ކ. މާލެ
|
15 ޑިސެންބަރ 2020 | އަންގާރަ 19:44
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދާ އެކު ރާއްޖެއަށް އަންނަ އެއަރލައިންތަކުގެ އަދަދުތައް ވެސް އަންނަނީ އިތުރުވަމުން
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދާ އެކު ރާއްޖެއަށް އަންނަ އެއަރލައިންތަކުގެ އަދަދުތައް ވެސް އަންނަނީ އިތުރުވަމުން
ޓްވިޓަރ
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުން
ފްލެޓްލައިން ވެފައި އޮތް ފަތުރުވެރިކަމުގެ ސިނާއަތް ތެދުވެ، ހަމައިސްކޮޅަށް ދެމިލަނީ
 
ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުން ވެގެންދިޔައީ ފަތުރުވެރިކަމަށް ފައިދާހުރި ފިޔަވަޅަކަށް
 
މާޗް 27 ގައި ބޯޑަރު ބަންދުކުރުމާއި އެކު ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓުނު
 
2020 ވަނަ އަހަރު ވެގެންދިޔައީ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި އެންމެ އަނދިރި އަހަރަށް

ކޮވިޑް-19 ބަލިމަޑުކަމާއި އެކު އެންމެ ބޮޑު ގޮންޖެހުމަކާއި ކުރިމަތިވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. ބަލިމަޑުކަމުން ރައްކާތެރިކަން ހޯދުމަށް ގައުމުގެ ބޯޑަރު ބަންދުކުރުމާއި އެކު ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުނެވެ.

1972 ވަނަ އަހަރު ވިހަމަނާފުށިން ރާއްޖެގެ ފަތުރުވެރިކަން ފަށިގެން އައިއިރު، ރާއްޖޭގެ ފަތުުރުވެރިކަމުގެ 48 އަހަރުގެ މި ދިގު ތާރީހުގައި 2020 ވަނަ އަހަރު ވެގެންދިޔައީ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި އެންމެ ބަނަ އަހަރަށެވެ. ފަތުރުވެރިކަން ފަށައިގަތް ފަހުން އެސިނާއަތް އެއްކޮށް ހުއްޓުމަކަށް އައި މިއީ ފުރަތަމަ ފަހަރަށެވެ.

ފަތުރުވެރިކަމުގެ ވިޔަފާރިތައް ހުއްޓި ހަރަދުތައް ހަމަޖައްސާނެ ގޮތް ހުސްވެގެން ދިޔައެވެ. އަހަރެއްގެ މައްޗަށް ޓާންއޯވަރގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ލިބޭ ބޮޑެތި ރިސޯޓްތަކުން މުވައްޒަފުންގެ މުސާރަ ކުޑަކޮށް، ނޯޕޭއަށް ފޮނުވާލުމާއި މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފެށުމުން އެތައް ބައެއްގެ ނުރުހުން އަމާޒުވެގެންދިޔައެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ ވުޒާރާތަކަށް ރައްޔިތުންނާއި ވިޔަފާރިވެރިންގެ ޝަކުވާތައް އޮއްސާލިއެވެ.

ފަތުރުވެރިކަން އެއްކޮށް ހުއްޓުމަކަށް އައި ނަމަވެސް ވީ އެންމެ އަވަހަކަށް ބޯޑަރު އަލުން ހުޅުވާލައި ފަތުރުވެރިކަން އަލުން ފަށައިގަތުންވީ ސަރުކާރު އަމާޒަކަށެވެ. ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ކުރެވެމުންދިޔަ މަސައްކަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށައިގަންއިރު، ރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި މަންޒިލުގެ ގޮތުގައި ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔައެވެ. އަދި މި މަސައްކަތްތައް ކުރެވިގެންދިޔަ ވަގުތު، މި ސިނާއަތުގެ ވިޔަފާރިތައް ހުއްޓުނަ ނުދީ ކުރިއަށް ގެންދިއުމަށް މާލީ ގޮތުން ގިނަ އެހީތަކެއް ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ.

އޭގެ ތެރޭގައި ބީއެމްއެލް އަދި އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރެވިގެން ދިޔަ ރިކަވަރީ ލޯން ތަކާއި ބިމު ކުއްޔާއި ސަރުކާރަށް ދައްކަންޖެހޭ އެހެނިހެން ޓެކްސްތައް ދެއްކުމުގައި ދެވުނު ލުއިތަކުގެ އިތުރުން ޔޫޓިލިޓީ ބިލްތައް ދެއްކުމުުގައި ދެވުނު ލުއިތަކަކީ ފާހަގަކޮށްލެވޭ ކަންކަމެވެ.

މާޗް 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ބޯޑަރު ހުޅުވާލެވުނީ ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަސްކޮށްފައެވެ. ކޮވިޑް-19 ގެ ސަބަބުން ގިނަ ގައުމުތަކަކުން ބޯޑަރުތައް ބަންދުކޮށްފައި އޮތް އޮތުމަށް ބަދަލެއް ނުގެނައި ނަމަވެސް، ގިނަ މަޝްވަރާތަކަކަށް ފަހު ސަލާމަތީ ގިނަ ފިޔަވަޅުތަކަކާއި އެކު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލެވިގެން ދިޔައީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

ބޯޑަރު އަލުން ހުޅުވާލި އިރު، ރިސޯޓްތަކާއި ސަފާރީތަކުން ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހުއްދަ ދިން ނަމަވެސް އާންމުން ދިިރިއުޅޭ ރަށްރަށަށް ފަތުރުވެރިން އައިސް ގޮސް އުޅުމުގެ ހުއްދައެއް ނުދެއެވެ. އެހެންކަމުން ރަށްރަށުގެ ގެސްޓްހައުސްތައް ހުރީ ބަންދުވެފައެވެ.

ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި ފަތުރުވެރިންނަށް މަރުހަބާކިޔަން ސަރުކާރުން ނިންމި ނިންމުން ވެގެންދިޔައީ ނެގުނު ހައްސާސީ ފިޔަވަޅެއް ކަމަށް ކަމާއި ބެހޭ މާހިރުން އަންނަނީ ބުނަމުންނެވެ. އެންމެ ފުރަތަމަ ބޯޑަރު ހުޅުވާލުމާއިއެކު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އުޅެނީ 100 އިން ދަށުގައެވެ. އެގޮތުން ފުރަތަމަ 15 ދުވަހު ރާއްޖެ އައީ އެންމެ 1,701 ފަތުރުވެރިންނެވެ.

މިއީ އާދައިގެ ދުވަހެއްގައި ރާއްޖެ އަންނަ ފަތުރުވެރިންނާއި އަޅާބަލާއިރު އެތައް ތަނެއް މަދު އަދަދެކެވެ. އެހެން ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރީންގެ ހިތްވަރު އެލުވާލާފައެއް ނުވެއެވެ. ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ އިތުރުން ރިސޯޓްތަކާއި، ސަފާރިތަކާއި ހޯޓާތަކުގެ އިތުރުން ގެސްޓްހައުސްތައް އަދި ޓުއަރ އޮޕަރޭޓަރުންނާއި މި ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ދިޔައީ ފަތުރުވެރިކަން ކުރިއެރުވުމަށް ހުއްޓާނުލައި މަސައްކަތްކުރަމުންނެވެ.

އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ ޖަލައި މަހު ރާއްޖެ އައި 1,701 ފަތުރުވެރިންނާއި އަޅާބަލާއިރު އޮގަސްޓް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އެތައްތަނަކުން އިތުރުވެގެން ދިއުމެވެ. އެގޮތުން އޮގަސްޓް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 7,628 އަށް އަރާފައެވެ.

އޮގަސްޓް މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ފިޔައި ރާއްޖޭގެ އެހެން ރަށްތަކުގައި ހިންގާ ގެސްޓްހައުސްތައް ހުޅުވުމުގެ ފުރުސަތު ލިބިގެން ދިއުމާއި މަޑުމަޑުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން ދާނެ ކަމުގެ އުންމީދު އާވެގެންދިޔައެވެ. އެއްދުވަހުން އަނެއް ދުވަހަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ.

އެގޮތުން ސެޕްޓެމްބަރ މަހު 9,538 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އޮކްޓޫބަރ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 21,515 އަށް އަރާފައެވެ. އަދި ނޮވެމްބަރ މަހު 35,759 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދި ވަނީ 31,607 އަށް އަރާފައެވެ. ކޮވިޑް-19ގެ ކުރިން އާންމުކޮށް ރާއްޖެއަށް ދުވާލަކަށް 4،000 އާއި 5،000 ދެމެދުގެ ފަތުރުވެރިން ރާއްޖެ އަންނަ އިރު، ބޯޑަރު އަލުން ހުޅުވާލިފަހުން ފުރަތަމަ ފަހަރަށް ޑިސެމްބަރ 14 ވަނަ ދުވަހު 4,191 ފަތުރުވެރިން ވަނީ ރާއްޖެއައިސްފައެވެ. އަދި ޑިސެމްބަރ 14 ވަނަ ދުވަހު މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ލިބުމާއި އެކު ރާއްޖޭ ފަތުރުވެރިކަން ހިނގައިގަނެއްޖެކަން ކަަށަވަރެވެ.

ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލި އިރު، އުންމީދު ކުރެވުނީ އަހަރު ނިމެންވާއިރަށް އެއް ލައްކަ ފަތުރުވެރިން އަންނާނެ ކަމަށެވެ. އެއަމާޒަށް ޑިސެމްބަރ 12 ވަނަ ދުވަހު ވާސިލްވެވިފައިވާއިރު، މުޅި އަހަރު ރާއްޖެއައި ފަތުރުވެރިންގެ އަދަދު ޑިސެމްބަރ 19 ވަނަ ދުވަހު ފަސް ލައްކައަށް އަރާނެ ކަމަށް މިހާރު ލަފާކުރެވެއެވެ. ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް ޑިމާންޑް އިތުރުވެ، އެއަރލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް ވެސް ދަނީ އިތުރުވަމުންނެވެ.

ގިނަ ގޮންޖެހުންތަކަކާއި އެކު ވެސް ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށައިގަނެވުމުން، މިހާލަތުގައި ލިބުނު ގެއްލުންތަކާއި އެކުވެސް ރާއްޖޭގެ ފަތުރުވެރިކަން ވަނީ އައު އުސްމިތަކަކަށް މިސްރާބު ޖަހާފައެވެ. ރާއްޖެ އަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ރަމްޒުކޮށްދޭ ވޯލްޑް ސޭފް ޓޫރިޒަމް ސްޓޭމްޕް ރާއްޖެއަށް ލިބިފައިވާއިރު، ފަތުރުވެރުކަމުގެ ސިނާއަތުގައި ލިބޭ އެންމެ ޝަރުފުވެރި އެވޯޑްކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ވޯލްޑްސް ލީޑީންގ ޑެސްޓިނޭޝަން އެވޯޑްވެސް ވަނީ ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިފައެވެ.

ކޮވިޑުގެ ބަލިމަޑުކަން ލައިގަނެ، ބޯޑަރު ބަންދުކުރަން ޖެހި ރާއްޖޭގެ އެރައިވަލް ރޮނގު ފްލެޓް ލައިން ވެގެން ދިޔައީ ބަލަބަލާ ތިއްބައެވެ. އޭރު ކުރެވުނީ އުއްމީދެވެ. މިއަށް ވުރެން އަދި ފަހި މާދަމާއެއް އަންނާނެ ކަމަށް ކުރެވުނީ ލަފާކުރުންތަކެކެވެ. މިއަދު މި ސިނާއަތުގެ ވިލުންވެރިކަން އެންމެނަށް ފެނިއްޖެއެވެ. ފްލެޓް ލައިން ވެފައި އޮތް ގައުމުގެ ރަން ބިސް އަޅާ ކުކުޅު ތެދުވެ ހަށި ފޮޅާލާ ދުއްވައިގަތީ، އަތުވެސް ނުވާހާ ބާރު މިނުގައޭ ދެންނެވިޔަސް ދޮގަަކަށް ނުވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް