ހަރާމްތަކެތި އަނބިދަރިންނަށް ކާން ދިނުމަކީ ތިމާމެންގެ ދަރިން ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވާނެ ކަމެއް: ޚުތުބާ
25 ޑިސެމްބަރު 2020 | ހުކުރު 12:35ރިޝްވަތުގެ ސަބަބުން ތަނުގެ އަދުލު އިންސާފު ގެއްލޭ

މިއަދުގެ ހުކުރު ޚުތުބާ އިއްވާފައިވަނީ \'\'ރިޝްވަތަކީ ގައުމުގެ ތަރައްގީއަށްއޮތް ހުރަހެއް\'\' މިމައުޟޫގެ މައްޗަށް
ހަރާމްތަކެތި އަނބިދަރިންނަށް ކާން ދިނުމަކީ ތިމާމެންގެ ދަރިން ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިގެންދާނެ ކަމެއް ކަމަށް ޚުކުރު ޚުތުބާގައި ބުނެފިއެވެ.
''ރިޝްވަތަކީ ގައުމުގެ ތަރައްގީއަށްއޮތް ހުރަހެއް'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ނުރައްކާތެރިކަން ފިލުވައިލަން އެންމެ އުނދަގޫ ވަބާއަކީ ރިޝްވަތުގެ ވަބާ ކަމަށެވެ.
ޚުތުބާގައި ބުނީ މުޖުތަމައު ތަކުގައި ކޮންމެވެސް ގޮތަކުން ކޮންމެވެސް މިންވަރެއްގެ ރިޝްވަތަކާނުލައި އެއްވެސް ކަމެއް ނުކުރެވޭ ކަމަށާއި، މިފަދަ މުޖުތަމައު ތަކުގައި އަދުލު އިންސާފު ގާއިމު ކުރުމަށް ހުންނަ އިދާރާތަކުގައި ވެސް ރިޝްވަތާއި ރިޝްވަތުގެ އަމަލުތައް އިތުރުވެފައިވާ ކަމަށެވެ. ޚުތުބާގައި ބުނީ ރިޝްވަތުގެ ސަބަބުން ތަނުގެ އަދުލު އިންސާފު ގެއްލި އެތައް ބަޔަކަށް ލިބެންޖެހޭ ހައްގުތައް ނުލިބި އެތައް ބައެއްގެ ކަންތައްތައް އެތައް ދުވަހަކަށް ލަސްވެ، އަނެއް ބައެއްގެ ކަންތައްތައް އަވަހަށް ނިމިގެންދާ ކަމަށެވެ. އަދި މިހުރިހާ ކަމަކީ ވެސް ގައުމާއި މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވެގެންދާ ކަންކަން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ރިޝްވަތުގައި ހިފާމީހާއަށް އެމީހާގެ އިތުރުން އެމީހާގެ އަނބިދަރިން އެއްލާލެވެނީ އަމިއްލަ އަތުން ނަރަކައަށް ކަމަށެވެ. އަދި ހަރާމްތަކެތި އަނބިދަރިންނަށް ކާން ދިނުމަކީ ތިމާމެންގެ ދަރިން ބަސްނޭހުމާއި ވިޔާނުދާ އަމަލުތައް ކުރުމަށާއި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިގެންދާނެ ކަމެއް ކަމަށެވެ.
މިއީ ގައުމުގެ ތަރައްގީގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސްއެޅޭ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މިކުޑަކުޑަ މުޖުތަމައު ވެސް މި ނުރައްކާތެރި ވަބާގައި ޖެހިފައިވާ ކަމަށެވެ. ރިޝްވަތާއި ނާޖާއިޒު ފައިދާއާއި ޚިޔާނާތުގެ ފައިދާއާއި ޚިޔާނާތުގެ އަމަލުތައް މުޖުތަމައުގައި ގިނަވެ އެކަމަކީ ވަރަށް އާދައިގެ ކަމެއްކަމަށް މުޖުތަމައުގެ ބައެއް މީހުން ދެކެން ފަށާފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ ގާނޫނުތަކާއި ގަވާއިދުތަކާ ދިމާ އިދިކޮޅަށް ބޭނުންވާ ކަންކަން ހާސިލް ކުރުމަށް، ކުރެވޭ މިފަދަ އަމަލުތަކަކީ، ތިމާމެންގެ ގައުމުގެ މުސްތަގުބަލާއި ދަރިންގެ ކުރިއެރުމާ ތަރައްގީ އަރައިނުގަނެވޭފަދަ ފުންވަޅުގަނޑަކަށް ވެއްޓިދާނެ ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް އެ މީހަކާ ޙަވާލުކުރެވިފައިވާ ކަމެއްގައިދުވެރިވެ އަމާނަތްތެރިވުމަކީ އިސްލާމްދީނުގައި ވާޖިބު ކުރައްވައިފައިވާ ކަމެއް ކަމަށެވެ.
އެހެންކަމުން ޒުވާނުން ހިންގަމުންދާ މާރާމާރީ އާއި ބަދުއަހުލާގީ އަމަލުތަކާއި މި ނޫން ވެސް ތަފާތު ކަންތައްތަކުގެ ސަބަބުން ޤައުމުގެ ޙާލަތު ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާ ކަމަށެވެ. އަދި މިކަންކަން ހިނގަމުންދާ ގޮތަށް ވިސްނުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.










