އައްޑޫގެ ތިން ރަށުގެ ބޮޑުމަގު ރީސަރފޭސް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި
12 ނޮވެމްބަރު 2020 | ބުރާސްފަތި 18:26މިއީ ސަރުކާރު އެންމެ އިސްކަމެއް ދީގެން ކުރިއަށްގެން ދިޔަ މަޝްރޫއު


އަމަލީ މަސައްކަތް ފެށި ރަސްމިއްޔާތުގެ ތެރެއިން
އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑުމަގު ރީސަރފޭސް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މިމަޝްރޫއާ ބެހޭ ގޮތުން މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ ސާރކް ސަމިޓާއި ގުޅިގެން އައްޑޫ ސިޓީ ގަމުގެ ފާލަމުން މަރަދޫ ނިމެންދެން ހެދި ގާތްގަނޑަކަށް 9.4 ކިލޯމީޓަރުގެ މަގަށް 9 މިލިއަން ޑޮލަރު ސްރީލަންކާގެ ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށެވެ.
އަދި މި މަގު އެޅުމުގެ މަސައްކަތް ކުރަމުންދިޔައިރު، ސަދަން ޔުޓިލިޓީ ލިމިޓެޑާ މަޝްވަރާކޮށްގެން، ފެން ހޮޅި އަޅާފައިވާ ކަމަށާއި، މި ތިން ރަށުގެ ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ބޮޑުމަގު ފިޔަވައި އެހެން މަގުތައް ބޭނުންކޮށްގެން ކުރެވޭނެ ކަމަށް އެ ކުންފުނިން ހާމަކުރި ނަމަވެސް ފަހުން އެކަން ބަދަލުވެ އެހެން މަޝްރޫއުތަކެއް ފެށިގެންދިޔަ ކަމަށް މޭޔަރ ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރ ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެން ގެންދިއުމަށް ރޭވި މަޝްރޫއަކީ އައްޑޫ ސިޓީގެ ހުރިހާ މަގުތަކެއް ރަނގަޅު ފެންވަރަކަށް ހެދުމާއި، ވިއްސާރައިގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމުގެ ގޮތުން ފެން ހިންދުމުގެ ނިޒާމެއް ގާއިމްކުރުމުގެ މަޝްރޫއު ކަމަށެވެ. މީގެ އިތުރުން ރަށްރަށުން ބިން ހިއްކުމުގެ މަޝްރޫއުތަކާއި، އިގްތިސޯދީ ބޭނުމަށް ރިސޯޓު ހެދުމަށް ރަށްތައް އުފެއްދުމުގެ މަސައްކަތް ނިމިގެންދިޔަ އަހަރު ފެށިފައިވާ ކަމަށް މޭޔަރ ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާ މިމަޝްރޫއުގެ މަސައްކަތް ނިމިގެންދާއިރު، އައްޑޫގެ މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ވެސް ނިމިގެންދާނެ ކަމަށެވެ.
އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ 23 ޑިސެންބަރު 2019 ގައެވެ. މި މަޝްރޫޢަށް ބޭނުންވާ ފުރަތަމަ ޝިޕްމަންޓް އައްޑޫ ސިޓީ އަށް ގެނެސްފައި ވަނީ 20 ޖަނަވަރީ 2020 ވަނަ ދުވަހު އެވެ.
134 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޚަރަދުކޮށްގެން ދިވެހި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑުމަގު ރީސަރފޭސް ކުރުމުގެ މަސައްކަތުގެ އިތުރުން އައްޑޫ ސިޓީގެ 18 މަގެއްގައި އަލަށް ތާރު އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.






