ކޮވިޑް-19ގެ ބަލިމަޑުކަމުގައި ދުނިޔެ ހުއްޓުމަކަށް އައިސް، އިގްތިސާދުތައް ހީނަރުވެ، މީހުންގެ އަތްމަތި ދަތިވެ، ގިނަގުނަ ގޮންޖެހުންތައް ދިގުލައި ދިޔުމާއެކު ދިރިއުޅުން ކޮޅަށް ޖަހާ މިނިވަންކަމާއެކު ކުރިއުޅުނު ގޮތައް އުޅެވޭނެ ދުވަހަކަށް އިންސާނުން ތިބީ ކެތްމަދުވެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކޮވިޑް-19 ޕެންޑަމިކް އެއްގެ ގޮތުގައި އިއުލާން ކުރިތާ 8 މަސް ދުވަސް ފާއިތުވެ ހިނގައްޖެއެވެ. އެތައް މިލިއަން ބަޔަކަށް ބަލި ޖެހި އެތައް ލައްކަ ބަޔަކު ބަލީގައި މަރުވެ ހިނގައްޖެއެވެ. ބަލީގެ އެއް ރާޅުން ދެ ރާޅުން ގޮސް ބައެއް ގައުމުތަކަށް ބަލީގެ ތިންވަނަ ރާޅާވެސް ކުރިމަތިލާން ޖެހިއްޖެއެވެ. ސުވާލަކީ މިކަމުން ދުނިޔެ ސަލާމަތްވެ، ކުރިން އުޅުނު ދިރިއުޅުމަށް އެނބުރި ދެވޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ މި ބަލިމަޑުކަން ނިމުމަކަށް އަންނާނީ ކިހިނެއް ހެއްޔެވެ؟
ސައިންސްވެރިންގެ ނަޒަރުގައި ބަލިމަޑުކަން ނިމުމަކަށް ގެނައުމަށް އެންމެ މުހިންމު އެކައްޗަކީ ވެކްސިނެވެ. ވެކްސިންގެ މުހިންމު ކަމާއެކު، ކޮވިޑް-19ށް ސައިންސްވެރިން ވެކްސިން ތައްޔާރު ކުރީވެސް ރެކޯޑު ސްޕީޑުގައެވެ. ޒަމާނީ ސައިންސާއި، ޓެކްނޮލޮޖީގެ އެހީގައި މި ބައްޔަށް ވެކްސިން ތައްޔާރުކުރުމުގެ މަސައްކަތްތައް ހިނގަމުން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ދުނިޔޭގައި ވެކްސިނެއް ތައްޔާރު ކުރުމަށް މަސައްކަތް ނުކުރާހާ ހަލުއިމިނުގައެވެ. ހަމަ އެހެންމެ ވެކްސިނަށް ހުއްދަ ދިނުންވެސް ގައުމުތަކުން ގެންދަނީ އެހާމެ ހަލުއި މިނުގައެވެ. އެތައް ގައުމެއްގައި ވެކްސިން ދޭންވެސް ފަށައިފިއެވެ. ނަމަވެސް ވެކްސިންގެ ޒަރީއާއިން ބަލިމަޑުކަން ނިމުމަކަށް އަންނާނެ ގޮތް އަދި އޮތީ ބަލަން ތިބުމެވެ.
ޔަގީނުންވެސް އެނގޭ އެއްކަމެއް އެބައޮތެވެ. ކޮންމެވެސް ދުވަހަކުން ކޮންމެވެސް ގޮތަކުން މި ބަލިމަޑުކަންވެސް ނިމުމަކަށް އަންނާނެއެވެ. އެކަން އެނގެނީ މާޒީގައި ކަންހިނގާފައިވާ ގޮތުންނެވެ. 1918ން 1919ށް ދުނިޔެއަށް ކުރިމަތިވި އިންފްލުއެންޒާވެސް ނިމުމަކަށް އައެވެ. ވެކްސިނެއް ބޭނުމެއް ނުކުރެއެވެ. އެހެން ކަމުން މާޒީގެ ތަޖުރިބާއިން ބަލާއިރު، މިއަދު މުޅި ދުނިޔެ ބިރުވެރިކަމުގެ ތެރެއަށް ވައްޓާލި ވައިރަހުގެ ނުރައްކަލަށްވެސް ނިމުން އަންނާނެއެވެ.
ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި 1918ން 1919ށް ދުނިޔެއަށް ކުރިމަތިވި އިންފްލުއެންޒާ ބޮޑު ރޯގާއަކީ ވިހި ވަނަ ގަރުނުގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބިރުވެރި އެންމެ ގިނަ ފުރާނަ ގެއްލުނު ރޯގާއެވެ. މަދުވެގެން 500 މިލިއަން މީހުންނަށް އެ ރޯގާ ޖެހުނެވެ. ބަލީގައި ގާތްގަނޑަކަށް 50 މިލިއަން މީހުން މަރުވިއެވެ. އެމެރިކާ އިން އެކަނިވެސް 675،000 މީހުން މަރުވި ކަމަށް ރެކޯޑް ކުރެވިފައިވެއެވެ. ގިނަ ބަޔަކު ބަލީގައި ދުނިޔެ ދޫކޮށް ދިޔައިރު، އެ ރޯގާ އާ ބެހޭ ގޮތުން ސައިންސްވެރިންނަށް މާ ބޮޑު އެއްޗެއް ދަސްވެފައެއް ނެތެވެ. ސައިންސްވެރިންނަށް އެ ބަލިމަޑުކަން ހިނގައި ދިޔަ ގޮތް ވިސްނުނީ ވައިރަސް ދުނިޔެއިން ފިލައި ދިޔަތާ އެތައް އަހަރެއް ފަހުންނެވެ. އަދިވެސް އެކަމުގައި ގޮތްނޭނގޭ ކިތައްމެ ކަމެއް ހުރި ކަމަށް ބައެއް ސައިންސްވެރިން އިއުތިރާފްވެއެވެ.
ސައިންސްވެރިން އެއްބަސްވާ ގޮތުގައި، ބަލިމަޑުކަމެއް ފިލައި ދިއުމަށް މުހިންމު ޝަރުތެއް ފުރިހަމަވާން ޖެހެއެވެ. އެއީ ވައިރަހަށް އަލަށް ބަލިޖެއްސޭނެ ނުވަތަ ބަލި އަށަގަތުމުގެ ފުރުސަތު އޮތް މީހުން މަދުވަމުން ގޮސް އެކަށީގެންވާ މިންވަރަކަށް އެ އަދަދު ދަށަށް ދިއުމެވެ. އޭރުން ވައިރަހަށް އާލާވެވޭނެ ގޮތްތައް ހުއްޓި، ބަލިފެތުރުންވެސް ހުއްޓި ވައިރަސްގެ ނިމުން އަންނާނެއެވެ.
ދިރާސާތަކުން އެނގޭ ގޮތުން 1918 ވަނަ އަހަރު ކުރިމަތިވި ބޮޑު ރޯގާގައި، އެ އަހަރުގެ ސްޕްރިންގ މޫސުމާއެކު ބަލި ޖެހޭ މީހުންގެ އަދަދު ދަށްވެ، ބަލި ފިލާ ދިޔައީ ކަމުގައި ހީވިއެވެ. ނަމަވެސް 1920 ފެށުމާއެކު އަނެއްކާ ބަލީގެ އައު ރާޅެއް ހިއްލާލިއެވެ. މިއީ މިބާވަތުގެ ބަލިމަޑުކަމުގައި ކަން ހިނގާ ގޮތްކަން މިހާރުގެ ތަޖުރިބާތަކުންވެސް އެއޮތީ ފެންނާށެވެ. އެންމެ ފަހުން 1920 ގެ މެދުތެރެއާ ހަމައަށް ދިޔަ އިރު ގިނަ ތަންތަނުން ބަލީގެ ނިޝާންތައް ފަނޑުވަމުން ގޮސް ބައެއް ހިސާބުތަކުން މުޅިން ބަލި ފިލައިގެން ދިޔަކަން ދިރާސާތަކުން އެނގެއެވެ. ނަމަވެސް ރަސްމީ ސިފައެއްގައި އިންފްލުއެންޒާ ރޯގާ ފިލައިގެން ދިޔަކަން އެއްވެސް ފަރާތަކުން އިއުލާން ކޮށްފައެއް ނެތެވެ.
ބަލި ނެތިގެން ދިޔައިރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވައިރަސް އޮތީ އިންތިހާއަށް ފެތުރިފައެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި އޭރު ބަލި ނެތިގެން ދިޔައީ، އާބާދީގެ ބޮޑުބަޔަކަށް ބަލިޖެހި އިތުރަށް ބަލި ޖައްސާނެ ނުވަތަ ބައްޔަށް ހުށޮހެޅިދާނެ މީހުން މަދުވެގެން ދިއުމުންނެވެ. ބަލި ނެތިގެން ދިޔައިރު ދުނިޔޭގެ އާބާދީގެ ތިން ބައިކުޅަ އެއްބަޔަށް ބަލި އޮތީ ޖެހިފައެވެ. (މިހާތަނަށް ކޮވިޑް-19 ޖެހިފައިވަނީ ދުނިޔޭގެ އާބާދީގެ ބައި ޕަސެންޓް މީހުންނަށެވެ).
އެހެން ކަމުން ދިރާސާތަކުން އެނގޭ ގޮތުގައި، 1918 ވަނަ އަހަރުގެ ބަލިމަޑުކަން ފިލާ ދިޔައީ ބަލީގެ ދިފާއު އާބާދީގެ ގިނަ ބައެއްގެ ތެރޭގައި އުފެދިގެން ދިއުމުންނެވެ. އެކަމަކު އެއީ ހަމައެކަނި ސަބަބެއް ނޫނެވެ. އޭގެ އިތުރުން، ގައިދުރުކަން ބެހެއްޓުމަށް ސިއްހީ އޮފިޝަލުން ދިން އިރުޝާދާ އެއްގޮތައް އަމަލު ކުރުން ވެސް މީގެ މުހިންމު ދައުރެއް އަދާކުރިއެވެ. ހަމަ އެހެންމެ މާސްކް އެޅުމާއި، ގިނަގިނައި އަތްދޮވުމާއި، ބަލި މީހުން ކަރަންޓީނު ކުރުމާއި، ސްކޫލްތައް ބަންދު ކުރުމާއި، އާއްމު ތަންތަނަށް އެއްވެ އުޅުން މަނާކުރުމާއި، ކޮންމެހެން ދޭން ޖެހޭ ޚިދުމަތްތައް ނޫން ޚިދުމަތްތައް ދިނުން ވަގުތީގޮތުން މެދުކަނޑާލުން ފަދަ ފިޔަވަޅުތައް ބޮޑު ދައުރެއް ބަލި ފިލައިގެން ދިއުމުގައި އަދާކުރިއެވެ. ކޮވިޑް-19 ފެތުރެން ފެށުމާއެކުވެސް ސިއްހާ މާހިރުން ދިނީ މީގެ ސަތޭކަ އަހަރު ކުރިން ސިއްހީ މާހިރުން ދިން އިރުޝާދެވެ.
ސިއްހީ މާހިރުން ދިން ލަފާ އޭރުވެސް އޮތީ ކާމިޔާބު އެއްޗެއްގެ ގޮތުގައެވެ. ޖާނަލް އޮފް އެމެރިކަން މެޑިކަލް އެސޯސިއޭޝަނުން 2007 ވަނަ އަހަރު ޝާއިއު ކުރި ދިރާސާއެއްގައިވާ ގޮތުން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ މާހިރުން ދިން ލަފާ ގަބޫލުކޮށް، އަވަސް ފިޔަވަޅުތައް އަޅާ އަދި އެ ފިޔަވަޅުތައް އެންމެ ގިނަ ދުވަހަށް ދެމެހެއްޓި އެމެރިކާގެ ސިޓީތަކުގައި ބަލީގައި މީހުން މަރުވި އަދަދު އެ ނޫން ސިޓީތަކަށް ވުރެ ފާހަގަ ކުރެވޭ މިންވަރަކަށް ދަށް ވެގެން ދިޔައެވެ.
ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް މިދެންނެވި ފިޔަވަޅުތައް އަޅަމުން ދިޔައިރު، ހަނގުރާމަ ކުރަން މި ޖެހެނީ ބެކްޓީރިއާ އަކަށް ކަމެއް ނުވަތަ ވައިރަސް އަކަށް ކަމެއް ސިއްހީ އޮފިޝަލުންނަށް އޭރު ސާފެއް ނުވެއެވެ. އިންފްލުއެންޒާ ރޯގާ ފެތުރެނީ ވައިރަހެއްގެ ޒަރީއާއިންކަން ސައިންސަށް ސާފުވީ، މާ ފަހުން 1930 ގެ އަހަރުތަކުގައެވެ. އެ ވައިރަސްގެ ޖެނެޓިކްސްގެ ތަފްސީލްތައް ސައިންސްވެރިނަށް ހާމަ ކުރެވުނީ އަދި މާފަހުން، 2005 ވަނަ އަހަރު އެވެ.
އޭގެ ގަރުނެއް ފަހުން ދުނިޔެއަށް ބޮޑު ރޯގާއެއްގެ ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނު ސަބަބަކަށް މިވީ އަނެއްކާވެސް ވައިރަހެކެވެ. ކޮވިޑް-19 ބަލިޖައްސަނީ އޭރު ނުރައްކާ ކުރިމަތިކުރުވި ވައިރަސް ކަމުގައިވާ އިންފްލުއެންޒާ އެއް ނޫނެވެ. މިފަހަރުގެ ދުޝްމަނަކީ ނޮވެލް ކޮރޯނާ ވައިރަސްއެވެ. ވައިރަސް އަށް ހަނގުރާމަ ކުރުމަށް އެންމެ މުހިންމު ހަތިޔާރު ކަމުގައިވާ ވެކްސިން އުފެއްދި ފަހުންވެސް ސައިންސްވެރިން ގެންދަނީ މި އައު ވައިރަސް ދަސްކުރަމުންނެވެ.
މާޒީގައި ވައިރަސް ފަތުރާ ބަލިތަކުގައި ކަން ހިނގާފައިވާ ގޮތާއި، އަދި މި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް-19 ބަލިން ސައިންސްވެރިންނަށް ދަސްވި އެއްޗަކަށް ބުރަވެ، މިފަދަ ބަލިމަޑުކަން ދިރާސާކުރާ މާހިރުން ވިދާޅުވަނީ، ކޮވިޑް-19 މުޅިން ދުނިޔެއިން ނެތިގެންދާނެ ކަމަށް ލަފާކުރެވެނީ ތިން ކަމެއްގެ ތެރެއިންނެވެ. އެއީ ސިއްހީ މާހިރުންގެ ލަފަޔާ އެއްގޮތައް ބަލިން ރައްކައުތެރި ވެގެން އުޅުމާއި، ވެކްސިންގެ ޒަރީއާއިންނާއި ވައިރަސްގެ ޒަރީއާއިން އާބާދީގެ އެކަށީގެންވާ ނިސްބަތަކަށް ވައިރަހުގެ ދިފާއު އުފެދިގެން ދިއުމެވެ. ސުވާލަކީ ބަލީގެ ނުރައްކާ ފިލައިގެން ދިޔުމަށް ދުނިޔޭގެ އާބާދީގެ ކިތައް މީހުންނަށް ވެކްސިން ދޭން ޖެހޭނެބާއެވެ؟ ވައިރަހުގެ ދިފާއު އެކަށީގެންވާ މިންވަރެއްގައި އުފޭދޭނީ ކިހާ މިންވަރަކަށް ވައިރަހުގެ އަސަރު ދުނިޔޭގެ އާބާދީއަށް ފޯރައިގެންބާވައެވެ؟ މި ސުވާލުތަކަށް ސީދާ ޖަވާބެއް ފެންނާކަށް ނެތެވެ.