ކ. މާލެ
|
15 މާރޗް 2021 | ހޯމަ 18:48
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
މަޖިލިސް
ރައްޔިތުންގެ ވޯޓަކުން މެމްބަރުން ވަކިކުރެވޭގޮތް ހެ
މަގޭ ރިޕޯޓް: ރައްޔިތުންގެ ވޯޓަކުން މެމްބަރުން ވަކިކުރެވޭނެ ގޮތެއް އޮންނަންޖެހޭތަ؟
 
ފަސް އަހަރު ދުވަހުގެ ތެރޭގައި މެމްބަރުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާނަމަ ވަކިކުރެވޭނެ ގޮތެއް އޮންނަންޖެހޭކަމަށް ބައެއް އާންމު ރައްޔިތުން ދެކޭ
 
މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ހާޒިރުނުވިއަސް އެޅޭނެ ފިޔަވަޅެއް ނޯވޭ
 
މެމްބަރުން ދާއިރާގެ ރައްޔިތުންގެ ހާލުބަލާ ނުލާ ފޯނަށް ޖަވާބުނުދޭކަމުގެ ޝަކުވާ އާންމު ރައްޔިތުން ކުރޭ

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރުމުގެ ފުރުސަތު ކޮންމެ ފަސް އަހަރަކުން އެއް އަހަރު ރައްޔިތުންނަށް ލިބެއެވެ. ކޮންމެ ފަސް ހާސް މީހަކު ތަމްސީލުކުރާނެ މެމްބަރަކު މަޖިލީހުގައި ހުރެއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާމެދު އަބަދުވެސް ރައްޔިތުންގެ މެދުގައި ޝަކުވާ އޮވެއެވެ. އިންތިޚާބު ކައިރިވުމުން ފެންނަ ވާހަކައެވެ. އިންތިޚާބު ނިމި ގޮނޑި ކާމިޔާބުވާ ހިސާބުން ލޮލަށް ނުފެންނަކަމުގެ ޝަކުވާއެވެ. ގުޅާލުމުން ފޯނަށް ޖަވާބު ނުދޭތާނގައި ކޮށްލާ މެސެޖަށް ރިޕްލައިވެސް ކޮށްނުލާ ވާހަކައެވެ. މިވަރުން އަދި ނިމެނީއެއް ނޫނެވެ. ހޮވޭ ގޮނޑި ތަމްސީލުކޮށްލަން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކަށްވެސް ހާޒިރުވެލަން ނުކެރޭ ވާހަކައެވެ.

މުސާރަ ނަގައިގެން ކުރާ ކަމެއް ހަރާމޭ ބުނެ ޝަކުވާކުރާ ރައްޔިތުން ވަރަށް ގިނައެވެ. އެކަން މަޖިލީހުގެ ހާޒިރީއަށް ބަލާލުމުންވެސް ފެންނަން އޮވެއެވެ.

ބައެއް މެމްބަރުންނަށް ޖަލްސާތަކަށް ހާޒިރު ނުވެވޭތާނގައި މިއިން ދުވަހަކު މަޖިލިސް އިމާރާތް ހުރި މަގު ފެންނަ ހިސާބަށް ދިޔަ ކަމެއްވެސް ނޭގެއެވެ. އެކަމަކުވެސް ފަސް އަހަރު ވަންދެން ހަމަ މުސާރަ ނަގައިގެން ތިބެންވީއެވެ. މަސައްކަތެއް ނުކުރާތާ ދާއިރާގެ ރައްޔިތެއްގެ މޫނު ދެކެލަންވެސް ނުދެވެއެވެ. މިއީ އަބަދުވެސް ރައްޔިތުން ކުރަމުންދާ ޝަކުވާއެވެ. މަޖިލީހަށް ހޮވުމާއެކު ފަސް އަހަރުގެ ޓަރމެއް ކޮންމެ ގޮތަކަށް ކަންކުރިޔަސް ޔަގީންވީއެވެ. ދެން އެމީހަކު އެ ގޮނޑިން ބޭލޭނެ ގޮތެއް ނޯވެއެވެ.

މެމްބަރަކަށްވުމުގެ ޝަރުތު ހިމެނޭގޮތަށް މެމްބަރުކަމުގެ މަގާމުން އެމީހަކު ވަކިވާނެ ހާލަތްތަކެއް ގާނޫނުއަސާސީގައި ބަޔާންވެގެންވެއެވެ. އެހެންކަމުން ރައްޔިތުން އިންތިޚާބު ކުރާ މެމްބަރަކަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ދިމާނުވާކަމަށްވާނަމަ އެމީހެއްގެ ގޮނޑި ގެއްލޭނެ ގޮތެއް ނޯވެއެވެ. ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ނ ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ފަދަ ހާލަތްތަކެވެ. އެހާލަތްތަކުގެ ތެރޭގައި ހިމެނެނީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާ އެއްގޮތަށް އެދަރަނި އަދާކުރަމުން ނުދިޔުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެހުކުމަކުން ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރުނުވާ މީހަކު ކަމުގައިވުމެވެ. އަދި ފަނޑިޔާރަކު ކަމުގައި ވުމެވެ. އެހެންކަމުން މިހާލަތްތައް މެދުވެރިނުވާ މީހެއްގެ ގޮނޑި އެމީހަކު އަމިއްލައަށް އެދިގެން ނޫނީ ގެއްލޭނެ ގޮތެއް އެއްވެސް ގާނޫނަކުވެސް ގާނޫނުއަސާސީއަކުވެސް ނޯވެއެވެ.

ރައްޔިތުންގެ ޝަކުވާއަކީ މިއީއެވެ. މަސައްކަތް ނުކުރާނަމަ ނުވަތަ އެމީހުން ބޭނުންވާގޮތަށް މަސައްކަތް ނުކުރާނަމަ މެމްބަރުން ގޮނޑިން ވަކިކުރެވޭނެ ގޮތެއް އޮންނަންވާނެއެވެ. ރައްޔިތުންގެ ވޯޓުން ހޮވައިގެން މެމްބަރުން ގޮނޑިއަށް އިންތިޚާބު ކުރުމުން އެގޮނޑިން މެމްބަރަކު ބޭލޭނެ ކޮންމެވެސް ބާރެއް ރައްޔިތުންނަށް ލިބެންވާނެއެވެ.

ރައްޔިތުންގެ މެދުގައި އޮތް މި ކަންބޮޑުވުމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާތަން ކޮންމެވެސް ވަރަކަށް އެބަފެނެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަގާމުން ދުރުކުރަން ރައްޔިތުންގެ މެދުގައި ރިކޯލް ވޯޓު ނެގޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ތާއީދު ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މެމްބަރުން ވަކިކުރަން ވޯޓު ދިނުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށް އަދި ރިކޯލް ވޯޓު ނެގުމާ ބެހޭ ގާނޫނެއް ގެންނަން ތާއީދު ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ މި ބިލްގައިވަނީ އެ މެމްބަރަކު ނިސްބަތްވާ ދާއިރާއެއްގައި ވޯޓުލެވޭ މީހުންގެ ތެރެއިން ތިން ބައިކުޅަ ދެ ބައި މީހުން ސޮއިކޮށް، އިލެކްޝަންސް ކޮޮމިޝަނަށް ޕެޓިޝަނެއް ހުށަހަޅައިފި ނަމަ، އެ މެމްބަރަކު ވަކިކުރަން ފެނޭތޯ ބަލަން 45 ދުވަސް ތެރޭގައި އިންތިޚާބެއް ބާއްވަން ޖެހޭނެ ކަމަށެވެ. އަދި ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު އެ މެމްބަރަކު ވަކިކުރަން ލިބިއްޖެނަމަ، އެ ހިސާބުން އެ މީހަކު މަގާމުން ވަކިވާނެ ކަމަށް އެ ބިލުގައިވެ އެވެ.

މެމްބަރުން ވަކިކުރަން ހުށަހެޅޭ ސަބަބުތަކުގެ ތެރޭގައި އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނު އަސާސީއާ ޚިލާފްވުން ނުވަތަ އަޚުލާގީ މިންގަނޑުން ބޭރު އަމަލެއް ކުރުން ނުވަތަ މަޖިލީހުގެ ހާޒިރީ ދަށްވުމާއިި ޒިންމާ އަދާ ނުކުރުން ފަދަ ސަބަބުތައް ހިމެނެ އެވެ. އަދި ވަކި ޕާޓީއެއްގެ ފައިދާއަށް އިސްކަން ދިނުމަކީވެސް މެމްބަރުން ވަކިކުރަން ރިކޯލް ވޯޓަކަށް ދެވިދާނެ ސަބަބެއް ކަމަށް އެ ބިލުގައިވެ އެވެ. 

ކޮންމެއަކަސް މިކަމަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް މިވަނީ ފަށާފައެވެ. މިކަމަށް ބައެއް މީހުން ތާއީދުކުރިއަސް އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ސިޔާސީ ގޮތުން އެހާބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައިވާ މުޖުތަމައެއްގައި ވަކި މަގްސަދެއް ހާސިލްކުރުމަށް ފަސޭހައިން ކުރެވޭނެ ކަމަކަށްވެސް ވެދާނެއެވެ. އަދި ފަސް އަހަރެއްގެ ތެރޭގައި އެތައް ފަހަރަށް އިންތިޚާބުތަކެއް ބާއްވަންޖެހި މާލީ ބުރައަކަށްވެސް މިކަން ވެދާނެއެވެ. އެހެންކަމުން ހުރިހާ ކޮޅަކަށް ވިސްނައި ގެއްލުން ނުވާނެގޮތަކަށް މިކަމަށް ހައްލެއް ގެންނަންޖެހޭކަމަށް ދެކޭ މީހުން އުޅެއެވެ.

ކޮންމެއަކަސް މަޖިލީހުގެ ގޮނޑި ކާމިޔާބުވުމަކީ އެހާހިސާބުން މެމްބަރަށްވެސް ހިތުހުރި ގޮތަކަށް އުޅުމުގެ ފުރުސަތު ލިބޭ ކަމަކަށް ނުވުމަކީ ރާއްޖެފަދަ ޑިމޮކްރަސީ ހެދިބޮޑުވަމުން އަންނަ ގައުމަކަށް ރަނގަޅުކަމަށްވެސް ވެދާނެއެވެ. މިއީ ހަމަ ވިސްނާލުން ރަނގަޅުކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
100%
0%
0%
ކޮމެންޓް