މިއަދު މަޖިލީހުން ބާއްވާ ޖަލްސާއަކީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާ އެވެ.
ޖަލްސާގައި މައިގަނޑު ގޮތެއްގައި އޮތީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިލައްވާ ގޮތަށް ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ގެނައުމުގެ ބިލެވެ.
ސަރުކާރުގެ ފަރާތުން އެ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު އެވެ.
އެބިލް އެޖެންޑާ ކޮށްފައިވަނީ ވެސް އެބިލްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، ބިލަށް ބަހުސް ކުރުމަށް ވޯޓަށް އަހައި، ބަހުސްކުރުމަށް ފެންނަ ކަމަށް ފާސްވެއްޖެ ނަމަ އެ ބިލަށް ބަހުސްކުރާ ގޮތަށެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ހުށަހަޅާފައި ވަނީ އެލްޖީއޭގެ ބޯޑާ ގުޅޭ މާއްދާތައް ކަމަށްވާ ލާމަރުކަޒީ ގާނޫނުގެ 62، 63 އަދި 64 ވަނަ މާއްދާ އަށެވެ. ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި، އެލްޖީއޭ ބޯޑު އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށެވެ.
ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި އެލްޖީއޭ ބޯޑުގައި ހިމެނޭ ފަސް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރަކާއި ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރެއްގެ އިތުރުން ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ.
އެ އިސްލާހުގައިވާ ގޮތުން ރައީސް ކަނޑައަޅުއްވާ މިނިސްޓަރާއި ސީއީއޯ އައްޔަންކުރުމާއި ވަކިކުރުމުގެ ފުރިހަމަ ބާރު ދީފައިވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަދި އެ ބޯޑުގައި ދެން ތިއްބަވާ ތިން މެމްބަރުން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. އެތިން މެމްބަރުން ވަކިކުރެވެނީ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ ފާސްވެއްޖެ ނަމަ އެވެ.
މީގެ އިތުރުންވެސް އެލްޖީއޭ ބޯޑުގެ މެމްބަރުންނަށް ދެވޭ އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބުނެފައިވާއިރު، އެ ބޯޑުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.
މިހާރު އެލްޖީއޭގައި ތިއްބަވަނީ ނުވަ މެމްބަރުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރާއި، ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމަށްވާ، މާލެ ސިޓީ ކައުންސިލުން މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން މެމްބަރެކެވެ.