ދުނިޔޭގެ ޤައުމުތަކުގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއާއި ގުޅޭގޮތުން މަޖިލީހަށް މަޢުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އެދިވަޑައިގެންފިއެވެ.
މިކަމަށް އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މިނިސްޓަރ ފޮނުއްވި ސިޓީގައި ވަނީ ނޮވެލް ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމަށެވެ.
އެގޮތުން މިހާތަނަށް އެޅިފައިހުރި ފިޔަވަޅުތަކާއި، އިތުރަށް ކުރުމަށް ރާވާފައި ހުރި މަސައްކަތްތަކާއި ބެހޭގޮތުންނާއި އަދި މި ވައިރަސްއާއި ބެހޭ އެހެނިހެން މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންނަށް ޙިއްސާކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް ސިޓީގައިވެއެވެ. އެހެން ކަމުން މިނިސްޓަރގެ ސިޓީގައި އެދިވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކަމާއިބެހޭ މެންބަރުންނާއި ބައްދަލުކޮށް މަޢުލޫމާތު ހިއްސާކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވުމަށެވެ.
ޗައިނާގައި ބާރު ސްޕީޑްގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އެގައުމަށް ޔުނިސެފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ޔުނިސެފުން ބުނީ ހަ ޓަނުގެ ސާމާނު ޗައިނާއަށް ފޮނުވާފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ މާސްކް އާއި ޕްރޮޓެކްޓިވް ސުއިޓް ކަމަށް ޔުނިސެފުން ބުނެއެވެ. ޑެންމާކްގެ މަގުން ފޮނުވާ މިސާމާނު ޝަންހާއީ އަށް މިހާރު އައިސްފައިވާއިރު ދެން މިތަކެތި ދާނީ ވުހާން އަށެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަަމަށް ޔުނިސެފުން ވަނީ ބުނެފަ އެވެ.
ކޮރޯނާވައިރަސްގެ އަސަރު ކޮށްފައިވާ ފުރަތަމަ މީހާ ފިންލެންޑުން ފެނިއްޖެކަމަށް އެގައުމުން ބުނެފި އެވެ.
ފިންލެންޑުން ބުނީ މިމީހާއަކީ ވުހާން އިން އައި ފަތުރުވެރި އެއް ކަމަށެވެ. އަދި މިމީހާ މިހާރު ހުރީ ފިންލެންޑްގެ ހޮސްޕިޓަލެއްގައި އައިސޮލޭޓް ކޮށްފައިކަމަށް ފިންލެންޑުން ބުނެއެވެ. މީގެއިތުރުން މިމީހާގެ ފުށުން 15 މީހަކަށް މިވައިރަސްގެ އަސަރުކޮށްފައިވެދާނެ ކަމަށް ފިންލެންޑުން ބުނެއެވެ.
ޔޫރަޕިއަން ކޮމިޝަން އިން އެތާންގެ ސްޓާފުންނަށް ޗައިނާއަށް ދަތުރުނުކުރުމަށް އަންގައިފި އެވެ.
ކޮމިޝަންގެ އޮފިޝަލުންނާއި އީޔޫ ޑިޕްލޮމެޓްސް އިން ޗައިނާއަށް ކުރަން ހުރި ދަތުރުތައް މަޑުޖައްސާލުމަށް ނޫނީ ފަސްކުރުމަށް ވަނީ އަންގާފަ އެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ވަނީ އަންގާފަ އެވެ. މީގެއިތުރުން ޗައިނާގައި ތިބި އީޔޫގެ ސްޓާފުން އެނބުރި އީޔޫއަށް ނައުމަށް އީޔޫ އިން ވަނީ އަންގާފަ އެވެ.
ޖަރުމަނުވިލާތުގެ ލުފްތަންސާ އެއަރލައިނުން ޗައިނާއަށް ކުރަން ހުރިހާ ދަތުރުތަކެއް ކެންސަލްކޮށްފި އެވެ.
ޗައިނާ އިން އަންނަ ފްލައިޓްތަކާއި ޗައިނާއަށް ދާ އެއަރލައިންގެ ފްލައިޓްތައް ކެންސަލްކޮށްފައިވަނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހާ ހަމައަށެވެ. ލުފްތަންސާގެ ސްޕޯކްސްވުމެން މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ބުނެފައިވަނީ އެ އެއަރލައިންގެ ސަބްސިޑަރީ އެއަރ ލައިންތައް ކަމަށްވާ ލުފްތަންސާގެ ސްވިސް އަދި އޮސްޓްރިއަން އެެއަރ ލައިނުންވެސް މިގޮތަށް އަމަލުކުރަމުންދާނެ ކަމަށެވެ. މީގެއިތުރުން ލުފްތަންސާ އިން ޗައިނާއަށް ދަތުރުކުރުމަށް ބުކިން ހެއްދުން ފެބްރުއަރީ މަސް ނިމެންދެން މަޑުޖައްސާލާފައިވާ ކަމަށްވެސް އެއަރލައިނުން ބުނެއެވެ.
އެމެރިކަން އެއަރލައިން އިން ޗައިނާއަށް ކުރަން ހުރި ބައެއް ދަތުރުތައް މެދުކަނޑާލައިފި އެވެ.
އެއަރލައިނުން ބުނީ ލޮސް އެންޖަލަސް އިން ޝަންހާއީ އަށް ދާންހުރި ފްލައިޓްތަކާއި ލޮސް އެންޖަލަސް އިން ބެއިޖިންގ އަށް ދާންހުރި ފްލައިޓް ތަކެވެ. ދަތުރުތައް މެދު ކަނޑާލާފައިވަނީ ފެބްރުއަރީ މަހުގެ 9 ން މާރޗް މަހުގެ 27 ވަނަ ދުވަހާ ހަމައަށެވެ. އެ އެއަރލައިން ބުނެފައިވަނީ ފްލައިޓްތައް މެދުކަނޑާލާފައިވަނީ ޑިމާންޑް ދަށްވުމުގެ ސަބަބުން ކަަމަށެވެ.
މިހާތަަނަށް އާއިރު ބްރިޓިޝް އެއަރވޭސް، ޔުނައިޓެޑް އެއަރލައިންސް، އެއަރ އޭޝިޔާ ، އެއަރ އިންޑިޔާ އަދިވެސް އިތުރު އެއަރލައިން ތަކުން ވަނީ ޗައިނާއަށް ކުރަން ހުރި ދަތުރުތައް މެދުކަނޑާލާފަ އެވެ.
ޗައިނާގައި ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ވުހާން އާއި ހޫބޭ ޕްރޮވިންސް އިން ބޭސް ހުސްވުމުގެ ބިރު ހީވެފައިވާކަމަށް ހޫބޭ ޕްރޮވިންސްގެ ގަވަރުނަރ ވިދާޅުވެއްޖެ އެވެ.
ހޫބޭ ޕްރޮވިންސް އިން މިހާތަނަށް 3553 މީހުންނަށް މިވައިރަސްގެ އަސަރުކޮށްފައިވާއިރު 125 މީހުން ވަނީ މިވައިރަސްގެ އަސަރުކޮށްގެން މަރުވެފަ އެވެ.
ޗައިނާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަމުން އަރައިގަތުމަށާއި، އެބަލިން ރައްކާތެރިވުމަށް ޗައިނާއިން އަޅަމުންދާ ފިޔަވަޅުތަކާމެދު އިތުބާރު އެބައޮތްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނެފިއެވެ.
ޝިންހުއާ ނިއުސް އޭޖެންސީން ޚަބަރު ފަތުރާ ގޮތުގައި، ޗައިނާއަށް މިހާރު ވަޑައިގެން އުޅުއްވާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެޑެނޯމް ގެބްރިޔޭސަސް މިހެން ވިދާޅުވީ، ޗައިނާގެ ފޮރިން މިނިސްޓްރަ ވޮންގ ޔީ އާއެކު ވެރިރަށް ބެއިޖިންގް ގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ޓެޑްރޯސް ވިދާޅުވެފައިވަނީ، ޗައިނާގައި ނޮވެލް ކޮރޯނާ ވައިރަސް ފެތުރުމާއެކު، އެކަމުން ރައްކާތެރިވުމަށާއި، އެޤައުމުގެ ރައްޔިތުން އެކަމުން ސަލާމަތް ކުރުމަށް ޗައިނާ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތައް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންނާއި، ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަންނަކަމަށެވެ. ހަމަ އެހެންމެ ބަލިމަޑުކަމުން އަރައިގަތުމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާ ސަރުކާރުން ކުރަމުންދާ މަސައްކަތައް އިތުބާރު އެބައޮތް ކަމަށް ޓެޑްރޯސް ވިދާޅުވިކަމަށް ސީސީޓީވީން ރިޕޯޓުކުރެއެވެ.
ހަލުވިކަމާއެކު ކޮރޯނާވައިރަސް ޗައިނާގައި ފެތުރެމުންދާތީ ގައުމުތަކުން ޗައިނާއަށް އެހީތެރިކަން ފޯރުކޮށްދެމުން އެބަދެއެވެ.
ސިންގަޕޯރ އިން ވަނީ 75،000 މާސްކު ޗައިނާއަށް ފޮނުވާފަ އެވެ. އިތުރު 400 ފޮށި ވުހާން އަށް ފޮނުވުމަށް ސިންގަޕޯރ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޖަޕާނުން ވަނީ 30،000 މާސްކު ޗައިނާއަށް ފޮނުވާފައެވެ.
ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް އާއި ގުޅިގެން ރާއްޖޭގެ ކަމާބެހޭ އިދާރާތަށް އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި، މުއައްސަސާތަކުން ކުރަންޖެހޭ ކަންކަން ހަރުދަނާކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
ކޮރޯނާވައިރަސްއާއި ގުޅިގެން ރާއްޖޭގެ ކަމާބެހޭ އިދާރާތަކާއެކު ބޭއްވި އެކްސަސައިޒަށް ފަހު "ރާއްޖެ އެމްވީ" އަށް މަޢުލޫމާތު ދެއްވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، އިބްރާހިމް ނިޝާން އަޙްމަދު ވިދާޅުވީ މި އެކްސައިސަޒަކީ ކޮރޯނާވައިރަސްއާއި ގުޅިގެން ކަމާ ގުޅުންހުރި އެޖެންސީތަކާ އެއްކޮށް ހެދިފައި ހުރި އޮޕަރޭޓިން ޕްރޮސީޖަރ ޕްލޭން (އެސްއޯޕީ) އާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
- ސައިބޯންޏާއި، ސެނެޓައިޒަރ ބޭނުންކޮށްގެން ދެއަތް ރަނގަޅަށް ދޮވުން
- ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފާތް ރަނގަޅަށް ފޮރުވުން، އަދި ކެއްސުމަށް ފަހު ބޭނުންކުރާ ޓިޝޫ އެއްލާލުމަށް ފަހު ރަނގަޅަށް އަތް ދޮވުންް
- ހުން ނުވަތަ ކެއްސާ މީހަކާއި މާ ގާތްނުވުން
- އެއްވެސް ވަރަކަށް ހުން އައިސް ނޭވާލާން އުދަނގޫވާނާމަ، އަވަހަށް ޑޮކްޓަރަށް ދެއްކުން
- މާރުކޭޓު ފަދަ ތަންތަނަށް ޒިޔާރާތްކުރާއިރު، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ ޖަނަވާރުގެ މަހުގައި އަތް ނުލުން
- ރޮލަށް ނޫނީ މާ ބޮޑަށް ކައްކާފައި ހުންނަ އެއްގަމުމަހުގެ ބާވަތްތަކާއި ދުރުވުން. ރޯ މަހާއި، ކިރާއި، ޖަނަވާރުގެ ގުނަވަަންތައް ގެންގުޅޭއިރު ސަމާލުވުން
ކޮރޯނާ ވައިރަސް، ޗައިނާގެ 5،974 މީހުންނަށް ޖެހިފައިވާއިރު، އަންގާރަ ދުވަހާ ހަމަޔަށް 132 މީހަކު ވަނީ މި ނުރައްކާ ބަލީގެ ސަބަބުން މަރުވެފައެވެ. މި ޢަދަދަކީ މީގެ އެތަކެއް އަހަރު ކުރިން ޢާންމުވި ސާސް އާއި މޭސް ބަލި މީހުންނަށް ޖެހުނު ޢަދަދަށްވުރެ ބޮޑު ޢަދަދެކެވެ.
ޞިއްޙީ އޮފިޝަލުން ވަނީ، ބަލި ފެތުރުން ކޮންޓްރޯލް ކުރަން ކުރާ މަސައްކަތް ކާމިޔާބުވެދާނެ ކަމާމެދު ގިނަ ސުވާލުތަކެއް އުފައްދާފައެެވެ. އެގޮތުން ބަލި ކިހާ ނުރައްކާތޯ އާއި ވައިރަސްގެ އަސަރު ހަށިގަނޑުގައި ހުރެ އޭގެ އަލާމާތްތައް ނުފެންނަތޯ އާއި ބަލީގެ އަސަރު އެންމެ ބޮޑީ އަދި ވައިރަސް އެންމެ ބޮޑަށް ފެތުރެނީ ޗައިނާއިން ތޯ އެވެ. މިއީ ހައްތާވެސް ޞިއްހީ މާހިރުން އުފައްދާ ސުވާލުތަކެވެ.
ކޮރޯނާގެ އަލާމާތްތައް:
މި ބަލީގެ އަލާމަތްތައް ތަފާތު ގޮތަކަށް ފެނެއެވެ. އެމެރިކާގެ ސެންޓަރ އޮފް ޑިޒީސަސް އިން ބުނާ ގޮތުން ބަލީގެ އަލާމަތްތަކުގެ ތެރޭގައި، ހުން އައިސް ކެއްސުމުގެ އިތުރުން ނޭވާކުރުވުން ހިމެނެއެވެ. ބަލި ޖެހުމަށް ފަހު ބަލީގެ އަލާމާތްތައް ދެ ދުވަހާއި 14 ދުވަހާއި ދެމެދު ފެނިދާނެއެވެ. ބަލީގެ ސަބަބުން ނިއުމޯނިޔާ އާއި ކިޑްނީ ފޭލްވެއެވެ.
ބަލި ފެނުނީ ކޮންތަނަކުން:
ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ 31 ގައި ޗައިނާގެ ވޫހާން ސިޓީން ވަނީ، އެ ސިޓީގައި ނިއުމޯނިޔާ ބަލީގެ ކޭސްތައް ފެންނަމުންދާކަން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ސަމާލުކަމަަށް ގެންސްފައެވެ. އަލަށް ފެނިގެން މިއުޅޭ ''ކޮރޯނާ ވައިރަސް'' ފެނިފައިމިވަނީ ޤަވާއިދާ ޚިލާފަށް މަސް ވިއްކަމުންދާ ސީފުޑް މާރކެޓުންނެވެ. ބައެއް މާހިރުން ލަފާކުރާ ގޮތުގައި މި ބަލި އިންސާނުންނަށް ޖެހިގެން އުޅެނީ ހަރުފައެއްގެ ސަބަބުންނެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ) ގައި ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ ހަތަރު މީހަކު ތިބި ކަމަށް އެގައުމުން ކަށަވަރުކޮށްދީފި އެވެ.
އެގައުމުން ބުނީ މި މީހުންނަކީ ޗައިނާގެ އާއިލާއެއްގެ ބައެއް ކަމަށެވެ. މިމީހުންނަކީ ވުހާން އިން އެގައުމަށް އައި ބަޔެއްކަމަށްވެސް ޔޫއޭއީން ބުނެއެވެ.
ވުހާންގައި ތިބި އެމެރިކާގެ ރައްޔިތުންގެ ތެރެއިން ފުރަތަމަ ފްލައިޓުން ގެންނަ 201 މީހުން މިހާރު ތިބީ ކެލިފޯނިއާ އަށް އައުމުގެ މަގުމަތީގައި ކަމަށް އެގައުމުން ބުނެފި އެވެ.
މިހާތަނަށް އާއިރު އެމީހުން ވަނީ މިވައިރަސްގެ އަސަރުކޮށްފައިވޭތޯ ބެލުމަށް ދެ ފަހަރެއްގެ މަތިން ޓެސްޓްކޮށްފަ އެވެ. އެޓެސްޓުތަކުން ވައިރަސްގެ އަސަރުކޮށްފައިވާ މީހަކު ނެތްކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އަދި އެމީހުން ކެލިފޯނިއާއަށް އައުމަށްފަހު އިތުރު ޓެސްޓްތައް ހަދާނެކަމަށް އެމެރިކާއިން ބުނެއެވެ. މިމީހުން ފްލައިޓްގައި ތިބީ ފްލައިޓްގެ ކުރޫންނާއި ވަކިންކަމަށް އެމެރިކާއިން ބުނެއެވެ.
ވުހާންގައި އެމެރިކާގެ 1000 އެއްހާ ރައްޔިތުން އުޅެއެވެ.
އިންޑިޔާ ރައްޔިތުން ޗައިނާއަށް ނުދިޔުމަށް އެގައުމުގެ ހެލްތު މިނިސްޓްރީން އަންގައިފި އެވެ.
ބުދަ ދުވަހު ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ ޗައިނާއަށް އެއްގޮތަކަށްވެސް ނުދިޔުމަށް އެގައުމުގެ ރައްޔިތުންނަށް އަންގާފަ އެވެ. މިގޮތަށް ބުނެފައިމިވަނީ އެގައުމުގެ ހެލްތު މިނިސްޓްރީން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ބުނެ ޓްވީޓްކުރުމަށް ފަހު އެވެ. އިންޑިޔާގެ ސަރުކާރުން ބުނެފައިވަނީ ވުހާންގައި ތިބި އެގައުމުގެ ރައްޔިތުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވުހާންގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން އަނބުރާ ގެނައުމަށްފަހު 14 ދުވަސް ވަންދެން ކަރަންޓީނުކޮށްފައި ބައިތިއްބާނެ ކަަމަށް އެގައުމުން ބުނެފި އެވެ.
އިނގިރޭސިވިލާތުން ބުނީ ވުހާންގައި ތިބި އެގައުމުގެ ރައްޔިތުން ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަނެއްކޮޅުން ބްރިޓިޝް އެއަރވޭސްއިން ވަނީ ޗައިނާއަށް ދަތުރުކުރާ ހުރިހާ ފްލައިޓްތަކެއް ކެންސަލްކޮށްފައެވެ.
ވުހާންގައި ތިބި ޕާކިސްތާނުގެ ކިޔަވާކުދިންތަކަކަށް ކޮރޯނާވައިރަސްގެ އަސަރު ކޮށްގެން ފަރުވާދީފައިވާ ކަމަށް ޕާކިސްތާނުގެ އެސިސްޓެންޓް ޓު ޕްރައިމް މިނިސްޓާރ އޮން ހެލްތު ޒަފަރް މިރްޒާ ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޒަފަރް ވިދާޅުވީ ވުހާންގައި 500 ށް ވުރެ ގިނަ ކިޔަވާކުދިން ތިބޭކަމަށެވެ. ޒަފަރް އިތުރަށް ވިދާޅުވީ މިވައިރަސްގެ އަސަރު ޕާކިސްތާނުން އަދި ފެނިފައިނުވާ ކަމަށެވެ.
މެލޭޝިޔާގެ ހެލްތު މިނިސްޓަރ ބުނެފައިވަނީ އެގައުމުން އިތުރު ތިން މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފައިވާ ކަމަށެވެ.
އެއާއެކު މެލޭޝިޔާއިން މިވައިރަސްގެ އަސަރު ފެނިފައިވާ މީހުންގެ އަދަދު މިވަނީ 7 ށް އަރާފަ އެވެ. މިއެންމެންނަކީވެސް ޗައިނާގެ މީހުންނެވެ. އަލަށް މިވައިރަސްގެ އަސަރު ފެނުނު މީހުންނަކީ އުމުރުން 4 އަހަރުގެ ކުޑަކުއްޖަކާއި، 52 އަހަރުގެ ފިރެހަނަކާއި ދެ ކުޑަކުދިންގެ މަންމަ އެއްގެ ގައިންކަމަށް މެލޭޝިޔާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
ބްރިޓިޝް އެއަރވޭސް އިން ޗައިނާއަށް ކުރަން ހުރި ހުރިހާ ދަތުރުތަކެއް ކެންސަލްކޮށްފި އެވެ.
އެއަރލައިނުން ބުނެފައިވަނީ ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ޗައިނާއަށް ދިޔުމަށް ހަމަޖެހިފައިވާ ފްލައިޓްތަކާއި ޗައިނާއިން އައުމަށް ހަމަޖެހިފައިވާ ހުރިހާ ފްލައިޓްތަކެއް ކެންސަލްކޮށްފައިވާ ކަމަށެވެ. މަރޗްމަހާއި ހަމައަށް އެއަރލައިނުން ޗައިނާއަށް ކުރަން ހުރި ހުރިހާ ދަތުރުތަކެއް ވަނީ ކެންސަލް ކޮށްފަ އެވެ.
ކޮރޯނާވައިރަސްގެ އަސަރު ފުރަތަމަ ފަހަރަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ) ގެ މީހެއްގެ ގައިން ފެނިއްޖެ އެވެ.
ޔޫއޭއީން ބުނީ މިވައިރަސްގެ އަސަރު ފެނިފައިވަނީ ޗައިނާއިން އައި އާއިލާ އެއްގެ ތެރެއިންނެވެ. މިމީހުންގެ ހާލު ރަނގަޅުކަމަށް ޔޫއޭއީގެ ހެލްތު މިނިސްޓަރ ބުނެއެވެ.