ބީއެމްއެލްގެ އެހީ ރ. ކިނޮޅަހުގެ ކުނި މެނޭޖްކުރުމަށް!
19 ފެބުރުއަރީ 2021 | ހުކުރު 04:45މިއީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގުނު ޕްރޮޖެކްޓެއް

މި ޕްރޮޖެކްޓްގެ ސަބަބުން ރ. ކިނޮޅޮހަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލު ލިބިފައިވޭ
ރ. ކިނޮޅަހުގައި ކުނި މެނޭޖްކުރުމުގެ ސިސްޓަމްގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކިކުރުމާއި އާންމު ތަންތަނުގައި އުފެދޭ ކުނި ފަސޭހަކަމާއެކު މެނޭޖްކުރުމަށް އެހީތެރިވުމުގެ ގޮތުން ހިންގުނު ޕްރޮޖެކްޓް ނިންމާލައިފިއެވެ.
މިއީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގުނު ޕްރޮޖެކްޓެކެވެ.
ބީއެމްއެލުން ބުނީ މި ޕްރޮޖެކްޓު އެ ރަށުގައި ހިންގުމަށް އެރަށު ވާފިރު އަޙްމަދު ޕްރޮޕޯސަލް ހުށަހެޅިއިރު ކިނޮޅަހުގެ ކައުންސިލުން އައީ ރަށުގެ އެންމެހައި ގޭބިސީތަކުން ކުނި ނަގައި ދުވަހުން ދުވަހަށް ކުނި މެނޭޖްކުރަމުން ކަމަށެވެ. ނަމަވެސް ރަށުގެ އާންމު ތަންތަނުގައި މި މަސައްކަތް ކުރުމަށް އޮތީ ގޮންޖެހުތަންތަކާ ކުރިމަތިވެފައެވެ. އެގޮތުން ކުނި ވަކިކޮށް އަދި ކުނި އެޅުމަށް ޚާއްސަ ގޮތްތަކެއް ނެތުމުގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ.
މި ޕްރޮޖެކްޓްގެ ދަށުން ރަށުގެ 5 ސަރަހައްދެއްގައި މިވަނީ އެކި ބާވަތުގެ ކުނި އެޅުމަށް ހާއްސަ ޑަސްބިންތަކެއް ބެހެއްޓިފައެވެ. މިއާއެކު މުޅި ރަށުގެ ކުނި ނައްތާލުމުގެ ޕްރޮޖެކްޓަށް މިވަނީ އިތުރު ފުރިހަމަކަމެއް ލިބިގެންގޮސްފައި ކަމަށް ބީއެމްއެލުން ބުނެއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
ބޭންކުން މިހާރު ވަނީ ކޮމިއުނިޓީ ފަންޑު ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މާރިޗު މަހުގެ 6 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ.







