Raajje.mv

!މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ: އެލްޖީއޭގެ ބޯޑުގެ ހުރިހާ ބާރެއް ރައީސް ޔާމީންއަށް

11 އެޕްރީލު 2017
12728
މަޖިލީހުގެ ޖަލްސާ ކުރާ މާލަން

މަޖިލީހުގެ ޖަލްސާ ކުރާ މާލަން

11 އެޕްރީލު 2017 | 13:43

ޖަލްސާ ނިންމާލައިފި

މިއަދުގެ ޖަލްސާގެ އެޖެންޑަގައި ހުރި ކަންކަން ކޮށް ނިމުމާއެކު ޖަލްސާ މިވަނީ ނިންމާލާފަ.

މަޖިލީހުގެ ރައީސް މަސީހު ވަނީ މާދަމާ ވެސް މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް އިއުލާން ކުރައްވާފަ.

11 އެޕްރީލު 2017 | 13:41

ވޯޓަށް އެހުން

ގާނޫނު ނަންބަރު 2008/6 ( ޢާންމު ގަވ އިދުތަކ ބެހޭ ޤާނޫނު)ގެ ޖަދުވަލް 1 އަދި 2 ގައިވ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ މައްސަލަ ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ވޯޓަށް އެހުން. އެ ރިޕޯޓް 54 މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްވެއްޖެ. ނުފެންނަ ކަމަށް ތިން މެމްބަރުން ވޯޓް ދެއްވި، ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ ދެ މެމްބަރުން ތިއްބެވި.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިލައްވާ ގޮތަށް ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ގެނައުމުގެ ބިލް، 44 މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްފި. ނުފެންނަ ކަމަށް 17 މެމްބަރުން ވޯޓް ދެއްވި.

އެބިލް ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވައިފި

11 އެޕްރީލު 2017 | 11:24

ބިލަށް ބަހުސް ކުރުން ނިންމާލުން

ސަރުކާރުގެ ފަރާތުން ހުށަހެޅި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކޮށް ނިންމާލައިފި. ދެން ޖަލްސާ ފަށާނީ 13:30ގައި

11 އެޕްރީލު 2017 | 11:21

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު

މި އިސްލާހަކީ ކައުންސިލްތައް ސަރުކާރުގެ މުށުތެރެއަށް ގެނައުމަށް ކުރާކަމެއް. އެލްޖީއޭ ބޯޑަށް ރައީސް މެމްބަރެއް އައްޔަން ކުރެއްވުމުގެ ބަދަލުގައި، ކައުންސިލްތަކުގައިވެސް އަންހެން ކަނބަލުން އިންތިހާބުވޭ، އެގޮތުން އަންހެން ކައުންސިލަރެއް އެލްޖީއޭ ބޯޑަށް އައްޔަން ކުރެވިދާނެ. ނުނީ އިންތިހާބުވެސް ކުރެވިދާނެ. މިއުޅޭނީ ސަރުކާރަށް ކައުންސިލްތަކުގެ ބާރު ނަގަން. އެލްޖީއޭ ބޯޑުގެ މުސާރައާއި އިނާޔަތްތައްވެސް ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ. މިއީ ވަރަށް ކަންބޮޑުވާ ކަމެއް.

11 އެޕްރީލު 2017 | 11:17

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިއާ އަހުމަދުދީދީ

މިފެންނަނީ ކައުންސިލްތަކުގެ ބާރުވެސް ސަރުކާރަށް ހޯދުމަށް ކުރަމުންދާ މަސައްކަތް. އެލްޖޯއޭގެ ބޯޑަށް ރައީސް ޔާމީން މެމްބަރުން އައްޔަން ކުރެއްވޭ ގޮތަށް އޮތުމަކީ އެލްޖީއޭގެ ބޯޑުގެ ސީދާ ބާރު ސަރުކާރަށް ހޯދުމަށްކުރާކަމެއް.

މިޖަލްސާއަށް ގާސިމް އިބްރާހީމް ހާޒިރު ނުކޮށް ކުރިއަށް ގެންދާދިޔުންމިއީ ގާނޫނާ ހިލާފަށް ކުރަމުންދާ ކަމެއް. ގާސިމް ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް. މިކަމަށް މަޖިލީހުގެ ރައީސާއި އިދާރާއިން އެއްވެސް ސަމާލުކަމެއް ނުދޭ. މިއީ ވަރަށް ކަންބޮޑުވާ ކަމެއް.

11 އެޕްރީލު 2017 | 10:31

ހުސްވަގުތު ކޮޅަށް ޖަލްސާ މެދު ކަނޑާލުން

ހުސްވަގުތު ކޮޅަް މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފި. ދެން ޖަލްސާ ފަށާނީ 11:00ގައި

11 އެޕްރީލު 2017 | 10:30

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް

މި މަޖިލީހުގައި ހަމަހަމަ ކަމެއް ނެތް. ބަހުސްކޮށްލުމަށް ވަގުތު ދިނުމުގައި ވެސް ހަމަހަމަ ކަމެއްނެތް. ގާނޫނާއި ގަވާއިދާ ހިލާފަށް ގާސިމް ހައްޔަރުކޮށްފއިވާއިރު، މަޖިލިސްވެސް ކުރިއަށް ތިޔަގެންދަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް.

11 އެޕްރީލު 2017 | 10:27

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު

އައްޔަން ކުރާ މެމްބަރުން ހިމެނޭ ބޯޑެއް މިބިލް ފެންނަނީ. އެހެންކަމުން ހުރިހާ ބާރެއް އެއްފަރާތަކަށް ލިބިގެންދާދިއުމަށް އިތުރުވާ ކަމެއް މިކަންވެސް މިފެންނަނީ. އެލްޖީއޭގެ ބޯޑުގެ ބާރު ސަރުކާރުގެ މުށުތެރެއަށް މިދަނީ. އެލްޖީއޭ ބޯޑުގައި ކައުންސިލަރުންވެސް ހިމެނެންޖެހޭ ކަމަށް ގަބޫލް ކުރަން.

11 އެޕްރީލު 2017 | 10:24

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު

މިސަރުކާރުން ގާނޫނަށް އިސްލާހެއް ހުށަހަޅާނީ ސަރުކާރަށް ފައިދާވާ ގޮތަށް، ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ނޫން. ވަރަށް ނުބައި މަގްސަދެއްގައި މިފަދަ ބިލްތައް މިހާތަކަށް ހުށަހަޅާފައި ވަނީ. އެފަދަ މިލްތަކުން ބޮޑެތި ޖަރީމާތަކެއް ސަރުކާރުން އެދަނީ ހިންގަމުން. މިބިލްގައިވެސް ތާއީދު ކުރެވޭ ބައެއްކަންކަން ހުރިނަމަވެސް، މިބިލްގެ މައިގަނޑު ބޭނުމަކީ ރައީސް ޔާމީން ބާރުތައް ޖަމާކުރުން. އެކްޖީއޭ ބޯޑު މިއޮތްގޮތަށް އެކުލަވާލައިފިއްޔާ ކުރިއަށް އޮތްތާނގައި ކައުންސިލްތަކަށް ވަރަށް ކުރައްކާވާނެ. ސަރުކާރާއި އެލްޖީއޭގެ ޖެއްސުން ކުރުންތައް ކައުންސިލަށް އަންނާނެ.

11 އެޕްރީލު 2017 | 10:19

ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން

މިބިލަށް ވަރަށް ބޮޑަށް ތާއީދު ކުރަން. އަދި އެލްޖީއޭ ބޯޑަށް ބަދަލު ގެންނަންޖެހޭ ކަމަށް ވެސް ގަބޫލް ކުރަން. މަޖިލީހުގެ ރުހުން ލިބިގެން ތިން މެމްބަރުން އައްޔަން ކުރާގޮތަށް އޮތުމުން ރައްޔިތުންގެ ބަސް ވެސް މިކަމަށް އެބަލިބޭ. އެހެންކަމުން އެލްޖީއޭގެ ބޯޑޫ އަލުން އެކުލަވާލުމުން ކައުންސިލްތައް ވަރަށް ރަނގަޅަށް ހިނގަމުންދާނެ.

11 އެޕްރީލު 2017 | 10:14

މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު

ގާސިމް މަޖިލީހަށް ހާޒިރު ކުރުމަކީ މަޖިލީހަށް ލާޒިމް ކަމެއް. މީގެކުރިން ފުލުހުން ހައްޔަރުކުރި ބައެއް މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށްދީފައިވޭ. އެކަމަކު ގާސިމް މަޖިލީހަށް ހާޒިރުކުރުމަށް ދެކޮޅު ތިހައްދަވަނީ ކީއްވެތޯ. މަޖިިލިސް ހިންގަވަމުން ތިޔަގެންދަވަނީ ގާނޫނާ ހިލާފަށް. ގާނޫނާ ހިލާފަށް ފުލުހުން ގާސިމް އިބްރާހީމް ހައްޔަރު ކުރުމާއި ގުޅގެން މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން ނިންމި ނިންމުމެއް، ބުނި ބަހެއް ނެތް.

11 އެޕްރީލު 2017 | 10:09

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަސީހު، ޖަލްސާގެ ރިޔާސަތު ނާއިބު ރައީސް މޫސާ މަނިކުއާ ހަވާލު ކުރައްވައިފި.

ނާޒިމް: މިސަރުކާރުން ވަނީ ގާސިމް އިބްރާހީމް ވަގަށް ނަގާ ހައްޔަރު ކޮށްފަ. އެމަނިކުފާނު ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލަން. އަދި މަޖިލީހުގެ ޖަލްސާތަކަށް ގާސިމް ހާޒިރު ކޮށްދެއްވުމަށް ވެސް ގޮވާލަން. މިއީ މަޖިލީހުން ގާނޫނާ ހިލާފަށް ކުރިއަށް ގެންދާ ޖަލްސާއެއް.

އެލްޖީއޭ ބޯޑުގައި މިހާރު ތިއްބެވި ކައުންސިލަރުން ބޭރުކޮށް، ރައީސް ޔާމީން ވިދާޅުވާހާ ގޮތަކަށް ކަންކަން ކުރެވޭނެ ގޮތަށް އެލްޖީއޭ ބޯޑަށް ބޮޑު ބަދަލެއް ގެންނަން މިވަނި ހުށަހަޅާފަ. މިއި ގަބޫލްކުރެވޭނެ ކަމެއް ނޫން.

11 އެޕްރީލު 2017 | 09:59

ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ

މިބިލަށް ތާއީދު ކުރަން. ލާމަރުކަޒީ ނިޒާމަށް ބަދަލުގެންނަޖެހޭ، އެލްޖީއޭ ބޯޑަށް ވެސް ބަދަލުގެންނަންޖެހޭ، ދަތުރުފަތުރުގެ ނިޒާމުގެ ވެސް އެހެނިހެން ކަންކަންމަށްވެސް ބަދަލުގެނެސް ތަރައްގީީ ކުރަންޖެހޭ.

11 އެޕްރީލު 2017 | 09:56

އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން

މިއަދުގެ ޖަލްސާގައިވެސް މިފެންނަނީ ސަރުކާރުން ހިންގަމުންދާ ޖަރީމާތަކުގެ އިތުރު ބޮޅެއް. ކައުންސިލްތަކުގެ މެމްބަރުން ނުހިމެނޭގޮތަށް އެލްޖީއޭ ބޯޑު އެކުލަވާލުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން. އެކަމަކު އަޅުގަނޑުވެސް ގަބޫލް ކުރަން އަންހެން ކަނބަލެއް އެލްޖީއޭ ބޯޑުގައި ހިމެނެންޖެހޭނެ ކަމަށް. ފެންނަމުން މިދަނީ ރައީސްގެ އަތްޕުޅަށް ހުރިހާ ބާރެއް ޖަމާކުރަމުންދާތައް. ލާމަރުކަޒީ ނިޒާމަކީ މިސަރުކާރުން ގަބޫލު ކުރާ ނިޒާމެއް ނޫން. މިއުޅެނީ ކުރީގެ ކަތީބުންގެ ސިސްޓަމް އަލުން ތައާރަފް ކުރުން.

11 އެޕްރީލު 2017 | 09:51

ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާނު

މިބިލަށް ތާއީދު ކުރަން. އެލްޖީއޭ ބޯޑަށް މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން މެމްބަރެއް އޮތް އޮތުން، މަދަނީ ޖަމްއިއްޔާތަކުގެ އިސް ދައުރެއް އަދާކުރައްވާ މެމްބަރެއް ކަމުގައިވާ ޖެހޭނެ ކަމަށް ހިމެނުން. އަދި ޑިގްރީ ފެންވަރަށްވުރެންމަތީ ތައުލީމީ ބޭފުޅެއް އެލްޖީއޭ ބޯޑުގައި އިންނަވަންޖެހޭ ކަމަށް ގަބޫލް ކުރަން.

11 އެޕްރީލު 2017 | 09:47

ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު

މިބިލަށް ތާއީދު ކުރަން. ކޮންމެހެން އެލްޖީއޭ ބޯޑުގައި ކައުންސިލަރުން ތިބޭކަން ނުޖެހޭ. އިދިކޮޅު ސިޔާސީ ފަރާތްތަކުން ވިސްނާ ގޮތަކީ ހަމައެކަނި އޮތް ގޮތްކަމަށް ވެގެންނުވާނެ.

11 އެޕްރީލު 2017 | 09:40

ކާށިދޫ ދާއިޜާގެ މެމްބަރު ފައިސަލް ނަސީމް

މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިވަގުތުވެސް ޖަލުގަ. މިއަދުގެ ޖަލްސާއަށް ހާޒިރުކޮށްފައެއް ނުވޭ. ގާސިމްއާ ދޭތެރޭ ސިދާ ގާނޫނާ މަޖިލީހުގެ ގަވާއިދާ ހިލާފަށް ތިޔަކަންކަން ކުރައްވަނީ. އެހެންކަމުން ގާނޫނާ ހިލާފަށް ކުރައްވާ ކަންކަން ހުއްޓާލުމަށް ގޮވާލަން. ކޮންމެ ވެސް ދުވަހަކުން މިކަންކަންވެސް ބެލިގެންދާނެ.

11 އެޕްރީލު 2017 | 09:38

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް

މިބިލްގައި ތައީދު ކުރާ ކަންކަން ވެސް އެބަހުރި.

ސިޔާސީ ފިކުރުގައި ގައުމު ހަލަބޮލިވެގެން ނުވާނެ. ތަރައްގީގެ ކަންކަން ކުރިއަށް ދާންޖެހޭނެ. ލާމަރުކަޒީ އުސޫލުން ރަނަގޅު ނިޒާމެއް ހިނގަންޖެހޭ. ލާމަރުކަޒީ ނިޒާމު މަސްހުނިގަނޑެއްހެން މޮޑެގެން ނުވާނެ.

11 އެޕްރީލު 2017 | 09:36

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

އެލްޖީއޭ ބޯޑުގައި ކައުންސިލް އެއްވެސް މެމްބަރެއް ނެތުމަކީ މައްސަލައެއް. ކައުންސިލްތަކުގެ ބަސް އެލްޖީއޭ ބޯޑަށް ވަރަށް މުހިއްމު. އެކަން މިއަދު މިދަނީ ނިގުޅައިގަންނަމުން. މިއީ ގަބޫލް ކުރެވޭނެ ކަމެއް ނޫން. އެލްޖީއޭ ބޯޑުގައި ކައުންސިލްތަކުގެ މަސްލަހަތޭ ކިޔާ ކައުންސިލަރުން އެލްޖީއޭ ބޯޑުން ބޭރުކުރުމަކީ ގަބޫކު ކުރެވޭ ކަމެއް ނޫން. އިއްޔެ މަޖިލީހުގައި ރައިސްގެ އިތުބާރުކަމުގެ މައްސަލާގައި ފާސްކުރިކުރުން މަސީހުގެ މަސްލަހަތު އޮތް، އެކަމަކި ރިޔާސަތުގައި އިންނެވީ މަސީހު، ހަމަ އެގޮތަށް ނައިބު ރައީސް މޫސަގެ މަސްލަހަތު ހިމެނޭ ވޯޓެއްގައި މޫސަ ވެސް އެވަނީ ވޯޓް ލާފަ. މިއީ މަޖިލީހުގައި ކަންކަން ހިނގަމުންދާ ގޮތް.

11 އެޕްރީލު 2017 | 09:31

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

މިބިލަގައި ބަލައިގަނެވޭ ބައެއް ކަންކަން އެބަހުރި، އެންމެ ފާހަކަ ކޮށްލެވޭ ކަމަކީ އަންހެން ބޭފުޅަކަށް ހާއްސަކޮށް މަގާމެއް އޮތްކަން. އެއީ ރަނގަޅު ކަމެއް. މީގެއިތުރުން ކައުންސިލް އިންތިހާބުގައިވެސް އަންހެން ކަނބަލުންނަށް އިސްކަމެއް ދިނުން މުހިއްމު. ރަށްރަށުގެ ތަރައްގީއަށްޓަކައި އަންހެން ކަނބަލުން ބާރުވެރި ކުރުވަންޖެހޭ. އަންހެން ކަނބަލުންނަށް ކުރިއަށް ދިއުމަށް ފުރުސަތުތައް ލިބެންޖެހޭ.

11 އެޕްރީލު 2017 | 09:23

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުން

ސަރުކާރުންގެ ފަރާތުން އެބިލް ޖައުފަރު ދާއޫދު މަޖިލީހަށް ހުށަހަޅުއްވައިފި.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ހުށަހަޅާފައި ވަނީ އެލްޖީއޭގެ ބޯޑާ ގުޅޭ މާއްދާތައް ކަމަށްވާ ލާމަރުކަޒީ ގާނޫނުގެ 62، 63 އަދި 64 ވަނަ މާއްދާ އަށް. ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި، އެލްޖީއޭ ބޯޑު އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށް އަދި އަދި ބޯޑުގެ ދައުރަކީ ފަސް އަހަރު.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި އެލްޖީއޭ ބޯޑުގައި ހިމެނޭ ފަސް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރަކާއި ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރެއްގެ އިތުރުން ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ).

11 އެޕްރީލު 2017 | 09:18

މަޖިލީހަށް ތައާރަފް ކުރަންޖެހޭ ބިލް

ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދު ހުށަހަޅުއްވާފައިވާ، ޤާ ނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާ ނޫނު)އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފި.

ސަރުކާރުގެ ފަރާތުން، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުالله ޙިލްމީ ހުށަހަޅުއްވާފައިވާ، ޢިމާރާތްކުރުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަފި

11 އެޕްރީލު 2017 | 09:14

މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަން

ދިވެހިރ އްޖޭގެ ޖުމްހޫރިއްޔ ގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގ ފަރާތުން ބައިވެރިވ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެމަޖިލީހުން ފާސްކުރުމަށްފަހު، އެމަޖިލީހުން ނިންމާ ގޮތުގެމަތިން ކަމަށް ބަޔާންކޮށްފައިވާތީ، "ބޭން އެމެންޑްމަންޓް ޓު ދަ ބާޒަލް ކޮންވެންޝަން" އަށް ދިވެހިރާއްޖެއިން ޢަމަލުކުރުމުގެ މައްސަލަ ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ.

އެމައްސަލަ ވަނީ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ދިރާސާ ކުރުމަށް ފޮނުވާފަ

11 އެޕްރީލު 2017 | 09:11

ޥޯޓް

ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ގެނައުމުގެ ބިލަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް 25 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފި. އެހެންކަމުން އެބިލްގެ ފުރަތަމަ ކިޔުން ކިއްވުމަށްފަހު، އެބިލަށް ބަހުސް ކުރުމުގެ މަރުހަލާ ކުރިއައް ގެންދަން މިވަނީ މަޖިލީހުން ފާސްކޮށްފަ.

11 އެޕްރީލު 2017 | 09:03

މަޖިލިސް ފެށުން

ޖަލްސާއަށް މިވަގުތު ހާޒިރުވެވަޑައިގެން ތިއްބެވީ 23 މެމްބަރުން.

މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާކަންކަން: ލާމަރުކަޒީ ގާނޫނުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، އެބިލަށް ބަހުސް ކުރުމަށް މެމްބަރުންނަށް ފެނިވަޑައިގެންވާ ގޮތަކަށް ވޯޓް ދެއްވުން.

އެބިލަށް ބަހުސް ކުރުމަށް ފެނިވަޑައިގަންނަވާތޯ ވޯޓަށް އަހައިފި.

11 އެޕްރީލު 2017 | 08:54

މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ: އެލްޖީއޭގެ ބޯޑުގެ ހުރިހާ ބާރެއް ރައީސް ޔާމީންއަށް!

މިއަދު މަޖިލީހުން ބާއްވާ ޖަލްސާއަކީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާ އެވެ.

ޖަލްސާގައި މައިގަނޑު ގޮތެއްގައި އޮތީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިލައްވާ ގޮތަށް ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ގެނައުމުގެ ބިލެވެ.

ސަރުކާރުގެ ފަރާތުން އެ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު އެވެ.

އެބިލް އެޖެންޑާ ކޮށްފައިވަނީ ވެސް އެބިލްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، ބިލަށް ބަހުސް ކުރުމަށް ވޯޓަށް އަހައި، ބަހުސްކުރުމަށް ފެންނަ ކަމަށް ފާސްވެއްޖެ ނަމަ އެ ބިލަށް ބަހުސްކުރާ ގޮތަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ހުށަހަޅާފައި ވަނީ އެލްޖީއޭގެ ބޯޑާ ގުޅޭ މާއްދާތައް ކަމަށްވާ ލާމަރުކަޒީ ގާނޫނުގެ 62، 63 އަދި 64 ވަނަ މާއްދާ އަށެވެ. ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި، އެލްޖީއޭ ބޯޑު އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި އެލްޖީއޭ ބޯޑުގައި ހިމެނޭ ފަސް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރަކާއި ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރެއްގެ އިތުރުން ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ.

އެ އިސްލާހުގައިވާ ގޮތުން ރައީސް ކަނޑައަޅުއްވާ މިނިސްޓަރާއި ސީއީއޯ އައްޔަންކުރުމާއި ވަކިކުރުމުގެ ފުރިހަމަ ބާރު ދީފައިވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަދި އެ ބޯޑުގައި ދެން ތިއްބަވާ ތިން މެމްބަރުން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. އެތިން މެމްބަރުން ވަކިކުރެވެނީ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ ފާސްވެއްޖެ ނަމަ އެވެ.

މީގެ އިތުރުންވެސް އެލްޖީއޭ ބޯޑުގެ މެމްބަރުންނަށް ދެވޭ އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބުނެފައިވާއިރު، އެ ބޯޑުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

މިހާރު އެލްޖީއޭގައި ތިއްބަވަނީ ނުވަ މެމްބަރުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރާއި، ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމަށްވާ، މާލެ ސިޓީ ކައުންސިލުން މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން މެމްބަރެކެވެ.