކުރައްވަނީވެސް ރަސްގެފާނެވެ. ބޮޑުވަޒީރު ޖަވާބުދާރީ ވާންޖެހެނީވެސް ރަސްގެފާނަށެވެ. އެެއީ މިކަންތައް ފެށުނުއިރު ކަންތައް އޮތްގޮތެވެ. އެހެންވީމާ އޭރު ސިޔާސީ ތަފާތު ފިކުރުތަކުގެ ވާދަވެރިކަން އެނބުރުނީ ރަސްކަމުގެ ކޮއިލުގެ ވަށައިގެންނެވެ. ރައްޔިތުންނާ މާބޮޑު ބެހުމެއް ނެތިއެވެ.

ސުލ؛ްތާން ހަސަން ނޫރައްދީން އެއްވަނައިގެ ރަސްކަން ނިމި އެރަދުންގެ ދަރިކަލުން މުހައްމަދު މުއީނުއްދީނު އެއްވަނައިގެ ރަސްކަން ފެށިގެންވެސް ކަންކަން ތަރުތީބުވެފައި އޮތީ މިމަގުންނެވެ. ރަސްކަމުގެ ދަރުބާރުގައި ވިކޭ ފަލްސަފާޔަކީ ކަކާގޭ ފަލްސަފާއެވެ. އެހެންނަމަވެސް އެހިސާބުން އަތިރީގޭ ހުސައިން ދޮށިމޭނާގެ ބޭފުޅުންގެ ބާރުގަދަވެ ރަސްކަމުގެ ތެރޭގައި އެވެރީންގެ ފަލްސަފާއަށް ކުރިލިބޭގޮތް ވެއްޖެއެވެ. މިހެން ކަންކަން ވުމުން އިސާހިތަކު ކަކާގޭގެ ފަޅިން އަތިރީގެއަށް ބޮޑުވަޒީރުކަން ފުރޮޅިގެން ހިނގާއްޖެއެވެ. އެފަރާތަށް ފުރޮޅިގެން ދިޔައީމާ ކޮންމެވެސް ގޮތަކުން ރަދުންގެ ރުހުން ހޯދައިގެން ދުވަސްކޮޅަކުން ކަކާގޭ ފަޅިއަށް އަނެއްކާވެސް ބޮޑުވަޒީރުކަން ބަދަލުވެދެއެވެ. މުއީނުއްދީނު އެއްވަނައިގެ ދައުރުން ފެށިގެން އެރަދުންގެ މުނިކާފަ ދަރިކަލުން ހާޖީ އިމާދުއްދީނާ ހަމަޔަށް ބޮޑުވަޒީރުކަން އޮތީ މިމަގުން މި ދެ އާއިލާގެ ދޭތެރޭގައި ދުވެދުވެއެވެ.

މިޒާތަކުން ވާދަވެރިކަން ބޮޑުވަމުން ފުޅާވަމުންގޮސް ވަރަށް ހިތާމަވެރި ހާލަތްތައްވެސް ރަސްކަމާއި ދިވެހި ގައުމަށް ކުރިމަތިވެފައިވެއެވެ. ދިވެހީންގެ މިނިވަންކަން ގެއްލި 1887 ގައި އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދާން މެދުވެރިވީވެސް މިކަންތަކުގެ ތެރެއިންނެވެ. އެއްބައެއްގެ ބާރު ދުއްވައިލުމަށް އަނެއް ބަޔަކު ބޭރުގެ އެހީއަށް އެދި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރު މީހުން ވައްދާން ބޭނުންވީއެވެ. ކޮންމެއަކަސް އެއީ ތާރީޚުން ލިބިދޭ ފިލާވަޅެކެވެ. އޭރުވެސް އަދި އޭގެ ފަހުންވެސް ސިޔާސީ ބޮޑު ދެ ފަލްސަފާގެ އިސްވެރިން ކުރިއަށް ވަޑައިގެންނެވީ އެބޭފުޅުން ގަބޫލު ކުރައްވާ ހަމަޔާއި އުސޫލްތަކުގެ މަތީގައެވެ. ނިމިދަނީވެސް އެގޮތުގައެވެ. ތެލާއި ފެނާއި ނުގުޅޭނެޔޭ ބުނެވޭ އުސޫލުން ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުންވެސް ފެންނަނީ ތަފާތު ފަލްސަފާތައް ނުގުޅޭނޭކަމެވެ.

މިހާރު މިއޮތީ މުޅިން އެހެން ޒަމާނެކެވެ. މިހާރު ސިޔާސީ ވެރިން ޖަވާބުދާރީވާން ޖެހެނީ ރައްޔިތުންނަށެވެ. ބާރުދެނީވެސް އަދި ބާރު ނިގުޅައިގަންނަނީވެސް ރައްޔިތުންނެވެ. އެހެންވީމާ ކުރީޒަމާނުގައި ރަސްގެފާނުގެ ރުހުން އަތުލަން ތަފާތު ފަލްސަފާތަކުގެ ވެރިން މަސައްކަތް ކުރެއްވި ބީދައިން މިހާރު މަސައްކަތް ކުރައްވަން ޖެހިފައިވަނީ ރައްޔިތުންގެ ރުހުން ހޯއްދެވުމަށެވެ. މިގޮތަށް މަސައްކަތް ކުރައްވާއިރު ފަލްސަފާޔާއި ދުރަށް ވަޑައިގެން ޝަޚުސު އިސްކުރެއްވުމުގެ އޮއިވަރެއް ފެށިފައިވާ މަންޒަރުވެސް ފެނެއެވެ. މިއީ ރާއްޖޭގެ މުޅި ތާރީޚަށް ބަލާއިރުވެސް އައު ކަމެކެވެ. އިހަށް ދިވެހިން ތަބާވަމުން އައީ ފަލްސަފާތަކަށެވެ. މިހާރު އެނބުރެމުންދާތީ މިފެންނަނީ ޝަޚުސަށް ތަބާވުމާ ދިމާއަށެވެ، މިއީ ޑިމޮކްރަސީގެ ޅަފަތުގައި އޮތް ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަށް ނުވެދާނެއެވެ. ގެއްލުން ލިބިދެނިވި ކަމަކަށް ވެދާނެއެވެ. މީހުންނަކީ ވަގުތީ ބައެކެވެ. ފަލްސަފާ ދެމިއޮންނާނެއެވެ. ގައުމުވެސް ދެމިއޮންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
33%
0%
0%
33%
0%
33%
ކޮމެންޓް
ގުޅުންހުރި