ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖެއަށް އެތެެރެކުރިކަމަށް ތުހުމަތު ކުރެވޭ 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަައިގެ އަޑުއެހުންތައް އާދިއްތަ ދުވަހު ފެށުމަށް ތާވަލްކޮށްފިއެވެ.
މި މައްސަލަތައް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ އާދިއްތަ ދުވަހުގެ 13:00އަށެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން 2020 އޮކްޓޯބަރު 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ފުލުހުން ވަނީ 7 މީހަކު ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، އެ ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށް ފުލުހުން ބުނެއެވެ.
ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުން ކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައިވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައި ފާސްކޮށްފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، އެ އޮޕަރޭޝަނުގައި 130 ކިލޯ ހުރި މަސްތުވާތަކެތި ހޯދާފައިވެއެވެ. އަދި މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.
މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި ފަރާތްތަކަކީ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.
އެ ދެމީހުންގެ ތެރެއިން ޝަހީބް އިބްރާހިމަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެކެވެ. އަދި މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރު ކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމްއެވެ. އަދި އެ މައްސަލާގައި ޝަހީބް އިބްރާހިމް އާއި އީރާން 7 މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައެވެ.
މި 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ތުހުމަތު ކުރެވޭ ޝަހީބް އިބްރާހީމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެކި މިނިސްޓްރީތަކުގެ މަތީ މަގާމުތައްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ 19 ވަނަ ރައްޔިތުން މަޖިލިސްގެ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ގއ. ވިލިނގިލީ ދާއިރާއަށް ވާދަކޮށްފައިވާ ކެންޑިޑޭޓެކެވެ.
ޝަހީބް އިބްރާހީމާއި، އަހްމަދު މޫސާގެ އިތުރުން 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ، ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު އާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިންގެ އިތުރުން، ބަންގްލަދޭޝް ދެ މީހެއް ކަމަށްވާ މުހައްމަދު ރިޔާދު އާއި އިޤްބާލްގެ މައްޗަށެވެ. އެ ހަ މީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެއެތެެރެކުރުމުގެ ކުށުގެ ދައުވާއަކާއި ޖަދުވަލް 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއަކާއި އަދި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެއް ހިމެނެއެވެ. މި 3 ދައުވާ ސާބިތުވެއްޖެނަމަ އެމީހުންގެ މައްޗަށް 75 އަހަރުގެ ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.