ސްޓޭޓް ބޭންކް އޮފް އިންޑިއާ އިމާރާތުގައި އަލިފާން ރޯވުން
ސްޓޭޓް ބޭންކް އޮފް އިންޑިއާ އިމާރާތުގައި އަލިފާން ރޯވުން

ބޮޑުތަކުރުފާނު މަގުގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެފައި
އެސްބީއައި އިމާރާތުގެ 8 ވަނަ ފަންގި ފިލާގައި އަނެއްކާ ވެސް އަލިފާން ރޯވެއްޖެ
އެސްބީއައި އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެ އިމާރާތުގެ 8 ވަނަ ފަންގި ފިލާއިން އަލިފާނުގެ އަސަރު ފެނިއްޖެއެވެ. އެމްއެންޑީއެފުން ދަނީ އަލިފާން އެއްކޮށް ނިއްވާލުމުގެ މަސައްކަތް ކުރަމުންނެވެ.
އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާވެފައި ނުވާތީ އޭޑީކޭ އާންމު ހާލަތަށް ގެނެސްފި
އަލިފާނުގެ ހާދިސާއާ ގުޅިގެން ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަނީ
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ބައެއް އިމާރާތްތަކަށް އާންމުން ވަންނަން ހުއްދަ ދީފި
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި އިމާރާތްތަކުން މީހުން ހުސްކުރުމަށްފަހު، ބައެއް އިމާރާތްތަކަށް އާންމުން ވަންނަން ހުއްދަދޭން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ އަލިފާންގަނޑު ކޮންޓްރޯލްވުމާއެކު ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން އޭޑީކޭ ވެސް ތައްޔާރީ ހާލަތަކަށް ގެނެސްފި
މަސައްކަތް ކުރައްވަނީ ލޮކްޑައުންއަށް ނުގޮސްވޭތޯ، ރައްޔިތުންގެ ހައްގުގައި ކުރައްވަން ޖެހޭ ކޮންމެ ކަމެއް ކުރައްވާނަން: ރައީސް
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަނެއްކާ ވެސް ލޮކްޑައުންއަކަށް ގޮސްފިނަމަ އެކަމުގެ ގެއްލުންތަކެއް ލިބިގެން ހިނގައިދާނެ ކަމަށާއި، މަސައްކަތް ކުރައްވަނީ ލޮކްޑައުންއަކަށް ނުގޮސް ކަންކަން ކުރެއްވޭތޯ ކަމަށެވެ. ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންގެ ހައްގުގައި ކުރައްވަން ޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.

އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވާ ހުރިހާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅަމުންގެންދާނެ: ރައީސް
އެޗްޕީއޭގެ ގަވާއިދާ އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރަމުން ގެންދިޔުމަށާއި އެގައިޑްލައިންތަކާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅަމުން ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ އިލްތިމާސް: އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުއްވާ މީހުން ފިޔަވައި އެހެން ފަރާތްތައް ގެއަށް ވަޑައިގަންނަވާ
އަލިފާން ރޯވި ސަރަހައްދުގައި އެކި މަސައްކަތުގައި އުޅުއްވާ މީހުން ފިޔަވައި އެހެން އެންމެން ގެއަށް ވަޑައިގަންނެވުމަށް ރައީސް އިލްތިމާސްކުރައްވައިފިއެވެ. ރައީސް ވިދާޅުވީ އަލިފާޏުގެ ހާސިދާގެ އިތުރުން ބަލިމަޑުކަމެއް އެބައޮތް ކަމަށާއި، ފެތުރެން ދިމާވަނީ އެންމެން އެއްތަނަކަށް އެއްވެ ގައިގޯޅިވާތީ ކަމަށެވެ. އެހެންކަމުން މިކަންކަމަށް ސަމާލުވެ އެޗްޕީއޭގެ އެންގުމާ އެއްގޮތަށް އަމަލުކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ސޯލިހު އަލިފާން ރޯވި ސަރަހައްދުގައި - ހާދިސާގެ މައުލޫމާތު ގެންދަވަނީ އޮޅުންވިލުއްވަމުން
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް ވަޑައިގެން ކަންކަން ދަނީ ބައްލަވަމުން. ރައިސްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ހުންނެވީ އެ ސަރަހައްދުގައި.

އަލިފާން ރޯވުމުގެ ސަބަބުން އެސަރަހައްދުގައި ހުރިި ގެތަކުގައި ދިރިއުޅެމުންދާ ފަރާތްތައް އިވަކުއޭޓްކޮށްފި
ބޮޑުތަކުރުފާނު މަގުގައި ހުންނަ އެސް.ބީ.އައި އާއި އިންވެގެން ހުރި ކެފޭގައި އަލިފާން ރޯވުމުގެ ސަބަބުން އެސަރަހައްދުގައި ހުރިި ގެތަކުގައި ދިރިއުޅެމުންދާ ފަރާތްތައް ވަނީ އިވަކުއޭޓް ކުރެވިފައި. އިތުރު މައުލޫމާތު ކުރިއަށް އޮތް ގަޑިތަކުގައި ފޯރުކޮށް ދެވޭނެ.
އަލިފާން ކޮންޓްރޯލްކޮށް ބަލަންޖެހޭ ކަންކަން ބަލަން ފަށައިފި
އަލިފާން އެއްވެސް ސަރަހައްދަކަށް ފެތުރިފައިވޭތޯ، އަދި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އަލިފާނުގެ އަސަރު ކުރީ ކިތައް އިމާރާތަށް ކަމެއް އަދި ސާފެއް ނޫން.
ރައީސް ޞާލިހު އެސަރަހައްދަށް ވަޑައިގެންފި
އަލިފާންގަނޑު ރޯވި ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަޑައިގެންފި އެވެ.
އަލިފާން ރޯވި ހާދިސާ ތަހުގީގުކުރަން ފަށައިފިން: ސީޕީ
މިރޭ ހިނގި އަލިފާނުގެ ހާދިސާ ތަހުގީގުކުރަން ފަށާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. އަލިފާން ގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
ކުޅި ބަލަން އެސަރަހައްދަށް ދިޔަ މީހުން ވަނީ ދުރުކުރެވިފައި: ސީޕީ
އަލިފާންގަނޑު ރޯވި ސަރަހައްދަށް ކުޅި ބަލަން ދިޔަ މީހުން އެސަރަހައްދުން ދުރުކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީގެ ލައިވްކަވަރރޭޖަށް ދެއްވި ޚާއްސަ އިންޓަވިއުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ އިތުރު ނުރައްކަލެއް މިހާރު ނެތްކަމަށާއި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ނައިބު ރައީސް ފައިސަލް ނަސީމް ޒިޔާރާތް ކުރައްވައިފި
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގެންފިއެވެ. އަދި އެ ސަރަހައްދުގެ ހާލަތު ނައިބު ރައީސް ވަނީ ބައްލަވާލައްވާފައެވެ.
އަލިފާން ރޯވި ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިޔާރާތް ކުރައްވައިފި
ބޮޑުތަކުރުފާނު މަގުގައި އެސްބީއައި ކައިރީގައި ހުރި ކެފޭއަކާއި އެސްބީއައި އިމާރާތުގައި އަލިފާން ރޯވުމާއި ގުޅިގެން، އެ ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިޔާރާތް ކުރައްވައިފިއެވެ. ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ އެ ސަރަހައްދަށް ރައީސް ވަޑައިގެން ހާދިސާގެ ކަންކަން ބައްލަވާފައިވާ ކަމަށެވެ.
ހުރިހާ ރައްޔިތުން މިފަދަ ދަނޑިވަޅެއްގައި ފަރުދީ ޒިންމާ އަދާކުރުމަށް ހޯމް މިނިސްޓަރ އެދިވަޑައިގެންފި
އަލިފާން ރޯވި ސަރަހައްދަށް އެއްވެ ނޫޅުމަށާއި މިފަދަ ދަނޑިވަޅެއްގައި ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެދިވަޑައިގެންފި އެވެ. އިމްރާން ވިދާޅުވީ އެސަރަހައްދަށް އެއްވާ މީހުން ދުރަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލްކުރެވި މިރޭ ކައިރި ގެތަކުގެ މީހުންނަށް އަނބުރާ ގެތަކަށް ދެވޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
ދުމުގެ އަސަރުކޮށްފައިވާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ އެހީ ހޯއްދަވާ
ކަލާފާނު ސްކޫލުގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފި
އެސްބީއައި ކައިރީގައި ހުރި ކެފޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ކަލާފާނު ސްކޫލް އެކްޓިވޭޓް ކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.
އައިޖީއެމްއެޗްގެ އިމަރޖެންސީ ތައްޔާރީ ހާލަތަށް ގެނެސްފިކަމަށް އެހޮސްޕިޓަލުން ބުނެފި
ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެކްޓިވޭޓްކޮށްފި
އަލިފާނުގެ ހާދިސާއާއި ގުޅިގެން ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު އެކްޓިވްވޭޓް ކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭންޖްމަންޓް އޮތޯރިޓީން ބުނެފިއެވެ. އަދި އަލިފާނުގެ ހާދިސާގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުން.
ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހިއްޖެ ހާލަތެއްގައި ކަލާފާނު ސްކޫލު ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން: މާރިޔާ
އަލިފާން ރޯވި ސަރަހައްދުގައި އުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ރެޑްކްރެސެންޓުން ހަރަކާތްތެރިވާން ފަށައިފި
އަލިފާން ރޯވެފައިވާ ސަރަހައްދަށް ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
އަލިފާން ފެތުރުން ކޮންޓްރޯލް ކޮށްފި، މީހަކަށް އަނިޔާ ނުވޭ
އެމްއެންޑީއެފުން ބުނީ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ ކަމަށާއި ހަދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ. ފަޔަރ ޓީމުން ދަނީ އަދިވެސް ހަރަކާތްތެރިވަމުން.

އަލިފާނުގެ ހާދިސާއާއި ގުޅިގެން ސަމާލުވާންވީ ބައެއް ކަންކަން
ޕޮޒިޓިވް ފަރާތްތަކާއި ކޮންޓެކްޓްސް އެޗްޕީއޭއަށް ގުޅުމަށް އެދިއްޖެ
އަލިފާނުގެ ހާދިސާ ހިގައިގެން އުޅޭ ސަރަހައްދުގައި ދިރިއުޅޭ#ކޮވިޑް19ޕޮޒިޓިވް ފަރާތްތަކާއި ކޮންޓެކްޓްސް 1676 އަށް ގުޅުމަށް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި
އަލިފާނުގެ ހާދިސާ ހިނގައިދިޔަ ސަރަހައްދަށް ނުދިއުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފި
އަލިފާނުގެ ހާދިސާ ހިނގާ ސަރަޙައްދަށް އާއްމުފަރާތްތަކުން ނުދިއުމަށް އިލްތިމާސް ކުރަން މިވަގުތު ބޮޑުތަކުރުފާނު މަގު އެސް ބީ އައި ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކުރަން.
އަލިފާންގަނޑު ކޮންޓްރޯލް ވާން ފަށައިފި
އާޓީފިޝަލް ބީޗު ކައިރީގައި ހުރި މި އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންމެވެސް ވަަރަކަށް ކޮންޓްރޯލްވެއްޖެ. އެމްއެންޑީއެފުން އަލިފާން ނިއްވަން ކުރަމުންދާ މަސައްކަތުގައި އެއަރޕޯޓް ފަޔަރުން ދަނީ އެހީތެރިވަމުން.
އެމްއެންޑީއެފުން ވެސް އިލްތިމާސްކުރަމުންދަނީ އެސަރަހައްދަށް އެއްނުވުމަށް
އަލިފާން ރޯވެފައިވާ ސަރަހައްދަށް ނުދިއުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް، (އެމްއެންޑީއެފް) އިން އާއްމުންނަށް އިލްތިމާސްކޮށްފިއެވެ. އަދި އެ ސަރަހައްދުގައި އެއްވެފައި ތިބި މީހުން ދުރަށް ދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ ގިނަ އަދަދެއްގެ ފަޔަރ ވެހިކަލްތައް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެއްވެސް މީހަކަށް ގެއްލުން ވެފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވޭ
އަލިފާނުގެ ހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުންވެފައިވާކަމުގެ މައުލޫމާތު ކަމާބެހޭ އެއްވެސް އިދާރާއަކުން ދީފައެއް ނުވެއެވެ.
އަލިފާން ނިއްވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ހަރަކާތްތެރިވަމުން
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަޔަރ އެންޑް ރެސްކިއު އިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުން މި ސަރަހައްދުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ 'ކެފޭ ޓިއޯލޯ' ގައެވެ. އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ އިމާރާތަށް އަލިފާންގަނޑު ފެތުރުނު ކަމަށެވެ. އެ އިމާރާތުގެ ޓެރަހުގައި ވަރަށް ބޮޑަށް ވަނީ ރޯވެފައެވެ.
ދުމުގެ އަސަރުކުރާ ހިސާބަށް އާއްމުން ނުދިއުމަށް އިލްތިމާސްކޮށްފި
މިވަގުތު ބޮޑުތަކުރުފާނު މަގު އެސް ބީ އައި ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން އިލްތިމާސްކޮށްފިއެވެ.
އެގޮތުން، ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިއްމު ކަމަށާއި ހާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާވެދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަލިފާން ރޯވި ސަރަހައްދުގައި އުޅެމުންދާ ކޮވިޑް ޖެހިފައިވާ މީހުންނާއި ކޮންޓެކްޓުން އެޗްޕީއޭއަށް ރިޕޯޓު ކުރުމަށް އެދެފި
އަލިފާން ރޯވި ސަރަހައްދުގައި އުޅެމުންދާ ކޮވިޑް-19 ޖެހިފައިވާ މީހުންނާއި ކޮންޓެކްޓުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއަށް) ރިޕޯޓު ކުރުމަށް އެދެފިއެވެ.
ބޮޑުތަކުރުފާނުމަގުގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެ

އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި އަލިފާން ރޯވެފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ އިމާރާތުގައެވެ.
އާޓީފިޝަލް ބީޗު ކައިރީގައި ހުރި މި އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔަރ ޓީމުން މިހާރު ދަނީ ހަރަކާތްތެރިވަމުންދާ ކަމަށާއި ކައިރީގައި ހުރި އިމާރާތުން މީހުން ހުސްކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.