ދައުލަތުގެ ތިން ބާރުގެ ވެރިން ވެކްސިންޖެއްސެވުމަކީ ލިބުނު ހިތްވަރެއް: ޑރ. ނަޒްލާ
1 ފެބުރުއަރީ 2021 | ހޯމަ 07:18ވެކްސިންދިނުމުގެ ޕްރޮގްރާމް ފެށިގެން ދިޔައީ ވަރަށް ފުރިހަމައަށް


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެކްސިން ޖައްސަވަނީ،
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާން ވެކްސިންޖެއްސެވުމަކީ އާއްމު ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ވެކްސިންދިނުމުގެ ޕްރޮގްރާމްއާ ގުޅޭ ގޮތުން ރާއްޖެޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުގައި ޑރ. ނަޒްލާ ވިދާޅުވީ ވެކްސިންދިނުމުގެ ޕްރޮގްރާމް ފެށިގެން ދިޔައީ ވަރަށް ފުރިހަމައަށް ކަމަށާއި، ރައީސް ޞާލިޙްގެ އިތުރުން ދައުލަތުގެ އިސްވެރިން ވެކްސިންޖެއްސެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ވެކްސިންއަށް އޮތް އިތުބާރު ބޮޑުވެ، ރައްޔިތުންގެ ބައެއް ސުވާލުތަކަށް މިއަދު ޖަވާބު ލިބިގެން ގޮސްފައިވާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ލިބުމަކީ ކޮވިޑް ކޮންޓްރޯލްކުރުމަށް ލިބުނު އިތުރު ބާރެއް ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް ވެކްސިންޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ. މިހާރު ވެސް ގިނަ ބަޔަކު ވެކްސިންޖެހުމަށް ރަޖިސްޓްރީވެފައިވާކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ ރަޖިސްޓްރީވުމުގައި މައްސަލަތައް ދިމާވާ ފަރާތްތަކުން އެމަޢުލޫމާތު ވެސް ޙިއްޞާކުރަމުންދާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ މާލެ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީގައި ވެސް ވެކްސިންދިނުމުގެ މަސައްކަތްތައް ކުރަމުންދާއިރު، މިހާތަނަށް ސައިޑް އިފެކްޓް ފެނިފައިނުވާ ކަމަށެވެ. އަދި ވަރަށް ފުރިހަމަ އިންތިޒާމްތައް ހަމަޖެހި ޕްރޮގްރާމް ކުރިއަށްދާކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.






