ވަގުތު ކުޑަތަން ވަނީއެވެ. އެއަޑެއްގެ ބާރު ގަދަވަނީއެވެ. އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރު ވެސް އިވޭ އެއްއަޑަކީ ރައްޔިތުން ބާރުވެރިކުރުވާނެ ވާހަކައެވެ. ރައްޔިތުން ކުރާނެ ޝަކުވާއެއް ނޯންނާނެ ވާހަކައެވެ. ތަރައްގީގެ ވާހަކައެވެ. ގައުމާއި ރައްޔިތުން އިސްކުރާ ވާހަކައެވެ. މިވަރުން ނިމުނީކީ ވެސް ނޫނެވެ. އޭޕްރިލް މަހުގެ 10 ވަނަދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރާނެ ކަމުގެ ބަހުސް ވެސް ވަނީ ފެށިފައެވެ. ހުރިހާ ގޮތަކުން ހިސާބު ޖެހިނަމަވެސް ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބަލި ނުކުރެވޭނެ ކަމުގެ ޔަގީންކަން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދެއްވާފައިވެއެވެ. މީގެ އިތުރުން ސަރުކާރުގެ އިދިކޮޅު ޕާޓީ ޕީޕީއެމް/ޕީއެންސީން ވެސް ބުނަމުން ދަނީ ހަމަ މިފަދައިންނެވެ.
އިންތިޚާބަށް ވަގުތު ކުޑަތަން ވަމުން އަންނައިރު، އެމްޑީޕީ ފިޔަވައި އެހެން އެއްވެސް ސިޔާސީ ޕާޓީއަކުން ކެމްޕެއިން ކުރާ ތަނެއް ނުފެނެއެވެ. ރައްޔިތުންނާ ބައްދަލެއް ވެސް ނުކުރެއެވެ. ޕީޕީއެމް/ޕީއެންސީގެ އިތުރުން އަދާލަތު އަދި ޖުމްހޫރީ ޕާޓީގެ ޚަބަރެއް ދަބަރެއް ނެތެވެ. އިންތިޚާބު ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީއަށް ނުދޭނަމޭ ބުނިކަމުގައި ވިޔަސް އެހެން ސިޔާސީ ޕާޓީތަކުން ފޮނިބައިސާ ކެނޑުން ނޫން ކަމެއް ނުކުރެއެވެ.
ނަމަވެސް އެނގޭ ހެއްޔެވެ. އިންތިޚާބުތަކަށް އެމްޑީޕީއަކީ އަބަދުވެސް ތައްޔާރަށް އޮންނަ ޕާޓީއެއްކަން މިއަދު ރައްޔިތުން ގަބޫލުކުރެއެއެވެ. އެގޮތުން 31 ޖެނުއަރީ 2021 ވީ އާދިއްތަ ދުވަހު އެމްޑީޕީން ވަނީ ކެމްޕޭން ފަށާފައެވެ. 'ރަށްވެހި ފަތިސް'' ޝިޢާރުގެ ދަށުން ކުރިއަށް ގެންދާ ކެމްޕޭންގެ ހަރަކާތްތައް އިތުރަށްފުޅާކޮށް 25 ފެބްރުއަރީ 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ ހުރިހާ އަތޮޅެއްގައި ހުރިހާ ރަށެއްގައި ކެމްޕެއިން ފަށާފައިވެއެވެ. ކޮވިޑް-19ގެ ޕެންޑަމިކްގެ މިހާލަތުގައި އަތޮޅުތެރޭގެ ރައްޔިތުންނާ ބައްދަލުކުރަމުންދަނީ ވަރޗުއަލްކޮށެވެ. އެއަތޮޅަކުން އަދި އެރަށަކުން އިންތިޚާބުގައި ވާހަދަކުރާ ކެންޑިޑޭޓުންނާ ވަރޗުއަލްކޮށް ބައްދަލުކުރައްވައި ތަރައްގީއަށް އޮތް ޕްލޭންއާއި، މިހާރު ހޯދިފައިވާ ކާމިޔާބީތަކުގެ އިތުރުން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވަމުން ގެންދަަވަނީ ވެސް ދެރައީސުން އެއްކޮށް ތިއްބަވައިގެންނެވެ. ކުރައްމުންދާ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޖަވާބު ދެއްވަމުންދާއިރު، އިތުރު ފުރިހަމަކަމެއް ގެނެސްދެމުންދަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އަދި އެކިއެކި ދާއިރާތަކުން ތަރައްގީ ގެނައުމުގެ މަސައްކަތްތައް ކުރަމުންދާއިރު، އެމަސައްކަތުގެ އަޕްޑޭޓްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ކެބިނެޓްގައި ތިއްބަވާ ވަޒީރުންނެވެ.
މިފަހަރު ޕެންޑަމިކެއްގައި ގައިދުރުކޮށްގެން ރީތި ކެމްޕޭނެއް ހިންގާގޮތް ފެންނާނެ ކަމަށާއި، ގިނަ ޗެލެންޖުތައް ކުރިމަތިވިކަމުގައި ވިޔަސް ފަހަތަށް ނުޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުން މިއަދު މިވަނީ ހަގީގަތަކަށް ވެފައެވެ. އެހެން ސިޔާސީ ޕާޓީތައް ފަދައިން ފޮނި ބައިސާ ކެނޑުމެއްނެތި އަމަލީ ސިފަ ގެނެސްދީފިއެވެ. ކެންޕެއިންގެ ހަރަކާތްތައް ފުޅާކޮށް އަތޮޅުތެރޭގެ ރަށްތަކުގެ ރައްޔިތުންނާއި ވަރޗުއަލްކޮށް ބައްދަލުކޮށް އުންމީދީ ގިނަ މެސެޖްތަކެއް މިވަނީ ދީފައެވެ. އިންތިޚާބުގައި ވާދަކުރާ 838 ކެންޑިޑޭޓުންނާ ބައްދަލުކުރާނެ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ހުރިހާ އަތޮޅެއްގައި ހުރިހާ ރަށެއްގައި ހުރި ކަންބޮޑުންތައް އޮޅުންފިލުވައި މިހާރުން މިހާރަށް ހައްލުކުރަން ޖެހޭ މައްސަލަތަކަށް ހައްލު ގެނެސްދޭނެކަމުގެ ޔަގީންކަން ރައީސުން ދެއްވަމުންދިއުމަކީ ހަމަ ޔަގީންނުން ވެސް ކުޑަ ކަމަށް ނުވާނެއެވެ.
މިހާތަނަށް އައިރު ސަރުކާރުގެ އަގު ވައްޓާލުމުގެ ގޮތުން އިދިކޮޅުގެ ދިއުޅިއެއްނުވާ އެތައް ވާހަކަތަކެއް ސަރުކާރާ ބެހޭ ގޮތުން ވަނީ ދައްކާފައެވެ. ކޮވިޑް-19ގެ ނާޒުކު ހާލަތުގައި ވެސް އަމިއްލަ މަސްލަހަތު އިސްކޮށް ގައުމު އަނދަވަޅަށް ވައްޓާލަން ކުރާ މަސައްކަތްތައް ދަނީ ފަނުފުލުންނެވެ. އެއްވެސް ރަށެއް ބާކީނުކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގައިދޭނެކަން ރައްޔިތުން ގަބޫލުކުރެއެވެ. ކޮވިޑާ ގުޅިގެން ދަތިތައް ކުރިމަތިވި ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ދިޔައެވެ. ނަތީޖާއެއް ގޮތުން މިއަދު ގިނަ ރައްޔިތުން ސަރުކާރަށް އިތުބާރު ކުރެއެވެ. ދިއުޅިއެއްނުވާ ވާހަކަތަކަށް ނަށަމުންދަނީ މަދުބައެކެވެ.
އިންތިޚާބު ބޯމަތިވަމުން އަންނައިރު ސަރުކާރު ޒިންމާދާރު ކުރުވަން އޮތް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އަމަލުތައް ހުރި ގޮތުން ގިނަ ރައްޔިތުން ހުށަހެޅިގެންދަނީ ނުރައްކަލުގެ ތެރެއަށެވެ. ޕީޕީއެމް/ޕީއެންސީގެ އިންތިޚާބު ކޮމެޓީގެ މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވާ ގޮތުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ، ކެމްޕޭން އަލުން ފަށާނީ "މަގޭ ރާއްޖެ، މަގޭ ވޯޓު ރުކަށް،"ގެ ނަމުގައެވެ. ނަމަވެސް މިހުރިހާ ދުވަހު އިދިކޮޅު ގާނޫނާއި ގަވާއިދާ ހިލާފަށް ނުކުތީ މަގު މައްޗަށެވެ. ކޮވިޑް-19ގެ ހާލަތު ގޯސްވެ އިތުރު ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބެލުމެއްނެތި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންއާ ހިލާފުވީއެވެ. ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު މަގުތަކަށް ނުކުމެ ދައްކަމުންދަނީ ދިއުޅިއެއްނުވާ ވާހަކަތަކެކެވެ. ކެންޕެއިން ކުރުމުގެ ބަދަލުގައި މަގުމައްޗަށް ނުކުމެ ކުރީ މުޒާހަރާއެވެ. ރައްޔިތުންނަށް ކުރީ ދުއްތުރާއެވެ. އެހެންކަމުން މިފަދަ ގޮތަކަށް އަމަލުތައް ހުރި ބަޔަކަށް ލާމަރުކަޒީ އުސޫލުން މުޅި ރާއްޖެ ހިންގުމުގެ ބާރު ދިނުމާމެދު ރައްޔިތުން ވިސްނާލަން އެބަ ޖެހޭނުންތޯއެވެ.