މިހާރު ފެތުރެމުންދަނީ ކޮވިޑް-19ގެ އައު ސްޓްރެއިންއެއް ނޫން، އެއީ އައު ވޭރިއެންޓެއް: ޑރ.ނަޒްލާ
25 ޑިސެމްބަރު 2020 | ހުކުރު 08:36އައު ސްޓްރެއިން ކަމަށް ބެލެވޭނީ ވަރަށް ބޮޑެތި ބަދަލުތަކެއް ވައިރަސްއަށް އައުމުން

ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤު ވާހަކަދައްކަވަނީ
މިހާރު ފެތުރެމުންދަނީ ކޮވިޑް-19ގެ އައު ސްޓްރެއިންއެއް ނޫން ކަމަށާއި، އެއީ އައު ވޭރިއެންޓެއް ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ މިދިޔަ ހަފްތާގެ ތެރޭގައި އިނގިރޭސިވިލާތުން ކޮވިޑް-19ގެ ކުރިން ނުފެންނަ އައު ވޭރިއެންޓެއް ފެނުމާއެކު ރިޕޯޓުތައް ކުރެވުނު ކަމަށެވެ. ނަމަވެސް ސެޕްޓެމްބަރުން ފެށިގެން އެގައުމުގައި ޚާއްސަކޮށް އިންގްލެންޑްގެ ސައުތް އީސްޓްގެ އެކި ސަރަހައްދުތަކުގައި ވައިރަސް ފެތުރިފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ޑިސެމްބަރުމަހުގެ މިހިސާބަށް އައިރުގައި މިވޭރިއެންޓްގެ ސަބަބުން ފެންނަ ކޭސްތަކުގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.
އައު ސްޓްރެއިން ނޫންކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ މިއީ އައު ވޭރިއެންޓެއް ކަމަށެވެ. އަދި އައު ސްޓްރެއިން ކަމަށް ބެލެވޭނީ ވަރަށް ބޮޑެތި ބަދަލުތަކެއް ވައިރަސްއަށް އައުމުން ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގައި މިކަމާއި ގުޅިގެން ކުރެވުނު ދިރާސާތަކަށް އަލިއަޅުއްވާލައްވާ ޑރ.ނަޒްލާ ވިދާޅުވީ މިވޭރިއެންޓް ވައިރަސްގެ އެހެން ވައްތަރުތަކާއި ހިލާފަށް އިތުރަށް ހަލުވިކަމާއެކު ފެތުރިގެންދާ ކަމަށެވެ. ނަމަވެސް ބަލި ޖެހޭ މީހުން މިވޭރިއެންޓްގެ ސަބަބުން އިތުރަށް ސީރިއަސް ނުވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ އައު ވޭރިއެންޓެއް ފެނުމާއި ގުޅިގެން ވެކްސިންއަށް ބަދަލު ގެންނަންޖެހުމަކީ ވަރަށް ނާދިރުކަމެއްގެ ގޮތުގައި ކަމާބެހޭ މާހިރުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެކަމުގެ ދިރާސާތައް ކުރިއަށް ގެންދާ ކަމަށާއި، ނަތިޖާ ލިބުމަށް ދެހަފްތާވަރު ނަގާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ އިނގިރޭސިވިލާތަކީ އެންމެ ގިނައިން ޖީން ސީކުއެންސް ބަލަމުންދާ ގައުމަށްވާތީ މިކަން ސެޕްޓެމްބަރު މަހުގެ ތެރޭގައި ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް ޖީން ސީކުއެންސް ނުހަދާ ގައުމުތަކުގެ ވެސް ވޭރިއެންޓް އުޅުން ވެސް އެކަށީގެންވާ ކަމަށާއި، މިހާރު ބޭރުގެ ބައެއް ގައުމުތަކުން އައު ވޭރިއެންޓް ފެނިފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.






