ކ. މާލެ
|
24 އޭޕްރިލް 2021 | ހޮނިހިރު 23:50
އަމީނުގެ ޖުމްހޫރިއްޔާއަށްފަހު ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވި އެއްގަމުގޭ އިބްރާހިމް އަލިދީދީ
އަމީނުގެ ޖުމްހޫރިއްޔާއަށްފަހު ރާއްޖޭގެ ބޮޑުވަޒީރުކަން ކުރެއްވި އެއްގަމުގޭ އިބްރާހިމް އަލިދީދީ
ސޯޝަލް މީޑިއާ
ނިޒާމުގެ ބަހުސް
ބޮޑުވަޒީރުންނާއި ސުޕަރ ވަޒީރުން ފެނެއެވެ. އެކަމަކު ބަރުލަމާނީ ނިޒާމެއް ނުފެނެއެވެ.
 
ރައްޔިތުންގެ މަޖިލީހުގެ ނަމުގައި ކުރިން އޮތީ މާލޭގެ ފިއުޑަލް ލޯޑުންގެ ކައުންސިލެއް
 
ރާއްޖޭގައި ބޮޑުވަޒީރުން ތިއްބެވީ މުޅިން ތަފާތު ނިޒާމެއްގެ ތެރެއިން ތަފާތު ބޭނުމެއްގައި
 
ބޮޑުވަޒީރޭ ކިޔުނު މީހަކު ހުރުމަކީ ކޮންމެހެން ބަރުލަމާނީ ވުމެއް ނޫން

ބައެއް މީހުން ބުނާތީ އިވެއެވެ. ދިވެހިރާއްޖޭގައި އިހަށް އޮތީ ބަރުލަމާނީ ނިޒާމެކެވެ. ރިޔާސީ ނިޒާމެއް އައިސްގެން އުޅެނީ މާފަހަކުންނެވެ. ދިވެހިންނާ އެންމެ ފަރިތަ ދިވެހި ސަގާފަތާއި އެންމެ ރައްޓެހި ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ.

އަހުރެންނަށް ގަބޫލުކުރެވެނީ އެއީ މުޅިންވެސް ހޮޅި ވާހަކައެއް ކަމުގައެވެ. ދިވެހި ތާރީޚުން ބޮޑުވަޒީރުން ފެނެއެވެ. އެކަމަކު ބަރުލަމާނީ ނިޒާމެއް ނުފެނެއެވެ. ބޮޑުވަޒީރޭ ކިޔުނު މީހަކު ހުރުމަކީ ކޮންމެހެން ބަރުލަމާނީ ވުމެއް ނޫނެވެ. ރާއްޖޭގައި ބޮޑުވަޒީރުން ތިއްބެވީ މުޅިން ތަފާތު ނިޒާމެއްގެ ތެރެއިން ތަފާތު ބޭނުމެއްގައެވެ.

އެވޭލާ ޒަމާނުގެ ވެރިކަން

މީގެ 868 އަހަރު ކުރިން ތީމުގޭ މަހާކަލަމިންޖާގެ ރަސްކަމުގައި ދިވެހިރާއްޖެ އިސްލާމްވީ ދުވަސްވަރު އެރަދުންގެ ދަރުބާރުގައިވެސް އިސްވަޒީރަކު ހުންނެވި ކަމަށް ބުނެވެއެވެ. އެއީ ވަޒީރު އަހުމަދު ޝަނިވިރާޒާއެވެ. އެކަމަކު އެއީ ވަޒީރުންގެ ތެރެއިން ރަސްގެފާނު އެންމެ އިތުބާރު ކުރައްވާ އަދި ގިނަކަންކަން މަތިކުރައްވާ އިސްވަޒީރެވެ. ވަކި މަޖިލީހަކަށް ޖަވާބުދާރީވެވަޑައިގަންނަވާ ވަކި ޝަޚުސެއް ނޫނެވެ. މިޒަމާނުގެ ހަމަތަކަށް ފެތޭ ބޮޑުވަޒީރެއް ނޫނެވެ. ރަސްގެފާނު އެންގެވީމާ އެންގެވި ކަމެއް ކުރައްވާން ހުންނެވި ސަރުދާރަކީއެވެ. 

މީގެ 715 އަހަރު ކުރިން ސުލްތާނު އުމަރުވީރު އަވަހާރަވެގެން އެރަދުންގެ ތުއްޕުޅު ދަރިކަލުން އަހުމަދު ޝިހާބުއްދީނު ތަޚުތުގައި ވެޑުވި ހިސާބުން އަނެއްކާވެސް އިސްވަޒީރުން ފެންނާން ފެށިއެވެ. ޝިހާބުއްދީނު އަޒުލުކޮށް އެރަދުންގެ ދައިތާކަމަނާ ރެހެންދި ޚަދީޖާއަށް ތަޚުތު މިލްކުކޮށްދެއްވީ ވެސް މިގޮތަށް ހުންނެވި އިސްވަޒީރެކެވެ.

ރެހެންދި ޚަދީޖާގެ ރަނިކަމުގައި އިސްވަޒީރަކަށް ހުންނަވަނީ އެކަމަނާގެ ފިރިކަލެކެވެ. އެހެން ހުންނަވާފައި ރެހެންދި ޚަދީޖާ ތަޚުތުން ބާލުއްވައިފައި އަމިއްލަފުޅަށްވެސް ރަސްކަމަށް އިސްވުން އޮވެއެވެ. މިހެންވީމާ ރެހެންދި ޚަދީޖާ ހައްދަވާގޮތަކީ ކޮންމެ ފަހަރަކުވެސް ފިރިކަލުން ގަތުލު ކުރައްވައިފައި އަލުން ތަޚުތު ހޯއްދަވަނީއެވެ. ވެރިކަމާއި ޖެހުނީމާ ފިރިޔެއް ގުޅުމެއް ކުލުނެއް ނޯންނަކަމުގެ މިސާލެކެވެ.

ދުނިޔޭގެ މަޝްހޫރު ސައްޔާހު މޮރޮކޯގެ އިބުނި ބަތޫތާ ރާއްޖެއަށް ވަޑައިގެންނެވީވެސް މިމަގުން ރެހެންދި ޚަދީޖާ ތަޚުތުގައި އިންނަވަނިކޮށެވެ. އެކަމަނާގެ ނަންފުޅުގައި ފިރިކަލަކު ސުޕަރ ވަޒީރެއްގެ ގޮތުގައި ވެރިކަން ހިންގަވަމުން ގެންދަވަނިކޮށެވެ.

އެވާހަކަ ބަތޫތާގެ ދަތުރުނާމާގައި ވަރަށް ތަފްސީލުކޮށް ލިޔުއްވައިފައި ވެއެވެ. މިއީ ބަރުލަމާނީ ނިޒާމަށް ފެތޭ ވަޒީރުކަމެއް ނޫނެވެ. މިއީ އަމިއްލަ މަސްލަހަތާއި ހާލަތާއި ވަގުތަށް ފެއްތިގެން ދެ ޝަޚުސެއްގެ މެދުގައި ބާރުތައް ހިއްސާކުރުމަށް ހަމަޖެއްސުނު ނިޒާމެކެވެ. ރައްޔިތުންނާއި ބެހުން އޮތް ނިޒާމެއް ނޫނެވެ.  

ހުރަވީންގެ ދައުރުގައި ބޮޑުވަޒީރުންގެ ފެށުން

ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުން ސުލްތާން މުހައްމަދު މުއިއްޒުއްދީނު މީލާދީން 1779 ގައި އަވަހާރަވީއިރު އެރަދުންގެ ދަރިކަލަކު ނެތެވެ. ހުންނެވީ ސިއްހީގޮތުން ބަލި ހާލުގައި ހުންނެވި ދަރިކަނބަލެކެވެ. އެހެންވީމާ ތަޚުތަށް އިސްވެވަޑައިގަތީ އެރަދުންގެ ކޮއްކޯފުޅު ސުލްތާން ހަސަން ނޫރައްދީނު އެއްވަނައެވެ.

ހަސަން ނޫރައްދީނުގެ ރަސްކަމުގައި ދައުލަތުގެ އާރާއި ބާރާއި މުއްސަނދިކަން ބޭބޭފުޅު މުއިއްޒުއްދީނުގެ އައުލާދާ ހިއްސާކުރައްވަން ޖެހިވަޑައިގެންނެވީމާ ކުރެއްވި ކަމަކީ މުއިއްޒުއްދީނުގެ ދަރިކަނބަލުން ގޮމަޔާއި ކައިވެނި ބައްލަވައިގެން ހުންނެވި އަރިއަތޮޅު ފެންފުށީ ކަކާކޮޔަށް ކިލެގެ ކަމަށް ކޮލިލައްވައި އިބްރާހިމް ރަންނަބަނޑޭރީގެ ނަމުގައި ސުޕަރ ވަޒީރަކަށް ހެއްދެވީއެވެ. އެހިސާބުން އަނެއްކާވެސް ބޮޑުވަޒީރަކު ފެންނަން ފަށައިފިއެވެ.

ހުރަވީ ޚާންދާނުގެ ދެގޮފީގެ މެދުގައި ބާރުތައް ހިއްސާކުރުމުގެ މިއިންތިޒާމު ވަރަށް އޮމާންކަމާއެކު ސުލްތާނު ހަސަން ނޫރައްދީނުގެ ދަރިކަލުން ސުލްތާނު މުހައްމަދު މުއީނުއްދީނު އެއްވަނައިގެ ރަސްކަމުގެ މެދަކާ ހަމަޔަށްވެސް ދެމިގެން އައެވެ. އެހިސާބުން އަތިރީގޭ ހުސައިން ދޮށިމޭނާކިލެގެފާނުގެ ބޭފުޅުންގެ ބާރު ގަދަވެ ކަކާގޭ ފަޅިއަށް އޮތް ބޮޑުވަޒީރުކަން އަތިރީގޭ ފަޅިޔަށް އަނބުރާލައްވައިފިއެވެ. ދެން ފެށުނީ އަތިރީގޭ ދޮން އަހުމަދު ދީދީގެ ބޮޑުވަޒީރުކަމެވެ.

އަތިރީގޭ ބޭފުޅުންނާއި ރަސްގެފާނު ހިތްޕުޅާ ހަމަނުކުރެއްވީމާ ކުރައްވާ ކަމަކީ ކަކާގޭ ފަޅިން މުހައްމަދު ރަންނަބަނޑޭރިކިލެގެއަށް އަލުން ބޮޑުވަޒީރުކަން ދެއްވަނީއެވެ. މުއީނުއްދީނުގެ ރަސްކަމުން ފެށިގެންގޮސް ސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރާ ހަމަޔަށް އެއައި ސަތޭކަ އަހަރެއްހައި ދުވަހު ބޮޑުވަޒީރުކަން އޮތީ މިދެންނެވި ބީދައިން ކަކާގެޔާއި އަތިރީގެޔާ ދެމެދު ފުރޮޅި ފުރޮޅިއެވެ.

ކަކާގޭ ފަޅިން މުހައްމަދު ރަންނަބަނޑޭރިކިލެގެއާއި އޭނާގެ ދަރިކަލުން އަލީ ރަންނަބަނޑޭރިކިލެގެއެވެ. އަތިރީގޭ ފަޅިން ދޮން އަހުމަދު ދީދީއަށްފަހު ގަލޮޅުގޭ އަލީ ދޮށިމޭނާއެވެ. އޭގެފަހުން އެ ދޮށިމޭނާގެ ދަރިކަލުން އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެއެވެ. ކޮންމެ ފަޅިއަކަށް ފުރޮޅުނަސް އެއީ ވިރާސީ ބޮޑުވަޒީރު ކަމެކެވެ. ބަރުލަމާނީއަކާ ގުޅުމެއްނެތް ޚާންދާނީ މަސްލަހަތުގެ މައްޗަށް ބައްޓަންވެފައި އޮތް ބޮޑުވަޒީރު ކަމެކެވެ.

އަތިރީގޭ ބޭފުޅުންގެ ރޭވުމުން ސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު ތިންވަނަޔަށް 1902 ވަނަ އަހަރު ތަޚުތު މިލްކުކޮށްދެއްވި ހިސާބުން ހަމައެކަނި އަތިރީގޭ ފަޅީގައި ބޮޑުވަޒީރުކަން ދެމިއޮވެއްޖެއެވެ. ފުރަތަމަ އަތިރީގޭ އަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެއެވެ. އޭގެފަހުން އެކިލެގެފާނުގެ ބޭފުޅުންގެ ތެރެއިން މުހައްމަދު ފަރީދާއި އެކިލެގެފާނަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު އަމީނެވެ.

ބޮޑުވަޒީރުން ހޮޅިވުން

އަތިރީގޭގެ މިދެންނެވި ދައުރުގައި ރަސްކަމުގެ ފަޅިޔަށްވުރެ ބާރުގަދައީ ބޮޑުވަޒީރާއި އަތިރީގޭ ފަޅިއެވެ. ރަސްގެފާނަށް ފަރީއްކުޅުއްވެނީވެސް ބޮޑުވަޒީރު ދެއްވިއްޔާ ދެއްވި އެއްޗެކެވެ. އެތައް ހާސް އަހަރަކަށް ދެމިގެން އައި ދިވެހި ރަސްކަންވެސް އަތިރީގޭ ބޭފުޅުންގެ ގޮނޑިކޮއްކޮއަކަށް ހައްދަވައިފިއެވެ.

އެންމެފަހުން އެބޭފުޅުން ބޭނުންފުޅުވީމާ ކޮންމެވެސް ބަހަނާއެއް ދައްކަވައިފައި ސުލްތާނު މުހައްމަދު ޝަމްސުއްދީނު އަޒުލުކޮށް ފުވައްމުލަކަށް އަރުވާވެސް ލައްވައިފިއެވެ. އެއަށްފަހު އެބޭފުޅުންނަށް ތަބާވެވަޑައިގަތުން ލާޒިމު ކުރައްވައިފައި ރަމްޒީ ގޮތެއްގައި ސުލްތާނު ހަސަން ނޫރައްދީނު ދެވަނަ ތަޚުތުގައި ވަޑުވައިފިއެވެ. މިކަމެއް ހިނގީ 1935 ގައެވެ.

އެންމެފަހުން އެގޮތްވެސް ކަމުނުގޮސްގެން ރަދުންނަށް މަޖުބޫރުކޮށްގެން އިސްތިއުފާ ގެނެސް ދައުލަތުގެ އެންމެ މަތީ ވަލީޔާއި އަތިރީގޭ އަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެ ހަވާލުވެވަޑައިގެންފިއެވެ. އެކަމަކު ވެރިކަން ހިންގަވާން އެކިލެގެ މާލެޔަކު ނުހުންނަވައެވެ. ހުންނަވަނީ މިސްރުގެ ގާހިރާގައެވެ. ވެރިކަން ހިންގަވަނީ އެކިލެގެ ދެވަނަ ދަރިކަލުން ހަސަން ފަރީދެވެ.

މިދެންނެވި ދައުރުގެ އެއްކަމެއް ފާހަގަކޮށްލާނަމެވެ. ހަސަން ފަރީދަކީ ދާޚިލީ ވަޒީރެވެ. މިއީ ބޮޑުވަޒީރުކަމަށް ވުރެވެސް ބާރުގަދަ މަގާމެކެވެ. ބޮޑުވަނީ މަގާމެއް ނޫނެވެ. ބޮޑުވަނީ މީހާއެވެ. މުހިއްމުވަނީ ގައުމެއް ނޫނެވެ. މުހިއްމުވަނީ އަމިއްލަ ޝަޚުސިއްޔަތާއި އަމިއްލަ މަސްލަހަތެވެ. އޭރު ނިޒާމު ބައްޓަންވެފައި އޮތީ މިމަގުންނެވެ.  

އަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނު މިދެންނެވި ގޮތަށް ގާހިރާގައި ހުންނަވަނިކޮށް ދެވަނަ ބޮޑު ހަގުރާމައިގެ ތެރޭގައި ހަސަން ފަރީދު އަވަހާރަވެއްޖެއެވެ. އެހިސާބުން ދައުލަތް ހިންގުމުގެ ޒިންމާ އެޅުނީ އަތިރީގޭ މުހައްމަދު އަމީނުގެ ކޮނޑުފުޅުގައެވެ. އޭނާއަކީ ރަންނަބަނޑޭރިކިލެގެފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.

މުހައްމަދު އަމީނު ހިތްޕުޅަށް އަރާވަޑައިގަތީމާ އެރި ގޮތަކަށް ވެރިކަން ކުރައްވަމުން ބޭނުންފުޅު މަގާމެއްގެ ނަންފުޅުގައި އަމުރު މައުރޫފު ހިންގަވަމުން ވަޑައިގަންނަވަނިކޮށް އަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނު  1952 ވަނަ އަހަރު އަވަހާރަވެއްޖެއެވެ. މުހައްމަދު އަމީނު ބޭނުންފުޅުވެވަޑައިގެން ހުންނެވި މުސްތަގިއްލު އަމިއްލަ ބާރު ލިބިވަޑައިގަތީ އެހިސާބުންނެވެ. 

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން - ސޯޝަލް މީޑިއާ

ލަސްތަކެއް ނުކުރައްވައި އަމީނު އިއުލާންކުރެއްވީ ޖުމްހޫރީ ވެރިކަމެކެވެ. ބަދަލުވެވަޑައިގެންނެވީ ގައުމުގެ ރައީސަކަށެވެ. ފަޚާމަތުއް ރައީސްގެ ނަންފުޅުގައެވެ. އެކަމަކު ގިނަ ދުވަސްތަކެއް ނުވިއެވެ. އަމީނުގެ ނާއިބުރައީސް ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ އިސްކޮށް ހުންނަވައިގެން އަމީނުގެ ވެރިކަން އިންގިލާބު ކުރައްވައިފިއެވެ. އެކަމެއް ހިނގީ 1953 ގައެވެ.

ދުވަސްވަރަކީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ދިވެހިރާއްޖެ އޮތް ދުވަސްވަރެވެ. އެހެންވީމާ އިނގިރޭސިވިލާތުގެ ވެރިކަމުގެ ނިޒާމު ނަކަލުކޮށްގެން ދިވެހިރާއްޖޭގައި ހަމައެކަހަލަ ނިޒާމެއް ގާއިމުކޮށްފިއެވެ. އާރެއް ބާރެއް ނެތް ރަމްޒީ ރަސްކަލެއްގެ ގޮތުގައި ތަޚުތުގައި ވެޑުވީ އަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނުގެ ދޮށީ ދަރިކަލުން މުހައްމަދު ފަރީދެވެ. ދައުލަތް ހިންގުމުގެ އެންމެހައި ބާރުތަކާއެކު ބޮޑުވަޒީރު ކަމަށް އައްޔަން ކުރެވުނީ އެއްގަމުގޭ އިބްރާހިމް އަލިދީދީއެވެ. މިކަމެއް ހިނގީ 1954 ގައެވެ.

ޖުމްހޫރިއްޔަތަކުން ރަސްކަމަކަށް އަލުން ބަދަލުކުރީ ނަމެއްގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ. އެކަމަކު އެއީ ވަރަށް ހަނި ދާއިރާއެއްގައި ވަރަށް މަދު ބައެއްގެ ބައިވެރިވުން ހިމެނުނު ވޯޓެކެވެ. ބޮޑުވަޒީރު އައްޔަން ކުރެވުނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ. އެއަހަރު މި މަޖިލިސް ވެސް އަލުން އިންތިޚާބުކުރީއެވެ. އެކަމަކު މިއީ ނަމެއްގައި އިންތިޚާބެކެވެ. ކަމުން އިންތިޚާބެއް ނޫނެވެ. ޑިމޮކްރަޓިކް ހަމަތަކަށް ފެތޭ ގޮތަށް ހޮވުނު މަޖިލީހެއްވެސް ނޫނެވެ. ގިނަ ރައްޔިތުންގެ ބައިވެރިވުން އޮތް އިންތިޚާބެއްވެސް ނޫނެވެ.

ނާސިރީ ދައުރުގެ ފެށުން

އިބްރާހިމް ނާސިރު - ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު

އެއްގަމުގޭ އިބްރާހިމް އަލިދީދީ ބޮޑުވަޒީރުކަން ކުރައްވަމުން ވަޑައިގަންނަވަނިކޮށް މާލޭގެ ކަމުވޮށިގެންވާ ޒުވާނުންކޮޅެއް އެއްތަންވެލައިފައި ރޭވުންތަކެއް ރާވައިގެން އެތައް ބަހަނާއެއް ކުރިމަތިކޮށް އޭނާގެ އިސްތިއުފާއަށް މަޖުބޫރުކޮށްފިއެވެ. އިސްތިއުފާ ދެއްވީމާ 1957 ގައި ދެން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ މި ރިންގުގެ ލީޑަރު ވެލާނާގޭ އިބްރާހިމް ނާސިރެވެ.

ނާސިރު ބޮޑުވަޒީރުކަން ކުރެއްވީ 1957ން 1968 އަށެވެ. އެހިސާބުން ނާސިރު ކުރެއްވި ކަމަކީ ރަސްކަމާއި ބަރުލަމާނީ ނިޒާމު އުވާލައްވައިފައި ޖުމްހޫރިއްޔަތުގެ ސިފަލިބިގެންވާ ރިޔާސީ ނިޒާމެއް ގެންނެވީއެވެ. މިކަން ކުރެއްވީ ނަމެއްގައި ފެންނަ ނުފެންނަ ވޯޓެއް ނަންގަވައިގެންނެވެ. އެވޯޓަކީ ނިސްބަތުން ވަރަށް މަދުބައެއްގެ ބައިވެރިވުން އޮތް ވަރަށް ޑިމޮކްރަޓިކް ނޫން ވޯޓެކެވެ. އެޒަމާނުގައި ދެން އެކަން ކުރެވޭނީވެސް މިޒާތަކަށެވެ. ވޯޓަށްފަހު ނާސިރުގެ މަގާމު ބަދަލުވީ ބޮޑުވަޒީރުކަމުން ރައީސުލްޖުމްހޫރިއްޔާއަކަށެވެ.

އެއްގަމުގޭ އިބްރާހިމް އަލިދީދީ އާއި ވެލާނާގޭ އިބްރާހިމް ނާސިރު 1954 ން 1968ށް ކުރެއްވި ވެރިކަމަކީ ބަރުލަމާނީ ސިފަ ލިބިގެންވީ ވެރިކަމެއް ކަމަށް ބުނެވިދާނެއެވެ. އެކަމަކު އެއީ ނަމުން ބަރުލަމާނީއެވެ. ކަމުން ޑިކްޓޭޓަރޝިޕެވެ. ހުވަދުއަތޮޅު ހަވަރުތިނަދޫ ތަޅައިލައި ފަޅުކޮށްލެވުނީވެސް އެދުވަސްވަރުގައެވެ. ނަމުން ރައްޔިތުންގެ މަޖިލީހެކެވެ. ކަމުން ފިއުޑަލް ލޯޑުންގެ ކައުންސިލެކެވެ. ނަމުން ރައްޔިތުންގެ ވެރިކަމެވެ. ކަމުން މާލޭގެ ވަކި އާއިލާތަކެއްގެ މަސްލަހަތު ރައްކާތެރިކުރުމެވެ. އެޔަށް ބަރުލަމާނީއޭ ކިޔަންޏާ ކިޔަންވީއެވެ

ރާއްޖޭގެ އެންމެ ފަހުގެ ބޮޑުވަޒީރު

އެންމެފަހުގެ ބޮޑުވަޒީރު އަހުމަދު ޒަކީ - ސޯޝަލް މީޑިއާ

އިބްރާހިމް ނާސިރު 1968 ގައި ގާއިމު ކުރެއްވި ޖުމްހޫރީ އަދި ރިޔާސީ ނިޒާމުގެ ތެރެއިންވެސް ކުޑަ ދުވަސްކޮޅެއްގައި ބަރުލަމާނީ ސިފަތައް ފެނުނެވެ. އަދި ކިޔެއްތަ ރަސްކަމުގެ ސިފަވެސް ފެނުނެވެ. ނާސިރުގެ ރައީސްކަމުގައި އެމަނިކުފާނަށް ޖަވާބުދާރީވާން ޖެހޭގޮތަށް މަޖިލީހުގެ މާބޮޑު ދައުރެއް ނޯންނަގޮތަށް އެމަނިކުފާނުގެ ދެބެއިންގެދެދަރި ބޭފުޅެއް ކަމުގައިވާ އޯކިޑްމާގޭ އަހުމަދު ޒަކީއަށް 1972 ވަނަ އަހަރު ބޮޑުވަޒީރުކަން ދެއްވިއެވެ. މަޝްހޫރު ބޮޑުބުރާސްފަތީގެ ގަޑުބަޑާ ގުޅިގެން 1975 ވަނަ އަހަރު އަހުމަދު ޒަކީ ބޮޑުވަޒީރުކަމުން ވަކި ކުރައްވައި ފުވައްމުލަކަށް އަރުވައިލެއްވިއެވެ. އާއިލާގެ ތެރެއިންވިޔަސް ބާރުތައް ހިއްސާކޮށްގެން ބައިވެރިކޮށްގެން އިތުބާރު ދަމަހައްޓައިގެން ވެރިކަން ކުރުމަކީ މި ދިވެހިރާއްޖޭގައި ނުކުރެވޭނޭ ކަމެއްކަން މިކަމުންވެސް ވަނީ ސާބިތުވެގެން ގޮސްފައެވެ.

ދެވަނަ ޖުމްހޫރިއްޔާ އިއުލާންކޮށް 11 ނޮވެމްބަރު 1968ން ފެށިގެން ނާސިރު އެކުރެއްވި ވެރިކަމެއް ކުރެެއްވީ ރައްޔިތުން އިޚުތިޔާރު ކުޅަ ރިޔާސީ ނިޒާމަށެވެ. އޭގެފަހުން 1978ން 2008ށް ރައީސް މައުމޫނު އެކުރެއްވި ދިގު ވެރިކަންވެސް ފެތެނީ ރިޔާސީ ނިޒާމަށެވެ. އަދި ކިޔެެއްތަ މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނުއަސާސީ ވަކި ނިޒާމަކަށް ފައްތަންވެގެން ރައްޔިތުންގެ މެދުގައި 2007 ވަނަ އަހަރުގެ އޮގަސްޓް މަހު ނެގުނު ފެންނަ ނުފެންނަ ވޯޓުގައި ދިވެހި ރައްޔިތުންގެ ތެރެއިން ފަސްދޮޅަސް އިންސައްތަޔަށްވުރެ ތަނަވަސް އަޣުލަބިއްޔަތަކުން އިޚުތިޔާރު ކުރި ނިޒާމަކީވެސް ރިޔާސީ ނިޒާމެވެ. ގައިމުވެސް އެއީ ޑިމޮކްރަޓިކް ވޯޓެކެވެ. ރައީސް މައުމޫނު އޮޅުވާލެއްވި ވޯޓެއް ނޫނެވެ.

މައުމޫނުގެ ވެރިކަން ނިމުނުފަހުން ރައީސް ނަޝީދާއި ރައީސް ވަހީދު އެކުރެއްވި ވެރިކަމެއް ކުރެއްވީވެސް ރިޔާސީ ނިޒާމަށް ފައްތައިގެން ލިޔެފައިވާ ގާނޫނުއަސާސީގެ ދަށުންނެވެ. ވެރިކަން ކުރެއްވީ އޭގެ މައްޗަކުން ނޫނެވެ. ރައީސް ޔާމީނު ކުރެއްވީވެސް ރިޔާސީ ވެރިކަމެކެވެ. އަދި މިހާރު ރައީސް ސާލިހު އެކުރައްވަނީވެސް ރިޔާސީ ވެރިކަމެކެވެ. މިހަގީގަތް ބަޔަކު ގަބޫލުކުރުމާއި ނުކުރުމަކީ ދެން އެހެން ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
20%
0%
0%
7%
73%
ކޮމެންޓް
25 އޭޕްރިލް 2021 | އާދީއްތަ 12:43
އަބުދުﷲ ޞާދިޤު
ވަރަށް ފައްކާ ލިއުމެއް
25 އޭޕްރިލް 2021 | އާދީއްތަ 04:06
ކޯޑިނޭޓަރ
ވަރަށް ފުރިހަމަ ލިޔުމެއް.. ރިޔާސީ ނިޒާމެއްގެ ތެރެއިން ވެސް ބޮޑު ވަޒީރު ފެނެއެވެ. މައުމޫނުގެ ވެރިކަމުގެ ވަކި ހިސާބެއްގައި އިލިޔާސް އިބްރާހީމް ބޮޑު ވަޒީރަކަަށް ހުއްޓެވެ. ޢަދި އެއަށް ފަހު ޔާމީނުގެ ވެރިކަމުގައި އަދީބު އަދާކުރީ ބޮޑު ވަޒީރުގެ ދައުރެވެ. ބޮޑު ވަޒީރަށް ކިޔާ މިޒަމާނުގެ ނަމަކީ ބްރޯ އެވެ.