ރިޔާސީ ރޭސް 2023
ރިޔާސީ އިންތިހާބު 2023 ގައި 8 ކެންޑިޑޭޓަކު ވާދަކުރެއެވެ. މިއީ ފެހި ގާނޫނު އަސާސީގެ ދަށުން އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލި ފަހަރެވެ. މި ފަހަރުގެ އިންތިހާބުގައި 282,395 މީހުންނަށް ވޯޓުލުމ

ރިޔާސީ ރޭސް 2023
އެއްވެސް ކެންޑިޑޭޓަކަށް %50 ލިބިވަޑައެއްނުގަތް، ރައީސް ސާލިހާއި ޑރ. މުއިއްޒު ދެވަނަ ބުރަކަށް
ރިޔާސީ އިންތިޚާބުން 50 އިންސައްތައަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިވަޑައިގެންފައި ނުވާތީ، ދެވަނަ ބުރަކަށް ދާންޖެހިއްޖެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:00ގައެވެ. އަދި ވޯޓުގެ ކިޔު ބަންދު ކޮށްފައިވަނީ ހަވީރު 4:00ގައެވެ.
ފޯރިގަދަ މި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރަކަށް ދަތުރު ކުރައްވާނެ ކަމަށް ހިސާބުތަކުން ދައްކަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި، އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މިހާތަނަށް ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒަށް 45.6 އިންސައްތަ، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސާލިހަށް 39.71 އިންސައްތަ ލިބިވަޑައިގެންފައި ވެއެވެ.
މީގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް 6.97 އިންސައްތަ، އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރަށް 2.83 އިންސައްތަ، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހީމަށް 2.57 އިންސައްތަ، އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނަށް 1.36 އިންސައްތަ، އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމަށް 0.82 އިންސައްތަ އަދި ހަސަން ޒަމީލަށް 0.15 އިންސައްތަ ލިބިވަޑައިގެންފައި ވެއެވެ.
ވަގުތީ ނަތީޖާ އިއުލާނު ކުރުން ކުރިއަށްދާއިރު، ދެވަނަ ބުރެއްގެ ވޯޓުލުން އޮންނާނީ ސެޕްޓެންބަރު މަހުގެ 30ގައެވެ. އެހެން އަހަރުތަކާ ޚިލާފަށް، މިއަހަރުގެ އިންތިޚާބުގައި ވޯޓުލާފައި ވަނީ ގާތްގަނޑަކަށް 75 އިންސައްތަ މީހުން ކަމަށާއި، މިއީ އެންމެ މަދުން ވޯޓުލީ ރިޔާސީ އިންތިޚާބު ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.
ވޯޓު ކަރުދާސް ދެއްކުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ ދޫކޮށްލައިފި
ވޯޓު ގުނުން ކުރިއަށްދަނީ، ހުރިހާ ސަރަހައްދެއްގެ އާންމު ހާލަތު ރަނގަޅު: ފުލުހުން
ރިޔާސީ އިންތިޚާބު 2023 މޮނިޓަރ ކުރުން (އެޗްއާރްސީއެމް)
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ޖުމްލަ 188 ފޮއްޓެއް އޮބްޒަރވްކުރުމަށް އެޗްއާރްސީއެމްގެ މުވައްޒަފުންވަނީ ހަރަކާތްތެރި ވެފައި. އެގޮތުން ވޯޓު ފޮށީގެ ވަގުތީ ނަތީޖާ އިއުލާންކުރުމާ ހަމައަށްވެސް އޮބްޒަރވަރުން ހަރަކާތްތެރިވެ، ހާލަތު ބަލަމުންދާނެ ކަމަށް އެ ކޮމިޝަނުން ބުނޭ.
ވޯޓު ގުނުމުގެ މަސައްކަތްތައް ކުރަމުންދާއިރު، ބައެއް ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ދަނީ ލިބެމުން





ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 6 މީހުން ވަނީ ދޫކޮށްލައިފި
ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ދެ މީހުންވެސް ދޫކޮށްލައިފި

ރިސޯޓުތަކުގެ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ލިބެން ފަށައިފި
މިހާތަނަށް ރިސޯޓުތަކުގައި ހުރި 14 ވޯޓު ފޮއްޓެއްގެ ނަތީޖާ ލިބިފައިވޭ.
ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކޮށް، ގައުމާއެކު ކުރިއަށްދާންޖެހޭ: ނައިބު ރައީސް
ބޫތް ބަހައްޓާފައިވާ ގޮތުގެ މައްސަލަ
ބައެއް މަރުކަޒުތަކަށް ދިއުމުން، ވޯޓުލާ މަރުކަޒުތަކުގައި ވޯޓޫލާ ބޫތް ބަހައްޓާގައި ހުންނަ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭކަމަށް ބައެއް އޮބްޒާވަރުންނާއި މަންދޫބުން ބުނެފައިވޭ.
ލަފާދޭ ކޮމިޓީގެ މަޝްވަރާއެކީގައި ކުރިން ބޫތް ބެހެއްޓިގޮތް އަޅުގަނޑުމެން މި ބަދަލުކޮށްލީ ލަފާދޭ ކޮމިޓީގެ ބޭފުޅުންގެ އިއްތިފާގުން. އެހެންވީމާ އެވަރުގެ އިއްތިފާގެއް އައީމަ ކޮމިޝަންގެ މެންބަރުންނަށް ފެނިވަޑައިގަތީ ބޫތް ބަހައްޓާގޮތް ބަދަލުކުރަން.
ރަސްދޫ، ތުޅާދޫ އަދި ގުރައިދޫ ވޯޓުލުމުގައި ދިވާމި މައްސަލަ
އއ. ރަސްދޫ ދެ ވޯޓުފޮށީގެ ދެ އޮފިޝަލަކު އިގްރާރާ ހިލާފުވެގެން އެކަން ބަލާ ވަނީ ދޫކޮށްލާފައި. އަދި އޮފިޝަލުންގެ ތެރެއިން އެ މަގާމްތަކަށް މީހުން ލާފައި ވޯޓުލުން ވަނީ އަލުން ފަށާފައި.
ބ. ތުޅާދޫގައި ވޯޓުލާން އައި މީހަކު ފޮޓޯ ނެގިކަމުގެ މައުލޫމާތު ލިބިގެން، ވޯޓުލުން ހުއްޓިފައިވަނީ. ވަރަށް އަވަހަށް ވޯޓުލުމުގެ މަސައްކަތް އަލުން ފެށޭނެ.
ކ. ގުރައިދޫގައި ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުންނަށް ވޯޓު ނުލެވޭ މައްސަލަ އައިސްފައިވޭ. ރަޖިސްޓްރީވެފައިވާނަމަ އެ ވޯޓު ފޮށްތަކަށް ވޯޓު ލެވޭނެ. އެހީތެރިއެއްގެ އެހީ ހޯދެނީ، ގާނޫނުގައި ބުނާގޮތުން ދެ އަތުންކުރެ އަތަކުން އަތެއް ބޭނުން ނުކުރެވޭ ހާލަތުގައާއި ލޮލަށް ނުފެންނަ މީހުންނަށާއި އަދި މުސްކުޅިވެ ގައިބާރު ދެރަވެ އެމީހަކު އަމިއްލައަށް ވޯޓު ކަރުދާހުގައި ފާހަގަޖަހަން އުޒުރުވެރިވާ މީހުންނަށް.

މެންދުރު 12:00 އާ ހަމައަށް 112,250 މީހުން ވޯޓު ލައިފި
މެންދުރު 12:00 އާ ހަމައަށް 112,250 މީހުން ވޯޓު ލައިފައިވޭ. އެއީ 39.75 ޕަސެންޓު މީހުން.
މީގެ ތެރެއިން ފިރިހެނުންގެ އަދަދަކީ 20 އިންސައްތަ އަދި އަންހެނުންގެ އަދަދަކީ 19 އިންސައްތައް.
ވޯޓުލާ މަރުކަޒުތަކުގައި މީހުން އެބަތިބި. ބައެއް މަރުކަޒުތަކުގައި ކިއު ދިގުވެގެން ޝަކުވާ އައުމުން ކޯޑިނޭޝަން ސެންޓަރުގެ ފަރާތުން އެތަންތަނަށް އިތުރު އޮފިޝަލުން ފޮނުވާ ވޯޓުލުމުގެ މަސައްކަތް އަވަސްކުރުމުގެ ކަންކަން ކުރިއަށް އެބަދޭ. މެންދުރު ފަހުން ޕްރޮސެސް މިހާރަށްވުރެ ހަލުވިވެގެންދާނެ ކަމަށް ބެލެވޭ.
އަބޫދާބީގައި ވޯޓުލާން ފެށީ އެތާގެ ގަޑިން 9:00 ގައި
އަބޫދާބީގައި ރާއްޖެ ގަޑިން 10:00 ގައި އަދި އަބޫދާބީގެ ގަޑިން 9:00 ގައި ވޯޓުލުން ވަނީ ފެށިފައި. ހުރިހާ ތަނެއްގައި ވޯޓުލުން ފެށިގެން ކުރިއަށްއެބަދޭ.
މިހާރު ހުރިހާ ތަނެއްގައި ވޯޓު ލުމުގެ މަސައްކަތް ފެށިގެން ކުރިއަށްދޭ: އީސީ
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވީ އެންމެ ފަހުން ވޯޓުލާން ފެށިފައިވަނީ ލަންޑަންގައި ކަމަށް. އެއީ ލަންޑަންގެ ގަޑިން 8:30 ގައި، މާލޭގެ ގަޑިން 12:30 ގައި.

ނައިބު ރައީސް ފައިސަލް ނަސީމް ވޯޓުލައްވައިފި
ނައިބު ރައީސް ފައިސަލް ނަސީމް ރިޔާސީ އިންތިހާބުގެ ވޯޓު ލައްވާފައި ވަނީ 11:45 ހާއިރުއެވެ.
އެމަނިކުފާނު ވޯޓުލެއްވުމަށް ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ވޯޓު ފޮށިތައް މާލޭގައި ބަހައްޓާފައި ހުރި ޖަމާލުއްދީން ސްކޫލަށް ވަޑައިގަންނަވާފައި ވަނީ 11:05 ހާއިރުއެވެ.
އެމަނިކުފާނު ވޯޓު ލައްވާފައި ވަނީ ކިއުގައި މަޑުކުރެއްވުމަށްފަހުއެވެ.

ތުޅާދޫގައި ވޯޓުލާން ދިޔަ މީހަކު ވޯޓުލާ މަރުކަޒަށް އިތުރު ގަލަމެއް ވެއްދި މައްސަލަ
ތުޅާދޫގައި ވޯޓުލާން ދިޔަ މީހަކު ވޯޓުލާ މަރުކަޒަށް އިތުރު ގަލަމެއް ވެއްދި މައްސަލަ އެއް ފެންމަތިވެއްޖެއެވެ.
ތުޅާދޫގައި ހުރި މޮނިޓަރަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނީ ވޯޓުލަމުން ދަނިކޮށް މީހަކު އިތުރު ގަލަމެއް ވެއްދިކަން ފާހަގަވީ އެ ސަރަހައްދުގައި ތިބި ފުލުހުންނަށް ކަމަށެވެ. އިތުރު ގަލަމެއް ވެއްދި މީހާ އަކީ ފިރިހެނެކެވެ. އެއާއި އެކު ވޯޓުލުން މެދުކަނޑާލާފައިވާ ކަމަށާއި އޭރު ގާތްގަނޑަކަށް 12:15 ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އޭނާ ވޯޓުލާ ސަރަހައްދަށް ވެއްދި އިތުރު ގަލަމަކީ ކެމެރާ ގަލަމެއް ކަމަށް ދަނީ ތުހުމަތުކުރަމުންނެވެ. އެހެންކަމުން މައްސަލަ ހައްލުވަންދެން ތުޅާދޫގައި ވޯޓުލުން ވަނީ މެދުކަނޑާލާފައެވެެ. މި މައްސަލަ ދިމާވެފައި ވަނީ ތުޅާދޫގެ ތިން ނަމްބަރު ވޯޓު ފޮށީގައެވެ.

އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އޮފިސަރުން ދަނީ ހީވާގިކަމާއެކު މަސައްކަތް ކުރަމުން - ފުލުހުން
ވޯޓުލުން ކުރިއަށްދާއިރު، އޮފިސަރުން ދަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހީވާގިކަމާއެކު މަސައްކަތް ކުރަމުން ކަމަށް ފުލުހުން ބުނެއެވެ. އަދި އިންތިހާބު އޮމާންކޮށް ކުރިއަށް ގެންދިއުމުގައި ވަރުބަލިކަމެއް ނެތި ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޓުއަރިޒަމް މިނިސްޓަރ މައުސޫމް ވޯޓު ދެއްވައިފި
ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވޯޓު ދެއްވައިފިއެވެ.
މިނިސްޓަރ ވޯޓު ދެއްވީ މެދުހެންވޭރު 3 ނަންބަރު ވޯޓު ފޮށްޓަށެވެ.

ރަސްދޫގައި ދިމާވީ އޮފިޝަލުންނާއި ގުޅުން ހުރި މައްސަލަ އެއް - އީސީ
ރަސްދޫގައި ދިމާވީ އޮފުިޝަލުންނާއި ގުޅުން ހުރި މައްސަލަ އެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އެ ރަށުގައި ދިމާވީ އޮފިޝަލަކު އިގުރާރާއި ޚިލާފުވި މައްސަލަ އެއް ކަމަށެވެ. ހަމަނުޖެހުން ހިނގަން މެދުވެރިވީ އެ އޮފިޝަލުން ބަދަލުކުރަން އުޅުމުން ކަމަށާއި މި ކަމާއި ގުޅޭ އިތުރު ތަފްސީލްތައް 01:00ގައި އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާނެ ކަމަށެވެ.

ވޯޓުލުން ފެށިގެން ގޮސްފައިވަނީ ޖުމްލަގޮތެއްގައި ރަނގަޅަށް - ޓްރާންސްޕޭރެންސީ
ވޯޓުލާ މަރުކަޒުގެ ތެރެއިން ހުރިހާ މަރުކަޒުތަކުގައި 9:00 ގައި ވޯޓްލާން ފަށާފައިވާ އިރު 85.8 އިންސައްތަ ވޯޓުލާ މަރުކަޒުގައި ވޯޓުލާން ފަށަން ކަނޑައަޅާފައިވާ ގަޑީގެ 10 މިނެޓް ތެރޭ ވަނީ ވޯޓުލާން ފަށާފައެވެ.
ހުރިހާ ވޯޓުލާ މަރުކަޒެއްގައިގެން މަރުކަޒުގައި ތިބެންޖެހޭ އޮފިޝަލުން ހާޒިރުވެ ތިބިކަން ފާހަގަކުރެވެއެވެ.
ވޯޓުލުމަށް ބޭނުންވާތަކެތި ހުރިހާ މަރުކަޒުތަކުގައި ހަމައަށް ހުރި އިރު، ވޯޓުލާން ފެށުމުގެ ކުރިން ހުރިހާ ވޯޓުކަރުދާސް ގުނާ ހަމަކުރެވުނެވެ. އަދި ހުރިހާ ވޯޓުފޮށިތައް ހުސްކަން ޔަގީންކުރިއެވެ.
ކެންޑިޑޭޓުންގެ މަންދޫބުން ހުރިހާ ވޯޓު މަރުކަޒުތަކެއްގައި ވެސް ހާޒިރުވެ ތިއްބެވެ. އެގޮތުން 89.5 އިންސައްތަ ވޯޓު މަރުކަޒުތަކުގައި މަދުވެގެން ތިން ކެންޑިޑޭޓުންގެ މަންދޫބުން ހާޒިރުވެތިބިއިރު، ހުރިހާ ވޯޓު މަރުކަޒެއްގައި ވެސް އެންމެ މަދުވެގެން ކޮންމެވެސް އެއް ކެނޑިޑޭޓެއްގެ މަންދޫބުން ހާޒިރުވެތިއްބެވެ. އަދި 7.2 އިންސައްތަ ވޯޓު މަރުކަޒުތަކުގައި މަދުވެގެން ފަސް ކެންޑިޑޭޓުންގެ މަންދޫބުން ހާޒިރުވެތިއްބެވެ.
72 އިންސައްތަ ވޯޓު މަރުކަޒުތަކުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަންދޫބުން ތިބި އިރު، 71 އިންސައްތަ ވޯޓު މަރުކަޒުތަކުގައި އެމްޑީޕީ/އޭޕީ/އެމްޑީއޭ ކޯލިޝަންގެ މަންދޫބުން އަދި 34 އިންސައްތަ ވޯޓު މަރުކަޒުތަކުގައި ޑިމޮކްރެޓްސް މަންދޫބުން ތިއްބެވެ.
96 އިންސައްތަ ވޯޓު މަރުކަޒުތަކުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައީ ވޯޓުލާ ސަރަހައްދުތަކުގެ ބޭރުގައިކަން ފާހަގަކުރެވެއެވެ.
ވޯޓުލާފޮށިތަކުގެ 97 އިންސައްތަ ފޮށި ތައްޔާރުކޮށްފައިވަނީ ލާ ވޯޓުގެ ސިއްރުކަން ކަށަވަރުވާގޮތަށްކަމުގައި އޮބްޒާވަރުން ރިޕޯޓްކޮށްފައިވެއެވެ. އެހެންނަމަވެސް 3 އިންސައްތަ ވޯޓު މަރުކަޒުތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރުނުވާކަމަށް ވެސް ރިޕޯޓްކުރެވިފައިވެއެވެ. މި ފޮށިތައް ގާތުން ދަނީ ބަލަމުންނެވެ.

85.8 އިންސައްތަ ވޯޓު ފޮށި ހުޅުވަން ޖެހޭ ވަގުތުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ހުޅުވާފައިވޭ - ޓްރާންސްޕޭރެންސީ މޯލްޑިވްސް
ހުޅުވުމުގެ ޕްރޮސެސްތައް ރަނގަޅަށް ކުރިއަށް ދިޔައިރު، ހެނދުނު 9:00 އަށް ހުރިހާ ވޯޓު ފޮށިތައް ހުޅުވާފައިވާއިރު، 85.8 އިންސައްތަ ވޯޓު ފޮށި ހުޅުވަން ޖެހޭ ވަގުތުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ހުޅުވާފައިވެއެވެ.

އއ. ރަސްދޫގައި ވޯޓުލުން މެދުކަނޑާލައިފި
އއ. ރަސްދޫގައި ވޯޓުލުން މެދުކަނޑާލައިފިއެވެ.
އެ ރަށުގައި ވޯޓުލުން މެދުކަނޑާލާފައި ވަނީ ވޯޓުލަމުންދިޔަ މަރުކަޒުގައި އުސޫލާއި ހިލާފުވިމަކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އަކާއި ގުޅިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ފުލުހުން މިހާރު އަންނަނީ އެ މަރުކަޒު ކައިރީގައި ހަރަކާތްތެރިވަމުންނެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވާ މޮނީޓަރަކު ރާއްޖެ ޓީވީ އަށްމައުލޫމާތުދެމުން ބުނީ ވޯޓުލުން ހުއްޓުނީ 10:00ގެ ފަހުން ކަމަށެވެ. އަދި މިހާތަނަށް ލިބޭ މައުލޫމާތަށް ބަލާއިރު ހުށަހެޅި ޝަކުވާއަކީ އޮފިޝަލުންނާއި ގުޅުން ހުރި ޝަކުވާ އެއް ކަމަށް އެނގިފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެެވެ. މި މައްސަލަ ދިމާވެފައި ވަނީ (U02.02.2) ނަމްބަރު ވޯޓު ފޮށީގައެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވޯޓުލައްވައިފި
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވޯޓުލައްވައިފިއެވެ.

ރިޔާސީ އިންތިޚާބު 2023އާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް 1 ޖަހާއިރު
ރިޔާސީ އިންތިޚާބު 2023އާ ގުޅިގެން ދަރުބާރުގެ ޕްރެސް ރޫމްގައި 1:00ގައި ޕްރެސްކޮންފަރެންސެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައި.
ރައީސް އެދިވަޑައިގަތީ ހުރިހާ ރައްޔިތުންވެސް ވޯޓު ލުމުގެ ހައްގު ބޭނުންކުރުމަށް
މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަށް ދަނީ ވަރަށް އޮމާންކަމާއި އެކު ކަމަށާއި، މިއީ ކުރިން ފެންނަ މަންޒަރެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް އެދިވަޑައިގަތީ ހުރިހާ ރައްޔިތުންވެސް ވޯޓު ލުމުގެ ހައްގު ބޭނުންކުރުމަށެވެ.

އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ފާރިސް ވޯޓު ލައްވައިފި
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ފާރިސް މައުމޫން ވޯޓު ލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވޯޓުލައްވައިފި
ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު 3، އިބްރާހިމް މުޙައްމަދު ޞާލިހު ވޯޓު ދެއްވައިފިއެވެ. އެމަނިކުފާނު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ހިންނަވރުގެ ރައްޔިތުން ވޯޓުލުމަށް ބަހައްޓާފައިވާ އެއް ނަންބަރު ވޯޓު ފޮއްޓަށެވެ.

ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ވޯޓުލައްވައިފި
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، އިލްޔާސް ލަބީބު ވޯޓުލައްވައިފިއެވެ.

އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމް ވޯޓުލައްވައިފި
އެމްއެންޕީގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް، މުޙައްމަދު ނާޒިމް ވޯޓުލައްވައިފިއެވެ.

މިހާތަނަށް 36163 މީހުން ވޯޓު ލައިފި
މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި 36،169 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަ ކޮށްފިއެވެ.
އެ އިދާރާއިން ބުނެފައިވާ ގޮތުގައި މިއަދުގެ ހެނދުނު 10:00 އާ ހަމައަށް ވޯޓުލި މީހުންގެ ތެރޭގައި 22،403 ފިރިހެނުންނާއި 13،760 އަންހެނުން ހިމެނެއެވެ.
މިއަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވަނީ 282،395 މީހުންނަށެވެ. މީގެ ތެރެއިން 246،232 އަދި ވޯޓު ނުލައެވެ،

ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ ވޯޓުލައްވައިފި
ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުޙައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވޯޓުލައްވައިފިއެވެ.



ޕީއެންސީގެ ކެންޑިޑޭޓް، މުއިއްޒު ވޯޓުލައްވައިފި
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވޯޓު ލައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދަނީ
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވޯޓުލުން ވަނީ ފެށިފައެވެ.







ޑިފެންސް މިނިސްޓަރު މާރިޔާ ވޯޓު ލައްވައިފި
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވޯޓު ލައްވައިފިއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ ވޯޓު ލައްވައިފި
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވޯޓު ލައްވައިފިއެވެ.

އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ޒަމީލް ވޯޓުލައްވައިފި
ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު 2 ހަސަން ޒަމީލް ވޯޓުލައްވައިފިއެވެ.
ވޯޓުލުން ނުފަށަނީ ލަންޑަނާއި އަބޫދާބީގައި އެކަނި: އީސީ
ރިޔާސީ އިންތިޚާބުގެ ވޯޓުލުން އިނގިރޭސިވިލާތުގެ ލަންޑަނާއި ޔޫއޭއީގެ އަބޫދާބީ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވޯޓު ލައްވައިފި
ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ވޯޓު ލައްވައިފިއެވެ.
ޑރ. މުއިއްޒުގެ ރަނިންގމޭޓް ހުސައިން ވޯޓުލައްވައިފި
ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ރަނިންގމޭޓް ހުސައިން މުޙައްމަދު ލަތީފު ވޯޓުލައްވައިފިއެވެ. އޭނާ ވޯޓު ލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ގދ. އަތޮޅުގެ 5 ވަނަ ވޯޓު ފޮއްޓަށެވެ.