ޝަރުޢީ ރުޤްޔާ ދަސްކޮށްދޭ ކޯހެއް މި ޖުލައި މަހުގެ 9 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
އޮންލައިންކޮށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކިޔަވައިދެއްވާނީ އައްޝައިޚް މުހައްމަދު ޠާޙާ އެވެ. އެއް މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގައި ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ދުވަހަކީ 09 ޖުލައި 2021 އެވެ. ކޯހުގެ ފީއަކީ 500 ރުފިޔާއެވެ.
ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭ ރޭގަނޑު 8:00ން 9:00ށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދޭނީ އަޤީދާ، އެސްފީނާ، ހަސަދަ، ސިޙުރާއި އޭގެ ފަރުވާގެ އިތުރުން ކުޑަކުދިންނަށް އެސްފީނާ ޖެހުމުން ކަންތައްތައް ކުރާނެ ގޮތެވެ. ކޯހުގައި ރެޖިސްޓަރވުމަށް 9461475 މި ނަންބަރަށް ވައިބާ ކުރުމުން ރަޖިސްޓްރީވާނެއެވެ.
މިކޯހާ ބެހޭ ގޮތުން ޝައިޚް ޠާހާ ވިދާޅުވީ ޝަރުއީ ރުޤުޔާގެ ނަމުގައި މިހާރު މުޖުތަމައުގައި ވަރަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ ކަމަށާއި، މިކަމަށް މުޖުތަމައު ހޭލުންތެރި ކުރުވަން ޖެހޭ ކަަމަށެވެ. އެހެންކަމުން ޝަރުއީ ރުޤްޔާގެ ސައްހަ ޢިލްމު އުނގެނި، އަމިއްލަ ނަފްސަށާއި އާއިލާގެ މީހުންނަށް ރުޤުޔާކުރާނެ ގޮތް ދަސްކުރުމަށް މި ކޯހުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ޝެއިޚް ޠާހާ ވިދާޅުވިއެވެ. މީގެ އިތުރުން އަރަބިކް ލޭންގުއޭޖް ކޯހެއް ވެސް ފެށުމަށް ތައްޔާރުވެފައިވާކަމަށް ޝައިޚް ޠާހާ ފާހަގަކުރެއްވިއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު 9461475 އަށް މެސެޖު ކުރުމުން ލިބޭނެއެވެ.
ޝައިޚް ޠާހާ ޝަރުއީ ރުޤުޔާގެ ދާއިރާގައި 10 އަހަރު ހޭދަކުރައްވާފައިވާ ތަޖުރިބާ ހުރި ބޭފުޅެކެވެ.
ޝަރުއީ ރުޤްޔާ ދަސްކޮށްދޭ ކޯހެއް ފެށުމަށް ނިންމާފައިވާއިރު، ރުޤްޔާގެ ނަމުގައި މުޖުތަމައުގައި ބޮޑެތި ޖަރީމާތައް ހިންގާފައިވެއެވެ. އެގޮތުން މަކަރާއި ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމާއި، ރުޤްޔާގެ ނަމުގައި ބައެއް އާއިލާތަކަށް ނަފްސާނީ، ޖިސްމާނީ އަނިޔާތައް ދީފައިވާ މައްސަލަތައް ފެންމަތިވެފައިވެއެވެ. މިހާރު ވެސް މިފަދަ ބައެއް މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މީގެ އިތުރުން މާލެސިޓީގެ ބައެއް ކްލިނިކްތަކުން ރުޤްޔާގެ ޚިދުމަތް ދެމުންދާއިރު، މަހެއްގެ މައްޗަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހެއެވެ. މިފަދަ ޚިދުމަތެއްގެ އަގު އިންތިހާއަށް ބޮޑުވުމަކީ އާއްމު ރައްޔިތުންގެ ޝަކުވާއެކެވެ.