އައު ވޭރިއެންޓް ފެނުމާއި ގުޅިގެން ފިޔަވަޅުތައް އެޅުމާ މެދު މަޝްވަރާ ކުރަނީ!
25 ޑިސެމްބަރު 2020 | ހުކުރު 10:21ކޭސްތައް ބޮޑަށް ފެތުރެމުންދާ ގައުމުތަކުގައި މިވޭރިއެންޓް އުޅުމުގެ ފުރުސަތު އެބައޮތް


ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު
ކޮވިޑް-19ގެ އައު ވޭރިއެންޓް ފެނުމާއި ގުޅިގެން ރާއްޖޭގެ ހާލަތު ދެނެގަތުމަށް ރިސްކް އެސެންމެންޓްއެއް ހަދާފައިވާ ކަމަށާއި، ފިޔަވަޅުތައް އެޅުމާ މެދު މަޝްވަރާތައް ކުރަމުންދާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީން) ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ އިނގިރޭސިވިލާތުގެ އިތުރުން ބޭރުގެ އެހެން ގައުމުތަކުން ވެސް އައު ވޭރިއެންޓް ފެނިފައިވާއިރު ކޮވިޑްގެ ކޭސްތައް ބޮޑަށް ފެތުރެމުންދާ ގައުމުތަކުގައި މިވޭރިއެންޓް އުޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ޑރ.ނަޒްލާ ވިދާޅުވީ އިތުރު ރާއްޖެއިން ކުރިން ވެސް ސާމްޕަލްގެ އެއްބެޗް ސީކުންއެސް ހެދުމަށް ލެބްތަކަށް ފޮނުވި ކަމަށާއި، އައު ވޭރިއެންޓެއް ފެނިފައިނުވާ ކަމަށެވެ. އަދި މިހާރު އިތުރު ސާމްޕަލްތައް ފޮނުވުމުގެ މަސައްކަތްތަކާއި މަޝްވަރާތައް ކުރިއަށްދާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ރިސްކް އެސެސްމެންޓެއް ހަދާފައިވާކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ ރައްކާތެރިވުމަށް އަޅާނެ ފިޔަވަޅުތަކާއި މެދު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ބަލި ކޮންޓްރޯލް ކުރުމަށް މިހާރު އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ އިތުރު ފިޔަވަޅުތައް އެޅުމުގައި ރާއްޖެ އުފެދިފައިވާ ގޮތާއި، މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާއަށް ރިޔާއަތް ކުރާނެ ކަމަށެވެ. ކުއްލި އަކަށް ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ހާލަތަށް ބަލައި ވިސްނައިގެން ކަންކަން ކުރިއަށް ގެންދިއުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލާފައި ފަތުރުވެރިކަމުގެ ސިނާއަތް ހުޅުވާލުމަށްފަހު އަމަލުކުރަންވީ ޚާއްސަ ގައިޑްލައިންއާއި އެއްގޮތަށް އަމަލުކުރުމުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށެވެ. އަދި އެ ގައިޑްލައިންތަކާއި އުސޫލުތަކަކީ މިއަދު ބައިނަލްއަގުވާމީ ގައުމުތަކުން ވަރަށް ބަލައިގަންނަ އުސޫލުތަކެއް ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ ރިސޯޓުތަކާއި، ގެސްޓްހައުސްތަކުގެ ވިޔަފާރި ހުޅުވާލުމަށް ހުއްދަ ދިންފަހުން އެންމެ ރިސޯޓަކުން ފިޔަވައި އައުޓް ބްރޭކެއް ނާންނަ ކަމަށެވެ. އަދި ވަރަށް ބޮޑަށް ބަލި ކޮންޓްރޯލް ވެފައިވާކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.









