އޯވަރޑްރޯގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ ނިންމުމަށް އާދީއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި މި ދައުރުގެ 33 ވަނަ ޖަލްސާ އޮންނާނެ ކަމަށެވެ. ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ވެސް އޯޑީގެ މައްސަލަ އެކަންޏެވެ. މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ބުނެފައިވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމާ ގުޅޭ މައްސަލަ 9 މެންބަރުންގެ ވަގުތީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ކޮމިޓީތަކުން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި ވަނީ ހިމަނާފައި ކަމުގައެވެ.
މީގެ އިތުރުން ރިޕޯޓަށް އާދީއްތަ ދުވަހު ބަހުސް ކުރުމަށްފަހު ބަހުސްގެ މަރުހަލާ ނިމެއްޖެ ނަމަ އެ ރިޕޯޓަށް ވޯޓަށް އަހާނެއެވެ.
ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގައި ވާ މުއްދަތަށް ދީފައިވާ އިސްތިސްނާ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އެދިވަޑައިގެންނެވި ގޮތަށް މުއްދަތު އިތުރުކުރުމަށް އެކަން ދިރާސާކުރި 9 މެމްބަރުންގެ ވަގުތީ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދަރަނި ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދީފައިވާ ހުއްދަ އިތުރުކޮށްދިނުމުގެ މައްސަލަ ދިރާސާކުރުމަށް 9 މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ފާސްކޮށްފައިވަނީ ބުދަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
މިދިޔަ އަހަރު ދިން މުއްދަތު މި އޭޕްރީލް މަހުގެ 26 ވަނަ ދުވަސްކަމުގައިވާ ހޯމަ ދުވަހު ހަމަވާތީ ކޮމިޓީގެ މަސައްކަތްތައް ބުދަ ދުވަހު އެކީ އެކައްޗަކަށް ގޮސް ނިންމާލުމަށް ކޮމިޓީން ސުންގަޑި ކަނޑައެޅިއެވެ.
ބުދަ ދުވަހާއި ބުދަ ދުވަހުގެ ރޭ ކޮމިޓީން ބޭއްވި 5 ބައްދަލުވުމަށްފަހު ފިނޭންސް މިނިސްޓަރ އެދިވަޑައިގެންނެވި ގޮތަށް މުއްދަތު އިތުރުކުރުމަށް ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެގޮތަށް ފާސްކުރުމަށް ހުށަހެޅުއްވީ އަލުފުށި ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދެވެ. ހުށަހެޅުމަށް ތާއީދުކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމެވެ.
ކޮމިޓީން ވަނީ މިކަން ދިރާސާކުރުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އަދި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތާ ބައްދަލުކޮށްފައެވެ. ކޮމިޓީ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ ފާހަގަ ކުރައްވާފައިވަނީ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އޯވާޑްރާފްޓް ފެސިލިޓީގެ ދަށުން ނަގާފައިވާ 4.4 ބިލިއަން ރުފިޔާ އާމްދަނީ ލިބޭ މިންވަރަކުން ދައްކަމުން ދިޔުމަށެވެ.
ކޮމިޓީ ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު ފައިސާ އަނބުރާ ދައްކާއިރު ފައިނޭންޝަލް ކޮސްޓެއް ނުވަތަ އިންޓަރެސްޓެއް ހިމެނުމަށް ހުށަހެޅުއްވި ނަމަވެސް ކޮމިޓީ ރިޕޯޓްގައި އެކަން ކޮމިޓީން ހުށަހަޅާ ކަމެއްގެ ގޮތުގައި ހިމަނާފައިނުވެއެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުން އިސްތިސްނާ ހާލަތެއް ގެނައުމުގެ ހުއްދަ މަޖިލީހުން ދީ އެ ލިމިޓް 4.4 ބިލިއަން ރުފިޔާއަށް އިތުރުކޮށްދިނުމަށް އެދިފައެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށް ވަނީ އެދިފައެވެ. އެހުއްދަ މިމަހުގެ 26 ވަނަ ދުވަހު ހަމަވެއެވެ.
ގާނޫނުގައި ބުނާ ގޮތުން، މަޖިލީހަށް އެ އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސާދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައެވެ.
އިތުރު އެއް އަހަރު ދުވަހަށް އެހުއްދަ އިތުރުކުރުމަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ މަޖިލީހުން ދީފައިވާ އިސްތިސްނާއަށް 1 އަހަރުވާން ކައިރިވެފައިވާއިރު، އަދި މި އިގްތިސާދީ ފުން ވަޅުގަނޑުން އެއްކޮށް އަރައިގަނެވިފައި ނުވާ ކަމަށާއި އަދިވެސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިސްނާ ހާލަތުން އަރައި ގަނެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން މި ދަނޑިވަޅުގައި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބައެއް ފިސްކަލް ހަމަތަކަށް އަމަލުކުރުމަކީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު ތަންދޭ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. މި ވަގުތު މި ހަމަތަކަށް ރުޖޫއަ ވާން މަސައްކަތް ކޮށްފިނަމަ، ރާއްޖޭގެ އިގްތިސާދަށް, ދައުލަތް މެދުވެރިކޮށް ދެމުން އަންނަ ސަޕޯޓަށާއި، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށާއި ދައުލަތް ހިންގުމަށް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. ވުމާއެކު އިސްތިސްނާގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދިފައިވެއެވެ.