ކ. މާލެ
|
6 މެއި 2021 | ބުރާސްފަތި 17:20
އިންޑިއާގައި ކޮވިޑް-19 ބަލިމީހުންނަށް ފަރުވާދެނީ
އިންޑިއާގައި ކޮވިޑް-19 ބަލިމީހުންނަށް ފަރުވާދެނީ
ރޮއިޓަރސް
އިންޑިއާގެ ކޮވިޑް-19ގެ ހާލަތު
ކޮވިޑްގެ ބިރުވެރިކަމަށް އިންޑިޔާ ވެއްޓުނު ގޮތް
 
މަރުކަޒީ ސަރުކާރުގެ ބަހާއި އަަމަލު ދިމަލެއް ނުވޭ
 
އެތައް އަހަރެއް ކުރިންވެސް ފެއިލްވެފައިވާ ސިއްހީ ނިޒާމުގެ ހަގީގީ ކުލަ އަދި ކިރިޔާ ފެނުނީ
 
ހާލަތު ގޯސްވީ އެކަށޭނަ މިންވަރަށް ރައްކާތެރިވުމުގެ ފިޔަވަޅު ނޭޅުމުން

މިހަފުތާގެ ހޯމަ ދުވަހު އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ވަނީ އިންޑިއާގެ އެއްވެސް ސަރަހައްދެއްގައި އޮކްސިޖަން މަދުވެގެން ނޫޅޭކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި އޮފިޝަލު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ގެންދެވިއިރު، ދިއްލީ އާއި އިންޑިއާގެ އެކި ހިސާބުތަކުގެ ހޮސްޕިޓަލްތަކުން ދިޔައީ އޮކްސިޖަން ހުސްވެ އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށައެޅެމުންދާތީ އޮކްސިޖަން ފޯރުކޮށްދިނުމަށް އާދޭސްކުރަމުންނެވެ. ހޮސްޕިޓަލެއްގެ ޗީފް ޑޮކްޓަރު ވަނީ ކުޑަކުދިންނަށް ފަރުވާނުދެވި މަރުވެދާނެތީ ހުރިހާ ޑޮކްޓަރުންނާއި ނަރުހުންގެ "މޭ އޮތީ އަނގައިގައި" ކަމަށް ބުނެފައެވެ.

އެހެންނަމަވެސް އިންޑިއާގެ މައި ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަނީ އެގައުމުގައި އޮކްސިޖަން އެބަހުރިކަމަށެވެ. އޮކްސިޖަން ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށެވެ. އިންޑިއާގެ ހޯމް މިނިސްޓްރީގެ އިސް އޮފިޝަލަކު ވަނީ އޮކްސިޖަން އެބަހުރި ކަމަށާއި، ދަތިކަމާ ކުރިމަތިލާން ޖެހެނީ އެކި ސަރަހައްދުތަކަށް އޮކްސިޖަން އުފުލުމުގައި ކަމަށް ވިދާޅުވެފައެވެ. އަދި ހޮސްޕިޓަލްތަކުން "އޮކްސިޖަން ބޭނުން ކުރާއިރު، އެކަށޭނަ ގޮތުގައި ބޭނުން ކުރުމަށް" ވަނީ އެދިފައެވެ. ކަނޑައެޅިފައިވާ "އުސޫލުގެ" ދަށުން ހުރިހާ ބަލިމީހުންނަށް އޮކްސިޖަން ދެވޭނެހެން އޮކްސިޖަން ބޭނުންކުރުމަށް ވަނީ ގޮވާލާފައެވެ.

ސަރުކާރުން މިގޮތަށް ވާހަކަ ދައްކަމުންދާއިރު، އިންޑިއާގެ ޑޮކްޓަރުން ދަނީ އެމީހުން އޮކްސިޖަން ބޭނުން ކުރަނީ ކޮންމެހެން ބޭނުންވާ ބަލިމީހުންނަށްކަން ތަކުރާރުކޮށް ބުނަމުންނެވެ. އަދި ކަމުގެ މާހިރުން ދަނީ އިންޑިއާ އަށް ދިމާވެގެން މިއުޅެނީ ހަމައެކަނި އޮކްސިޖަން ނުލިބުމުން ދިމާވެގެން އުޅޭ މައްސަލައެއް ނޫންކަމަށް ބުނަމުންނެވެ. މާހިރުން ބުނާގޮތުން އިންޑިއާގެ ކޮވިޑް-19ގެ ހާލަތު މިހާހިސާބަށް ދާންޖެހުނީ އެގައުމުގެ މައި ސަރުކާރާއި، ސްޓޭޓްތަކުގެ ސަރުކާރުތަކުން ކޮވިޑަށް ރައްކާތެރިވެ ކޭސްތައް ކޮންޓްރޯލް ކުރުމަށް އެކަށޭނަ ފިޔަވަޅުތަކެއް ނޭޅުމުންނެވެ.

އިންޑިއާ - ބީބީސީ

އިންޑިއާގެ ހާލަތު ގޯސްވެދާނެ ކަމުގެ އިންޒާރު މާހިރުން ވަނީ އެތައް ފަހަރެއްގެ މަތިން ދީފައެވެ. ފާއިތުވި ނޮވެމްބަރު މަހު އިންޑިއާގެ ޕާލިމެންޓްރީ ސްޓޭންޑިން ކޮމިޓީ އޮން ހެލްތުން ވަނީ އެގައުމުގައި ހުރި އޮކްސިޖަންގެ ސަޕްލައި މަދުކަމަށާއި، ރައްޔިތުންނަށް ފަރުވާދޭނެ އެކަށޭނަ އަދަދެއްގެ ހޮސްޕިޓަލް އެނދުވެސް ނެތް ކަމަށް ބުނެފައެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހު އިންޑިއާއަށް ކޮވިޑްގެ ބޮޑު ރާޅެއް އައިސްދާނެ ކަމަށް މާހިރުން އިންޒާރުދިން އިރު، މާޗު މަހުގެ ކުރީކޮޅު ސައިންސްވެރިން ވަނީ އިންޑިއާގައި ކޮވިޑްގެ ނުރައްކާތެރި ވޭރިއަންޓެއް އުޅޭކަމުގެ އިންޒާރު ސަރުކާރަށް ދީފައެވެ.

އެކަމަކުވެސް ކުރިކަމެއް ނެތެވެ. ސަރުކާރުން ކޮވިޑް ކޮންޓްރޯލްކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައި ނުވާއިރު، ސަރުކާރަށް ތުހުމަތުކޮށް ދައްކާ ވާހަކަތަކަށް ރައްދު ދީފައެއް ވެސް ނުވެއެވެ. އެހެންކަމުން އިންޑިއާގެ ހާލަތު ގޯސްވެގެން ދިޔައީ ކިހާ ހިސާބަކުންތޯ ވަނީ ސުވާލު އުފެދިފައެވެ.

މިއަހަރު ފެށިގެން ޖެނުއަރީ އަދި ފެބްރުއަރީ މަހަށް އެޅުނު އިރު އިންޑިޔާގެ ހާލަތު ރަނގަޅެވެ. އިންޑިއާގެ ކޮވިޑްގެ ކޭސްތައް ވަނީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ރިޕޯޓްކުރަމުން ދިޔަ 90،000ށް ވުރެ މަތީގެ ކޭސްތައް އޭރު 20،000ށް ވެއްޓުނެވެ. އެއާއެކު ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އިންޑިއާއިން ކޮވިޑް-19ގެ މައްޗަށް ކުރިހޯދާފައިވާކަން އިއުލާނު ކުރައްވައިފައެވެ. އަދި އެގައުމުގައި މީހުން އެއްވެ އުޅޭ ހުރިހާ ތަނެއް އަލުން ހުޅުވާލިއެވެ. މިއާއިއެކު ރައްޔިތުންގެ މެދުގައި ކޮވިޑަށް އޮތް ބިރުވެރިކަން ގެއްލި، އާންމު ތަންތަނަށް އެންމެ އުޅޭ މީހުންގެ އަދަދު އިތުރުވެގެން ދިޔައެވެ. ކޮވިޑުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތަކުގެ މަތިން ރައްޔިތުން ހަނދާން ނެތުނެވެ.

މާސްކު އެޅުމަށް ބޮޑުވަޒީރު މޯދީ ރައްޔިތުންނަށް ހަނދާންކޮށްދެއްވި ނަމަވެސް އެމަނިކުފާނު އެކަން ކުރައްވާފައި ވަނީ ފަސް ސްޓޭޓެއްގައި ކުރިއަށް ދިޔަ ކެމްޕެއިން ޖަލްސާތަކެއްގައި މާސްކު ނާޅުއްވާ ވާހަކަ ދައްކަވަމުންނެވެ. މިފަދަ ބޮޑެތި އެއްވުންތަކުގައި މޯދީގެ ގިނަ އަދަދެއްގެ މިނިސްޓަރުންވެސް މާސްކު ނާޅުއްވާ ވާހަކަދައްކަވާ މަންޒަރުތައް ވަނީ ފެނިފައެވެ. އަދި އިންޑިއާގެ ހިންދޫ ދީނުގެ ކުމްމޭލާ ފެސްޓިވަލް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާއިރު، މިއީ އެތައް މިލިއަން ބަޔަކު ބައިވެރިވާ ފެސްޓިވަލެކެވެ. މި ފެސްޓިވަލް ވެސް ކުރިއަށް ގެންގޮސްފައި ވަނީ މާސްކު އެޅުމެއް ނެތި، ގައިދުރުކަން ހަދާން ނައްތާލައިގެންނެވެ.

އިންޑިއާ - ބީބީސީ

ސިއްހީ މާހިރުން ބުނަނީ ސަރުކާރުން ދައްކަމުންދިޔަ ވާހަކަތަކާއި އަމަލުކުރަމުން ދިޔަ ގޮތުގައި ހާސް ތަފާތު ހުރިކަމަށެވެ. ކޮވިޑްގެ ދެވަނަ ރާޅު އަންނަތަން ސަރުކާރަށް ނުފެނުނު ކަމަށާއި ރައްކާތެރިކަން ކަށަވަރުކޮށް އެކަން ފާހަގަކުރަންފެށީ މާއަވަހަށް ކަމަށެވެ. މިހާ ހިސާބުން އިންޑިއާގެ ކޮވިޑްގެ ހާލަތު ގޯސްވީ މިހެންވެގެންނޭ ކިޔާފައި ނިންމާލެވޭކަށްވެސް ނެތެވެ. އެގައުމުގެ ސަރުކާރުގެ ތަފާސްހިސާބުތަކަށް ބަލާލުމުން ސަރުކާރުން ސިއްހީ ނިޒާމަށް އަޅާނުލައި ދޫކޮށްލާފައިވާ މަންޒަރު ފެނިގެންދެއެވެ. ސިއްހީ ނިޒާމަށް އެކަށޭނަ މިންވަރަށް ޚަރަދުކޮށްފައި ނުވާކަން ފެނެއެވެ.

ހޮސްޕިޓަލްތަކުން ފަރުވާނުލިބި މަގުމަތީގައި މީހުން މަރުވަމުންދާ މަންޒަރަކީ މިހާރު އިންޑިއާގެ ސިއްހީ ނިޒާމުގެ ހަގީގީ މަންޒެރެވެ. އެމަންޒަރުތަކުން ދައްކައިދެނީ ގައުމުގެ ސިއްހީ ނިޒާމު އެއްކޮށް ފެއިލްވެފައިވާ ތަނެވެ. ބައެއް މާހިރުން ބުނާ ގޮތުން އިންޑިއާގެ ސިއްހީ ނިޒާމު މި ހާލަތުގައި އޮންނަތާ އެތައް ޒަމާނެއް ވެއްޖެއެވެ. ސިއްހީ ނިޒާމުގެ ހަގީގީ ކުލަ މުއްސަނދިންނަށާއި މެދު ފަންތީގެ މީހުންނަށް މިފެންނަނީ އަދި ކިރިޔާއެވެ. މުއްސަނދިންނަށް ޕްރައިވެޓް ހޮސްޕިޓަލްތަކުން ފަސޭހަކަމާއިއެކު ބޭސްފަރުވާ ލިބޭތީ ހަގީގީ މަންޒަރު ހޯދަން އެމީހުން މަސައްކަތް ކޮށްފައި ނުވާކަމަށް މާހިރުން ބުނެއެވެ.

އެމީހުން ބުނަނީ އިންޑިއާގެ ސިއްހީ ނިޒާމު މިގޮތުގައި އެތައް އަހަރެއްވެފައި ވުމުން ދާދިފަހުން ތައާރަފްކުރެވިގެން ދިޔަ ހެލްތު އިންޝޫރެންސް ޕެކޭޖުތަކާއި ސަބްސިޑީސް ތަކުން ފައިދާއެއް ނުކުރާނެ ކަމަށެވެ. ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިންޑިއާގެ ސިއްހީ ނިޒާމު ތަރައްގީކުރުމަށް ބޭނުންވާ ސާމާނާއި ހޮސްޕިޓަލްތަކުގެ އިތުރުން ސްޓާފުން ހޯދުމަށްވެސް ސަރުކާރުތަކުން މަސައްކަތްކޮށްފައި ނުވާކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

ފާއިތުވި ހަ އަހަރު އިންޑިއާއިން ސިއްހީ ނިޒާމަށް ޚަރަދުކޮށްފައި ވަނީ އެގައުމުގެ ޖީޑީޕީގެ ނިސްބަތުން އެންމް 3.6 އިންސައްތައެވެ. މިއީ ބްރިކްސްގެ ފަސް ގައުމުގެ ތެރެއިން އެންމެ ދަށް އަދަދެވެ. ބްރެޒިލުން އެގައުމުގެ ޖީޑީޕީގެ ނިސްބަތުން 9.2 އިންސައްތަ ސިއްހީ ނިޒާމަށް ޚަރަދުކޮށްފައިވާއިރު، ސައުތު އެފްރިކާއިން ޚަރަދުކޮށްފައި ވަނީ ޖީޑީގެ ނިސްބަތުން 8.1 އިންސައްތައެވެ. އަދި ރަޝިއާއިން 5.3 އިންސައްތަ ޚަރަދުކޮށްފައިވާއިރު، ޗައިނާއިން ޚަރަދުކޮށްފައި ވަނީ ޖީޑީޕީގެ ނިސްބަތުން އެންމެ ފަސް އިންސައްތައެވެ.

ތަރައްގީވެފައިވާ ގައުމުތަކުން އެގައުމުތަކުގެ ސިއްހީ ނިޒާމަށް ޖީޑީޕީގެ ނިސްބަތުން ޚަރަދުކުރާ މިންވަރަށް ބަލާއިރު، 2018 ވަނަ އަހަރު އެމެރިކާއިން ވަނީ ޖީޑީޕީގެ ނިސްބަތުން 16.9 އިންސައްތަ ޚަރަދުކޮށްފައެވެ. ޖަރުމަނުން 11.2 އިންސައްތަ ޚަރަދުކޮށްފައިވާއިރު، ސްރީލަންކާ އާއި ތައިލޭންޑުންވެސް ވަނީ އިންޑިއާ އަށް ވުރެ ގިނައިން ސިއްހީ ނިޒާމަށް ޚަރަދުކޮށްފައެވެ. ސްރީލަންކާ އިން އެގައުމުގެ ޖީޑީޕީގެ ނިސްބަތުން 3.76 އިންސައްތަ ޚަރަދުކޮށްފައިވާއިރު، ތައިލޭންޑުން ވަނީ ޖީޑީޕީގެ ނިސްބަތުން 3.79 އިންސައްތަ ޚަރަދުކޮށްފައެވެ.

އިންޑިއާގެ ކޮންމެ 10،000 މީހަކަށް ފަރުވާދޭން ތިބީ 10ށް ވުރެ މަދު ޑޮކްޓަރުންނެވެ. ބައެއް ސްޓޭޓްތަކުގައި މި އަދަދު ފަހަކަށްވެސް ނާރައެވެ.

ކޮވިޑް އިންޑިޔާ - ރޮއިޓަރސް

މިދިޔަ އަހަރު އިންޑިއާއަށް ކޮވިޑްގެ ފުރަތަމަ ރާޅު ކުރިމަތުލުމަށް ފަހު ދެވަނަ ރާޅަކަށް ކުރިމަތިލުމުގެ ތައްޔާރީތަކާމެދު އެކަމަށް ޚާއްސަ އެތައް ކޮމެޓީއަކުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެކަމަކު ހޮސްޕިޓަލް އެނދާއި އޮކްސިޖަން ނުލިބުމުގެ މައްސަލަތަކާ މިއަދު ކުރިމަތިލާން ޖެހުމުން މިކަންތައް ދިރާސާކުރާ މާހިރުން މިހާރު ތިބީ ހައިރާންވެފައެވެ.

މަހާރަޝްތްރާ ސްޓޭޓްގެ ކުރީގެ ހެލްތު ސެކްރެޓަރީ މަހޭޝް ޒަގާޑެ ވަނީ އިންޑިއާ އަށް ކުރިމަތިވި ކޮވިޑްގެ ފުރަތަމަ ރާޅުގެ އަސަރު ދަށްވަމުން ދިޔަ އިރު، ބަލިން ރައްކާތެރި ވެވުނީ ކަމަށް ދުށުމުގެ ބަދަލުގައި ދެވަނަ ރާޅަކަށް ތައްޔާރުވުމަށް އޮކްސިޖަންގެ ސަޕްލައި ރައްކާކޮށް ކޮވިޑަށް ފަރުވާކުރުމަށް ބޭނުންކުރާ ރެމްޑެސްވިއަރ ބޭސް އުފެއްދުން އިތުރުކުރަން ޖެހޭނެކަމަށް ވިދާޅުވެފައެވެ.

ހޮސްޕިޓަލްތަކުން ޑިމާންޑުކުރާ ވަރަށް އޮކްސިޖަން އުފައްދާކަމަށާއި ދިމާވެގެން އުޅެނީ އޮކްސިޖަން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ މައްސަލަކަމަށް އޮފިޝަލުން ބުނާއިރު، މާހިރުން ދަނީ މިމައްސަލައަކީ މާކުރިން ހައްލުކުރަން ޖެހިފައި އޮތް މައްސަލައެއް ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ. އިންޑަސްޓްރީ ތަކުގައި އޮކްސިޖަން ބޭނުންކުރުން ހުއްޓާލައި މިހާރު ސަރުކާރުން ހާއްސަ ރޭލުތަކެއްގައި އެއް ސްޓޭޓުން އަނެއް ސްޓޭޓަށް އޮކްސިޖަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާއިރު، މި މައްސަލައަށް ހައްލެއް ލިބުމުގެ ކުރިން އެތައް ބަޔަކު ވަނީ މަރުވެފައެވެ.

އޮކްސިޖަން ސަޕްލައި ދަށްވުމުގެ ސަބަބުން ކަޅު ބާޒާރުގައި ބޮޑު އަގެއް ދީފައި އޮކްސިޖަން ޓޭންކު ގަނެ އެއަށް އޮކްސިޖަން އަޅަން އެތައް ގަޑި އިރު ކިއުގައި ތިބޭ މީހުން އިންޑިއާގައި މިހާރު ގިނައެވެ. އާއިލާތަކަށް ބޭނުންވާ އޮކްސިޖަނާއި ބޭހަށް ކަޅުބާޒާރުގައި އެތައް ހާސް ރުޕީސް ދަނީ ޚަރަދުކުރަމުންނެވެ.

ބޭސް އުފައްދާ ކުންފުނިތަކުން ވަނީ މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ބޭހަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް ދަށަށް ދިޔަކަމަށާއި ސަރުކާރުން ކުރީބައިގައި ބޭހަށް އޯޑަރު ޖެހި ނަމަ ބޭސް އުފައްދައި ރައްކާކުރުމުގެ ފުރުސަތު ލިބިގެން ދިޔައީސް ކަމަށް ބުނެފައެވެ. އަދި މިހާރު ބޭހަށް އޮތް ޑިމާންޑް އިންތިހާހަށް މަތިވުމުން ކުއްލިއަކަށް އެޑިމާންޑާއި އެއްވަރަށް ބޭސް އުފައްދާ ސަޕްލައިކުރަން އުދަނގޫވާނެ ކަމަށް ކުންފުނިތަކުން ބުނެއެވެ.

އިންޑީއާގެ ކެރެލާ ސްޓޭޓުން ދުރާލާ ކޮވިޑަށް ތައްޔާރުވެފައިވާތީ އެ ސްޓޭޓަށް އޮކްސިޖަން އަދި ބޭހުގެ ދަތިކަމާ ކުރިމަތިލާކަން ނުޖެހުނެއެވެ. އެސްޓޭޓުން ވަނީ އޮކްޓޫބަރު މަހު ކޮވިޑަށް ފަރުވާދޭން ބޭނުންކުރާ އޮކްސިޖަން ރައްކާކުރަން ފަށާފައެވެ. އަދި ކުރިއަށް އޮތްތާގައި ކެރެލާގެ ޕޮޒިޓިވިޓީ ރޭޓް ކުއްލިއަކަށް އިތުރުވެގެން ގޮސްފިނަމަ އަމަލުކުރާނެ ޕްލޭނެއް އެކުލަވާލާފައިވެއެވެ. މިގޮތަށް އެހެން ސްޓޭޓްތަކުން ވެސް ތައްޔާރުވިނަމަ އިންޑިއާގެ ހާލަތު މިހާ ދަށަށް ވެއްޓިގެން ނުދިޔައީސްކަމަށް މާހިރުން ބުނެއެވެ.

މިއަދުގެ އިންޑިއާ - ބީބީސީ

މިހާރު އިންޑިއާއިން މިކަމަށް ފިޔަވަޅުތައް އަޅަން ފެށިނަމަވެސް، އެގައުމުގެ ބައެއް ސަރަހައްދުތަކުގައި ބަލި ވަނީ ކޮންޓްރޯލް ނުކުރެވޭ ވަރަށް ފެތުރިފައެވެ. ބައެއް ސަރަހައްދުތަކުގެ ހޮސްޕިޓަލްތައް ފެއިލްވެފައިވާއިރު، މިހާރު މި ބަލި ދަނީ ބައްޔާއި ކުރިމަތިލެވޭ ވަރުގެ ގާބިލްކަން ނެތް އެހެން ސަރަހައްދުތަކަށް ވެސް ފެތުރެމުންނެވެ.

ހަލާކުވެ ވީރާނާވެފައި އޮތް ސިއްހީ ނިޒާމެއް ދެތިން މަސް ދުވަހުގެ ތެރޭގައި ހަދައި ކޮޅަށް ނުޖެހޭނެއެވެ. ކޮވިޑާ ކުރިމަތިލާން އިންޑިއާ އަށް ފެނުނު އެންމެ ރަނގަޅު ގޮތަކަށްވީ ވީހާވެސް އަވަހަކަށް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހައި ބަލިޖެހިގެން ހޮސްޕިޓަލްތަކަށް ދާންޖެހޭ މީހުންގެ އަދަދު މަދުކުރުމެވެ. ނަމަވެސް އެކަމަށް ރަނގަޅަށް ތައްޔާރުވެވިފައެއް ނެތެވެ.

ސަރުކާރުގެ އަމާޒަކަށްވީ ޖުލައި މަހުގެ ނިޔަލަށް 300 މިލިއަން މީހުންނަށް ވެކްސިން ޖެހުމެވެ. ނަމަވެސް މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ އެންމެ 26 މިލިއަން މީހުންނެވެ. ފުރަތަމަ ޑޯޒް 124 މިލިއަން މީހުން ޖަހާފައިވާއިރު، ވެކްސިންގެ ސަޕްލައި މިހާރު ވަނީ މަދުވެފައެވެ. ސަރުކާރުން ވެކްސިންގެ ގިނަ އަދަދެއްގެ ޑޯޒްތަކަށް އޯޑަރު ދީފައިވީނަމަވެސް އަމާޒަށް ވާސިލްވާން ބޭނުންވާ އަދަދާއި ގާތް ވެސް ނުކުރެވެއެވެ.

އިންޑިއާގެ 45 އަހަރުން މަތީގެ 440 މިލިޔަން މީހުންނަށް ވެކްސިން ދޭން ބޭނުންނަމަ އަދި އިތުރު 615 މިލިއަން ޑޯޒް ބޭނުންވެއެވެ. އަދި 18 އަހަރާއި 44 އަހަރާއި ދެމެދުގެ މީހުންނަށް ވެކްސިން ދޭން 1.2 ބިލިއަން ޑޯޒް ބޭނުންވެއެވެ. ވެކްސިން ސަޕްލައި މަދުވުމުން އެގައުމުން މިހާރު ވަނީ ބޭރުގެ އެހެން ގައުމުތަކަށް ވެކްސިން ސަޕްލައި ކުރުން ހުއްޓާލާފައެވެ.

އިންޑިއާއަކި ދުނިޔޭގެ އެންމެ ބޮޑު ބޭސްފިހާރަ ކަމަށްވާއިރު ޚުދު އިންޑިއާއަށް ބޭހާއި ވެކްސިން ނުލިބިގެން އުޅެން ޖެހުމަކީ ދެން ވަރަށް އެހެން ކަހަލަ އަޖައިބެއް ކަމަށް މާހިރުން ދަނީ ބުނަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
20%
0%
40%
0%
40%
0%
ކޮމެންޓް
7 މެއި 2021 | ހުކުރު 08:38
ސ
އެކަމަކުވެސް ހަމަ މޯދީވަރެއްނެތިގެން މިއުޅެނީ