ކ. މާލެ
|
12 މާރޗް 2021 | ހުކުރު 19:44
އެސްޓްރަޒެނެކާ ވެކްސިން
އެސްޓްރަޒެނެކާ ވެކްސިން
ރޮއިޓަރސް
އެސްޓްރަޒެނެކާގެ ވެކްސިން ބޭނުންކުރުން
އެސްޓްރަޒެނެކާގެ ވެކްސިން ބޭނުންކުރުން ހުއްޓާލަންޖެހޭ އެއްވެސް ސަބަބެއް ނެތް: ޑަބްލިއުއެޗްއޯ
 
ޑަބްލިއުއެޗްއޯއިން ވަނީ މި ވެކްސިނަކީ "ބަރާބަރު" ވެކްސިނެއްކަމަށް ސިފަކޮށްފައި
 
އިޓަލީވިލާތާއި އޮސްޓްރޭލިއާއިން ވަނީ އެސްޓްރަޒެނެކާ ވެކްސިންގެ ދެ ބެޗެއް ބޭނުންނުކުރުމަށް ނިންމާފައި
 
ޑެންމާކް، ނޯވޭ އަދި އައިސްލޭންޑުންވަނީ އެސްޓްރާޒެނެކާ ވެކްސިންޖެހުން ހުއްޓާލަން ނިންމާފައި

އެސްޓްރަޒެނެކާގެ ވެކްސިން ބޭނުންކުރުން ހުއްޓާލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ޑަބްލިއެޗްއޯއިން މިހެން ބުނެފައިމިވަނީ، އެސްޓްރަޒެނެކާއާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ކޮވިޑް-19އަށް އުފައްދާފައިވާ ވެކްސިން ބޭނުންކުރުން ހުއްޓާލުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މި ޤައުމުތަކުން މިފަދަ ނިންމުމެއް ނިންމީ މި ވެކްސިންޖެހުމުގެ ސަބަބުން ލޭގަނޑުވުން ނުވަތަ ބްލަޑް ކްލޮޓް އުފެދޭލެެއް ގިނަވެ ސިއްޙަތައް ނުރައްކާވާކަމަށް ބުނެއެވެ. އެގޮތުން މިހާތަނަށްއައިރު ޑެންމާކް، ނޯވޭ އަދި އައިސްލޭންޑުން ވަނީ މި ވެކްސިން ޖެހުން ހުއްޓާލަން ނިންމާފައެވެ. މީގެ އިތުރުން އިޓަލީވިލާތާއި އޮސްޓްރޭލިއާއިން ވަނީ އެސްޓްރަޒެނެކާ ވެކްސިންގެ ދެ ބެޗެއް ބޭނުންނުކުރުމަށް ނިންމާފައެވެ. އަދި ބަލްގޭރިއާއި ތައިލޭންޑުންވަނީ މި ވެކްސިން ޖެހުން ވަގުތީގޮތުން މަޑުޖައްސާލާފައެވެ.

މި ޤައުމުތަކުން މިފަދަ ފިޔަވަޅުތަކެއް އެޅިނަމަވެސް، ދުނިޔޭގެ ސިއްޙީ އެކި ޖަމިއްޔާތަކުން ވަނީ އެސްޓްރަޒެނެކާއާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ކޮވިޑް-19އަށް އުފައްދާފައިވާ ވެކްސިންގެ ރައްކާތެރިކަމާއިމެދު އެއްވެސް ޝައްކެތް ނެތްކަން ހާމަކޮށްފައެވެ. އެގޮތުން މި ޔަޤީންކަން ވިލާތުގެ ސިއްޙީކަންކަން ބަލަހައްޓާ ޔޫރަޕިއަން މެޑިސިންސް އޭޖެންސީ، އީއެމްއޭއިންވެސް ވަނީ ދީފައެވެ. އެހެންނަމަވެސް، މި ވެކްސިނުން ކުރާ ސައިޑް އިފެކްޓްސް ކުރީގައި ލަފާކުރި ވަރަށްވުރެ އިތުރުކަމަށް މި އޭޖެންސީން ވަނީ ބުނެފައެވެ.

އެސްޓްރަޒެނެކާ ބޭނުންކުރުމުގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ސްޕޯކްސްޕަރސަން މާގްރެޑް ހެރިސްވަނީ އެސްޓްރަޒެނެކާގެ ވެކްސިންއަކީ "ބަރާބަރު" ވެކްސިނެއްކަމަށް ސިފަކުރައްވާފައެވެ. އަދި މި ވެކްސިންޖެހުން ހުއްޓާލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، މި ވެކްސިންޖެހުން ކުރިއަށްގެންދިއުމަށް ވަނީ ލަފާދެއްވާފައެވެ. މިހާތަނަށް އައިއިރު އެސްޓްރަޒެނެކާގެ ވެކްސިން ދުނިޔޭގެ އާބާދީގެ 260 މިލިއަން މީހުންނަށް ޖަހާފައިވާއިރު، މި ވެކްސިންގެ ސަބަބުން އެއްވެސް މީހަކު މަރުވެފައިވާކަން ސާބިތުވެފައިނުވާކަމަށް ޑަބްލިއުއެޗްއޯގެ ސްޕޯކްސްޕަރސަން ވިދާޅުވިއެވެ.

އެސްޓްރަޒެނެކާއާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ކޮވިޑް-19އަށް އުފައްދާފައިވާ ވެކްސިން އެމަޖެންސީކޮށް ބޭނުކުރުމުގެ ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދީފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ. އެސްޓްރަޒެނެކާއާއި އޮކްސްފޯޑްގެ ކޮވިޑް-19 ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދިން ދެވަނަ ވެކްސިނެވެ. އެޖަމިއްޔާއިން އެންމެ ފުރަތަމަ ހުއްދަ ދީފައިވަނީ ފައިޒަރ އަދި ބައޯއެންޓެކްގެ ކޮވިޑް-19 ވެކްސިނަށެވެ.

އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިންގެ އެންމެފަހުގެ ނަތީޖާތައް ދައްކާގޮތުން މިވެކްސިނަކީ 70 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ. މިވެކްސިން ޖެހުމަށް، ވެކްސިންގެ ކަންކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ލަފާދޭ މާހިރުންގެ ޕެނަލުންވަނީ ލަފާދީފައެވެ.

މި ޕެނަލުން ބުނެފައިވަނީ އެސްޓްރަޒެނެކާ ވެކްސިން، އުމުރުން 65 އަހަރުން މަތީގެ މީހުންވެސް ހިމެނޭގޮތަށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބޭނުންކުރުން ރަނގަޅުކަމަށެވެ. ވެކްސިންގެ ދެ ޑޯޒް ޖަހަންޖެހޭއިރު ޕެނަލުން ބުނީ ފުރަތަމަ ޑޯޒް ދިނުމަށްފަހު 8 ހަފްތާއާއި 12 ހަފްތާއާއި ދެމެދުގެ މުއްދަތެއްގައި ދެވަނަ ޑޯޒް ދޭންވާނެ ކަމަށެވެ.

އެސްޓްރަޒެނެކާގެ ވެކްސިނުން ދެކުނު އެފްރިކާގެ ވޭރިއަންޓަށް މަސައްކަތްކުރާ މިންވަރު ދަށްވެފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ޕެނަލުން ބުނީ އެސްޓްރަޒެނެކާ ވެކްސިން ދެކުނު އެފްރިކާ ވޭރިއަންޓަށް ބޭނުން ނުކުރަން ޖެހޭ ސަބަބެއް ނެތްކަމަށެވެ.

މީގެ އިތުރުން މިވެކްސިން ކުޑަކުދިންގެ ގަޔަށް ޖަހަން ރައްކާތެރިތޯބެލުމުގެ އިތުރުން ދިފާއީ ނިޒާމު މަސައްކަތްކުރާ މިންވަރު ބެލުމުގެ ދިރާސާތައް މިހާރު އޮކްސްފޯޑް ޔުނިވާސިޓީން ވަނީ ފަށާފައެވެ. މިދިރާސާތަކުގައި އުމުރުން 6 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިނުން އަސަރުކުރާވަރު ދެނެގަންނައިރު، މިމަސްތެރޭގައި 300 ވޮލަންޓިއަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނެކަމަށް އޮކްސްފޯޑުން ބުނެއެވެ.

އެސްޓްރަޒެނެކާ ވެކްސިން އެމެޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކާއި ޔޫކޭގެ އިތުރުން ޕާކިސްތާނު، ނޭޕާލް، ސްރީލަންކާ، ބޫޓާން އަދި ބަންގްލަދޭޝްގެ އިތުރުން އިންޑިއާއާއި ރާއްޖެ އަދި ސައުތު އެފްރިކާގައި ވަނީ ދީފައެވެ. މީގެ އިތުރުން އަލްޖީރިއާ، ބްރެޒިލް، ޗިލީ އަދި އާރޖެންޓީނާ އާއި މެކްސިކޯ، އެލް ސަލްވަޑޯ އަދި ޑޮމެނިކަން ރިޕަބްލިކާއި މިސްރު، ކުވައިތު، މޮންގޯލިއޯ، މޮރޮކޯ، ނޯރވޭ، ފިލިޕީންސް، ސީޝެލްސް، ދެކުނު ކޮރެއާ އަދި ތައިލޭންޑުންވަނީ އެސްޓްރަޒެނެކާ ވެކްސިން ބޭނުން ކުރުމުގެ އެމެޖެންސީ ހުއްދަ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
25%
0%
50%
0%
25%
ކޮމެންޓް