ޕޮޒިޓިވްވި އިތުރު މީހަކު މަރުވެއްޖެ، މިއީ 24 ގަޑިއިރުގެ ތެރޭގައި ތިން ވަނަ މަރު!
6 މެއި 2021 | ބުރާސްފަތި 15:45ރާއްޖެއިން ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 77ށް އަރާފައި


އއ.ރަސްދޫ، ކޮވިޑްގެ ކޭސްތައް ފެނުމާއި ގުޅިގެން އެރަށް އޮތީ މޮނިޓަރިންގައި
އއ.ރަސްދޫގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު މީހަކު މަރުވެއްޖެއެވެ.
މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މަރުވި ތިން ވަނަ މީހާއެވެ. މި މަރާއެކު ރާއްޖެއިން ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 77ށް އަރާފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އއ. ރަސްދޫގައި ހުރި އިންޑިއާ މީހަކު ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:45 ހާއިރު މަރުވެފައިވާ ކަމަށެވެ. އެއީ އުމުރުން 61 އަހަރުގެ ފިރިހެނެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ރަސްދޫގައި ޗުއްޓީ ހޭދަކުރަމުން އައި ފަތުރުވެރި އެކެވެ. އޭނާގެ ޗުއްޓީ ހަމަވެ ނުފުރުނީ ކޮވިޑް-19ށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މަރުވީ ގެސްޓް ހައުސްގައި ކަރަންޓީންގައި ހުއްޓައެވެ.
ތިންވަނަ މަރު ރިޕޯޓުކުރެވިފައިވާއިރު، ނައިފަރު ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވީ ބުރާސްފަތި ދުވަހުގެ 12:30 ގައެވެ.
ބުރާސްފަތި ދުވަހުގެ ފަތިހު 3:18 ހާއިރު އަންހެނަކު ވެސް ވަނީ ނިޔާވެފައެވެ. އެމީހާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19ށް ފަރުވާ ހޯދަމުންދިޔަ އުމުރުން 77 އަހަރުގެ އަންހެނެކެވެ.
ރާއްޖޭގައި އަންނަނީ ކޮވިޑްގެ ހާލަތު ގޯސްވަމުންނެވެ. ރާއްޖެއިން ބުދަ ދުވަހު 700ށް ވުރެ ގިނަ މީހުން ޕޮޒިޓިވެގެން ރިޕޯޓު ކޮށްފައިވެއެވެ. އެޗްއީއޯސީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުން ޓެސްޓުކުރި 4،787 ސާމްޕަލްގެ ތެރެއިން 734 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.






