Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މޫސުމީ ދޫނި

ހިތްގައިމު މޫސުމީ ދޫނިތަކުން ރާއްޖޭގެ މާހައުލަށް އިތުރު ފުރިހަމަ ކަމެއް

ރާއްޖެއަށް ހިޖުރަކުރާ ހުރިހާ ދޫނިވެސް މިހާރު ވަނީ ޤާނޫނީ ގޮތުން ހިމާޔަތްކުރެވިފައި

އައިޝަތު ފަރާ އަލީ
އައިޝަތު ފަރާ އަލީ, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2020 | ބުދަ 19:58
ފިޔަކަޅު ބާޒު - މޫސުމީ ދަތުރުގައި ކޮންމެ އަހަރެއްގައިވެސް ރާއްޖޭގައި އާންމުކޮށް މަޑުޖައްސާލާ ދޫނިތައް އުޅޭ

ފިޔަކަޅު ބާޒު - މޫސުމީ ދަތުރުގައި ކޮންމެ އަހަރެއްގައިވެސް ރާއްޖޭގައި އާންމުކޮށް މަޑުޖައްސާލާ ދޫނިތައް އުޅޭ

މިރާއްޖޭގައި ވަޒަންވެރިވެ ދޮންވެލި ފިނޮޅުތަކުގައި ބައިބަޔަށް ޖައްސާލައިގެންތިބޭ ކަނޑުމަތީ ދޫނިތަކާއި ކުޅި ތަކުގެ ފެންގަނޑުން ކާނާ ހޯދައިގެން އުޅެމުންދާ ދޫނިތަކާއި ހާމަޔަށް ހުންނަ ބިންތަކުގެ ވިނަތަކުގެ ތެރޭގައި އުޅެމުންދާ އެއްގަމު ދޫނިތަކަކީ، މި ވެށީގެ ރީތިކަމާއި ޤުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ކަމެކެވެ.

ކޮންމެ އަހަރެއްގެ ހޭ ނަކަތް ފެށުމާއެކު، ރާއްޖެ އަންނަ ރީތި މޫސުމީ ދޫނިތަކުގެ ސަބަބުން މި ޖަޒީރާ ތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. މިގޮތުން، މިއަހަރުވެސް މިދުވަސްވަރު، ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ވަރަށް މަދުން ނޫނީ ރާއްޖެއިން ފެނިފައިނުވާ ދޫނިތަކާއި، އަދި އެސޮރުމެންގެ މޫސުމީ ދަތުރުގައި ކޮންމެ އަހަރެއްގައިވެސް ރާއްޖޭގައި އާންމުކޮށް މަޑުޖައްސާލާ ނުވަތަ "ސްޓްޕްއޯވަރ" ހަދާ ރިޕީޓް ވިޒިޓަރސް ހިމެނެއެވެ.

ދޫންޏަށް ޝައުގުވެރިވާ މީހުން ނުވަތަ ބާރޑް އެންތޫޒިއަސްޓުންގެ ސަމާލުކަން މިފަހަރު ފުރަތަމަ އަމާޒުވީ ޗާލު ނޫ ޅޮސްފަނި ދޫންޏަށެވެ. ހޭ ނަކަތް ފެށިގެން އައީ "ބްލޫ-ޗީކްޑް ބީއީޓަރސް" ނުވަތަ ނޫ ޅޮސްފަނި ދޫނިތައް، ބައެއް ރަށްރަށުގެ ގަސްގަހުގައި ހުރި ހިކި ގޮފިތަކުގައި، ޖައްސާލައިގެން ތިބޭ ހިތްގައިމު މަންޒަރުތަކުންނެވެ.

ޅޮސްފަނި ދޫންޏަކީ އެއްއިރެއްގައިވެސް ރާއްޖޭގައި ވަޒަންވެރިވެގެން އުޅޭ ދޫންޏެއް ނޫނެވެ. ތާރީހަށް ބަލާއިރު، މީގެކުރިންވެސް ޅޮސްފަނި ދޫނި ރާއްޖެއިން ރެކޯޑްކުރެވިފައިވެއެވެ. މިގޮތުން 2007 ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި ނޮވެމްބަރ މަހުގެ ތެރޭގައި ގިނަ އަދަދެއްގެ ނޫ ޅޮސްފަނި ދޫނި ވަނީ އެސޮރޮމެންގެ މޫސުމީ މަންޒިލަށް ކުރާ ދިގު ދަތުރުގައި ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ދަތުރުކޮށް ރާއްޖެ ހުރަސްކޮށްފައެވެ. އެދުވަސްވަރު އެއްކުރެވުނު މައުލޫމާތުން، އޭގެ ދިހަ ވަރަކަށް އަހަރުކުރިންވެސް ބީއީޓަރސް އާއިލާއަށް ނިސްބަތްވާ ދޫނި ރާއްޖޭގެ ރަށްރަށުން ފެނިފައިވާކަން އެގިފައިވެއެވެ. މި ދުވަސްވަރު ރާއްޖޭގެ ރަށްރަށުން މިފެންނަ ޅޮސްފަނި ދޫނި ބޮޑަށް ވައްތަރީ ނޫޅޮސްފަނި ދޫނީގެ ޅަފުރައިގެ (ޖުވެނައިލް) ދޫނި ކަމަށް ދޫނި ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ޅޮސްފަނި ދޫނީގެ އިތުރުން، ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ އެހެން ބާވަތްތަކުގެ މޫސުމީ ދޫނިވެސް މިއަހަރު ރާއްޖެއިން މިހާތަނަށް ރެކޯޑްކުރެވިފައި ވެއެވެ. މިގޮތުން ފުނާގަނޑު ދޫނި ނުވަތަ ހުދުހުދުގެ ބާވަތެއްވަނީ ޅ.އަތޮޅުންނާއި އައްޑު އަތޮޅުން އޮކްޓޯބަރ މަހުގެ ފަހުކޮޅު ފެނިފައެވެ. ހުދުހުދަކީ ވެސް ވަރަށް ދުރު ރާސްތާއަކަށް ފަހު، އެދޫނީގެ އެންމެ ފަހު މަންޒިލަށް ވާސިލްވުމުގެ ކުރިން ރާއްޖެއަށް މަދުންނަމަވެސް ޒިޔާރަތްކުރާ ދޫންޏެކެވެ.

ޅޮސްފަނި ދޫނި ފަދަ މިދުވަސްވަރު ފެންނަ އެހެން ހިޖުރަކުރާ ދޫނިތަކާއި ދޮން ދޫނި (ހެއިނަކަތް ދޫނި) ރާއްޖެއަށް ކުރާ މި ޒިޔާރަތަކީ ކާބަފައިންގެ ޒަމާނުއްސުރެ ބުނާ ގޮތުން އިރުވައި މޫސުން ފެށެން އުޅޭކަމުގެ އަލާމާތެކެވެ.

ނޫ ޅޮސްފަނި ދޫނީގެ މާހައުލަށް ބަލާއިރު، މިދޫނި ވިހައި އާލާވަނީ އުތުރު އަދި ހުޅަނގު އެފްރިކާގެ ގައުމުތަކުގައާއި އަދި އިރުމަތިން ގޮސް އިންޑިއާގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކުގައެވެ. އަދި ފިނި މޫސުމާ ދިމާކޮށް މިދޫނި ދަތުރުކޮށްފައިދަނީ އެފްރިކާގެ ދެކުނުގައިވާ ގައުމުތަކަށެވެ. އެހެން ކަމުން މިދޫނި ވަކި ދުވަސްވަރެއްގައި ރާއްޖެއިން ފެންނަނީ ކީއްވެ ހެއްޔެވެ؟ އިންޑިއާގެ ހުޅަނގު އުތުރުގެ ހިސާބުތަކުގައާއި ޕާކިސްތާނުގައި އުޅޭ ދޫނިތައް، ފިނިމޫސުމަށް ކުރާ ދިގު ދަތުރުގައި، އެއްގަމުން ދަތުރުކުރުމުގެ ބަދަލުގައި، މިސްރާބް ބަހައްޓަނީ އަރަބި ކަނޑު ހުރަސްކޮށް ސީދާ އިރުމަތީ އެފްރިކާއަށެވެ. އެއީ އެސޮރުމެންނަށް އަރަބި ކަނޑު ހުރަސްކޮށްކުރާ ދަތުރަކީ އެއްގަމުން ކުރާ ދަތުރަށްވުރެ ކުރު ދަތުރަކަށް ވާތީއެވެ. އަދި މީގެ އިތުރުންވެސް މިދުވަސްވަރު އިންޓަރ-ޓްރޮޕިކަލް ކޮންވަރޖެންސް ޒޯން (އައި.ޓީ.ސީ.ޒެޑް)ގެ އުތުރުން އިރަށް ވައިގެ މިސްރާބު ހުރުމުން، އަރަބި ކަނޑު ހުރަސްކޮށް ދަތުރު ކުރަން، މިފަދަ މޫސުމީ ދޫނިތަކަށް ފަސޭހަވެގެން ދެއެވެ. އަދި މިދަތުރުގައި ބައެއް ބާވަތުގެ ދޫނި މަގުއޮޅިގެން ނުވަތަ ކޮޅިކަނޑެއްގައި ޖެހި ބެހިގެން، ވަރަށް ގިނަ ފަހަރަށް ރާއްޖެ އާދެވޭ ކަމަށް ބެލެއެވެ.

މަޅިފަތި ފަދަ އާލާތްތައް ބޭނުންކޮށްގެން، ރާއްޖެއަށް ހިޖުރަކުރާ މޫސުމީ ދޫނި ހިފައިގެން ކޮށްޓަށްލައި ބަންދުކޮށްގެން ގެންގުޅުމަކީ ދިވެހިންގެ ތެރޭގައި ވަރަށް އާއްމުކޮށް ކުރަމުން އައި ކަމެކެވެ. މިކަން މިހެން އޮތުމުގެ ސަބަބުން ރާއްޖެ ވެފައި އޮތީ ދޫންޏަށް ނުރައްކާ ބޮޑު މަންޒިލެއްގެ ގޮތުގައެވެ. ދޫނީގެ މުއްސަނދިކަން ރާއްޖޭގައި ދެމެހެއްޓުމުގެ ގޮތުން ރާއްޖެއަށް ހިޖުރަކުރާ ހުރިހާ ބާވަތުގެ ދޫންޏަށްވެސް މިހާރުވަނީ ގާނޫނީ ރައްކައުތެރިކަން ލިބިދީފައެވެ. މިގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ދޫންޏަކީ "ދވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު" (ޤާނޫނު ނަންބަރު: 93/4) ގެ ދަށުން ހެދިފައިވާ "ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވައިދު" ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫންޏެވެ. އަދި މިފަދަ ދޫނިތައް ހިފައި، ހައްޔަރުކޮށް، އެއްވެސް ގޯނާއެއް ކުރުމަކީ ޤާނޫނީގޮތުން ކުށެކެވެ. މިއީ ޖޫރިމަނާކުރެވޭނެ ކުށެކެވެ.

ހިޖުރަކުރާ ދޫނި ހިމާޔަތްކޮށް އެތަކެތީގެ މޫސުމީ ދަތުރުގައި އެތަކެއްޗަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތަކީ ދުނިޔޭގެ އެކި ޤައުމުތައް ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭކަމެވެ. މިގޮތުން ރާއްޖެއަކީ، ހިޖުރަކުރާ ދިރޭތަކެއްޗަށް ހާއްސަކުރެވިފައި އދ.ގެ ޓްރީޓީ ކަމުގައިވާ "ކޮންވެންޝަން އޮން މައިގްރޭޓަރީ ސްޕީޝީޒް" (ސީ.އެމް.އެސް) ގެ މެމްބަރު ގައުމެކެވެ. ބައިނަލްއަގުވާމީ ހިޖުރަކުރާ ދޫނިތަކުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މޭ އަދި އޮކްޓޯބަރު މަހުގެ ދެ ވަނަ ހޮނިހިރު ދުވަސް ވަނީ ހަމަޖައްސާފައެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ މޭ އަދި އޮކްޓޯބަރު މަހަކީ ހިޖުރަކުރާ ކުރާ ދޫނި އެއްމަންޒިލުން އަނެއް މަންޒިލަށް ކުރާ ދިގު ދަތުރު ފަށާ ދުވަސްވަރާއި ގުޅުވައިގެން، މި ދަތުރާއި އަދި ދަތުރުމަތީގައި އެތަކެއްޗަށް އިންސާނުންގެ ފަރާތުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

ވަޒަންވެރިވެގެން އުޅޭ ދޫންޏާއި، ހިޖުރަކުރާ ދޫންޏަކީ ރާއްޖޭގެ މާހައުލުގެ މުހިންމު ބައެކެވެ. ރާއްޖޭން ފެންނަ ދޫނީގެ ތެރެއިން ގިނައީ ހިޖުރަ ކުރާ ދޫނި ކަމަށް ވުމާއެކު ހިޖުރަ ކުރާ ދޫނި ރާއްޖޭން ފެންނަލެއް މަދުވެއްޖެނަމަ ރާއްޖޭގެ މާހައުލަށް އެ ލިބެނީ ބޮޑު ހީނަރު ކަމެކެވެ. ދޫންޏަކީ ވިސްނުން ތޫނު، މާހައުލަށް އަންނަ ބަދަލުތައް ފަސޭހައިން ދެނެގަންނަ އެއްޗަކަށް ވުމާއެކު، ހިޖުރަ ކުރާ ދޫނީގެ މުއްސަނދިކަން ރާއްޖޭގައި ދެމެހެއްޓޭނީ، މި މާހައުލަކީ ދޫންޏަކީ ރަހުމަތްތެރި ރައްކައުތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓިގެންނެވެ. އެކަން އޮތީ ދިވެހީންގެ އަތްމަތީގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟

ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟

06 އޮކްޓޯބަރު 2017
 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު