Raajje.mv

ރިޔާސީ ރޭސް 2023

ރިޔާސީ އިންތިހާބު 2023 ގައި 8 ކެންޑިޑޭޓަކު ވާދަކުރެއެވެ. މިއީ ފެހި ގާނޫނު އަސާސީގެ ދަށުން އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލި ފަހަރެވެ. މި ފަހަރުގެ އިންތިހާބުގައި 282,395 މީހުންނަށް ވޯޓުލުމ

08 ސެޕްޓެމްބަރު 2023
175153
ރިޔާސީ ރޭސް 2023

ރިޔާސީ ރޭސް 2023

09 ސެޕްޓެމްބަރު 2023 | 03:17

ރިޔާސީ އިންތިޚާބުގެ ވޯޓުލާން ފަށައިފި

09 ސެޕްޓެމްބަރު 2023 | 02:36

ވޯޓުލާ މަރުކަޒުތަކުގައި ކިޔޫ ހަދަން ފަށައިފި

ރިޔާސީ އިންތިޚާބު 2023ގައި ވޯޓުލުމަށް ވޯޓުލާ މަރުކަޒުތަކުގައި މިހާރުން ފެށިގެން ކިޔޫ ހަދަން ފަށައިފިއެވެ. ވޯޓުލާ ފަރާތަތކަށް ހެނދުނު 7:30ން ފެށިގެން ކިޔޫގައި މަޑު ކުރެވޭނެ ކަމަސް އީސީން ބުނެއެވެ. ވޯޓުލުން ފަށާނީ 8:00ގައެވެ.

09 ސެޕްޓެމްބަރު 2023 | 02:23

ހެނދުނު 7:30ން ފެށިގެން ކިޔޫގައި މަޑުކުރެވޭނެ: އީސީ

ރިޔާސީ އިންތިޚާބުގައި ވޯޓުލާ ފަރާތްތަކަށް ހެނދުނު 7:30 ފެށިގެން ކިޔޫގައި މަޑުކުރެވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ. ވޯޓުލުން ފަށާނީ 8:00 ގައެވެ. ހަވޯރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާއިރު ވޯޓު ގުނަން ފަށާނީ 4:30ގައެވެ.

09 ސެޕްޓެމްބަރު 2023 | 01:55

ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00ން ފެށިގެން ހަވީރު 4:00ށް

ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00ން ފެށިގެން ހަވީރު 4:00 އަށެވެ.

ރިޔާސީ އިންތިހާބު 2023 ގައި 8 ކެންޑިޑޭޓަކު ވާދަކުރެއެވެ. މިއީ ފެހި ގާނޫނު އަސާސީގެ ދަށުން އެންމެ ގިނަ އަދަދަކަށް ކެންޑިޑޭޓުން ކުރިމަތިލި ފަހަރެވެ. އިންތިހާބުގައި 282,395 މީހުންނަށް ވޯޓުލެވެއެވެ. ބޭރުގައި 7 ވޯޓު ފޮށްޓެއް ބަހައްޓާއިރު ޖުމްލަ 574 ވޯޓު ފޮށި ބަހައްޓައެވެ.

09 ސެޕްޓެމްބަރު 2023 | 01:52

ކެމްޕެއިން ކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިނާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް އިލްތިމާސްކޮށްފި

ރިޔާސީ އިންތިޚާބާ ގުޅިގެން ކެމްޕެއިން ކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިނާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ބްރޯޑްކޮމްއިން ބުނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު ގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން، އިންތިޚާބުގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން، ވޯޓު ނަގާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެއްވެސް ކެނޑިޑޭޓަކަށް ތާއީދުކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެއް ކަމަށެވެ.

އެހެންކަމުން، 9 ސެޕްޓެމްބަރ 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާ ގުޅޭ އެއްވެސް ކެމްޕެއިން ހަރަކާތެއް ނުވަތަ އެފަދަ ކެނޑިޑޭޓަކަށް ތާއިދު ހޯދުމަށް ފޮނުވޭ އެއްވެސް ކޮންޓެންޓެއް، 8 ސެޕްޓެމްބަރ 2023 ވާ ހުކުރު ދުވަހުގެ ހަވީރު 6:00ން ފެށިގެން 10 ސެޕްޓެމްބަރު 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 6:00ގެ ނިޔަލަށް ބްރޯޑްކާސްޓް ނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.

ގާނޫނާ ޚިލާފަށް ބްރޯޑްކާސްޓްކުރުމަކީ، ގާނޫނެއްގެ ބާރު ކެނޑިގެންދާ ގޮތަށް ބްރޯޑްކާސްޓްކުރުން ކަމަށް ވާތީ، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ (2) އާ ޚިލާފު ކަމެއް ކަމަށެވެ. އަދި މި ކަމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

09 ސެޕްޓެމްބަރު 2023 | 01:51

ކަޅު ނުވަތަ ނޫ ކުލަ ނޫން ކުލައަކުން ލާ ވޯޓު ބާތިލުވާނެ

ކަޅު ކުލަ ނުވަތަ ނޫ ކުލަ ނޫން ކުލައެއްގެ ގަލަމުން ލާ ވޯޓު ގުނާނީ ބާތިލު ވޯޓެއްގެ ގޮތުގައިކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ނައިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ ވޯޓުލާން އަންނަ މީހާއަށް ގަލަމެއް ގެނެވޭނެކަމަށެވެ. ނަމަވެސް އެމީހާ ގެންނަ ގަލަމުން ވޯޓުލެވޭނީ އެއީ ނޫ ކުލަ ނުވަތަ ކަޅު ކުލައިގެ އާދައިގެ ގަލަމަކަށް ވާނަމަކަމަށް ހަބީބު ވިދާޅުވިއެވެ. އެކަން އޮފިޝަލުން ޗެކްކުރާނެކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

މީގެއިތުރުން ހަބީބު ވިދާޅުވީ ޞައްހަ ވޯޓެއްގެ ގޮތުގައި ގުނޭނީ އެމީހަކު ބޭނުންވާ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު އެއް ފާހަގަ ޖަހާފައި އޮންނަ ވޯޓުކަރުދާސްކަމަށެވެ.

މިކަންކަމަށް މިހާރު އޮފިޝަލުންނަށް އިރުޝާދު ދީފައިވާނެކަމަށް ހަބީބު ވިދާޅުވިއެވެ. މީގެއިތުރުން ވޯޓުލާ ބޫތުތަކަށްވެސް މިހާރު ވަނީ ބަދަލު ގެނެސްފައިކަމަށް ހަބީބު ވިދާޅުވިއެވެ.

އެގޮތުން ވޯޓުލާ ހުރިހާ މަރުކަޒެއްގެ ބޫތު ހުންނާނީ، ބޫތުގައި ފާހަގަ ޖަހަން ހުންނަ މީހާގެ ފުރަގަސް ފެންނަގޮތަށްކަމަށެވެ. އަދި މި ނިންމުމަކީ ލަފާދޭ ކޮމިޓީގެ ލަފަޔާއިއެކު ނިންމި ނިންމުމެއްކަމަށްވެސް ހަބީބް ވިދާޅުވިއެވެ. މި ގެނައި ބަދަލުގެ ސަބަބުން ވޯޓް ކަރުދާހުގަ ފާހަގަ ޖަހާ މީހާގެ ހަރަކާތްތައް މޮނީޓަރުންނާއި އޮބްޒާވަރުންނާއި ވޯޓުގެ ކަންކަން ބަލަހައްޓަން ތިބޭ އޮފިޝަލުންނަށް ރަނގަޅަށް ފެންނިގެންދާނެކަމަށް ވެސް ހަބީބް ފާހަގަކުރެއްވިއެވެ.

ހަބީބު ވިދާޅުވީ މިގެނައި ބަދަލާއެކު ވޯޓުލާ މީހާގެ ފޮޓޯ ނެގުމާއި ވީޑިއޯ ނެގުން މަނާވެގެންދާނެކަމަށެވެ. އެމީހާ ލާ ފާހަގަ އެނގޭ ގޮތަށް އެއްވެސް ކަމެއް ނުކުރުމަށް ހަބީބު ވަނީ އިލްތިމާސްކުރައްވާފައެވެ.

09 ސެޕްޓެމްބަރު 2023 | 01:50

ޖަގަހަތައް ބަންދުކޮށްގެން އިދާރީ މަސައްކަތްކުރެވިދާނެ، ކެމްޕެއިންގެ އެއްވެސް ހަރަކާތެއް ނުހިންގޭނެ: ހަބީބު

ހުކުރު ދުވަހުގެ އިރުއޮއްސި 6:00ން އާދީއްތަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޖަގަހައެއް ހުޅުވާފައި ބެހެއްޓުމަކީ ހުއްދަ ކަމެއް ނޫން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ނިންމާފައިވާ ނިންމުމަށް މިހާރު ބަދަލުގެނެސްފައިވާކަމަށް އެކޮމިޝަންގެ ނައިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވެއްޖެއެވެ.

ކުރިން އީސީން ވަނީ ސެޕްޓެމްބަރު 8 ވާ ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން، ސެޕްޓެމްބަރު 10 ވާ އާދީއްތަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު، ސިޔާސީ ޕާޓީއެއްގެ ނުވަތަ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޖަގަހަ އެއް ހުޅުވާފައި ބެހެއްޓުމަކީ، ހުއްދަ ކަމެއް ނޫންކަން، ރިޔާސީ ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އޭޖެންޓުންނަށް އަންގާފައެވެ. އަދި މަނާގަޑީގައި ކެމްޕޭން ޖަގަހަ ހުންނަންޖެހޭނީ ބަންދުކޮށްފައި ކަމަށްވެސް ކޮމިޝަނުން ނިންމިއެވެ.

ނަމަވެސް ހުކުުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ނައިބު ރައީސް ވިދާޅުވީ ލަފާދޭ ކޮމިޓީގައި މަޝްވަރާކުރިއިރު ގިނަ ސިޔާސީ ޕާޓީތަކަކުން ޖަގަހަތަކުގައި ތިބެގެން މަސައްކަތްކުރެވޭނެ ގޮތް ބޭނުންވާތީ އެކަމާއި ގުޅޭގޮތުން ކޮމިޝަންގެ މެމްބަރުންގެ މެދުގައި މަޝްވަރާކޮށްފައިވާކަމަށެވެ. އަދި ކޮމިޝަންގެ މެމްބަރުންގެ ނިންމުމަކީ ޖަގަހަތަކުގެ އެތެރޭގައި ޕާޓީތަކުގެ މެމްބަރުންނަށް އިދާރީ މަސައްކަތްކުރެވޭނެކަމަށާއި ނަމަވެސް ޖަގަހަތައް ހުންނަންވާނީ ބަންދުކޮށްފައިކަމަށެވެ.

ހަބީބު ވިދާޅުވީ ކެމްޕެއިން ކުރަން މަނާވަގުތުތަކުގައި ސޯޝަލް މީޑިޔާ މެދުވެރިކޮށްވެސް ކެމްޕެއިން ނުކުރެވޭނެކަމަށެވެ. އަދި މިކަންކަމަށް ހުރިހާ އެންމެންވެސް ސަމާލުކަން ދިނުމަށް ހަބީބު އެދިވަޑައިގެންނެވިއެވެ.

09 ސެޕްޓެމްބަރު 2023 | 01:49

ޝަކުވާ ހުށައަޅާވަރުކަމެއް ހިނގާއިރަށް ވަގުތުން ޝަކުވާ ހުށަހެޅުމަށް ހަބީބު އެދިވަޑައިގެންފި

ހޮނިހިރު ދުވަހު ކުރިޔަށްދާ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަކިގޮތަކަށް ނިކުންނަށް ފެށުމުން ޝަކުވާ ހުށަހެޅުމުގެ ބަދަލުގައި ކަމެއް ހިނގާއިރަށް ވަގުތުން ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލު ހަބީބު އެދިވަޑައިގެންފިއެވެ.

ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ ޝަކުވާ ހުށަހެޅޭނެ ނިޒާމު ވަނީ ގާއިމުކުރެވިފައިކަމަށެވެ. އެގޮތުން ކޮންމެ އަތޮޅަކާއި ސިޓީއެއްގައި ކޮމްޕްލެއިންޓްސް ބިޔުރޯ ގާއިމުކުރެވިފައިވާއިރު މާލޭގައި ގައުމީ ކޮމްޕްލެއިންޓްސް ބިޔުރޯ ގާއިމުކުރެވިފައިވާކަމަށެވެ. ވޯޓުލާ ދުވަހު ގާނޫނާއި ޚިލާފުކަމެއް ހިނގާނަމަ އެކަމެއް ހެއްކާއެކު ވީހާވެސް އަވަހަށް ހުށަހެޅުމަށް ހަބީބު އެދިވަޑައިގެންނެވިއެވެ. ހަބީބު ވިދާޅުވީ އިންތިޚާބީ މަރުކަޒެއްގައި ކަމެއް ހިނގާނަމަ އެކަމެއް ހުށަހަޅާނީ އެމަރުކަޒެއްގެ ވެރިއަކަށްކަމަށެވެ.

އެހާހިސާބުން ވޯޓުލާ މަރުކަޒުގެ ވެރިއަކު އެމައްސަލައެއް ހައްލުކުރަން މަސައްކަތްކުރާނެކަމަށެވެ. ފަހުން ޝަކުވާ ހުށަހެޅުމުން ކޯޓު މަރުހަލާގައިވެސް އެކަންކަން ފެންނަން ނޯންނާނެކަމަށް ހަބީބު ވިދާޅުވިއެވެ.

ރިޝްވަތު ހުށަހެޅުމާއި އައިޑީކާޑު ވިއްކާ މައްސަލަތަކެއް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާކަމަށާއި އެފަދަ މައްސަލަތައް ހުށަހެޅިފައިވޭތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހަބީބު ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅިފައިނުވާކެމަށެވެ. އަދި އިންތިޚާބުގެ ފުލުހުންގެ ފަރާތުން ހުންނަވާ ކޮމާންޑަރު އަހުމަދު ޝާކިރުވެސް ވިދާޅުވީ އެފަދަ މައްްސަލައެއް ހުށަހަޅާފައިނުވާކަމަށެވެ.

ނަމަވެސް އިންތިޚާބާއި ގުޅޭ ޝަކުވާ އޮންނަ ނިޒާމުގެ ތެރެއިން ހުށަހެޅުމަށް ދެބޭފުޅުންވެސް އެދިވަޑައިގެންނެވިއެވެ.

09 ސެޕްޓެމްބަރު 2023 | 01:48

އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން އޮތީ ތައްޔާރުވެފައި: ހަބީބު

ހޮނިހިރު ދުވަހު ކުރިޔަށްދާ މިއަހަރުގެ ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށާއި ކޮމިޝަންގެ ފަރާތުންވާން ޖެހޭ ތައްޔާރީތައް ވަނީ ނިމިފައިކަމަށް އެކޮމިޝަންގެ ނައިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު އިންތިޚާބުގެ ކަންކަން ކުރިޔަށްގެންދިޔުމަށް ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނާއި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް އީސީއަށް ބޭނުންވާކަމަށެވެ. އަދި އަމާންކަމާއެކު އިންތިޚާބުގެ ހުރިހާ ކަމެއް ކުރިޔަށްދާނެ ގޮތެއްގެ މަތިން ހުރިހާ ފަރާތްތަކުންވެސް އަމަލުތައް ބެހެއްޓުމަށް ހަބީބު އެދިވަޑައިގެންނެވިއެވެ.

ހަބީބު ވިދާޅުވީ ވޯޓުލާންވީ މަރުކަޒު ކުރިން ބެލުމަކީ ވަރަށް މުހިންމުކަމެއްކަމަށާއި 1414ށް އެސްއެމްއެސްކޮށްގެން އެމައުލޫމާތު ޗެކުކުރުމަށްފަހު ވޯޓުލާން ދިޔުމަށް އެދޭކަމަށެވެ. އަދި ކާކުކަން އަންގައިދޭ ރަސްމީ މުއްދަތު ހަމަނުވާ އައިޑީކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ޕާސްޕޯޓް ކާޑު ނުވަތަ ޑްރައިވިންގ ލައިސަންސް ގެންދިޔުމުން ވޯޓުލެވޭނެކަމަށް ހަބީބު ވިދާޅުވިއެވެ.

ހުރިހާ ވޯޓު ފޮއްޓެއްގައިވެސް ހެނދުނު 8 ޖަހާއިރު ވޯޓުލާން ފެށޭނެކަމަށާއި 7:30ގައި ކިޔުހެދުމަށް ހުޅުވާލާނެކަމަށް ހަބީބު ވިދާޅުވިއެވެ. ރާއްޖެ ގަޑިން ހެނދުނު 8 ޖަހާއިރު ވޯޓުލާން ނުފެށޭނީ ލަންޑަންގައި ކަމަށާއި ލަންޑަންގައި ވޯޓުލާން ފެށޭނީ ރާއްޖެ ގަޑިން 12 ޖަހާއިރުކަމަށް ހަބީބު ވިދާޅުވިއެވެ.

އަދި ވޯޓު ލާ ނިމޭތާ 30 މިނެޓްފަހުން ވޯޓު ގުނަން ފަށާއިރު 4 ޖެހުމުގެ ކުރިން އެފޮއްޓަކަށް ވޯޓުލުމަށް ރަޖިސްޓްރީގައި އޮތް ހުރިހާ އެންމެން ވޯޓުލީ ކަމުގައިވިޔަސް އެ ފޮއްޓެއްގެ ވޯޓު ގުނަން ފަށާނީ 430 ގައި ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ވަގުތީ ނަތީޖާ ހަވީރު 5:30 އެހާއިރު އިއުލާންކުރަން ފެށޭނެކަމަށް ބެލެވޭކަމަށް ހަބީބު ވިދާޅުވިއެވެ.

މީގެއިތުރުން އިންތިޚާބަށް ނުފޫޒުފޯރުވާ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ހަބީބު އެދިވަޑައިގެންނެވިއެވެ.

09 ސެޕްޓެމްބަރު 2023 | 01:47

ކެންޕެއިންކުރުން މަނާ ވަގުތު

ހުކުރު ދުވަހުގެ އިރުއޮއްސި 6:00ން ފެށިގެން އާދިއްތަ ދުވަހުގެ ހެނދުނު 6:00 އާއި ހަމައަށް ކެމްޕޭންގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ.

އިލެކްޝަންސް ކޮމިޝަން - ރާއްޖެއެމްވީ
އިލެކްޝަންސް ކޮމިޝަން - ރާއްޖެއެމްވީ
09 ސެޕްޓެމްބަރު 2023 | 01:38

ވޯޓުލާން ދާންޖެހޭ ތަން ޗެކްކުރާނީ ކިހިނެއް؟

ވޯޓުލާން ދާންޖެހޭތަން ޗެކްކޮށްލެއްވުމަށް

VR (space) NID send SMS to 1414

2 / 2