ވެށިފަހި ޕްރޮގްރާމްގެ ދަށުން ގޯތި ލިބެންޖެހޭ އަދި ނުލިބިވާ 21 މީހުންނަށް ގޯތި ދިނުމަށް ހުކުރު ދުވަހު ލަފާ އަރުވާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވެށިފަހި ޕްރޮގްރާމްގައި މިހާރު ނުނިމި ހުރި ކަންކަން ނިންމަވަން ގަސްތު ކުރައްވާފައި އޮތީ ކިހިނެއްތޯ އަދި މިކަން ކުރަން ގަސްތު ކުރައްވާ ގޮތަކީ ކޮބައިތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރާ ހަވާލުވެ ކުރިން ގޯތި ހަވާލު ނުކުރެވޭ ފަރާތްތަކުން އެބައެއްގެ ހުރި ލިޔުންތަކާއިއެކު މިނިސްޓްރީއަށް އެންގުމަށް އިއުލާނެއް ކުރެވުނު ކަމަށާއި ޖުމްލަ 25 ފަރާތަކުން މިނިސްޓްރީއަށް ލިޔެކިޔުން ހުށައެޅިކަމަށެވެ. ނަމަވެސް 4 ފަރާތަކަށް ގޯތި ހަވާލު ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިނިސްޓްރީއަށް އަންގާފައިވާ ކަމަށާއި އެއްވެސް މައްސަލައެއް ނެތް 21 ފަރާތް ވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ވެށިފަހި ޕްރޮގްރާމުގައި އެންމެ ފުރަތަމަ ކަނޑައެޅުނީ 250 ގޯތި ހުޅުމާލެއިން ދިނުމަށް ކަމަށާއި އެހާތަނަށް 248 ގޯތި ދެވިފައިވާ ކަމަށެވެ. މިއާއިއެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިތުރު 14 ގޯތި ދިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިނިސްޓްރީން 21 ފަރާތަށް ގޯތި ހަމަ ކުރުމަށްޓަކައި ހުޅުމާލެއިން ގޯތި އިތުރަށް ހޯދުމަށް ނިންމީ ކަމަށް ވިދާޅުވިއެވެ. އަދި އެޗްޑީސީން މިހާރު ބިން ހޯދުމަށްފަހު މިނިސްޓްރީއަށް އަންގާފައިވާ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކަށް ގޮތެއް ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދަކަށްވާއިރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ފައްޓަވަމުން ރައީސް ސޯލިހު ދެއްވި ރިޔާސީ ބަޔާނުގައި ވެސް ވަނީ ވެށިފަހި ޕްރަގްރާމްގެ ދަށުން މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ލިބިފައިނުވާ މީހުންނަށް ވަރަށް އަވަހަށް ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.