ޒަކާތު ފަންޑުން މަތީ ތައުލީމު އެހީ: ދަރިވަރުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2021 | ހޯމަ 06:18މިމަހުގެ 14ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ

އިސްލާމިކް މިނިސްޓްރީ، ޒަކާތު ފަންޑުން އެކި ކަންކަމުގައި އާއްމު ރައްޔިތުންނަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން
ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީ ދިނުމަށް "ޚާއްސަ އެހީ" އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަ ނުވާކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ދަރިވަރުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީ ދިނުމަށް ޚާއްސަ އެހީ ގެ ނަމުގައި ހުޅުވާލެވުނު ފުރުސަތުގައި ލިޔެކިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން ޝަރުޠު ހަމަނުވާކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަންތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން 10 ޖެނުވަރީ 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 14 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އޮންލައިންކޮށް ވެސް ޝަކުވާ ހުށަހެޅޭނެކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ އޮންލައިންކޮށް ނަމަ ހުށަހަޅާނަމަscholarship@islamicaffairs.gov.mvށް ނުވަތަ މި މިނިސްޓްރީގެ ކައުންޓަރަށް ފޯމް ހުށަހެޅޭނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަސާސީ ޝަރުތުތައް (ސުންގަނޑި ހަމަވުމަށްފަހު ހުށަހަޅާފައިވާ އެޕްލިކޭޝަންތަކާއި، ކޯހުގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ފުރިހަމަކޮށްފައިނުވާ އެޕްލިކޭޝަންތަކާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ލެވެލް 5 އިން ދަށުގެ ކޯސްތަކަށް ކިޔެވުމަށް އެހީއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަށް) ފުރިހަމަނުވާތީ، ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަންތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނެތް ކަމަށެވެ.






