އަލިފާނުގެ ހާދިސާ
ހެންވޭރު އަބަދަށްފެހި މަގުގައި ރޯވުން

އިމާރާތް އަރިއަޅާލާފައި
ގެއްލިގެން ހޯދަމުން ދިޔަ ޝައުނާ ނިޔާވެފައި އޮތްވާ ފެނިއްޖެ

އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުނު އަންހެން މީހާ ނިޔާވެފައި އޮތްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ ތ. ބުރުނި 49 އަހަރުގެ އައިޝަތު ޝައުނާއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ ދިރިއުޅޭ އިމާރާތުގެ އެތެރެއިންނެވެ. ފެނުނު އިރު އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އަލިފާން ހިފި އިމާރާތުގައި ތިބި ބިދޭސީންގެ ވެރި ފަރާތުން އެފަރާތްތަކާއި ހަވާލުވެއްޖެ
އަލިފާން ހިފި އިމާރާތުގައި ތިބި ބިދޭސީންގެ ވެރި ފަރާތުން ބިދޭސީންތަކާއި ހަވާލުވެއްޖެ. އެގޮތުން އަލިފާން ހިފި މައި އިމާރާތުގައި ތިބި ބިދޭސީންގެ ވެރި ފަރާތް ކަމަށްވާ ހަޒާ ކޮންސްޓްރަކްޝަން އިން ވަނީ އެ ފަރާތްތަކާއި ހަވާލުވެފައި. ނަމަވެސް އިތުރު ކުންފުނިތަކަށް ނިސްބަތްވާ ބައެއް ބިދޭސީން އަދިވެސް ތިބިކަމަށް މައުލޫމާތު ލިބޭ
އަލިފާނުގެ ސަބަބުން 7 އިމާރާތަކަށް ގެއްލުންވެފައިވޭ
އަލިފާނުގެ ސަބަބުން މިހާތަނަށް 7 އިމާރާތަކަށް ގެއްލުންވެފައިވާ ކަމަށް މައުލޫމާތު ލިބޭ. އަދި އެހީތެރިކަން ހޯދުމަށް ކަލާފާނު ސުކޫލަށް ދިޔަ ފަރާތްތަކުގެ އަދަދު 100 އަށްވުރެ ގިނަ
ވީ އެންމެ އަވަހަށް ކަންކަން ހަމައަކަށް އެޅުވުމުގެ މަސައްކަތް އެބަކުރަން: ނައިބް ރައީސް
މިހާރު ލިބުނު ގެއްލުމުގެ އެސެސްމަންޓު ހަދަމުންދާ ކަމަށާއި، ވަރަށް އަވަހަށް ކަންކަން ހަމައަކަށް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވި.
އެހީވުމަށް ސަރުކާރުގެ ހުސްކޮށް ހުރި ފްލެޓު އިމާރަތްތައް ހުރީ "ސްޓޭންޑް ބައި" ގައި
އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުގެ ހުސްކޮށް ހުރި ފްލެޓު އިމާރަތްތައް ހުރީ "ސްޓޭންޑް ބައި" ގައި ހަމަޖައްސަވާފަ. އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ފަރާތްތަކުން އަދިވެސް ދަނީ ހަރަކާތްތެރިވަމުން.
އެގޮތުން ކަލާފާނު ސުކޫލުގައިވެސް ގިނަ އަދަދެއްގެ އާންމުން ގޮސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވޭ
އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ގޮތުން އެ ސަރަހައްދުގެ ކަރަންޓު ވަނީ ކަނޑާލާފައި:ސްޓެލްކޯ
އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ގޮތުން އެ ސަރަހައްދުގެ ކަރަންޓު ކަނޑާލާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވޭ. އެގޮތުން އެމްއެންޑީއެފްގެ އަލިފާން ނިއްވާ ފަރާތްތަކުގެ ލަފާގެ ދަށުން ކަރަންޓު އަނބުރާ ފޯރުކޮށްދޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވޭ
އިންވެގެން ހުރި ގެ އެއްގައި އަދިވެސް ދަނީ އަލިފާންގަނޑު ފެތުރެމުން
އަލިފާން ރޯވި ގެއާއި އިންވެގެން ހުރި ގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް އަނެއްކާވެސް އެ އިމާރާތުގެ ތިރީގައި އެއްކޮށް އަލިފާން ރޯވެ ފެތުރެމުންދާ ކަމަށް މައުލޫމާތު ލިބޭ. އަލިފާންގަނޑު ކޮންޓްރޯލް ނުވެ ހުރީ ދެ އިމާރާތެެއްގައި
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ހަމްދަރުދީ އަރިސްކުރަން: ރައީސް ނަޝީދު
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ހަމްދަރުދީ އަރިސްކުރައްވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެ. މިކަމުގައި މީހުންނަށް އެހީވަމުންދަ ފަރާތްތަކަށް، ހާއްސަކޮށް އެމްއެންޑީއެފްްއަށް ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި
އަލިފާން ރޯވި ސަރަހައްދުން މީހަކު ގެއްލިގެން ހޯދަނީ
އަލިފާނުގެ ހާދިސާ ހިންގި ސަރަހައްދުން މީހަކު ގެއްލިގެން ހޯދަމުންދާކަމަށް މައުލޫމާތު ލިބޭ. ގެއްލިގެން ހޯދަމުންދަނީ އަންހެނެއް. ގެއްލިގެން ހޯދަމުންދަނީ ހ. ރަދުފްވާނިއާ ގޭގައި އުޅޭ ބުރުނީ އަށް ނިސްބަތްވާ 49 އަހަރުގެ ޝައުނާ ކިޔާ އަންހެނެއް. އެމްއެންޑީއެފުން ދަނީ ގެއްލުނު މީހާ ހޯދަމުން
އަލިފާން ރޯވި ސަރަހައްދު ރައީސް ސޯލިހު ބައްލަވާލައްވައިފި
އަލިފާން ރޯވި ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވަޑައިގަންނަވާ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ. އަދި އެސަރަހައްދުގައި ތިބި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މިއީ ފަހުގެ ތާރީހެއްގައި ހިނގި ހިތާވެރި ހާދިސާއެއް ކަމަށާއި، މިހެން ދިމާވަނީ މީހުން އުޅޭ ގޭތަކުގެ ތިރީގައި ގުދަން ކުރެވޭ ތަކެތީގެ ސަބަބުން ކަމަށެވެ. މިފަދަ ކަންކަންކަމަށް ހައްލެއް ގެންނަންޖެހޭކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މިއަށް ހައްލެއް ނުގެނެވި މިކަހަލަ ކަންކަމުން ސަލާމަތެއް ނުވާނެ ކަމަށެވެ. އަދި މިފަދަ ގުދަންތައް ގުޅީފަޅަށް ނުވަތަ ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތްތައް ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ މިހާދިސާއާ ގުޅިގެން މިރޭ ކެބިނެޓާ ބައްދަލުކުރާ ކަމަށާއި، މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަށް އަޅާނެ ފިޔަވަޅުތައް ނިންމާނެ ކަމަށެވެ.
އަލިފާނުގެ ސަބަބުން އަނިޔާވި މީހުންނަށް ބޭނުންވާ ބައެއް ތަކެތި އެސްޓީއޯއިން ފޯރުކޮށްދީފި
އަލިފާނުގެ ސަބަބުން އަނިޔާވި މީހުންނަށް ބޭނުންވާ ބައެއް ތަކެތި އެސްޓީއޯއިން ވަނީ ފޯރުކޮށްދީފަ. އެމީހުން މަސައްކަތް ކުރަމުން ދަނީ ޑިޒާސްޓަރ މެނޭޖްމަންޓާއެކު
އަލިފާނުގެ ހާދިސާގައި އަސަރުކުރި ފަރާތްތަކަށް މިނިސްޓަރ ނަހުލާ ތައުޒިޔާ ދަންނަވައިފި
އަލިފާނުގެ ހާދިސާގައި އަސަރުކުރި ފަރާތްތަކަށް މިނިސްޓަރު ނަހުލާ ތައުޒިޔާ ދަންނަވައިފި. އަސަރު ކުރި ފަރާތްތަކަށް އަވަސް ޝިފާއަކަށް ވަނީ އެދިފަ
އަލިފާންގަނޑު ކޮންޓްރޯލްވުމަށްފަހު އަނެއްކާ ފެތުރެންފަށައިފި
އަލިފާން ރޯވި ގެއެއްގެ މަތީ ފަންގިފިލާގައި އަލިފާންގަނޑު އިތުރަށް ދަނީ ފެތުރެމުން. އަދި ވަރަށް ބޮޑަށް އަލިފާން ރޯވަމުން ދާކަމަށް މައުލޫމާތު ލިބޭ. ތިރީ ފްލޯ ތަކުގައިވެސް ވަނީ އަލިފާން ހިފާފަ. އިތުރު އިމާރަތްތަކަށްވެސް އަލިފާނުގެ އަސަރު ދަނީ ކުރަމުން
އަލިފާނުގެ ސަބަބުން އެސަރަހައްދުން ކަރަންޓު ވަނީ ކެނޑިފައި
އަލިފާން ރޯވުމުގެ ސަބަބުން އެސަރަހައްދުން ކަރަންޓު ވަނީ ކެނޑިފައި. ކަރަންޓު އަންނާނެ އިރެއް އަދި ޔަގީނެއް ނުވޭ
ހާލުގައި ޖެހުނު ފަރާތްތަކަށް އަދިވެސް އިތުރު އެހީތައް ބޭނުންވޭ
އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ
ހެންވޭރު އަބަދަށްފެހިމަގުގައި ހުރި ގެތަކެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެއެވެ. އެސަރަހައްދުގެ ގެތަކުގައި މީހުން ހުސްކޮށްފައިވާއިރު، އަލިފާނުގެ އަސަރު ކޮށްފައިވާ ގެތަކުގެ މީހުންނަށް ވަގުތީ ހިޔަލެއްގެ ގޮތުގައި ކަލާފާނު ސްކޫލް ވަނީ ހަމަޖައްސާފައެވެ. އަދި ދުމުގެ އަސަރުކޮށްގެން ގިނަ ބަޔަކު ވަނީ ފަރުވާ ވެސް ހޯދާފައެވެ.
ހާލުގައި ޖެހުނު ފަރާތްތަކަށް އެމްޑަބްލިއުއެސްސީ އިން ދަނީ ފެން ފޯރުކޮށްދެމުން
ހާލުގައި ޖެހުނު ފަރާތްތަކަށް އެމްޑަބްލިއުއެސްސީ އިން ދަނީ ފެން ފޯރުކޮށްދެމުން. އަދި އެންމެންވެސް ސަލާމަތުން ތިބުމަށް ދުއާ ކުރާ ކަމަށާއި ދުމާއި ދުރުގައި ތިބުމަށް އެންމެންނަށްވަނީ އިލްތިމާސްކޮށްފަ.
މިހާތަނަށް 56 މީހަކަށް ފަރުވާދީފައިވޭ
އަލިފާނުގެ ހާދިސާއާ ގުޅިގެން އޭޑީކޭއަށް 56 މީހަކު ފަރުވާ ހޯދުމަށް ގެންދިޔަ ކަމަށާއި، އޭގެ ތެރެއިން 46 މީހަކު ވަނީ ދޫކޮށްލާފައެވެ. އަދި އެކަކު ވަނީ އެޓްމިޓްކޮށްފައެވެ. މީގެ އިތުރުން ދެ މީހަކު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.
އަންނައުނު ފަދަ ތަކެތި ފޯރުކޮށްދެވެން ހުރިނަމަ ކަލާފާނު ސްކޫލަށް ގެނެސްދެއްވުމަށް މިނިސްޓަރ ޔުމްނާ އެދިވަޑައިގެންފި
އިތުރު އަންނައުނު، ފައިވާން ފަދަ ތަކެތި ހުރި ނަމަ، ކަލަފާނު ސްކޫލަށް ގެނެސްދެއްވުމަށް މިނިސްޓަރު ޔުމްނާ އެދިވަޑައިގެންފި، އެގޮތުން، އޭނާ ވިދާޅުވެފައިވަނީ ބައެއް މީހުންގެ އަތުން ހުރިހާ އެއްޗެއް ވަނީ ގެއްލިފައި ކަމަށް.
އަލިފާނުގެ ހާދިސާގައި އެހީވުމަށް ކެބްއެމްވީގެ ޑްރައިވަރުން ހިލޭ ދަތުރުތައް ކޮށްދެނީ
އަލިފާނުގެ ހާދިސާގައި އެހީވުމަށްޓަކައި ކެބްއެމްވީގެ ޑްރައިވަރުން ހިލޭ ދަތުރުތައް ކޮށްދެން ފަށައިފި. އެގޮތުން ކެބްއެމްވީގެ ފަރާތުން ހާލުގައި ޖެހިފައިވާ ފަރާތްތައް އެެހެން ސަރަހައްދުތަކަށް ބަދަލު ކުރުމަށް ހިލޭ ސާބަހަށް ދަނީ މަސައްކަތް ކުރަމުން، މި ޚިދުމަތް ބޭނުންވާ ފަރާތްތަކުން 7770257 އަށް ގުޅުއްވުމަށް އެދިފައިވޭ
ނައިބް ރައީސް އަލިފާން ރޯވި ސަރަހައްދަށް ވަޑައިގެންފި
ނައިބު ރައީސް ފައިސަލް ނަސީމް އަލިފާން ރޯވި ސަރަހައްދަށް ދެންމެ ވަޑައިގެންފިއެވެ. އެސަރަހައްދަށް ވަޑައިގަންނަވާ އެމަނިކުފާނު ވަނީ ހާލަތު ބައްލަވާލައްވާފައެވެ.
އިތުރު އަންނައުނު، ފައިވާން ފަދަ ތަކެތި ހުރި ނަމަ، ކަލަފާނު ސްކޫލަށް ޑޮނޭޓް ކޮށްދެއްވާ: މިނިސްޓަރު މަހުލޫފް
އިތުރު އަންނައުނު، ފައިވާން ފަދަ ތަކެތި ހުރި ނަމަ، ކަލަފާނު ސްކޫލަށް ޑޮނޭޓް ކޮށްދެއްވުމަށް މިނިސްޓަރު މަހުލޫފް އެދިވަޑައިގެންފި، އެގޮތުން، އޭނާ ވިދާޅުވެފައިވަނީ ބައެއް މީހުންގެ އަތުން ހުރިހާ އެއްޗެއް ވަނީ ގެއްލިފައި ކަމަށް.
އަލިފާން އަދިވެސް ކޮންޓްރޯލް ނުވޭ
ކުރިން ރޯވެފައިވާ ގެތަކުގައި އަނެއްކާ ވެސް ރޯވެއްޖެއެވެ. އަލިފާން ދާދި ދެންމެ ކޮންޓްރޯލްވި ނަމަވެސް މިހާރު އަނެއްކާ ވަނީ ފެތުރެންފަށާފައެވެ. މުޅި ސަރަހައްދު ވަނީ ކަޅު ދުމުން ފުރިފައެވެ.

އަލިފާން ނިއްވުމުގައި އެއާޕޯރޓުގެ އަލިފާން ނިއްވާ ވަސީލަތްތައްވެސް ބޭނުންކުރަމުންދޭ
އަލިފާން ނިއްވުމުގައި އެމްއެންޑީއެފްއާއި ފުލުހުންގެ އިތުރުން އެއާޕޯރޓުގެ އަލިފާން ނިއްވާ ވަސީލަތްތައްވެސް ދަނީ ބޭނުންކުރަމުން. އެގޮތުން އެ ސަރަހައްދުގައި އާންމު ރައްޔިތުން މަޑުކޮށްގެން ނުތިބުމަށް ސަލާމަތީ ބާރުތަކުން ވަނީ އިލްތިމާސްކޮށްފައި.

ސިއްހީ ގޮތުން ފޯރުކޮށްދޭން ޖެހޭ ކޮންމެ ހިދުމަތަށް އޮތީ ތައްޔާރަށް: ހެލްތް މިނިސްޓަރު
އަލިފާނުގެ އަސަރު ކޮށްފައިވާ ގެތަކުގެ މީހުންނަށް ވަގުތީ ހިޔަލެއްގެ ގޮތުގައި ކަލާފާނު ސްކޫލް ހަމަޖައްސައިފި
އަލިފާނުގެ އަސަރު ކޮށްފައިވާ ގެތަކުގެ މީހުންނަށް ވަގުތީ ހިޔަލެއްގެ ގޮތުގައި ކަލާފާނު ސްކޫލް ހަމަޖައްސައިފި. އެގޮތުން އެ ސަރަހައްދުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ދަނީ ހަރަކާތްތެރިވަމުން.

އަލިފާން ރޯވެގެން ހ ފެހިއާބާދުގެ ވެއްޓުނު މަންޒަރު ފެނިފައިވޭ
އަލިފާނުގެ ހާދިސާގައި ރޯވި ގެއެއް ކަމަށްވާ ހ.ފެހިއާބާދުގެ ރޯވެގެން ވެއްޓިފައިވޭ، އަދި އެ ސަރަހައްދުގައި ހުރި އިތުރު ގެތަކަށް އަލިފާން ފެތުރިފައިވޭ. އިތުރު އިމާރާތެއް ވެއްޓުނު ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުން، ނަމަވެސް އެކަން އަދި ރަސްމީ ފަރާތަކުން ކަށަވަރުކޮށްދެއްވާފައެއް ނުވޭ.

ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކުގައި ރޯވުން
އަލިފާންގަނޑު ކޮންޓްރޯލް ނުވެއެވެ. އަދިވެސް ދަނީ އަދަމުންނެވެ. ހެންވޭރު އަބަދަށްފެހިމަގުގަށް ފުލުހުން ދަނީ ފޮގްޖަހަމުންނެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ. އެގޮތުން ރައީސް ސޯލިހު ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ގައި ގެއްލުންވި ފަރާތްތަކަށް ފަސްޓް ރެސްޕޮންޑާސް މަސައްކަތް ކުރަމުންދާ ކަމަށާއި، އެހީތެރިކަން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް.
އަލިފާނުގެ ސަބަބުން ބޮޑު ސަރަހައްދުތަކަށް ދުންތައް ދަނީ ފެތުރެމުން
އަލިފާނުގެ ސަބަބުން ބޮޑު ސަރަހައްދުތަކަށް ދުންތައް ދަނީ ފެތުރެމުން، އެގޮތުން ދުމުގެ އަސަރުކޮށްގެން ބައެއް ފަރާތްތައް އޭޑީކޭއަށް ގެންގޮސްފައިވޭ، ފުލުހުންނާއި އެމްއެންޑީއެފުން އަދިވެސް ދަނީ އަލިފާން ނިއްވުމާއި މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން.

ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކުގައި ރޯވުން
ކުޑަ ކުދިިިންނާއި އުމުރުން ދުވަސްވީ ފަރާތްތަކަށްވެސް ދުމުގެ އަސަރު ކުރުމުން ނުަރައްކާތެރިވެދާނެ ކަމަށާއި، މާސްކް ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
އެޗްޕީއޭއިން ބުނީ ހާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތަށް ހުންނަ ފަރާތްތަކާއި، ހިތުގެ ބަލިތަށް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާތެރިވެދާނެ ކަމަށެވެ.
ދުމުގެ އަސަރު ކުރާ ހިސާބުތަކުގެ ގޭގޭގައި، ގޭތެރެޔަށް ދުން ނުނަވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
ދުމުގެ އަސަރު ކުރުމުން ފެންނާނެ އަލާމަތްތަކުގެ ތެރޭގައި ކެއްސުން، ލޯރަތްވެ ފެން އައުން، ނޭވާލާން އުނދަގޫވުން އަދި އަޑު ދިއުން ހިމެނެއެވެ.
ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކުގައި ރޯވުން
އަލިފާން ރޯވި އިމާރާތެއް އަރިއަޅާލައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި އަރިއަޅާލާފައިވަނީ ޓިނުން ހަދާފައިވާ ފަސް ބުރީގެ އިމާރާތެއްކެވެ. މި އިމާރާތް ވަނީ އަލިފާނުގެ ހާދިސާގައި އަނދައި ހުލިވެފައެވެ.
ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކުގައި ރޯވުން
މާލޭ ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ އެހިސާބުގަނޑު ގެތަކަށް އަލިފާން ފެތުރެން ފަށައިފިއެވެ.
އަލިފާން ހިފާފައިވަނީ އަބަދަށް ފެހިމަގުގައި ހުރި ގުނދަނެއްގައެވެ. އެމްއެންޑީއެފުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި ދުމުގެ އަސަރު އެ ސަރަހައްދުގައި ހުރި ގެތަކަށް ވަނީ އަސަރުކޮށްފައެވެ. އެސަރަހައްދުން އާންމުން ދުރަށް ޖެހުމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
