ކ. މާލެ
|
10 ނޮވެންބަރ 2020 | އަންގާރަ 15:54
އެމްޓީސީސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ކްރިކް ރިޒާ (ވ): ރ. ފުއްގިރި މައްސަލާގައި ދައުލަތުން ދެ ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައިވޭ
އެމްޓީސީސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ކްރިކް ރިޒާ (ވ): ރ. ފުއްގިރި މައްސަލާގައި ދައުލަތުން ދެ ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައިވޭ
ސޯޝަލް މީޑިއާ
އެމްއެމްޕީއާރުސީގެ ހިޔާނާތް: ރ. ފުއްގިރި މައްސަލަ
ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ކްރިކް ރިޒާ، ދައުވާއަށް އިންކާރު ކޮށްފި
 
މިމައްސަލަގައި މަނީ ލޯންޑަރ ކުރުމުގައި ސަން ސިޔާމުގެ ދެ ކުންފުންޏެއް ބައިވެރިވޭ، އދި ދައުވާ ވެސް ކޮށްފައިވޭ
 
މިމައްސަލާގައި ރައީސް ޔާމީންގެ އެކައުންޓަށް 1،117،000 ޑޮލަރު ޖަމާކުރި، ކުރިކް ރިޒާއަށް 232،885 ޑޮލަރު ލިބި ބޭނުންކޮށްފައިވޭ
 
މިމައްސަލައަކީ ރ. ފުއްގިރި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުށްޔަން ދިނުމުގައި ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރަށްވިރެ ގިނަ ޑޮލަރު ނަގާފައިވާ މައްސަލައެއް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާ އިން މަނީ ލޯންޑަރ ކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު އުޅުއްވި ކަމަށް ތުހުމަތު ކުރެވޭ، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކުރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަށް އޭނާ އިންކާރުކޮށްފިއެވެ.

މި މައްސަލާގައި އެންމެފަހުން އަޑުއެހުމެއް ބާއްވާފައިވަނީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވާފައެވެ. ނަމަވެސް، ގާނޫނީ ވަކީލެއް އަދިވެސް ހަމަޖެހިފައިނުވާ ކަމަށް ކުރިކް ރިޒާ ވިދާޅުވެފައިވާތީ، ގާނޫނީ ވަކީލެއް އައްޔަން ކުރެއްވުމަށް 10 ދުވަހުގެ ފުރުސަތެއް ދެއްވާފައެވެ. އަދި ނޮވެމްބަރު 10 ވަނަ ދުވަހު ބޭއްވޭ އަޑުއެހުމަށް ދައުވާއަށް ޖަވާބުދާރީވުމަށް ތައްޔާރު ވެވަޑައިގެން ވަޑައިގެންނެވުމަށް ގާޒީ ވަނީ ކުރިކް ރިޒާއަށް އަންގަވާފައެވެ.

އަންގާރަ ދުވަހު ބޭއްވި އަޑުއެހުގައި، ކުރިކް ރިޒާ ވަނީ، ދައުވާއަށް ޖަވާބުދާރީވެ، ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަށް އިންކާރު ކުރައްވާފައެވެ. އެހެންކަމުން، ދެން ބޭއްވޭ އަޑުއެހުމުގައި އޮންނާނީ ދިފާއުގައި ހުށަހަޅަން ބޭނުންވާ ހެކި ހުށަހެޅުން ކަމަށް މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވިދާޅުވިއެވެ.

ކުރިކް ރިޒާގެ މައްޗަށް ދައުލަތުން ރ. ފުއްގިރި މައްސަލާގައި ކޮށްފައިވާ ދައުވާތަކުގައި ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކުރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

މި ފައިސާ ރައީސް ޔާމީންއަށް ލިބުމުގައި މެދުވެރިވެ، ކުށްކޮށްގެން ހޯދާފައިވާ އެ ފައިސާ ކުރިކް ރިޒާގެ އަތުގައި ބަހައްޓާފައިވާތީއާއި، އަދި އެ ފައިސާގެ ތެރެއިން 232،885 ޑޮލަރު (ދެ ލައްކަ ތިރީސްދެހާސް އަށް ސަތޭކަ އަށްޑިހަ ފަސް ޑޮލަރު) ކުރިކް ރިޒާ ބޭނުންކޮށްފައިވާތީ، ކުރިކް ރިޒާ ބޭނުންކޮށްފައިވާ ފައިސާ ދައުލަތަށް ނަގައި ދިނުމަށް ދައުލަތުން އުފުލި ދައުވާގައި ބުނެފައި ވެއެވެ.

ބޭންކް އޮފް ސިލޯނުގައިވާ ކުރިކް ރިޒާގެ އެކައުންޓެއް މެދުވެރިކޮށް، 1 ސެޕްޓެމްބަރު 2015 އާއި 9 ސެމްޓެމްބަރު 2015 ވަނަ ދުވަހު ދެ ޗެކެއް މެދުވެރިކޮށް ކޮންސަލްޓަންސީ ފީގެ ގޮތުގައި ބުނެ އޮޅުވާލައިގެން ފައިސާ ޖަމާކޮށްފައިވާ ކަމަށް ވެސް ދައުލަތުން ބުނެއެވެ. އަދި އެފައިސާގެ ތެރެއިން 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ސަން ސިޔާމުގެ ކުންފުންޏެއް ކަމަށްވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ކުންފުނީގެ އެކައުންޓަށް ޖަމާކޮށް، އަދި ސަން ސިޔާމުގެ އެހެން ކުންފުންޏެއް ކަމަށްވާ ސަން އިންވެސްޓްމަންޓް ކުންފުނި މެދުވެރިކޮށް، ރައީސް ޔާމީންއަށް ފައިސާ ފޯރުކޮށްދީފައިވާ ކަމަށް ދައުލަތުން ބުނެއެވެ. ކުރިކް ރިޒާއާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ ދެމެދުގައި ހިންގާފައިވާ މުއާމަލަތަކީ ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތެއް ދައްކަން މަސައްކަތްކޮށްފައިވާ ކަމަށްވެސް ދައުލަތުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން، ރައީސް ޔާމީނާއި މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތުން، 591،118،915.20ރ (ފަަސް ސަތޭކަ ނުވަދިހަ އެއް މިލިއަން އެއް ލައްކަ އަށާރަ ހާސް ނުވަސަތޭކަ ފަނަރަ ރުފިޔާ ވިހި ލާރި) ހޯދުމަށް ދައުލަތުން މަސައްކަތް ކުރާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައި ވެއެވެ.

މި މައްސަލާގައި ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ، ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއާއި, މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ.

ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގައި މެދުވެރިޔަކަށްވުމުގެ ކުށުގެ ދައުވާގެ ސާބިތުވެއްޖެނަމަ، އަދަބެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ، ގިނަ ވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުލާލުން ނުވަތަ ގޭބަންދު ކުރުމެވެ. އަދި އޭނާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގގެ ދައުވާ ސާބިތު ވެއްޖެނަމަ، 100،000ރ. (އެއްލައްކަ ރުފިޔާ) އާއި 1،000،000ރ (އެއްމިލިއަން ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު، 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުން ކުރި ފައިސާގެ އަދަދު (ލޯންޑަރކުރި ފައިސާގެ އަދަދު)ގެ 5 ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކްރިކް ރިޒާއަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލަތަކުގެ ފުރަތަމަ އަޑުއެހުން، 16 އޮގަސްޓް 2020 ވަނަ ދުވަހު ވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް، އެ ދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެ މަނިކުފާނަށް ގާނޫނީ ވަކީލުންނާ ސީދާ ބައްދަލުކޮށް، މަޝްވަރާކުރުމުގެ ފުރުސަތު ލިބިފައި ނުވާތީ، އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ޝަރީއަތުން ވަނީ އެ ފުރުސަތު ރައީސް ޔާމީނަށް ދެއްވުމަށްފަހު، އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އޭގެ ފަހުން އަދި ރައީސް ޔާމީންގެ މިމައްސަލަތަކުގެ އަޑު އެހުމެއް ބާއްވާފައެއް ނުވެއެވެ.

ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މިމައްސަލާގައި ދައުލަތުން، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ބާއްވާފައި ވެއެވެ. ނަމަވެސް ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލާގައި ދައުވާކޮށްފައި ވީނަމަވެސް މިމައްސަލަތަކުގެ އަޑުއެހުމެއް އަދި ބާއްވާފައެއް ނުވެއެވެ.

ދައުލަތުން ހޯދުމަށް މަސައްކަތް ކުރާނެ ފައިސާގެ އަދަދުތައް

ކުށުގައި ހިމެނޭ ފައިސާގެ އަދަދާ އެއްވަރުގެ ދިވެހި ރުފިޔާ: 20،815،226.70ރ (ވިހި މިލިއަން އަށްލައްކަ ފަނަރަ ހާސް ދުއިސައްތަ ސައްބީސް ރުފިޔާ ހަތް ދިހަ ލާރި)

ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ ފައިސާގެ އަދަދާ އެއްވަރު ދިވެހި ރުފިޔާ: 35،392،755.00ރ (ތިރީސް ފަސް މިލިއަން ތިން ލައްކަ ނުވަދިހަ ދެ ހާސް ހަތްސަތޭކަ ފަންސާސް ފަސް ރުފިޔާ)

ޖޫރިމަނާގެ ގޮތުގައި ނަގައިދޭން އެދޭ ފައިސާގެ އަދަދާ އެއްވަރު ދިވެހި ރުފިޔާ: 534،910،933.50ރ (ފައްސަތޭކަ ތިރީސް ހަތަރު މިލިއަން ނުވަ ލައްކަ ދިހަ ހާސް ނުވަސަތޭކަ ތިރީސް ތިން ރުފިޔާ ފަންސާސް ލާރި) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
67%
33%
0%
ކޮމެންޓް