ކ. މާލެ
|
14 މެއި 2021 | ހުކުރު 19:16
އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ އިންޒާރުވަނީ ދީފައި
އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ އިންޒާރުވަނީ ދީފައި
މެޓް އޮފީސް
އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު
20 އަހަރުގެ ތެރޭގައި އިންޑިއާގެ ހުޅަނގަށް އަރާ އެންމެ ބާރުގަދަ ތޫފާން އުފެދުމުގެ އިންޒާރުތަކެއް
 
މި ހަފުތާ ބަންދުގައި މުމްބާއިީ، ގޯއާ، ކަރްނާޓަކާ އަދި ކެރެލާއަށް ތޫފާން އަރާފާނެ
 
މިހާރު އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވެނީ މެއި 16 ވަނަ ދުވަހު
 
ތޫފާނަކަށް ބަދަލުވެއްޖެނަމަ ވެގެންދާނީ 2021 ވަނަ އަހަރު ފެންނަ ފުރަތަމަ ތޫފާނަށް

20 އަހަރުގެ ތެރޭގައި އިންޑިއާގެ ހުޅަނގަށް އަރާ އެންމެ ބާރު ތޫފާނަކަށް، ތޫފާން ޓައުކްޓޭ ވެދާނެކަމުގެ އިންޒާރު އިންޑިއާގެ މީޓްރޮލޮޖިކަލް ޑިޕާޓްމެންޓް، އައިއެމްޑީން ދީފިއެވެ.

ރާއްޖޭގެ ހުޅަނގު އުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު އިތުރަށް ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އަދި އޭގެފަހުން ތޫފާނަކަށް ވެސް ބަދަލުވެދާނެ ކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ވެސް ބުނެފައިވެއެވެ. މިކޮޅިގަނޑު ތޫފާނަކަމަށް ބަދަލުވެއްޖެނަމަ މި ތޫފާން ވެގެންދާނީ 2021 ވަނަ އަހަރު ފެންނަ ފުރަތަމަ ތޫފާނަށެވެ. އެކި ސަރަހައްދުތަކުގައި އުފެދޭ ތޫފާނުތަކަށް ނަން ދިނުމަށް އެ ސަރަހައްދަކަށް ޚާއްސަވާ ގޮތަށް ނަން ލިސްޓެއް ތަރުތީބުކޮށްފައި އޮވެއެވެ. އިންޑިއާ ކަނޑުގެ އުތުރު ސަރަހައްދުގައި އުފެދޭ ތޫފާނުތަކަށް ނަން ދެނީ އިންޑިއާގެ މިޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުންނެވެ. މިހާރު އުފެދުމުގެ ބިރު އުފެދިފައިވާ ތޫފާނަށް ކިއުމަށް ހަމަޖެހިފައިވަނީ، ތޫފާން ޓައުކްޓޭއެވެ. މިހާރު އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވެނީ މެއި 16 ވަނަ ދުވަހުކަމަށް އިންޑިއާގެ މީޓްރޮލޮޖިކަލް ޑިޕާޓްމެންޓުން ވަނީ ލަފާކޮށްފައެވެ.

ވޯލްޑް މިޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިޔު.އެމް.އޯ) އާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) އިން ޓްރޮޕިކަލް ސައިކްލޯންތަކަށް ނަން ދޭން ފެށީ 2000 ވަނަ އަހަރު އެވެ. އެއީ އެ ތޫފާންތަކާ ބެހޭ ގޮތުން މައުލޫމާތު ފަތުރައި އިންޒާރު ދީ، ހޭލުންތެރިކަން އިތުރުކުރުމަށް ފަސޭހަކަށެވެ. ތޫފާނުތަކަށް ނަން ދެނީ ނުވަ ސަރަހައްދަކަށް ބަހާލައިގެންނެވެ. އެއީ ނޯތު އެޓްލާންޓިކް، އީސްޓަން ނޯތު ޕެސިފިކް، ސެންޓްރަލް ނޯތު ޕެސިފިކް، ވެސްޓަން ނޯތު ޕެސިފިކް، ނޯތު އިންޑިއަން އޯޝަން، ސައުތު ވެސްޓް އިންޑިއަން އޯޝަން، އޮސްޓްރޭލިއަން، ސަދަން ޕެސިފިކް އަދި ސައުތު އެޓްލާންޓިކް ސަރަހައްދެވެ. އިންޑިއާގެ މިޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން އިންޑިއާ ކަނޑުގެ އުތުރު ސަރަހައްދުގެ ތޫފާނުތަކަށް ނަން ދޭން ފަށާފައި ވަނީ 2004 ވަނަ އަހަރުން ފެށިގެންނެވެ. އެންމެ ފުރަތަމަ މިގޮތުން ދިން ނަމަކީ "އޮނިލް" އެވެ.

އިންޑިއާގެ ހުޅަނގުން އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު އިތުރަށް ވަރުގަދަވަމުންދާއިރު، އިންޑިއާގެ ގިނަ ސްޓޭޓްތަކަކަށް މިހާރު ދަނީ ބޯކޮށް ވާރޭވެހި ވިއްސާރަކުރަމުންނެވެ. މިވަގުތު އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކަންނޫރު ސަރަހައްދާއި 360 ކިލޯ މީޓަރު ދުރުގައި އޮތް މި ކޮޅިގަނޑު މެއި 15 ވަނަ ދުވަހު އިންޑިއާގެ ގުޖްރާތު ސަރަހައްދަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ. ކޮޅިގަނޑުގެ ބާރު ގަދަވަމުންދާވަރަކަށް ވައިޖެހޭވަރު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން މެއި 16ގައި ތޫފާން ޓައުކްޓޭ އުފެދޭނެކަމަށް ލަފާކޮށްފައިވާއިރު، ތޫފާނުގެ ސަބަބުން ގުޖްރާތު ސަރަހައްދުގައި ގަޑިއަކު 160 ކިލޯމީޓަރު ބާރުމިނަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މި ތޫފާން މި ހަފުތާ ބަންދުގައި އިންޑިއާގެ މުމްބާއީ، ގޯއާ، ކަރްނާޓަކާ އަދި ކެރެލާއަށް އަރާފާނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ. އައިއެމްޑީއިންވަނީ، މެއި 18 ވަނަ ދުވަހު ތޫފާނުގެ އަސަރު އިންޑިއާގެ އަވައްޓެރި ޕާކިސްތާނަށް ކުރާނެކަމަށްވެސް ލަފާކޮށްފައެވެ.

މި ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިކޮޅިގަނޑު ޖެހެމުން ދާނީ ހުޅަނގު އުތުރަށް ރާއްޖެއާއި ދުރަށް ކަމަށެވެ. މި ކޮޅިގަނޑާ ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުން ދާ ކަމަށެވެ. އަދި ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ސަރަހައްދުގައި ޚާއްސަކޮށް އުތުރާއި މެދުރާއްޖޭގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރަންފެށި ވިއްސާރައާއެކު މި މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް ހުޅަނގު މޫސުން ވަނީ ފެށިފައެވެ. އެގޮތުން ވޭތުވެ ދިޔަ 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުނެވެ. އެންމެ ގިނައިން ވާރޭވެހިފައިވަނީ ލ. ކައްދޫއަށެވެ. އެގޮތުން ކައްދޫއަށް 59 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބުތައް ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
19%
3%
62%
9%
4%
3%
ކޮމެންޓް