ޗައިނާއިން، ތުރުކީވިލާތައް މާސްކް އޯޑަރުކުރީ 10 ދުވަހުގެތެރޭގައި ފޯރުކޮށްދޭން އެއްބަސްވެގެންނެވެ.
ޗައިނާއަކީ ދުނިޔޭގައި އެންމެ ގިނައިން މާސްކް އުފައްދާ އެއްޤައުމެވެ. ޗައިނާއިން ތުުރުކީގެ ކުންފުންޏަކަށް 200 މިލިއަން މާސްކް ގަންނަން އޯޑަރު ދިނުމުން އެކުންފުނިން ވަނީ އެކަމާއި ހައިރާންވާކަމަށް ބުނެފައެވެ. ތުރުކީ ވިލާތުން އަހަރެއްގެ މައްޗަށް އުފައްދަނީވެސް އެންމެ 150 މިލިއަން މާސްކެވެ. 10 ދުވަހުގެ ތެރޭގައި 200 މިލިއަން އުފައްދާ ޗައިނާއަށް ފޯރުކޮށްދޭނެގޮތަކާއި މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. އެހެންނަމަވެސް ޗައިނާގެ އޯޑަރު ނެގި ކުންފުނިން އެކަން ނުވާނެކަމަކަށް އަދި ބުނެފައެއް ނުވެއެވެ. އެކުންފުނިން ބުނެފައިވަނީ ޗައިނާގެ މި ޑިމާންޑް ފުރިހަމަކޮށްދިނުމަށް ކުންފުނީގެ ހުރިހައި ވަޞީލަތެއް ބެނުންކޮށްގެން 24 ގަޑިއިރު މަސައްކަތް ކުރާނެކަމަށެވެ.
ކޮރޯނާވައިރަސްއަށް ރާއްޖެއިން ތައްޔާރުވެފައި އޮތް މިންވަރު ހާމަކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަހާކަ ދައްކަވަމުން ޑޮކްޓަރ ވިދާޅުވީ، ކޮރޯނާވައިރަސްގައި ފެންނަ އަލާމާތްތަކަކީ އަދައިގެ ރޯގާއެއްގައި ފެންނަ އަލާމާތްތަކެއްކަމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ވަރަށް ލުއި ކަންތައްތަކެއް އެބަހުރިކަމަށެވެ. ޑޮކްޓަރ ވިދާޅުވީ، ރޯގާއެއް ޖެހިފައިވާ ކޮންމެ މީހަކީ ކޮރޯނާވައިރަސްގެ ބަލި ޖެހިފައިވާ މީހެއް ނޫންކަމަށާއި، ވައިރަސް އަށް ޝައްކު ކުރެވޭ މީހެއްގެ ގޮތުގައި ބެލެވޭނީ ޗައިނާއަށް ދަތުރުކޮށްފައިވާ މީހެއްކަމަށެވެ.
ސައިޕްރަސްގެ ވެރިރަށް ނިކޯސިއާގައި ނޮވެލް ކޮރޯނާ ވައިރަސް ހުރި ކަމަށް ޝައްކު ކުރެވިގެން ފަރުވާދެމުންދަނީ ޗައިނާގެ ރައްޔިތަކަށް ކަމަށް ޚަބަރު ލިބެއެވެ. އެޤައުމުގެ ހެލްތު މިނިސްޓްރީއާއި ޙަވާލާދީ ބައިނަލްއޤުވާމީ މީޑީއާތަކުން ރިޕޯޓުކުރާގޮތުގައި، މިމީހާއަކީ ސައިޕްރަސްގައި ދިރިއުޅުޅޭ ޗައިނާ މީހެއްކަމަށާއި، ޗައިނާގައި ކޮރޯނާ ވައިރަސް ފެތުރެން ފެށިފަހުން އޭނާ ޗައިނާ އަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އޭނާގެ ގައިން ކޮރޯނާގެ އަލާމާތްތައް ފެންނާތީ ޓެސްޓު ކުރި އިރު "އިންފލުއެންޒާ-އޭ" އަށް ޕޮޒިޓިވް ވި ކަމަށެެވެ. އަދި ފަރުވާއަށް ފަހުވެސް ރަނގަޅުނުވާތީއާއި ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭތީ ޞިއްޙީ އޮފިޝަލުންގެ ބެލުމުގެ ދަށުން އޭނާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށެވެ. އޭނާ ކޮރޯނާވައިރަސްއަށް ޓެސްޓުކޮށް،ސީދާ އެކަން ކަށަވަރުވަންދެން، އޭނާއަށް ހޮސްޕިޓަކުގައި ފަރުވާދެމުންދާނެކަމަށް ސައިޕްރަސްގެ ޞިއްހަތާއި ބެހޭ ޚާއްޞަ ޓާސްފޯރސްއިން ބުނެއެވެ.
ކޮރޮނާ ވައިރަސް ޖެހުމުގެ ބިރު އޮންނާނީ ބަލިޖެހިފައިވާ މީހާއާ 3 ފޫޓު ކައިރީގައި އުޅޭ މީހުންނަށް ކަމަށް އެޕިޑޮމިލޮޖިސްޓް ޑރ އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ.
" އޭނަގެ ވަށައިގެން 3 ފޫޓުގެ ދުރުމިނެއްގައި ބަލި ފެތުރުމުގެ ފުރުސަތު މި އިންނަނީ، ބައެއް ކަހަލަ ބަލިތައް ހުންނާނެ ވައިގެ ތެރޭގައި ޖަރާސީމު ހިފާފައި ވައިގެ ތެރޭގައި ފްލޯޓު ވާ ކަހަލަ ބަލިތައް، އެކަމަކު މީ އޭގެ ބައްޔެއް ނޫން، މިބަލީގައި މި ހުންނަނީ ބަލި ޖެހޭ މީހާ ކެއްސާ ކިނބިހި އަޅާއިރު ބުރައިގެންދާ ތިކިތައް ނޫނީ ޖަރާސީމު ދާނެ، ސްޕްރެޑް ވާނެ ކަމަށް އަޅުގަނޑުމެންނަށް ކަށަވަރުވާ ދާއިރާއަކީ 3 ފޫޓް، އެހެންވީމާ 3 ފޫޓާ ހަމައަށް ގާތް ނުވާނަމަ އެއްވެސް އެހެން މީހަކަށް އޭގެ ދުރުގަ ތިބޭ އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެ"ޑރ އިބްރާހިމް އަފްޒަލް
ޗައިނާގެ ވޫހާން ސީޓީން އަނބުރާ އެމެރިކާއަށް ގެނައި އެޤައުމުގެ 195 ރައްޔިތުން 14 ދުވަސްވަންދެން ކަރަންޓީން ކޮށްފައި ބޭތިއްބުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. ވޫހާން ސިޓީގައި ތިބި މި މީހުން ގެނައި ފްލައިޓް ޖެއްސީ ކެލިފޯރނިއާގައި ހުންނަ އެޤައުމުގެ އަސްކަރިއްޔާގެ މަރުކަޒެއްގައެވެ. އެމެރިކާގެ ސެންޓަރ ޑީޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފައިވަނީ ވޫހާން އިން ގެނައި މީހުން 14 ދުވަސްވަންދެން ކަރަންޓީން ކުރަން ސަރުކާރުން ނިންމީ އެޤައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި މި ކަރަންޓިން ކުރި މީހުންނަށް ޞިއްޙީ މާހިރުންގެ ބެލުމުގެ ދަށުން އެކަށީގެންވާ ކުއްލި ފަރުވާ ދެމުން އަންނަ ކަމަށެވެ. މިމީހުން ކަރަންޓީންކުރާ ކަން ހާމަކުރި ނަމަވެސް، މިއިން އެއްވެސް މީހަކު ނޮވެލް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވިކަމެއް އަދި ހާމަކޮށްްފައެއް ނުވެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓުން ބުނެފައިވަނީ، ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަން ފެތުރިފައިވާ ޗައިނާގެ ވޫހާން ސިޓީގައި ތިބި އެމެރިކާ ރައްޔިތުން އެތަނުން ބޭރުކުރުމަށް އިތުރު ފްލައިޓުތައް ޗައިނާގައި ޖެއްސުމުގެ ހުއްދައަށް އެދިފައިވާކަމަށެވެ. އަދި މިކަމާއި ބެހޭ މަޝްވަރާތައް ޗައިނާގެ ކަމާއިގުޅޭ އޭޖެންސީތަކާއެކު ކުރަމުން އަންނަކަމަށެވެ. އެމެރިކާ ރައްޔިތުން ބޭލުމަށް ހަމަޖެހިފައިވަނީ ވޫހާންގެ ޓިއާންހޭ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. އަދި ގެންދިއުމަށް ހަމަޖެހިފައިނީ ސީދާ އެމެރިކާގެ ނިއުޔޯކަށެވެ. ވޫހާން އިން ބާލާ ފްލައިޓަށް އެރުވުމުގެ ކުރިން މިއިން އެއްވެސް މީހެއްގެ ހަށިގަނޑުގައި ކޮރޯނާގެ އަލާމާތެއް ހުރިތޯ ބެލުމަށް ސްކްރީންކުރާނެކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓުން ބުނެއެވެ.
މިކަން ހާމަކޮށް އިރާޤު ސަރުކާރުން ބުނެފައިވަނީ، އިރާޤުގެ މައި ވައިގެ ބަނދަރުކަމަށްވާ "ބަޞްރާ އިންޓަރނޭޝަނަލް އެއަރޕޯރޓް" އަށް ޗައިނާއިން އަންނަ ސީދާ ފްލައިޓުތައްވެސް، އަދި ޓްރާންސިޓްކޮށްފައި އަންނަ ފްލައިޓުތައްވެސް ޖެއްސުމުގެ ހުއްދަ ނުދޭނެކަމަށެވެ. އަދި އެހެން ފްލައިޓުތަކުން އަންނަ ފަސިންޖަރުންގެތެރެއިން، ޗައިނާގެ ރައްޔިތުންނާއި، އަދި އެކި ބޭނުންތަކަށް ޗައިނާއަށް ދަތުރުކޮށްފައިވާ މީހުންވެސް އިރާޤަށް އެތެރެ ނުކުރާނެކަމަށެވެ. އެހެން ޤައުމުތަކުން އަންނަ މީހުންގެ "ޓްރެވެލް ހިސްޓްރީ" ބެލުމުގެ އިންތިޒާމު ހަމަޖައްސާ ޤަވާއިދުން މިހާރު އެކަން ކުރަމުން އަންނަ ކަމަށް އިރާޤުގެ ދައުލަތުގެ މީޑީއާއިން ބުނެއެވެ.
އެއްވެސް ޙާލަތެއްގައި ޗައިނާގެ އެއްވެސް ޞަރޙައްދަކަށް ދަތުރު ނުކުރުމަށް ސައުދީ ސަރުކާރުން އެޤައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ، ޗައިނާގައި ނޮވެލްކޮރޯނާ ވައިރަސްގެ ބަލިމަޑުކަން ފެތުރިފައިވާތީއެވެ. ދުނިޔޭގެ ހުރިހައި ޤައުމަކަށްވެސް ކޮރޯނާ ވައިރަސް ފެތުރެމުގެ ފުރުޞަތު އެބައޮތްކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އިޢުލާންކޮށްފައިވާތީ ސައުދީން ވަނީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައެވެ. އަދި މިފަދައިން ނިންމީ މިދުވަސްވަރަކީ ޢުމްރާގެ އަޅުކަން އަދާ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައުދީ އަރަބިއްޔާއަށް ގިނަ ޢަދަދެއްގެ މުސްލިމުން ދަތުރުކުރަމުންދާތީކަމަށް ޚަބަރުލިބެއެވެ.
މި ދުވަސްވަރަކީ ދުނިޔޭގެ އެކި ޤައުމުތަކުން އުމުރާގެ އަޅުކަން އަދާކުރުމަށް ސައުދީ ޢަރަބިއްޔާއަާށް ދަތުރުކުރަމުންދާ ދުވަސް ވަރަކަށް ވާތީ ސައުދީ ސަރުކާރުން ދަނީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އަދި ސައުދީ ރައްޔިތުންނެކޭ އެއްފަދައިން އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަށް މިދުވަސްވަރު ދަތުރުކުރާ ފަރާތްތަކަށްވެސް ފަސޭހައިން މާސްކާއި، ބޭސް ލިބޭނެ ފަދަ އިންތިޒާމު ސައުދީ ސަރުކާރުން ހަމަޖައްސާފައިވާކަމަށް އެޤައުމުގެ ހެލްތު މިނިސްޓަރ ތައުފީޤް އަލް-ރާބިއާ ވަނީ ވިދާޅުވެފައެވެ.
އަދި އުމުރާއަށްދާ މީހުންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަށް ސައުދީގެ ޑިޒީސް ކޮންޓްރޯލް ޔުނިޓުން ޚާއްޞަ ސަމާލުކަމެއް ދީގެން ކަންކަން ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އެޤައުމުގެ ހެލްތު މިނިސްޓަރ ތައުފީޤް އަލް-ރާބިއާ ވިދާޅުވެފައިވަނީ، ޗައިނާއިން ސައުދީއަރަބިއްޔާގެ ވައިގެ ބަނދަރުތަކަށް ޖައްސާ ފްލައިޓުތަކުން އަންނަ ހުރިހައި ފަސިންޖަރުން ސަވައިލެންސް ޕްރޮގުރާމެއްގެ ދަށުން ސްކްރީން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފާއިތުވެ ދިޔަ 14 ދުވަހުގެ ތެރޭގައި ކުރިޔަށް ގެންދިޔަ ސްކްރީނިންގް ޕްރޮގުރާމުގެތެރެއިން، އެއްވެސް މީހަކު ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެފައި ނުވާކަމަށް ތައުފީޤް ވިދާޅުވިއެވެ. ޗައިނާއިން ސީދާ އަދި އެޤައުމުގައި ޓްރާންސިޓްކޮށްފައި އަންނަ ފްލައިޓްތަކުން ސައުދީއަށް އެތެރެވާ ފަސިންޖަރުން ސްކްރީން ކުރުމަށްފަހު، ޑޮކްޓަރެއްގެ އިރުޝާދުގެ މަތިން ނޫނީ އެތެރެއަށް ވަނުމުގެ ސައުދީން ސަރުކާރުން ހުއްދައެއް ނުދެއެވެ.
ޗައިނާގެ ކަމާއި ބެހޭ ފަރާތްތަކާއި ޙަވަލާދީ ބައިނަލްއަޤުވާމީ މިޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިއްޔެ އެކަނިވެސް ނޮވެލް ކޮރޯނާވައިރަސްގައި 45 މީހުން ވަނީ މަރުވެފައެވެ. މި 45 މީހުންވެސް ނިޞްބަތް ވަނީ ކޮރޯނާވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ހުބެއި ޕްރޮވިންސަށް ކަމަށް ޚަބަރުތައް ބުނެއެވެ.
ޗައިނާގެ ޕްރޮވިންސިއަލް ކޮމިޝަނުން ހާމަކުރާގޮތުގައި، ހުބެއި ޕްރޮވިންސްގައި ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަކުރިނަމަވެސް، ކޮންޓްރޯލްވުމެއް ނެތި ނޮވެލް ކޮރޯނާވައިރަސް ދަނީ ފެތުރެމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް އެޕްރޮވިންސުން 1،347 މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ކޮރޯނާވައިރަސްއަށް ޝައްކުކުރެވިގެން އައިސޮލޭޓް ކޮށްފައި ހުރި ޒުވާނާ، އެއަރޕޯޓުން ގެޔަށް ދިޔައީ ކާރެއްގައި ކަމަށާއި، ކޮންޓެކްޓް ޓްރޭސިންގގެ ދަށުން އޭނާ ދިޔަ ހުރިހާ ތަނަކާއި ދަތުރުކުރި ހުރިހާ ފަރާތެއް މޮނީޓަރ ކުރެވި ބައްޔަށް ޝައްކުކުރެވޭ މިންގަނޑުތަކަށް ފެތޭތޯ ބަލާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ.
އޭނާއަކީ ހެލްތް ޕްރޮފެޝަނަލްއެއް ކަމަށާއި، ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔައީ ހިނގާފައި ސެނަހިޔާ ހޮސްޕިޓަލަށެވެ. އާއިލާގެ އެންމެން ތިބީ ބަލާ މިންގަނޑުގެ ތެރޭގައި ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
ކޮރޯނާވައިރަސްއަށް ޝައްކުކުރެވިގެން މިހާރު އައިސޮލޭޝަންގައި ހުރި ޒުވާނާގެ ޓެސްޓުގެ ނަތީޖާ ދެތިން ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ. ޑޮކްޓަރުންގެ ޓީމަކުން ޕޭޝަންޓުގެ ހާލަތު މޮނީޓަރ ކުރަމުންދާ ކަމަށާއި، އޭނާގެ ހާލަތު ރަނގަޅު ކަމަށެވެ.
އާންމު ރައްޔިތުން އަދި މާސްކު އަޅާ ހިސާބަކަށް ނުދާކަމަށް ކޮރޯނާވައިރަސް ޓާސްކްފޯސްގައި ހިމެނިވަޑައިގަންނަވާ އައިޖީއެމްއެޗްގެ ޑޮކްޓަރު އަލީ ލަތީފް ވިދާޅުވެއްޖެއެވެ. މިހާރު ހޮސްޕިޓަލުތަކުގައިވެސް، މާސްކު އަޅަމުން ގެންދަނީ ގިނަ ޕޭޝަންޓުންނާ މުއާމަލާތްކުރަންޖެހޭ ތަންތަނުގައި އެކަނިކަމަށް އަލީ ލަތީފް ވިދާޅުވިއެވެ.
ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ އިތުރު މީހަކު ނެތަސް، ބަލީގެ އަލާމާތެއް ފެނޭތޯ އިތުރު ދެ މީހަކު މޮނީޓަރ ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރ އަމީން ވަނީ ވިދާޅުވެފައެވެ. އަދި އެއީ އަމިއްލައަށް ހޮސްޕިޓަލަށް އައި ދެ މީހުން ކަމަށާއި، އެ މީހުންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް މިނިސްޓަރ މައުލޫމާތު ދެއްވިއެވެ.
ކޮރޯނާވައިރަސްއަށް ޝައްކުކުރެވިގެން މިހާރު އައިސޮލޭޓް ކޮށްފައި ހުރި 20 އަަހަރުގެ ޒުވާނާއަށް، ކްލިނިކަލް ފަރުވާ ދޭން ޖެހޭ ވަރުގެ އެއްވެސް އަލާމާތެއް ނުފެންނަކަމަށް ހެލްތް މިނިސްޓަރ އަމީން ވިދާޅުވެއްޖެއެވެ. ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީން ވިދާޅުވީ، އޭނާގެ ހާލު ރަނގަޅުކަމަށާއި، ފަރުވާ ދޭން ޖެހިއްޖެ ހާލަތެއްގައި އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމަކުން އޭނާއަށް ދޭންޖެހޭ ފަރުވާ ދޭނެކަމަށް މައުލޫމާތު ދެއްވާފައެވެ.
ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ އިތުރު މީހަކު ނުފެންނަ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވަނީ، އިތުރު ކޭސްއެއް މިހާތަނަށް ފެނިފައިނުވާ ކަމަށާއި، އިތުރު މީހަކަށް ޝައްކުކުރެވޭ އެއްވެސް ފަރާތެއް ފެނިއްޖެނަމަ އެ މައުލޫމާތު އާންމުންނާ ހިއްސާކުރައްވާނެ ކަމަށެވެ.
ޓޯކިޔޯގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސް ކެންސަލް ނުކުރާކަމަށް އެގައުމުން ބުނެފި އެވެ.
އޮލިމްޕިކްސް ގޭމް ނުބާއްވާވާހަކަތަކަށް ރައްދު ދެއްމުން މިގޭމްސް އޯގަނައިޒް ކުރާ ފަރާތްތަކުން ބުނީ ގޭމް ކެންސަލް ކުރުމާމެދު މަޝްވަރާ ނުކުރާކަމަށެވެ. އަދި އޮލިމްޕިކް ގޭމަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށްވެސް އެމީހުން ވަނީ ބުނެފަ އެވެ.
އޮލިމްޕިކް ގޭމްސް ކުރިޔަށްދާނީ މިއަހަރުގެ ޖުލައި 24 ން އޮގަސްޓް 9 އަކަށެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް އަށް ކުރިޔަށް އޮތް މަސްތަކުގެ ތެރޭގައި ވެކްސިން އެއް އުފެއްދޭނެކަމަށް ޖަރމަނީގެ ރިސަރޗް މިނިސްޓަރ ވިދާޅުވެއްޖެ އެވެ.
ރިސަރޗް މިނިސްޓާރ ވިދާޅުވީ މިވައިރަސް އަށް ވީ އެންމެ އަވަހަށް ވެކްސިން އެއް އުފެެއްދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ޗައިނާއިން ޕާކިސްތާނަށް ސީދާ އަންނަ ފްލައިޓްތައް ޕާކިސްތާނުން މެދުކަނޑާލައިފި އެވެ.
ފެބްރުއަރީ 2 އާ ހަމައަށް މިފްލައިޓްތައް މެދުކަނޑާލާފައިވާކަމަށް ޕާކިސްތާނުން ބުނެ އެވެ. އެގޮތުން ޗައިނާއަށް ދާ ފްލައިޓްތަކާއި ޗައިނާއިން އަންނަ ފްލައިޓްތަކުގެ ދަތުރުތައް މެދުކަނޑާލާފައިވާކަމަށް އެގައުމުން ބުނެއެވެ. ފްލައިޓްތައް މެދުކަނޑާލި ސަބަބެއް އަދި ފެބްރުއަރީ މަހުގެ 2 ން ފެށިގެން ފްލައިޓްތައް އަލުން ފަށާނެކަމެއް ޕާކިސްތާނުން ހާމައެއް ނުކުރެއެެވެ.
ޗައިނާގައި ތިބި ރަޝިޔާގެ މީހުން އަނބުރާ ރަޝިޔާއަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ރަޝިޔާއިން ބުނެފި އެވެ.
ރަޝިޔާއިން ބުނީ ހޮނިހިރު ދުވަހު އެމީހުން ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. މިހާތަނަށް އާއިރު ރަޝިޔާއިން ވަނީ ދެ މީހެއްގެ ގައިން ކޮރޯނާވައިރަސްގެ އަސަރު ފެނިފަ އެވެ.
ވުހާންއިން އަންނަ އިނގިރޭސިވިލާތުގެ 83 މީހުންނާއި އެހެން ގައުމުތަކުގެ 27 މީހުން އަންނަ ފްލައިޓް އިނގިރޭސިވިލާތުގައި ޖައްސައިފި އެވެ.
އިނގިރޭސިވިލާތުން ބުނީ މިމީހުން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުކޮށްފައި ބައިތިއްބާނެ ކަަމަށެވެ. ސްޕެއިނުން ވަނީ ވުހާންގައި ތިބި އެގައުމުގެ ރައްޔިތުން އިނގިރޭސިވިލާތުގެ އެހީތެރިކަމާއެކު ގެންނާނެ ކަމަށް ބުނެފަ އެވެ.
ކޮރޯނާވައިރަސް ފެތުރެމުންދާތީ އެކަމުން ސަލާމަތްވުމަށް ބޭނުންކުރާ މާސްކާއި އެހެނިހެން ތަކެތި އެކްސްޕޯޓު ކުރުން އިންޑިޔާއިން މަނާކޮށްފި އެވެ.
މިހާތަނަށް އާއިރު އިންޑިޔާއިން ވަނީ މިވައިރަސްގެ އަސަރު އެކެއްގެ ގައިން ފެނިފަ އެވެ. މީގެއިތުރުން އެގައުމުން އަންނަނީ ޗައިނާގައި ތިބި އެގައުމުގެ 400 މީހުން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮރޯނާވައިރަސް އެންމެ ބާރު މިނުގައި ފެތުރެމުންދާ ޗައިނާގެ ރައްޔިތުން އެކިގައުމުތަކަށް ދިޔުމާމެދު މިހާތަނަށް އާއިރު 62 ގައުމަކުން ވަނީ އެކިކަހަލަ ފިޔަވަޅުތައް އަޅާފަ އެވެ.
މީގެތެރެއިން 6 ގައުމަކުން ވަނީ ޗައިނާ މީހުންނަށް ވިސާ ދޫކުރުމާމެދު ފިޔަވަޅުތައް އަޅާފައެވެ. ހަތަރު ގައުމަކުން ވަނީ އެގައުމުތަކަށް ޗައިނާގެ ރައްޔިތުން އެރުން މަނާކޮށްފަ އެވެ. ފަސް ގައުމަކުން ވަނީ ހޫބޭ އާއި ފާއިތުވި ދުވަސްތަކުގައި ހޫބޭ އަށް ދަތުރުކޮށްފައިވާ މީހުންނަށް އެގައުމުތަކަށް ވަނުމާމެދު އެކިކަހަލަ ފިޔަވަޅުތައް އަޅާފަ އެވެ.
47 ގައުމަކުން ވަނީ ޗައިނާގެ ރައްޔިތުން އެގައުމުތަކަށް ވަންނައިރު ސްކްރީން ކުރުމާއި އެކިކަހަލަ ސިއްހީ ޓެސްޓުތައް ކުރުމުގެ ކަންކަން ހަމަޖައްސާފަ އެވެ.