ކައްޓާ މަހާ ވަކިވަނީއެވެ! "ލޮގުފޮތް" ކޮބައި ހެއްޔެވެ؟

އެ ދުވަސްވަރަކީ "ސަލާޙުއްދީން ބިލްޑިން"ގުގައި މަޝްހޫރު "އީޑީސީ ހިގަމުންދިޔަ ދުވަސްވަރެވެ. ހެނދުނު އޮފީހަށް ދިޔައިރު، މޭޒުމައްޗަށް ވެއްޓިފައި އޮތީ ކޮންކްރީޓު ގަނޑެކެވެ. ކޮމްޕިޔުޓަރާއި މޭޒު ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މީހަކަށް ކަމެއް ނުވެއެވެ. ފުރާނައެއް ނުގެއްލެއެވެ. ނަމަވެސް ސްލެބުން ބައިބައި ވަކިވެގެން ފޭބުމުގެ ބިރު އައީ ބޮޑުވަމުންނެވެ. އެންމެ ފަހުން ނިންމީ، ޢިމާރާތް ތަޅާލާށެވެ. އެތަން ތަޅާވެސް ލިއެވެ. މިއީ ކޮންކްރީޓާއި ދަގަނޑާއި ދެމެދުގައި ހުންނަންޖެހޭ ގުޅުމަކަށް ހުރަސްއެޅޭ ކަމެއް މެދުވެރިވެ އެގުޅުމުގެ ނިމުމެވެ. އޮލިމްޕަސް ފަދަ، މަދު ޢިމާރާތެއްގައި ނޫނީ ކުރެވޭ އެއް ތަޖުރިބާއަކީ މިއީއެވެ. އެހެން ތަޖުރިބާއަކަށް ޖެހިލަމާ ހެއްޔެވެ؟

ދެން، ފެނުނު މިފަދަ އަނެއް މަންޒަރަކީ، ކުރީގެ ތާޖުއްދީން ސްކޫލުގެ ޢިމާރާތެވެ. ވާންފެށީ ހަމަ އެއްކަލަ ގޮތެވެ. އެއީ ދަނގަނޑާއި ކޮންކްރީޓާ ދެމެދު އޮންނަން ޖެހޭ "އަޚުވަންތަކަން" ކެނޑި، ސްލެބުތަކާއި، ތަނބުތަކާއި، ބެރިތަކުގެ ބައިތައް ފަޅައިގެންގޮސް ވެއްޓެން ފެށިއެވެ. މަރާމާތުކޮށްގެން ވެސް، ހިފެހެއްޓުނީ ދުވަސް ކޮޅަކަށެވެ. އެންމެ ފަހުން ޢިމާރާތް ތަޅާލީއެވެ. އައު ޢިމާރާތެއް އެ ބިމުގައި ބިނާ ކުރިއެވެ. 

ހަމަ އެހެންމެ، ކުރީގެ ދަރުމަވަންތަ ސްކޫލާއި އަމީނިއްޔާ ސްކޫލްގެ ބައެއް ޢިމާރާތްތަކެއް މިއަދަކު ނެތެވެ. ހަމަ އެއް ތަޖުރިބާއެއް ކުރެވިގެން އެތަންތަންވެސް ތަޅާލަން ޖެހުނީއެވެ. ކުރެވުނީ އެއް ތަޖުރިބާއެކެވެ. މި ދެކެވެނީ ހަމައެކަނި ސްކޫލުތަކުގެ ވާހަކައެވެ. ނުދެކެވޭ ވާހަކަ ތަކަކީ، އަމިއްލަ މީސްމީހުންގެ މިފަދަ ޢިމާރާތް ތަކުގެ ވާހަކަ ތަކެވެ. އެވާހަކަ ނުދެކެވުނެއް ކަމަކު، ކަން ހިނގައިދަނީ ހަމަ އެއް މަގަކުން އެއްކަހަލަ ގޮތަކަށެވެ. އެފަދަ ޢިމާރާތްތައްވެސް ވީ، ބިމާ ހަމައެވެ.

މިއަދަކީ، އެދުވަހެއް ނޫނެވެ. އަކިރިއާއި ދޮންވެއްޔާއި ސިމެންތި ގަށައިގެން ނުވަތަ މިކްސް ކޮށްގެން ޢިމާރާތް ހަދާ ދުވަހެއް ނޫނެވެ. މިއަދު ސިމެންތިއާ އެއްކުރަނީ ހިލައާއި ހިލަވެއްޔެވެ. އެއް މާނައެއްގައި ނަމަ ކޯރުވެއްޔެވެ. ކޮންމެ ޢިމާރާތެއް ހަދާއިރު، ޤަވާޢިދުގައި އޮންނަ ގޮތުންނަމަ، މަސައްކަތު މީހުންގެ އިތުރުން، އިންޖިނޭރުންނާއި ކޮންސަލްޓެންޓުންނާއި ސައިޓު ސުޕަވައިޒަރުން ތިބެން ޖެހެއެވެ. ކޮންމެ ކަމެއް ނިމިގެން ދިއައީ ބަރާބަރަށްކަން ނޯޓުކޮށްފައި ހުންނަ ލިޔުންތަކާއި ޕްރޮޖެކްޓާއި ގުޅިގެން ދުވަހުން ދުވަހަށް ހިނގާކަންތައް ނޯޓްކޮށްފައި އޮންނަ ލޮގުފޮތެއް، ގެންގުޅެން ޖެހެއެވެ. އެންމެ ފުރަތަމަ ފައުންޑޭޝަނަށް އަތުރާލެވޭ ދަގަނޑު ތަކުގެ މައްޗަށް ކޮންކްރީޓު އޮއްސާ ލެވޭނީވެސް ލޮގު ކުރެވިގެން، ސޮއި ކުރެވިގެންނެވެ. ސުޕަވައިޒް ކުރެވިގެންނެވެ. އޯކޭ ދެވިގެންނެވެ. އެކަމަށް ކަނޑައަޅާފައި ތިބޭ އެންމެން  ތިބެގެންނެވެ. ހުރިހާ ކަމެއް ހުރީ ޤަވާއިދާ އެއް ގޮތަށްތޯ ބަލައި ފާސް ކޮށްގެންނެވެ. ސުވާލަކީ، މިހެން މިކަން އޮންނައިރު، އިހަށް ދުވަހަކު ހެދި، ޢަރަބިއްޔާ ސްކޫލަށް މި ވީ ކީއް ހެއްޔެވެ؟

ޢަރަބިއްޔާ ސްކޫލުގެ ކުރީގެ ޑެޕިއުޓީ ޕްރިންސިލަކު ކިޔައިދިން ގޮތުގައި، އެންމެ ފުރަތަމަ ދިމާވީ ސީޓުން ފެން ލީކުވާން ފެށުމެވެ. ދެން ފެށީ ފާޚާނާތަކުން ލީކުވުމެވެ. އެންމެ ފަހުން ކުލާސް ރޫމުތަކުގައި ޓައިލްސްވެސް ޖަހަން ޖެހުނެވެ. އެއަށްފަހު، ފެނުނީ ކުޑަ ދޮރުތަކުން ފެން ލީކުވުމެވެ. އެތައް ކޮމްޕިއުޓަރު ތަކެއް ހަލާކުވެސް ވިއެވެ. ދެން ރެނދުއެޅީ ތަނބު ތަކުގައެވެ. ދަގަނޑާ ސިމެންތީގެ ގުޅުންކެނޑި ފުއްޕަމުން ގޮސް، އެންމެ ފަހުން ކޮންކްރީޓު ނެއްޓި ވެއްޓެން ފެށިއެވެ.

ލަފާ ކުރެވޭ ގޮތުގައި 22 ކްލާސްރޫމުގެ މި ޢިމާރާތަކީ ބޮޑު ހޭދައެއް ހިނގި  އިމާރާތެކެވެ. އެންމެ ފުރަތަމަ ޢިމާރާތުގެ މަސައްކަތް ޙަވާލުކުރި ކުންފުނިން، އެ މަސައްކަތް ހުއްޓާލީ އޭރު ޑޮލަރުގެ އަގަށް އައި ބަދަލުން، އަގު ރިވައިޒް ކުރަން ހުށަހެޅުމުން އެކަން ވާގޮތް ނުވީމާކަމަށް ވެއެވެ. އެހެން ކަމުން، ފައުންޑޭޝަނަށްފަހު، އެ ބަޔަކުގެ އަތުން ޕްރޮޖެކްޓު ވަކިކޮށް، އަލުން ބިޑުކޮށް އެހެން ބަޔަކަށް މަސައްކަތް ހަވާލު ކުރީއެވެ. އޭރު އެންމެ އިސްކަމެއް ދެވިފައި އޮތީ އަވަހަށް މަސައްކަތް ނިންމުމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޖީ ސެކްޝަންގައި ކުރިން ސިވިލް އިންޖިނިއަރ އެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މުޙައްމަދު ޔޫސުފަކީ، ޢަރަބިއްޔާ ޕްރޮޖެކްޓު ހިނގަމުން ދިޔައިރު، އެޑިއުކޭޝަން މިނިސްޓްރީގައި ހުންނެވި އިސް ބޭފުޅެކެވެ. ނަމަވެސް އޭރު މި މަސައްކަތް ކުރަމުން ގެންދިޔައީ، ހައުސިން މިނިސްޓްރީގެ ދަށުގައި އަލަށް އުފައްދާފައި އޮތް އޮފީސް ފޯރ ޕްރޮޖެކްޓްސް އެންޑް ޕްރޮގްރާމްސް (އޯޕީޕީ) ބެލުމުގެ ދަށުންކަމަށް ، އެނާ ވިދާޅުވެފައި ވެއެވެ. އެހެން ކަމުން މިއީ، މިނިސްޓްރީގެ ބަޖެޓުން ޚަރަދު ކުރިނަމަވެސް، އޭރުގެ ޖީ ސެކްޝަނުން ހިންގި ޕްރޮޖެކްޓެއް ކަމަކަށް ނުވެއެވެ.

މުޙައްމަދު ޔޫސުފު، ވިދާޅުވެފައިވާ ގޮތުންނަމަ، އެޑިއުކޭޝަންގެ ސްކޫލް އިމާރާތް ކުރުމާއިބެހޭ ބައިން، ސްކޫލު ޕްރޮޖެކްޓުތައް ހިންގި ދުވަސްވަރު، ކޮންޓްރެކްޓަރު މަސައްކަތް ކުރާ ގޮތް ބަލަން ސައިޓު ތަކަށް ގޮސް ޕްރޮޖެކްޓްގެ މަސައްކަތް ސްޕަވައިޒް ކޮށް، މޮނިޓަރ ކުރަމުން ގެންދިޔައެވެ. އެގޮތަށް ޕްރޮޖެކްޓް ހިންގަމުން ދިޔައިރު، އުސޫލާ ޚިލާފަށް ކުރާ މަސައްކަތްތައް ހުއްޓުވައި، އެކަންކަން ރަނގަޅު ކުރަންދެން ފައިސާވެސް ހިފަހައްޓާފައި ހުންނާނެއެވެ. މިކަން އެޑިއުކޭޝަން މިނިސްޓްރީގެ ނާއިބުގެ މަޤާމުގައި ކުރިން ހުންނެވި، އިބްރާހީމް އިސްމާޢީލު ވެސް، ކަށަވަރު ކޮށްދެއްވިއެވެ.

"އަޅުގަނޑުމެން ހުންނާނެ، ސްކޫލު ޢިމާރާތްކުރުމުގެ މަސައްކަތް، ޙަވާލު ކުރިގޮތަށް ކޮށްފައި ނެތުމުން ފައިސާވެސް ހިފަހައްޓާފައި. އަދި ކޮންޓްރެކްޓަރު ލައްވާ، އެކަންކަން ރަނގަޅު ކުރުވާފަވެސް ހުންނާނެ" އިބްރާހީމް އިސްމާޢީލު ވިދާޅުވެފައި ވެއެވެ.

މުޙައްމަދު ޔޫސުފު، ޙިއްސާ ކޮށްދެއްވި، އެއް ތަޖުރިބާއަކީ، ށ. ކޮމަންޑޫގައި ކުރި، މިފަދަ ސްކޫލު ޢިމާރާތެއްގެ ވާހަކައެވެ. އެފަހަރު ކަންދިމާވި ގޮތަކީ، ކޮންކްރީޓު ޝީޓެއް ނުހިކި އޮންނަން ދިމާވި މައްސަލަ އެކެވެ. އެންމެ ފަހުން ކޮންޓްރެކްޓަރު ލައްވައި އެ ޝީޓު ތަޅާލައި އައު ޝީޓެއް އެޅީއެވެ. ތަޅާލި ޝީޓްގެ މަސައްކަތް ފުރަތަމަ ކުރެވިފައިވަނީ، އެންމެ ރަނގަޅަށް ނޫންކަން، ކޮންޓްރެކްޓަރަށްވެސް ޤަބޫލު ކުރެވުނެވެ. މިފަދަ ކަންކަމަކީ، ޢިމާރާތް ކުރަމުން ގެންދާއިރު، މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކޮންމެ ވަގުތެއްގައިވެސް ކުރަންޖެހިދާނެ ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މިސާލަކަށް، ނޮދަން ސެކަންޑަރީ ޢިމާރާތް އެއީ، އެންމެ ދުވަސްވީ އެއްތަން. އެތަންތާނގައި މައްސަލައެއްނެތި މިހާ ދުވަސްވުމުގެ ސިއްރަކީ، ކޮންޓްރެކްޓަރާއި އިންޖިނޭރާއި، ސުޕަރވައިޒަރުވެސް ބަރާބަރަށް މަސައްކަތް ހިގާގޮތް ބަލައި ކޮލިޓީ ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކޮންކްރީޓް ތައްގަޑު ހަދަންފަށާ ހިސާބުން ފެށިގެން ކިއުރިންޓައިމް ކޮންކްރީޓް އަޅާފަހުން (28 ދުވަސް) ނިމެންދެން ރަނގަޅަށް ބެލެހެއްޓިފައިވުން. މިފަދައިން، މަސައްކަތް ކޮށްފައިހުރި ޢިމާރާތްތައް ރަނގަޅުވާނެ" މުޙައްމަދު ޔޫސުފު، ވިދާޅުވެފައި ވެއެވެ.

ކޮންޓްރެކްޓަރާއި، ސްޓްރަކްޗަރަލް އިންޖިނޭރާއި، ސައިޓު ސުޕަވައިޒަރުގެ ފުރިހަމަ ބެލުމުގެ ދަށުން ކޮންމެ މަސައްކަތެއް ލޮގްކުރެވި، ސޮއި، ކުރެވިގެން ކުރެވޭ މަސައްކަތުގެ ފެންފަރު ހިފެހެއްޓުމަށްޓަކައި، ސްޕެސިފިކޭޝަން ތަކާއި އެއްގޮތަށް މަސައްކަތް ކުރޭތޯ ބެލެހެއްޓޭނަމަ، މި ޒަމާނުގައި ހަދާ ޢިމާރާތްތަކުގެ ޢުމުރު70 އަހާރާއި 100 އަހަރަށް ދެމިގެން ދާނެއެވެ. އެއީ މަސައްކަތް ކުރަން ބޭނުންކުރާ ހިލަވެއްޔަކީ ލޮނުގެ އަސަރު ބޮޑުނޫން ވެއްޔަށްވެފައި، މިކްސް ކުރަންވާ ވަރަށް ރަނގަޅަށް މިކްސް ކުރެވި، ވައިބްރޭޓު ކުރަންވާ ގޮތަށް އެކަންކަންވެސް ކޮށްގެން، ދަގަނޑު ނިވާ ކުރަން ސްޓޭންޑަޑްގައި އެ އޮންނަ ބޯމިނުގައި، ކޮންކްރީޓު ލޭޔަރުވެސް ބަހައްޓައިގެން، ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ނަމަ ނިކުންނާނެ ނަތީޖާއެވެ.

"ކޮންމެ ޕްރޮޖެކްޓެއްގެ މަސައްކަތް ހިނގަމުން ދާއިރު، ކުރެވޭ ކޮންމެ ކަމަކީ، އެ އޮންނަ ގޮތަށް އަދި ރަނގަޅަށް ޗެކް ކުރެވިގެން ކޮށްފައިވާ މަސައްކަތެއްކަން ފެންނަން އޮންނަ ލޮގުފޮތެއް އޮންނާނެ. އަދި އެނޫނަސް ދަގަނޑު ހިލަ ، ހިލަވެލި، ކޮންކަރީޓް މިކްސް ކުރުމަށް ބޭނުންކުރާ ފެން، ކޮންކްރީޓް މިކްސް ކުރާގޮތް މިހުރިހާ ތަކެއްޗާއި ކަންކަމަކީ އެކަމަށް އެކަށީގެންވާ ސްޕެސިފިކޭޝަން ތައް ހެދިފައިހުރި ކަންކަން. ސްޕެސިފިކޭޝަނަށް ފެތޭގޮތަށް ކުރާ މަސައްކަތްތަށް ހުންނާނީ ރަގަޅަށް". މުޙައްމަދު ޔޫސުފު ވިދާޅުވިއެވެ.

"އަޅުގަނޑު ހިތަށް ވަންނަ ސުވާލަކީ، ކޮންމެ ޢިމާރާތެއް ނިމޭއިރު އެންމެ ކުޑަމިނުން މަސައްކަތް ހިގާގޮތް ނޯޓްކުރުމަށް ސައިޓްގައި ބޭނުންކުރި ލޮގުފޮތް ފެންނަން އޮވޭ ބާވައޭ؟ އެގޮތަށް ބެލެހެއްޓުނުކަން ޔަޤީންކުރަން ލިއެވި ސޮއި ކުރެވިފައި އޮތްތޯއެވެ؟" މި މުހިންމު ސުވާލު އުފައްދަވަމުން، ޔޫސުފު ވިދާޅުވިއެވެ.

ރާއްޖޭގައި ހަދާފައި ހުރި ޢިމާރާތް ތަކަށް ބަލާއިރު، ކަލާފާނު ސްކޫލަކީ ޖަޕާނު ސަރުކާރުގެ އެހީގައި އަޅާފައިވާ ޢިމާރާތަކަށް ވާއިރު، ޕްރޮޖެކްޓު މަސައްކަތް ކުރީ "ޖައިކާ" ކޮންސަލްޓެންޓެއްގެ ބެލުމުގެ ދަށުންނެވެ. އެއީ ރަނގަޅަށް ކުރެވިފައިވާ މަސައްކަތެކެވެ. ހަމަ އެހެންމެ ޣިޔާސުއްދީން އައު ޢިމާރާތާއި، ތާޖުއްދީން ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތްވެސް ކުރީ ބޭރުގެ ކޮންޓްރެކްޓަރުންނެވެ. ޖަޕާންގެ ކޮންޓްރެކްޓަރުން މަސައްކަތް ކުރިކަމުގައި ވީނަމަވެސް މަސައްކަތު މީހުންނަކީ ހަމަ އަޅުގަނޑުމެންގެ އަވައްޓެރި ޤައުމުތަކުގެ މީހުންނެވެ. މިފަދަ މަސައްކަތްތައް، ރަނގަޅަށް ބެލެހެއްޓިފައި ހުރުމުން، ޢިމާރާތް ކުރެވިފައިވާ ފެންވަރު ރަނގަޅެވެ.

ދައްކަންވީ ހަމައެކަނި ބޭރުގެ ކޮންސްޓްރަކްޝަން ގްރޫޕު ތަކުގެ ވާހަކަ އެކަންޏެއް ނޫނެވެ. ދިވެހި ކޮންޓްރެކްޓަރުންވެސް، މޮޅަށް ހަދާފައިވާ ޢިމާރާތްތައް މަދެއް ނޫނެވެ. މިސާލަކަށް ގިނަ މިސްކިތް ތަކެވެ. އެމްއެމްއޭ ބިލްޑިންގެވެ. ސްޓެލްކޯ ޢިމާރާތެވެ. އެސްޓީއޯ އައު ޢިމާރާތެވެ. ވެލާނާގޭ ބިލްޑިންގެވެ. ސީޓްރެކް ބިލްޑިންގެވެ. އަމީނިއްޔާގެ އައު ޢިމާރާތެވެ. ރައީސް އޮފީހެވެ. މިފަދަ ކިތަންމެ ޢިމާރާތެކެވެ.

މި ކަންކަމުން އެނގެނީ، ޢިމާރާތް ކުރުމުގައި އޮންނަ ބައިނަލް އަޤުވާމީ މިންގަނޑުތައް ނުވަތަ "ސްޓޭންޑަޑް"ތަކާ އެއްގޮތަށް، ޢިމާރާތް ކުރުމުގެ ޤާބިލުކަން ރާއްޖޭގެ ބޮޑެތި ކުންފުނި ތަކުގައި އެބަހުރި ކަމެވެ. ސުވާލަކީ، މި ގާބިލުކަން މިހެން އޮއްވައި، ބައެއް ޢިމާރާތްތަކަށް އެހާ ދެރަވަރު ގޮތް އެވަނީ، ކީއްވެ ހެއްޔެވެ؟

މި ދަންނަވާލި ސުވާލަކީ، އެންމެ ޖަވާބަކުން ފުރިހަމަވާނެ ސުވާލެއް ނޫނެވެ. މިސާލަކަށް ދަންނަވާނަމަ، އެއް ޖަވާބަކީ، އެންމެ އަގު ހެޔޮ، އެންމެ ކުރު މުއްދަތު ޖަހާފައިވާ ފަރާތަށް ކޮންޓްރެކް ލިބޭ އުސޫލެއް އޮތް ދުވަސްވަރެއް ދިޔަކަމެވެ. އެދުވަސްވަރު އަގު ހެޔޮ ފަރާތަށް ޕްރޮޖެކްޓު ލިބިގެން އެ ދިޔަ ދިއުމެވެ. ނަމަވެސް މިއަދަކީ އެ އުސޫލު ތަންފިޒު ކުރާ ދުވަހެއް ނޫނެވެ.

އަނެއް ޖަވާބަކީ، ސުޕަރވައިޒް ކުރަންވާ ގޮތަށް ބައެއް ޕްރޮޖެކްޓު ތަކުގައި، ސުޕަވައިޒް ނުކުރެވުމެވެ. މިސާލަކަށް ކޯރުވެލި ގެންނައިރު، އެކިފަހަރު ގެންނަ ވެލީގައި ލޮނުގެ އަސަރު އެކިވަރަށް ހުންނަ ކަމަށްވެއެވެ. އެކަން ސިވިލް އިންޖިނިއަރ މުޙައްމަދު ޔޫސުފުވެސް ފާހަގަ ކުރެއްވިއެވެ. މިސާލަކަށް މިއިން ކަމެއް، ރަގަޅަށް ނުބެލޭނަމަ އިމާރާތުގެ ޢުމުރު ކުރުވެއެވެ.

ހަމަ އެހެންމެ މިކްސް ކުރުމުގައި، ބައެއް ފަހަރަށް ފަރުވާ ކުޑަ ކުރެވުމެވެ. ބައެއް ޕްރޮޖެކްޓުތައް ހިންގާއިރު، "އަން ސްކިލްޑު" ލޭބަރުންވެސް ގިނަކަމެވެ. ކޮންޓްރެކްޓަރު ސޮއި ކުރާފަހުން، މެޓީރިއަލަށް ދުނިޔޭގެ ބާޒާރުގައި އަންނަ ބަދަލު ތަކަށް، ފައިހަމަ ކުރަން ކޮންޓްރެކްޓު ބަދަލު ކުރުން ނުވަތަ އަގުތައް އެޖެސްޓު ކޮށްދިނުން ފަދަ ކަންކަމުގައި، އަވަސް ޙައްލެއް ނުލިބި، ބައެއް ފަހަރަށް ނުވަތަ ގިނަފަހަރަށް ދިގުލައިގެން،  އެދާ މުއްދަތެވެ. ނުވަތަ އެކަން އެގޮތަށް ނުހިނގުމެވެ. މިއީ، ބައެއް ކޮންޓްރެކްޓަރުންނާއި ވާހަކަ ދައްކާލުމުން، ފާހަގަވި ކަމެކެވެ.

މިސާލަކަށް ޢަރަބިއްޔާ ސްކޫލުގެ ޕްރޮޖެކްޓު ފުރަތަމަ ނެގި ގްރޫޕުން، ޕްރޮޖެކްޓު ދޫކޮށްލީ، ޑޮލަރުގެ އަގަށް ކުއްލިއަކަށް އެއައި ބަދަލު، ޕްރޮޖެކްޓުގެ އަގަށް އެޖެސްޓު ނުވެ، ދިގުލައިގެން އެދިޔަ ދިއުމެވެ. މިފަދަ އެތައް ކަމަކަށް މިހާރަށްވުރެ ރަނގަޅަށް ރިއާޔަތް ކުރެވި، ސަމާލުކަންދެވި، އަދި ފަރުވާތެރި ކަމާއެކު، މަސައްކަތް ކުރަންޖެހޭ ގޮތަށް ނުކުރެވި، ސުޕަވައިޒަރީ މަސައްކަތްވެސް އަތުން ދޫވެގެން އެދާ ފަހަރު ތަކަކީ، ދެރަވަރު ޢިމާރާތެއް ވުޖޫދަށް އަންނަން މަގުފަހިވާ ވަގުތުކަމަށް ވެދެއެވެ.

އެފަދަ ޢިމާރާތެއްގެ ބަދުނަސީބަކަށްވާނީ، ކައްޓާ މަހާ ވަކިވާހެން، ދަގަނޑާއި ސިމެންތި ވަކިވެ، ތަނބު ތަކުގައި ރެނދުލައި، ބޮޑު ކަންބޮޑުވުމެއް ބޯމަތި ވުމެވެ. އެހިނދު އުފަންވާނެ ސުވާލަކީ، ކައްޓާ މަހާ ވަކިވަނީއެވެ! " ލޮގުފޮތް" ކޮބައި ހެއްޔެވެ؟

6%
12%
6%
0%
0%
76%