Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މިޔަންމާގެ ބަޣާވާތް

މިޔަންމާގެ ސިފައިން ބަޣާވާތްކުރުމުގެ ސިއްރަކީ ކޮބާ؟

ބާރުތައް ޙިއްސާކުރުމަކީ ސިފައިން ފަރިތަކަމެއް ނޫން

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2021 | ހޯމަ 06:14
މިޔަންމާގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އައުންގް ލައިންގް

މިޔަންމާގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އައުންގް ލައިންގް

މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ މަދަނީ ސަރުކާރު ވައްޓާލައި ވެރިކަމުގެ ބާރުތައް މިއަދު ފިރުކައިގެންފިއެވެ. ގައުމުގެ ވެރިޔާ އައުސަންސޫކީ އާއި ރައްޔިތުން އިންތިޚާބުކޮށްފައިވާ އެނޫން ވެސް މަދަނީ ވެރިން ހައްޔަރުކޮށް ހުރަގެޔަށް ލައިފިއެވެ. އެއަށްފަހު ބުންޏެވެ. ވެރިކަން ބަދަލުކޮށްފީމެވެ. މިހާރު މިއޮތީ ސިފައިންގެ ވެރިކަމެވެ. އެއްއަހަރު ދުވަހަށް ގައުމުގައި ކުއްލި އަމުރުގެ ޤާނޫނު ހިންގައިފީމެވެ.

މިޔަންމާ ނުވަތަ ބަރުމާގެ އައުވެރިޔަކީ ސިފައިންގެ ކޮމާންޑަރ އިންޗީފް އައުންގް ލައިންގް އެވެ. އޭނާގެ އަމުރަށް ވެރިރަށާއި އެނޫންވެސް ބޮޑެތި ސަހަރުތަކުގެ މަގުތަކަށް ހަތިޔާރާއެކު ސިފައިން ނުކުމެ މަދަނީ ސަރުކާރުގެ ހުރިހާބާރެއް ވަނީ މުލުން ލުހެލައިފައެވެ. ސަރުކާރުގެ ރޭޑިއޯއާއި ޓީވީއާއި މީޑިއާގެ އެނޫން ވެސް ވަސީލަތްތައް ވަނީ ބަންދުކޮށްފައެވެ. ސަރުކާރަށް ވާގިވެރިވާނޭ ކަމަށް ބެލެވޭ އެންމެން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މިޔަންމާގެ އަސްކަރިއްޔާއަށް ކުއްލިއަކަށް ކުރިމަތިމިވީ ކޮންޒާތެއްގެ ގިލަންވެރިކަމެއް ބާވައެވެ. މިއީ ކުއްލިއަކަށް ކުރިމަތިވި ގިލަންވެރިކަމެއް ނޫނެވެ. މިއީ އުފެދި ފުޅާވަމުން ވަރުގަދަވަމުން އައި އޮއިވަރެއްގެ ނިމުމެވެ. މިޔަންމާގެ އަސްކަރިއްޔާއަށް މަދަނީ ސަރުކާރަކާއެކު ބާރުތައް ޙިއްސާކުރަން ނުރުހެވެނީއެވެ. މަދަނީ ވެރީންނަށް ސެލިއުޓްކޮށްގެން އެމީހުން ދައްކާ މަގުން ކުރިއަށްދާން ނުރުހެވެނީއެވެ. ވެރިކަން ކުރަންޖެހޭނީ ސިފައިންނެވެ. އެންމެމަތީ ބާރު އޮންނަންޖެހޭނީ ސިފައިންނަށެވެ. ސިފައިންގެ މައިގަޑު ވިސްނުމަކީ އެއީއެވެ. މިއަދު މިޔަންމާގެ ސިފައިން އެހިންގި ބަޣާވާތުގެ ސިއްރަކީ މިދެންނެވި ބީދައިން ވެރިކަމުގެ ދަހިވެތިކަމެވެ.

މިޔަންމާގެ ފަހުގެ ތާރީޚަށް ބަލާއިރު ރައްޔިތުން އިންތިޚާބުކުރާ ބަޔަކާ ވެރިކަން ޙަވާލުކޮށްގެން ދުރުގައި ބަލަން ތިބުމުގެ ސިފަ ސިފައިންގެ ތެރެޔަކުން ނުފެނެއެވެ. އިންތިޚާބެއް ބޭއްވިއަސް ރައްޔިތުން ހޮވާބަޔަކާ ވެރިކަން ޙަވާލުކުރަން ސިފައިން އެއްބަހެއް ނުވެއެވެ. ދެން ޖެހެނީ ބައިނަލްއަޤުވާމީ ސަފުތަކުން ބާކީވެގެން އެކަހެރިވެގެން ތިބުމަށެވެ. މިޔަންމާގެ ފަހުގެ ތާރީޚުން ފެންނަނީ މުޅިންވެސް މިކަހަލަ ހާލަތެވެ. ދަތިކުރުމުގެ ފިޔަވަޅުތަކެއްގެ ދަށުގައި އެތަކެއް އަހަރު ހޭދަކޮށްފައި 2011 ވަނަ އަހަރުން ފެށިގެން ޑިމޮކްރަސީއާ ދިމާލަށް ޖެހި މިސްރާބު ވެސް މިއަދު މިވަނީ އަނެއްކޮޅަށް އަނބުރާލައިފައެވެ. މިއަދު އެ ހިންގި ބަޣާވާތުގެ ސަބަބުން މިޔަންމާގެ ކުރިމަގަށް ފޯރާނެ ގެއްލުންތައް ގިނަގުނައެވެ.

މިޔަންމާއަކީ ދެކުނު އިރުމަތީ އޭޝިޔާ ސަރަޙައްދުގައިވާ ވަރަށް ބިޔަ ބައިބޯ ގައުމެކެވެ. އެގައުމަށް އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ލިބުނީ 1948 ގައެވެ. އެމިނިވަންކަމަށް ސާދައަހަރުވީތަނާ މިޔަންމާއަށް މިއަދު ކުރިމަތިވެފައިއެވާ ބަލިމަޑުކަން ފޮށިގެންފިއެވެ. ބަޣާވާތްކުރުމާއި ވެރިކަމުގެ މައްޗަށް ސިފައިން އިސްވުމުގެ އޮއިވަރު ގަދަވެގެންފިއެވެ. އެންމެ ފުރަތަމަ ސިފައިންގެ އިންގިލާބެއް ފެނުނީ 1962 ވަނަ އަހަރުއެވެ. އޭގެ ފަހުން މިޔަންމާއަށް އަދި ހިންދެމިލެވޭވަރެއް ނުވެއެވެ. މިޔަންމާގެ ރައްޔިތުން ބޭނުންވާގޮތަށް ގައުމާއިގެން ކުރިޔަށްދާން ސިފައިން ފުރުޞަތެއް ނުދެއެވެ.

ޖެނެރަލް ނެވިންއޭ ކިޔުނު އޮފިސަރަކު 1962 ވަނަ އަހަރު މިޔަންމާއަށް އިންގިލާބެއް ގެނެސް ސިފައިންގެ ޚުދުމުޚުތާރު ވެރިކަމެއް ގާއިމުކުރިފަހުން މިޔަންމާގައި ހުރަހަކީ ވެސް ދިގަކީ ވެސް ސިފައިންނެވެ. ކަންކުރަންވާ ގޮތާއި ކުރަން ނުޖެހޭގޮތް ވެސް އެނގެނީ ސިފައިންނަށެވެ. ގައުމުގެ ގާނޫނުއަސާސީ އޮންނަންޖެހޭ ގޮތާއި ވެރިކަމުގެ ބާރުތައް ބެހިފައި އޮންނަންޖެހޭގޮތް ވެސް އެނގެނީ ސިފައިންނަށެވެ. މިމަގުން މިކަން ހިގަމުންއައިސް ދުނިޔޭގެ ފިއްތުންތަކާ ހެދި ދޭތެރެޔަކުން އިންތިޚާބު ވެސް ބާއްވައެވެ. މިގޮތުން ބޭއްވި އެއް އިންތިޚާބަކީ 1990 ވަނަ އަހަރުގެ އިންތިޚާބެވެ. އެކަމަކު ރައްޔިތުން ހޮވި މަންދޫބުންނާ ވެރިކަން ޙަވާލުކުރުމުގެ ބަދަލުގައި ސިފައިން ކުރިކަމަކީ އެ އެންމެން ހައްޔަރުކުރީއެވެ. އެ ހައްޔަރުކުރިގޮތަށް އައުސަންސޫކީ ވެސް ހުންނެވީ ދެހާސްފަނަރަޔާ ހަމަޔަށް ގޭބަންދު ކުރެވިފައެވެ.

ދުނިޔޭގެ ފިއްތުންތައް ބޮޑުވެގެން ސިފައިން ދިން ދުލެއްގެ ތެރެއިން 2015 ވަނަ އަހަރު އަނެއްކާވެސް އިންތިޚާބެއް ބާއްވައިފިއެވެ. އައު ގާނޫނުއަސާސީއެއް ފަރުމާކޮށް ސިޔާސީ ލީޑަރުން މިނިވަންކޮށް ވެރިކަމުގެ ބާރުތައް ޙިއްސާކުރަން ސިފައިން ރުހިއްޖެއެވެ. އެހެންނަމަވެސް ތިބެނީ ވަރަށް ތުންފިއްތައިގެންނެވެ. ޤާނޫނުއަސާސީ ފަރުމާކުރެވިފައިވަނީ ވެރިކަމުގެ ތެރެއިން ސިފައިންނަށް ނުހަނު ގިނަގުނަ ބާރުތައް ލިބިދޭގޮތަށެވެ. ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ ގޮނޑި ވެސް ސިފައިންނަށް ކޮންޓްރޯލް ކުރެވޭ ގޮތަށެވެ. އެކަމަކު އެންމެ ފަހު ބަސް ބުނާ ބަޔަކީ ރައްޔިތުން ކަމަށްވެފައި އިންތިޚާބުގައި ރައްޔިތުން އިއްވާ ބަހަކީ ސިފައިންގެ ޖެނެރަލުންނަށް ހަޖަމުކުރަން ފަސޭހަ ބަހަކަށް ނުވެއެވެ.

ހަޖަމުކުރަން ފަސޭހަނުވިޔަސް އެއްދައުރު ނިމެންދެން ސިފައިން މަޑުން ތިބެއްޖެއެވެ. އެއީ ދެހާސް ފަނަރައިން ދެހާސްވިހީގެ ނިޔަލަށެވެ. ހުސްވިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުނު އިންތިޚާބުގައި ކުރިހޯދީ އައުސަންސޫކީގެ އެންއެލްޑީ ކޯލިޝަނުންނެވެ. ސިފައިން ހީކުރިވަރުގެ ބޮޑެތި ބާރުތަކެއް އިންތިޚާބުގެ ތެރެއިން ސިފައިންނަކަށް ނުނެރެވުނެވެ. މިކަން ވެގެންދިޔައީ ވަރަށް ބޮޑު މައްސަލައަކަށެވެ. އިންތިޚާބު އިންސާފުވެރިނޫންކަމުގެ ޝަކުވާ ސފައިން ކުރިއެވެ. ޒާތްޒާތުގެ އިންޒާރުވެސް ދޭން ފެށިއެވެ. އެންމެފަހުން އިންޒާރުތަކާ އެއްގޮތަށް މިއަދު ވެރިކަން ވެސް ބަދަލުކުރީއެވެ. ވޯޓުގެ މައްޗަށް ބަޑި އިސްކުރީއެވެ. ރައްޔިތުންގެ ބާރުގެ މައްޗަށް ހަތިޔާރުގެ ބާރު އިސްކުރީއެވެ.

ރައްޔިތުން އިންތިޚާބުކުރި ވެރިކަމެއް ސިފައިން ވައްޓައިލުމަކީ ދުނިޔެ ތަރުހީބުދޭނޭ ކަމެއް ނޫނެވެ. ބަޣާވާތް ކުރުމަކީ ދުނިޔެއިން ބަލައިގަންނާނޭ ކަމެއްވެސް ނޫނެވެ. އެހެންވީމާ މިޔަންމާގެ ސިފައިންގެ ބަޣާވާތަށް ދުނިޔެއިން ފެހި ސިގުނަލެއް ނުދޭނެއެވެ. އެމެރިކާއާއި ޔޫރަޕް އަދި އޮސްޓްރޭލިޔާއާއި ކެނެޑާފަދަ ތަންތަނުން މިހާރު ވެސް ދެކޮޅުހަދައި ބަޔާންތައް ނެރެންފަށައިފިއެވެ. ރައްޔިތުންގެ ނިންމުން އަލުން އިއާދަނުކޮށްފިނަމަ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކާ ކުރިމަތިލާންޖެހޭނޭ ކަމުގެ އިންޒާރު ވަނީ ދޭން ފަށައިފައެވެ. މި އިންޒާރުތައް މިޔަންމާގެ އަސްކަރިއްޔާއިން އަޑުއަހާނޭ ބާވައެވެ. އެމީހުންގެ ނިންމުން ބަދަލުކޮށް އިންތިޚާބީވެރީންނާ ވެރިކަން ޙަވާލުކުރާނޭބާވައެވެ.

ޔަގީނާ ގާތަށް ލަފާކުރެވޭ ގޮތުގައި މިޔަންމާގެ އަސްކަރިއްޔާއިން މިވަރުގެ ނިންމުމެއް ނިންމައި މިވަރުގެ ބޮޑު ބަޣާވާތެއް މިކުރީ ކޮންމެވެސް ބޮޑުބާރެއްގެ ރުހޭބަސް އޮވެގެންނެވެ. އެބާރަކީ ޗައިނާއެވެ. މާނަޔަކީ މިޔަންމާގެ ބަޣާވާތުގެ ވާގިވެރިޔަކީ ޗައިނާއެވެ. އެހެންވީމާ ދުނިޔެއިން އަދި ކޮންމެ އެއްޗެކޭ ކިޔަސް މިޔަންމާގެ އަސްކަރިއްޔާއިން ދުލެއް ނުދޭނެއެވެ. ޗައިނާގެ އެހީތެރިކަން ލިބެންޏާ އެވެރީންނަށް ދެމިތިބެވޭނޭކަމަށް ހީކޮށްގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖީ20 އަކީ ކޮބާ؟

ޖީ20 އަކީ ކޮބާ؟

09 ޖުލައި 2017
ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

28 ޖޫން 2017
ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި

ކޮންވެންޝަން ސެންޓަރު އަޅަން ގޯސްވި ސިފައިން ސަލްޓަން ޕާކް އެޅުން އޯކޭވެފައި

21 ޖޫން 2017
ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017
ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

10 ޖޫން 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު