ކ. މާލެ
|
3 ނޮވެންބަރ 2020 | އަންގާރަ 23:24
ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިންގެ ކިބައިން ރާއްޖެ ސަލާމަތް ކުރުމަށް އައި އިންޑިއާ ސިފައިން
ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިންގެ ކިބައިން ރާއްޖެ ސަލާމަތް ކުރުމަށް އައި އިންޑިއާ ސިފައިން
ސިމްޕްލީ ޑިކޯޑެޑް
ނޮވެމްބަރު 3 ގެ ހާދިސާ
ކުލީ ސިފައިންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމަށް ހިންގި "އޮޕަރޭޝަން ކެކްޓަސް" ބްރިގޭޑިއާ ދިލަންގެ ނަޒަރުން
މިއީ އިންޑިއާގެ އަސްކަރީ ތާރީޚުގައި ލިޔެވުނު އެންމެ މުހިންމު އެއް ސަފްހާ

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ޕީޕަލްސް ލިބެރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތައް ނިސްބަތްވާ ކުލީ ސިފައިން ގޮވައިގެން ދިވެހިންގެ ބަޔަކު މާލެ އަރާ ކުރަން އުޅުނު ބަޣާވާތް ނާކާމިޔާބު ކޮށްލުމުގައި އަވައްޓެރި އިންޑިއާއިން މުހިންމު ދައުރެއް އަދާ ކުރިއެވެ. ކުލީ ސިފައިންގެ އަތްދޮށުން ރާއްޖެ ސަލާމަތް ކުރުމަށް އިންޑިއާ ސިފައިން ހިންގި އޮޕަރޭޝަނަށް ކިޔާފައި އޮތް ނަމަކީ "އޮޕަރޭޝަން ކެކްޓަސް" އެވެ. އެ އޮޕަރޭޝަންގެ ވާހަކަތައް ވަރަށް ގިނަ ގޮތް ގޮތުން ލިޔެވިފައި އެބަހުއްޓެވެ. ތަހުގީގީ ރިޕޯޓުތައް ވެސް ފެންނާން އެބަހުއްޓެވެ. އެހެން ނަމަވެސް، އެ އޮޕަރޭޝަނުގައި އަމަލީ ގޮތުން ބައިވެރިވި އަސްކަރީ މީހެއްގެ ނަޒަރުން ކަން ހިނގައިދިޔަ ގޮތް މިހާ ތަނަށް ހާމަކޮށްފައެއް ނުވެއެވެ. ކުލީ ސިފައިން ބަލިކުރުމަށް ހިންގި ކޮމާންޑޯ އޮޕަރޭޝަންގައި ބްރިގޭޑިއަރ އާރު.ޖޭ.އެސް ދިލަން (ރިޓަޔަރޑް) އަކީ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވި ސިފައިންގެ ހަނގުރާމަވެރިއެކެވެ. ދާދި ފަހުން އޭނާ ވަނީ މި އޮޕަރޭޝަން ހިނގި ގޮތް އޭނާ އަށް ފެނުނު ގޮތާއި ތަޖުރިބާ ކުރެވުނު ގޮތުގެ މައްޗަށް ބިނާކޮށް ކިޔައިދީފައެވެ.

ބްރިގޭޑިއަރ އާރުޖޭއެސް ދިލަން (އޮޕަރޭޝން ހިނގި އިރު އޭނާގެ ރޭންކަކީ މޭޖަރއެވެ)، އަސްކަރީ ނަޒަރަކުން މިވާހަކަތައް ކިޔައިދިނީ، ހާދިސާ ހިނގިތާ ގާތްގަނޑަކަށް 32 އަހަރު ފަހުންނެވެ. ދިލަންގެ ވާހަކަތަކުން މި އޮޕަރޭޝަން އާ ގުޅޭ ގޮތުން ކުރިން އެނގިފައި ނެތް އާ ކަންތައްތަކެއް ފާހަގަ ކުރެވޭތީ ތާރީޚަށް ޓަކައި މި ލިޔުން ލިޔެލަން އަޅުގަނޑު ބޭނުންވީއެވެ. މި ލިޔުމަކީ އިންޑިއާ ސެންޓިނެލްސް އަށް ބްރިގޭޑިއަރ އާރުޖޭއެސް ދިލަން މި ހާދިސާ އާ ގުޅޭ ގޮތުން ކިޔައިދެއްވި ވާހަކަތަކުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.

ދުވަސްވަރަކީ ތަމަޅަ ނަސްލުގެ މީހުންނަށް ވަކި ދައުލަތެއް ލަންކާގައި ގާއިމް ކުރުމަށް ދާޚިލީ ހަނގުރާމަ އެ ގައުމުގައި ހިނގަމުން ދިޔަ ދުވަސްވަރެވެ. އެ ގޮތުން ޕްލޯޓް ގްރޫޕަކީ ސަރުކާރު ސިފައިންނާ ހަނގުރާމަ ކުރަމުން ދިޔަ ތަމަޅަ އެތައް ގްރޫޕެއްގެ ތެރެއިން ގުރޫޕެކެވެ. ހަނގުރާމަވެރި އެހެން ގްރޫޕްތަކާ ޚިލާފަށް ޕްލޯޓް ގްރޫޕަކީ ލަންކާ ސަރުކާރާ ވަރަށް ގާތް ގުޅުމެއް އޮތްކަން ފާހަގަވި ގްރޫޕެއްވެސް މެއެވެ.

ހާދިސާ ފެށިގެން އަންނަނީ، ދިވެއްސެއް ކަމުގައިވާ އަބްދުالله ލުތުފީ ލަންކާގައި ރޭވި ރޭވުން ތަކެއްގެ ތެރޭންނެވެ. ލުތުފީ ބޭނުންވީ ޕްލޯޓް ޖަމާއަތުގެ އެހީ ހޯދައިގެން ހަތިޔާރާ އެކު ރާއްޖެ އަރާ ބަޣާވާތަކުން ރާއްޖޭގެ ވެރިކަން ބަދަލު ކުރާށެވެ. ލުތުފީ މިކަމުގައި އިސްކޮށް ފެންނަން ހުރި ކަމުގައި ވިޔަސް، މި ރޭވުމުގެ ފަހަތުގައި ރައީސް މައުމޫނުގެ ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި އިބްރާހިމް ނާސިރު ހުންނެވި ކަމަށް ބްރިގޭޑިއާ ދިލަން ތުހުމަތު ކުރެއެވެ. އަދި ލަންކާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ މަދަދު ނާސިރު މިކަމުގައި ހޯއްދެވި ކަމަށް ބެލޭ ކަމަށްވެސް ބްރިގޭޑިއާ ދިލަން ބުނެފައިވެއެވެ.

ބްރިގޭޑިއާ ދިލަން ކިޔައިދިން ގޮތުގައި ރާއްޖޭގައި އޮތް ސަރުކާރު ވައްޓާލުމަށް ރޭވުންތައް ރޭވީ، ކޮޅުނބާ މާ ދުރުނޫން ހިސާބެއްގައި ވާ ކުކުޅު ގެންގުޅޭ ތަނެއްގައެވެ. މި ރޭވުންތަކުގެ ޖާސޫސީ ރޯލު އިސްކޮށް އަދާކުރީ ލަންކާގެ ބްރިގޭޑިއާ ޖެނެރަލެކެވެ.

ރޭވުމުގައި ވަނީ، ރައީސް މައުމޫނުގެ ވެރިކަން ވައްޓާލުމަށް ފަހު، ރާއްޖޭގެ އުތުރުން ރައްތަކެއް ޕްލޯޓް ޖަމާއަތައް ދިނުމެވެ. އޭރުން އެ ރަށްތައް ބޭނުން ކޮށްގެން ޑްރަގާއި، ރަނާއި ހަތިޔާރުގެ ވަގު ވިޔަފާރި ކުރަން ޕްލޯޓް ޖަމާއަތައް މަގު ފަހިވެގެން ދާގޮތަށެވެ.

ރަސްމީ އެއްވެސް ސިފައެއްގައި މިހާތަނަށް ދެކެވިފައި ނެތް އެހެން މުހިންމު ވާހަކަ އެއް ބްރިގޭޑިއާ ދިލަން ވަނީ ހާމަ ކޮށްފައެވެ. އެއީ ހަތިޔާރު ހިފައިގެން ކުލީ ސިފައިން އެރުމާއެކު ރައީސް މައުމޫން ލަންކާގެ އެހީއަށް އެދިވަޑައިގަތް ކަމެވެ. ލަންކާއަކީ ރާއްޖެއާ އެންމެ ގާތުގައި އޮންނަ އެންމެ އަވައްޓެރި އަދި މިފަދަ ކުރިމަތި ލުމަކަށް ގާބިލް ގައުމު ކަމަށް ވީ ނަމަވެސް ރައީސް މައުމޫނު އެހީއަށް އެދިވަޑައިގަތުމުން ލަންކާ ސަރުކާރުން ބުނީ ނޫނެކެވެ.

ރާއްޖެއަށް ހަމަލާ ދިނުމަށް ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުން ބޭނުން ކުރީ ކަނޑު ބޯޓެކެވެ. އެއީ ލަންކާގެ ސަރަހައްދުން އެ ގްރޫޕުން ހައިޖެކް ކުރި ބޯޓެއް ކަމަށް ވެއެވެ. މިކަމުގައި ފާހަގަ ކުރެވޭ ކަމަކީ ޕްލޯޓްގެ ކުލީ ސިފައިން ބޯޓު ހައިޖެކް ކުރިއިރު އެއީ ލަންކާގެ ކަނޑުގެ ސިފައިން ނުހަނު ފަރުވާތެރިކަމާއެކު ބަލަހައްޓަމުން ދިޔަ ސަރަހައްދެކެވެ. އެކަން އެހެން އޮއްވާ ލަންކާގެ ކަނޑުގެ ސިފައިންނަށް ނޭނގި ބޯޓެއް ހައިޖެކް ކުރެވުނު ގޮތާމެދުވެސް ސުވާލު އުފެދެއެވެ.

ނޮވެމްބަރ 2 ވަނަ ދުވަހުގެ ރޭ ޕްލޯޓް ޖަމާއަތައް ނިސްބަތްވާ 80 ހަނަގުރާމަ ވެރިން ގިނަ އަދަދެއްގެ ހަތިޔާރާއެކު މާލޭގައި ބަނދަރު ކުރިއެވެ. ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، މި ގްރޫޕް އައުމުގެ ކުރިން އެމީހުންގެ ބަޔަކު ތިބީ ރާއްޖެ އައިސްފައެވެ. އަދި ރާއްޖެ އައިސް ތިބި ހަނގުރާމަވެރިން ލަންކާއިން އައި މީހުންނާ މާލޭން ގުޅުނެވެ. ނޮވެމްބަރު 3 ވަނަ ދުވަހަށް އިރު އެރިއިރު މާލޭގައި ހުރި މުހިންމު ހުރިހާ ތަނެއް ޓެރަރިސްޓުންގެ އަތްދަށަށް ހުރީ ގެންގޮސްފައެވެ. މިގޮތުން ރިޔާސީ ގަނޑުވަރާއި، ދިވެހިރާއްޖޭގެ އަޑާއި، ޓެލެފޯން އެކްސްޗޭންޖް އޮފީސް އެމީހުން ހިސާރު ކުރިއެވެ. އަދި ނޭޝަނަލް ސެކިއުރިޓީ ސައިވިސް (އެންއެސްއެސް)ގެ ހެޑްކޯޓަރު އެމީހުން ވަށާލިއެވެ. ރާއްޖޭގެ ހުރިހާ މުވާސަލާތެއް ކަނޑާލައި، އާއްމުން ބޭރަށް ނުކުމެ އުޅުން މަނާ ކުރިއެވެ.

މިހިސާބަށް ކަންކަން ދިޔައިރު، ރައީސް މައުމޫނު ދިރިއުޅުއްވާ ގެކޮޅުން ނުކުންނަވާ، އެމަނިކުފާނުގެ މުވައްޒަފެއްގެ ގެޔަށް އާއިލާ އާ އެކު ސިއްރިއްޔާތުގައި ވަޑައިގަތެވެ.

ބާޣީން މާލެ އަރާ މުވާސަލަތީ ޚިދުމަތް ހިސާރު ކުރުމާއެކު، އެއްވެސް ގޮތަކުން ގުޅޭނެ މަގެއް ނެތިފައި ވަނިކޮށް، ނަސީބު ރަނގަޅު ކަމުން މާލޭ ޓެލެފޯން އެކްސްޗޭންޖްގެ ބެކަޕް ލައިނަކުން ރައީސް މައުމޫނަށް ފޯނު ކުރެއްވޭނެ މަގު ތަނަވަސް ވިއެވެ.

ރައީސް މައުމޫނުގެ ޕާސަނަލް އެސިސްޓެންޓް މެދުވެރި ކުރައްވާ، އެހީ އެއް ލިބިވަޑައިގަންނަވާނެ ކަމަށް އެތައް ގައުމަކަށް ގުޅުއްވިއެވެ. އޭގެ ތެރޭގައި، އެމެރިކާ، އިނގިރޭސިވިލާތް، ޕާކިސްތާނު، ސިންގަޕޫރު އަދި ލަންކާ ހިމެނެއެވެ. މިއިން އެއްވެސް ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދެވެން ނެތްކަން ރައީސް މައުމޫނަށް އެނގިވަޑައިގަތެވެ. ބައެއް ގައުމު ތަކުގެ ޖަވާބަކީ ނޫނެވެ. އަނެއް ބައި ގައުމުތަކުގެ ޖަވާބަކީ އެފަދަ ކަމެއްގައި ބައިވެރިވުން ދަތި ކަމުގައެވެ. އެމެރިކާއިން ބުނީ، އެމީހުންގެ ބޭސް ޑިއެގޯ ގާސިއާ އާއި ރާއްޖެ އާ ދެމެދު 1000 ކިލޯ މީޓަރުގެ ދުރުމިން ހުންނާތީ، އަވަހަށް ދިއުން ދަތި ކަމުގައެވެ.

އެންމެ ފަހުން ރައީސް މައުމޫނުގެ ޕާސަނަލް އެސިސްޓެންޓް އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހަށް ގުޅުއްވިއެވެ. އޭރު އިންޑިއާގެ ބޮޑުވަޒީރަކީ ރަޖީވް ގާނދީއެވެ. ބޮޑުވަޒީރުގެ އޮފީހަށް ރާއްޖޭން ގުޅި އިރު ރަޖީވް ގާނދީ ހުންނެވީ ޕަޓްނާ ގައެވެ. މި މައުލޫމާތު ލިބިވަޑައިގަތުމާއެކު ދަތުރުފުޅު ކުރުކޮށްލައްވާ ރަޖީވް ގާނދީ އެނބުރި ވެރިރަށް ނިއުދިއްލީ އަށް ވަޑައިގެން، ރާއްޖޭގެ ހިނގަމުންދާ ބަޣާވާތާ ބެހޭ އިމަޖެންސީ ބައްދަލުވުމެއް ބޭއްވެވިއެވެ.

ރާއްޖޭގެ ބަޣާވާތުގެ ޚަބަރު ލިބުމާއެކު އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޝޯކް ބެނާޖީ އަށް ވަގުތުން ގުޅުއްވިއެވެ. އޭރު ސަފީރު ހުންނެވީ ޗުއްޓީއެއްގައި ދިއްލީގައެވެ. އަދި ވަގުތުން، ރާއްޖެއިން އެދުނު އެދުމަށް އިންޑިއާ ސަރުކާރުން އާއެކޭ ބުނެފި ކަމަށާއި އިންޑިއާއިން ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށް ރާއްޖެއަށް އެންގިއެވެ.

މާލެ އަރާތިބި ޓެރަރިސްޓުންނާ ކުރިމަތި ލުމަށް އިންޑިއާ ސަރުކާރުން ޓާސްކް ފުރަތަމަ ހަވާލު ކުރީ ނޭޝަނަލް ސެކިއުރިޓީ ގާޑަށެވެ. ނަމަވެސް މާލޭގެ ހާލަތު އޮތްލެއް ނުރައްކާތެރި ކަމުން ނޭޝަނަލް ސެކިއުރިޓީ ގާޑަށް ހިންގޭނެ ފަދަ އޮޕަރޭޝަނަކަށް މި އޮޕަރޭޝަން ނުވާތީ، އަސްކަރިއްޔާ އަށް ޓާސްކް ހަވާލު ކުރަން ނޭޝަނަލް ސެކިއުރިޓީ ގާޑުން ލަފާދިނެވެ. ނޮމެބަރު 3 ވަނަ ދުވަހުގެ ހެނދުނު 8 ނުޖަހަނީސް ޓާސްކް އާ އިންޑިއާގެ އަސްކަރިއްޔާއިން ހަވާލުވިއެވެ.

އިންޑިއާގެ ޗީފް އޮފް ދަ އާމީގެ މަގާމުގައި އޭރު ހުންނެވީ، ވިޝްވާނާތް ޝަރުމާއެވެ. އޭނާ ވަގުތުން، ބްރީފިންގ އެއް ބޭއްވެވުމަށް ފަހު، ވައިސް ޗީފް އޮފް ދަ އާމީ ލެފްޓިނެންޓް ޖެނެރަލް ސުނިތް ފްރޭންސިސް ރޮޑްރިގޭ އަށް ފިފްޓީ ޕެރަ ބްރިގޭޑުން ޓާސްކް ކުރިއަށް ގެންދިއުމަށް އަމުރު ކުރެއްވިއެވެ.

ބްރިގޭޑިއާ ދިލަންގެ ކިޔައިދިން ގޮތުގައި، މިލިޓަރީ އޮޕަރޭޝަން ކޮޓަރި އާއި މަތޫރާގައި ހުންނަ ޕެރަ ބްރިގޭޑާ ދެމެދު ގާއިމްކޮށްފައި ހުންނަ ހޮޓްލައިން އެ ވަގުތު މަސައްކަތެއް ނުކުރެއެވެ. އެހެން ކަމުން، ކުއްލިއަކަށް ގުޅޭ ގޮތް ނުވުމާއެކު، ވައިސް ޗީފަށް އަސްކަރިއްޔާގެ ވެރިޔާގެ މެސެޖް ޕެރަ ބްރިގޭޑަށް، ފޯރުކޮށް ދެވުނީ ތަންކޮޅެއް ލަހުން ހެނދު 10:15 ހާ ކަންހާއިރުއެވެ.

ޓާސްކް ހަވާލު ކުރުމަށް ޕެރަ ބްރިގޭޑަށް ކޯލު އައި ވަގުތު ފިފްޓީ ޕެރަބްރިގޭޑްގެ ކޮމާންޑަރ އެފްއެފްސީ ބުލްސާރާ އަސްކަރީ ބޭސް އަކު ނޫޅުއްވައެވެ. އެހެން ކަމުން ކޯލަށް ޖަވާބު ދިނީ ބްރިގޭޑް މޭޖާ ވިނޯދް ބާޓިއާ އެވެ. ފޯނު ކޯލުގައި އެންގީ، ވައިގެ އޮޕަރޭޝަނަކަށް ތައްޔާރުވުމަށެވެ. ދެ ގަޑީއިރު ތެރޭގައި ފައުޖެއް ހަރަކާތައް ނުކުންނަން ޖެހޭނެ ކަމުގައެވެ.

އެ ވަގުތު އެ ބްރިގޭޑްގެ ބައެއް ސިފައިން ތިބީ ދުރު ހިސާބުތަކުގައި ތަމްރީން ހެދުމުގައެވެ. ބައެއް ބްރިގޭޑުން އެހެން ކުރިމަތިލުންތަކެއްގައި އުޅުމަށް ފަހު އެނބުރި އައިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ.

ދުވަހުގެ 10:30 ހާ އިރު ސައިގަޑީގައި މޭޖަރ ދިލަން އުޅެމުން ދަނިކޮށް ޔުނިޓްގެ ކޮމާންޑިން އޮފިސަރ ކާނަލް ޖޯޝީ ފޯނުން ގުޅިއެވެ. އަދި މޭޖަރ ދިލަންގެ ޔުނިޓް ސަމާލު ކަމަށް ގެނެއުމަށް އެންގިއެވެ. އަދި ބްރިގޭޑް ހެޑްކުއަރޓަރަށް ބްރީފިންގ އަކަށް އައުމަށް އެންގިއެވެ.

އަދި އެވަގުތު އާގްރާގައި ތިބި ޑެލްޓާ ޗާލީގެ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށްފަހު އެ ޔުނިޓް ގެނައުމަށް ރެޖިމެންޓަލް ކުއަރޓަރ މާސްޓަރ ކެޕްޓަން ބާލް އަށް ހަވާލު ކުރިއެވެ.

ހެޑްކުއަރޓަގައި މައުލޫމާތު ދިން ގޮތުން، ހަމާލާގައި މަގުދައްކާ ކުރިއަށް ދާންވީ ގޮތް އެންގުމުގައި ހަރަކާތްތެރިވާނީ ޗާލީ ކޮމްޕެނީ ކަމަށާއި، ޓާގެޓަށް އެމީހުން ފައިބާނީ ވައިކުޑައިގައި ކަމަށާއި، އެހެން ސިފައިން ފައިބާނީ މަތިންދާ ބޯޓު ޖެއްސުމުން ކަމަށް ރޭވުމުގައި އޮތެވެ.

ޗާލީ ކޮމްޕެނީގެ ފަހަތުން ޑެލްޓާ ކޮމްޕެނީ ހަރަކާތްތެރިވާ ގޮތަށާއި އަދި އޭގެ ފަހަތުން އިދާރީ ސަޕޯޓް ޓީމެއް ހަރަކާތްތެރިވާ ގޮތައް ވެސް އޮތީ ރޭވިފައެއެވެ.

ފުރަތަމަ ބުރުގައި ބޭނުން ކުރަން ހަމަޖައްސާފައި އޮތީ އައި-އެލް 76 ގެ 3 މަތިންދާ ބޯޓެވެ. އަދި އޭގެ ފަހަތުން އެހެން ބޯޓު ފަހަރު ހަރަކާތްތެރިވާ ގޮތަށެވެ.

ވައިކުޑައިގައި ފުންމާލުމަށް ރޭވިއިރު އިރު މުޅި ޓްރޫޕް އެކީގައި ފުންމާލެވޭ ވަރަށް ވުރެ މާލެ މާ ބޮޑަށްވެސް ކުޑައެވެ. އެހެން ކަމުން ފުރުމުގެ ކުރިން ވައިގެ ބަނދަރުގައި ބާއްވާ އެންމެ ފަހު ބްރީފިންގައި ހަދާނެ ގޮތެއް އެންމެ ފަހު ވަގުތު ނިންމުމަށް އެ ކަން ބޭއްވީއެވެ.

ބޭނުންވާ ހަތިޔާރާއި، އުޅަނދުތަކާއި، އެހެނިހެން ސާމާނު ހަމަކޮށް ވައިގެ ސިފައިންގެ ލަޝްކަރު އާގްރާ މިލިޓަރީ ވައިގެ ބަނދަރަށް މެންދުރު 1:30 ހާ އިރު ތައްޔާރުވެގެން ޖަމާވިއެވެ.

އޮޕަރޭޝަންގައި ބައިވެރިވާ ހުރިހާ އޮފިސަރުން ހަރަކާތައް ނައްޓާލުމުގެ ކުރިން ބާއްވާ ބްރީފިންގ އަށް ޖަމާވީ ފޯޓީފޯ ސްކޮޑްރޮން އޮޕަރޭޝަންސް ރޫމަށެވެ. ބްރީފިން ދިނީ ޑީ.ޑީ.ޖީ.އެމް.އޯ ބްރިގޭޑިއާ މާލިކް އެވެ.

އޭނާ ވާހަކައިގައި ދިވެހިރާއްޖެއަށް ބަޣާވާތެއް ކުރިމަތިވެގެން އުޅޭ ކަމަށާއި، މާލެއަށް އެރި މީހުންގެ އަދަދު ނޭނގޭ ކަމަށާއި، ނަމަވެސް 400 އާއި 500 އާ ދެމެދުގެ އަދަދެއްގެ ހަތިޔާރު އެޅި ފިރިހެނުން ރޮކެޓް ލޯންޗަރާއި، އޮޓަމެޓިކް ހަތިޔާރާއި އެކު މާލެ ހިސާރުކޮށްފައިވާ ކަމަށް ބުންޏެވެ. އަދި މާލޭގައި ކާފިއު އިއުލާނު ކޮށް މުއާސަލާތީ ގުޅުން ތައް ކަނޑާލާފައިވާ ކަމުގައި ކިޔައިދިނެވެ. އެއަރޕޯޓު އޮންނަނީ ހުޅުލެ ކިޔާ އެހެން ރަށެއްގައި ކަމަށާއި، ވައިކުޑައިގައި އެ ކޮމްޕެނީގެ ސިފައިން ފުންމާލާނީ ވެރިރަށް މާލޭގެ ފުޓްބޯޅަ ސްޓޭޑިއަމް އަށް ކަމުގައި އޭނާ ހާމަކުރިއެވެ.

ބްރިގޭޑިއާ މާލިކްގެ މި ވާހަކައަށް މޭޖާ ދިލަން ދެކޮޅު ހެދިއެވެ. ފުލް ލޯޑްގައި ވަށައިގެން ބެދިފައިވާ ފުޓްބޯޅަ ދަނޑަކަށް ފުންމާ ނުލެވޭނެ ކަމުގައި އޭނާ ބުންޏެވެ. އަދި ހުރިހާ ސިފައިންނަށް ފުންމާ ލެވޭނީ ބޯޓު އެތައް ފަހަރަކު ސްޓޭޑިއަމް ހުރަސްކޮށްގެން ކަމަށް ވެސް އޭނާ ބުންޏެވެ.

ކޮންމެއަކަސް މި މަޝްވަރާތަކުގެ ތެރޭގައި ޚިޔާލު ތަފާތުވުން ބޮޑުވެފައި ވަނިކޮށް ގްރޫޕް ކެޕްޓަން ގޮއެލް މާލޭގެ ހިއްކި ބިމަށް ޕެރާޓްރޫޕަށް ފުންމާލެވިދާނެތޯ ބެލުމަށް ހުށަހެޅިއެވެ. އެކަމަކު މިކަމަށްވެސް މޭޖާ ދިލަން އެއްބަހެއް ނުވިއެވެ. އެއީ ފުންމާލަން އޮތް ޖާގަ ކުޑަވުމާއެކު ސިފައިން ނަގަންޖެހޭނީ މޫދުން ކަމަށް އޭނާއަށް ލަފާކުރެވޭތީ ކަމަށް ބުންޏެވެ.

ދެން އޮތް ގޮތަކީ ކޮބާތޯ އެހުމުން މޭޖަރ ދިލަން ބުނީ އެންމެ ރަނގަޅުވާނީ ހުޅުލޭ ރަންވޭގައި ބޯޓު ޖެއްސުން ކަމުގައެވެ.

އެކަމަކު ކުލީ ސިފައިން އަތް ދަށުގައި އެއަރޕޯޓު އޮވެދާނެ ކަމަށް ބުނެ އެ ޚިޔާލަށް ވެސް އެއްބަސްވެވޭ ގޮތެއް ނުވިއެވެ. އެއާއެކު ބައެއް ސިފައިން އެއަރޕޯޓުގެ އަރިމައްޗަށް ފުންމާލުމަށްފަހު ރަންވޭ ސަލާމަތްވުމުން ދެންތިބި ސިފައިންނާއެކު ބޯޓު ރަންވޭގައި ޖެއްސިދާނެ ކަމަށް މޭޖަރ ދިލަން ބުންޏެވެ. މޭޖަރ ދިލަންގެ ނަޒަރުގައި، ކުލީ ސިފައިން އެއަޕޯޓު ހިފައިގެން ތިބި ނަމަ، އެމީހުން އެއަރޕޯޓަށް އަންނާނީ ކޮންމެވެސް އުޅަނދުގެ ތަކެއްގައި ކަމަށާއި، އިންޑިއާ ސިފައިންނަށް ހަމަ އެ އުޅަނދުތައް ބޭނުން ކޮށްގެން މާލެއަށް ދެވިދާނެ ކަމަށް ބުންޏެވެ.

އޭރު ބައްދަލުވުމުގެ މާހައުލު އޮތީ ވަރަށް ހޫނުވެފައެވެ.

އެއާއެކު ބްރިގޭޑިއާ ބުލްސާރާ ޒުވާބުގެ ތެރެއަށް ވަދެ މާލިކް އަށް ހަމަޖެހުމަށް އެންގިއެވެ. އަދި ތިމަންނާއާ މަތި ކުރެވިފައިވާ ޓާސްކަކީ ކޮބާތޯ ބްރިގޭޑިއާ މާލިކް ކުރެން އެއްސެވެ.

އެއާ އެކު އޮޕަރޭޝަންގެ މަގްސަދުތައް ބްރިގޭޑިއާ މާލިކް ސާފުކޮށްދިނެވެ.

އޮޕަރޭޝަންގެ ފުރަތަމަ މަގްސަދަކީ ރައީސް މައުމޫން ސަލާމަތް ކުރުމެވެ.

ދެވަނަ ކަމަކީ ކުރެވެން އޮތްނަމަ ސަރުކާރު އަނބުރާ ރުޖޫއަ ކުރުމެވެ.

އެހާ ހިސާބަށް ވާހަކަ ދިއުމުން ބްރިގޭޑް ކޮމާންޑަރ ބްރިގޭޑިއަރ ބުލްސާރާ ގާތު ރައީސް މައުމޫނު މިހާރު ކޮބާތޯ އެއްސެވެ.

އެއާއެކު ތިމަންނާ މެންނަކަށް ނޭނގެޔޭ ބްރިގޭޑިއާ މާލިކް ޖަވާބުގައި ބުންޏެވެ.

އެއާއެކު ބްރިގޭޑިއާ ބުލްސާރާ ރައީސް ދުނިޔޭގައި އެބަހުންނެވިތޯ އެއްސެވެ.

ބްރިގޭޑިއާ މާލިކް ބުނީ އެކަން ވެސް އެހާބޮޑަށް ޔަގީން ނުވާކަމުގައެވެ.

ހުޅުލެއަށް އިންޑިއާ ސިފައިން އަރާނެ ގޮތަކާމެދު ޚިޔާލު ތަފާތުވުން ބޮޑުވުމުން އެންމެ ފަހުން މިކަން ކުރަންވީ ގޮތަކީ ލީޑް ކޮމްޕެނީ އާއެކު ގޮސް ބޯޓު ހުޅުލެއަށް ޖެއްސުން ކަމަށް ބްރިގޭޑިއާ ބުލްސާރާ ބުންޏެވެ. ނަމަވެސް ދެކޮޅުވެރި ކަމުގެ ހަރަކާތެއް ދުޝްމަނުންގެ ކިބައިން ފެނިއްޖެ ނަމަ ފުރަތަމަ ބޯޓު ނުޖައްސާ ގްރޫޕް ކެޕްޓަން ބީވޫރު ބޯޓުން ފުންމާލުމަށްފަހު ރަންވޭ އޭނާގެ ކޮންޓްރޯލް ދަށަށް ގެނައުމުން ދެވަނަ ބޯޓު ޖައްސާނީ ކަމަށް ބުލްސާރާ ކިޔައިދިނެވެ.

ބްރިގޭޑިއާ މާލިކް މި ވިސްނުމާ ދެކޮޅު ހަދާ، ތިއީ ހެޑްކުއަރޓަރުން މިކަން ކުރުމަށް އެންގި ގޮތް ނޫން ކަމަށް ބުންޏެވެ. އަދި ޕްލޭނެއް ބަދަލު ނުކުރެވޭނެ ކަމަށްވެސް ބުންޏެވެ.

އެއާއެކު ޕްލޭން ބަދަލުކުރެވޭނީ ކާކަށްތޯ ބްރިގޭޑް ކޮމާންޑަރ ބުލްސާރާ އެއްސެވެ.

އޭގެ ޖަވާބުގައި ބްރިގޭޑިއާ މާލިކް ބުނީ އެމީހަކީ އާރމީގެ ވައިސް ޗީފް ކަމުގައެވެ.

މިހިސާބުން އޮޕަރޭޝަން ރޫމްގައި ތިބި ގިނަ ސިފައިން ބޭރަށް ނުކުތުމަށް އެންގިއެވެ. ކޮޓަރީގައި މަޑުކުރީ އެންމެ އިސް 5 އޮފިސަރުންނެވެ.

ވައިސްޗީފް ލެފްޓިނެންޓް ޖެނެރަލް ރޮޑްރިގޭ އާ ފޯނުން ގުޅާ ސްޕީކަރަށް ލުމަށްފަހު ބުލްސާރާ ވާހަކަ ދެއްކިއެވެ. އަދި މި އޮޕަރޭޝަން އޭނާ ކުރިއަށް ގެންދަން ބޭނުންވާ ގޮތް ކިޔައިދީ، އެނޫން ގޮތަކަށް އެކަން ކުރަން ބޭނުންވެ ލައްވާނަމަ އެހެން މީހަކު މިކަމަށް ހޯއްދެވުމަށް ވައިސް ޗީފަށް ދެންނެވިއެވެ. މިވާހަކާއާއެކު، ބުލްސާރާ ބޭނުންވާ ގޮތައް އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ވައިސްޗީފް ހުއްދަ ދެއްވިއެވެ.

ކޮންމެއަކަސް ފޯނުގެ އަތްގަނޑު ބޭއްވެވުމަށްފަހު، ބްރިގޭޑް ކޮމާންޑަރ ބްރިގޭޑިއާ ބުލްސާރާ ބުނީ، ހުޅުލޭގައި ބޯޓު ޖައްސާނީ ކަމުގައެވެ. މިހިސާބުން ބްރިގޭޑިއާ ބުލްސާރާ މުޅި އޮޕަރޭޝަންގެ ހުރިހާ ޒިންމާ އެއް ނެގިއެވެ.

ސަލާމަތީ ސަބަބުތަކަށް ޓަކައި އޮޕަރޭޝަން ރޫމުގައި ދެކެވުނު ވާހަކަތައް އޮތީ ސިއްރު ކުރެވިފައެވެ. އޮޕަރޭޝަން ގައި ބައިވެރިވާ ސިފައިން އެމީހުންގެ އާއިލާ މީހުންގެ ގާތުގައި ބުނެފައި އޮތީ އެމީހުން ދަނީ ސްރީލަންކާ އަށް ކަމުގައެވެ. އެންމެ ފަހުގެ ހުރިހާ ތައްޔާރީތައް ހަލުއި ކަމާއެކު ދިޔައީ ކުރިއަށެވެ. ތަފްސީލްކޮށް މިޝަންގެ މައުލޫމާތު ބައިވެރިންނަށް ދެމެން ގެންދިޔައެވެ.

މަތިން ފުންމާލާ ސްކޮޑްގައި ހިމެނުނީ 65 މީހުންނެވެ. އެއީ އެ ބްރިގޭޑްގައި ވައިގެ ތެރެއިން ފުންމާލަން ބޭނުން ކުރާ ކިޓު ލިބެން ހުރި އެންމެ ގިނަ އަދަދު ކަމަށްވެއެވެ.

ދެން އުފެދުނު ސުވާލަކީ ވައިގެތެރެއިން ފުންމާލާ ސިފައިން އުފުލާނެ ހަތިޔާރާ ބެހޭ ގޮތުންނެވެ. އެކަމަކު، ރަންވޭގައި ބޯޓު ޖައްސާ ގޮތައް ވިސްނާފައި އޮތުމާއެކު، ދިލަން އެންގީ، ރައިފަލް އާއި، މެދު މިނުގެ މެޝިން ބަޑިއާއި ވަޒަން ކޮންމެ މީހަކަށް އެކަށީގެންވާ ވަރަށް ބޯޓަށް ލޯޑުކުރުމަށެވެ.

ބޯޓުން ފުންމާލައިގެން ފައިބަން ޖެހިއްޖެ ނަމަ، ރާވާފައި އޮތީ، 1200 ފޫޓު މަތިން ވައިކުޑަ ހުޅުވޭ ގޮތައް ފުންމާލުމަށެވެ. ދިލަން ބުނި ގޮތުގައި، އޭނާ އޭރު އަންދާޒާ ކުރީ، ފުންމާލުމުގައި ގޯހެއް ހިނގި ނަމަވެސް، މޫދަށް ވެއްޓޭނީ ފުންމާލި މީހުންގެ ހަތަރު ބައިކުޅަ އެއްބައި ކަމުގައެވެ. އިންޑިއާ ސިފައިނަށް ހުޅުލޭގެ ރަންވޭގެ ފުޅާ މިނާއި ދިގު މިން އެނގުނު ކަމުގައިވިޔަސް އެދުވަހުގެ ވައި ހުރި ގޮތާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތެވެ.

އޮޕަރޭޝަނަށް ނައްޓާލުމަށް ކުޑަތަންވެފައިވަނިކޮށް ފުރަތަމަ މަރުހަލާގައި ބޭނުން ކުރަން ކުރިން 3 ބޯޓު ހަމަޖެހިފައި އޮތް ނަމަވެސް ހަމަޖެހުނީ އައި.އެލް 76 ގެ ދެ ބޯޓެވެ. އެ ދެބޯޓަށް ދިން ނަމަކީ "ފްރެންޑްލީ1" އަދި "ފްރެންޑްލީ2" އެވެ.

ފުރަތަމަ ބޯޓުގައި ތިބީ ޗާލީ ކޮމްޕެނީ އާއި ޑެލްޓާ ކޮމްޕެނީގެ ސިފައިންގެ ބައެކެވެ. އަދި އެހެން ބައެއް ޔުނިޓްތަކުގެ މީހުންނެވެ.

ދެވަނަ ބޯޓުގައި ތިބީ ޑެލްޓާ ކޮމްޕެނީގެ ބާކީ ތިބި ސިފައިންނާއި، އެހެން ޔުނިޓްތަކުގެ ސިފައިންނެވެ.

އަސްކަރީ ދެ މަތިންދާބޯޓު ނައްޓާލީ ގާތްގަނޑަކަށް ފަހެއް ނުވަތަ ފަސްގަޑިބައި ހާ އިރުއެވެ. ވައިގެ ސިފައިން އޮޕަރޭޝަންގައި ނައްޓާލީ އެމީހުންނަށް މިޝަންއާ ބެހޭ މައުލޫމާތު ލިބުނުތާ 7 ގަޑީއިރުގެ ތެރޭގައެވެ.

ޕްލޭނަކީ، ކުރީގައި އޮތް ބޯޓު ގޮސް ހުޅުލޭ އެއަރޕޯޓުގައި ޖެއްސުމަށެވެ. ނަމަވެސް، އެއަރޕޯޓު ދުޝްމަނުންގެ އަތްދަށުގައި އޮތްކަން އެނގިއްޖެ ނަމަ، ބޯޓު ނުޖައްސާ ދާ ގޮތައް ދާނީއެވެ. މި ގޮތަށް ގޮސް އެނބުރި އަންނަ އިރު ބޯޓު އަންނާނީ ވައިކުޑައިގައި ސިފައިން ފުންމާލުމަށް ބޭނުންވާ އުސްމިނުގައި ދަތުރުކޮށްފައެވެ. މިގޮތައް އައިސް ފުންމާލުމަށް ހަމަޖައްސާފައިވާ ސިފައިން ފުންމާލާނީއެވެ. ވައި ކުޑައިގައި ފައިބާ ސިފައިން ރަންވޭ ހިފުމަށްފަހު، ފުރަތަމަ ބޯޓު ޖައްސާނީއެވެ. އަދި އޭގެ ފުލުން އަނެއް ބޯޓު ޖައްސާނީއެވެ.

އޮޕަރޭޝަންގައި ހުޅުލޭ އެއަރޕޯޓަށް ދީފައި އޮތް ނަމަކީ "ހުދިޔާ" އެވެ.

ރާވާފައި އޮތީ ބޯޓު ޖައްސާ ވަގުތު ގްރައުންޑް ސްޓާފުން ކުޑަ ވަގުތުކޮޅަކަށް ރަންވޭގެ ބޮކިތައް ދިއްލުމަށްފަހު ނިއްވާލުމަށެވެ.

ރޭގަނޑުގެ 9:30 ހާއިރު ފުރަތަމަ އޮތް ބޯޓު ހުޅުލޭގެ މައްޗަށް އެރިއެވެ. އަދި ހުޅުލޭ އެއަރ ޓްރެފިކް ކޮންޓްރޯލުން "ހުދުޔާ" ކޯޑް ވޯޑް ބޯޓަށް ލިބުނެވެ. އެކަމަކު އެވަގުތު އެ ކޯޑުވޯޑުން އެއަރޕޯޓު އޮތީ ދުޝްމަނުންގެ އަތްދަށުގައި ކަން ނުވަތަ ނޫންކަން އިންޑިއާ ސިފައިންނަށް ސާފެއް ނުވިއެވެ.

އެކަން ސާފު ނުވި ނަމަވެސް، ބްރިގޭޑިއާ ބުލްސާރާ ނިންމީ ރަންވޭގައި ބޯޓު ޖެއްސުމަށެވެ.

ކުރިން ރޭވިފައިވާ ގޮތައް ކުޑަވަގުތު ކޮޅަކަށް ރަންވޭ ދިއްލާލުމާ އެއްކޮށް ނިއްވާލިއެވެ. ބޯޓުގެ ފުރޮޅު ރަންވޭގައި ޖެހުމާއެކު، ބޯޓު ހުއްޓުމަކަށް ނާންނަނީސް ބްރިގޭޑިއާ ދިލަން އާ އޭނާގެ ސިފައިން ބޯޓުން ފޭބުމުގެ މަސައްކަތް ފެށިއެވެ.

ބިމުގައި ފައި ޖެހުމާއެކު ދިލަން ދުވެފައި ދިޔައީ ޓާމިނަލް އަށެވެ. އެތަނުގައި ގާޑަކު ބެހެއްޓުމަށްފަހު، ދެން ދިޔައީ، އެއަރޓްރެފިކް ކޮންޓްރޯލް ޓަވަރަށެވެ. ޓަވަރުގެ ތެރޭގައި ހުރި މީހަކު ރޭޑިއޯ ސެޓަކުން އޭރު ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ބުނީ އެއީ އޭ.ޓީ.ސީ.ގެ މުވައްޒަފެއް ކަމުގައެވެ. ބްރިގޭޑިއާ އޭޓީސީ ޓަވަރުގައި ހުރި މުވައްޒަފަށް ވާހަކަ ދެއްކަމުން ދިޔައިރުވެސް މާލެ ތެރޭގައި ބަޑި ޖަހާ އަޑު އިވެމުން ދެއެވެ.

އޭޓީސީގެ މުވައްޒަފު ބްރިގޭޑިއާ ގާތު ބުނީ ތިމަންނާ ވާހަކަ ދައްކަމުން މިދަނީ، އެންއެސްއެސް ހެޑްކުއަރޓާ އާ ކަމުގައެވެ. އެއާއެކު އެންއެސްއެސް އިން ވާހަކަ ދައްކަމުން ދިޔަ ފަރާތާއި ސީދާ ބްރިގޭޑިއާ ދިލަން ވާހަކަ ދައްކަން ފެށިއެވެ.

އެންއެސްއެސް އިން ވާހަކަ ދެއްކި މޭޖަރ ބުނީ، އަވަސް ކޮށްދޭށެވެ. އެމީހުން ރޮކެޓް ލޯންޗަރެއް ބޭނުން ކޮށްގެން އެންއެސްއެސްގެ ބޭރު ފާރު ފޫދުއްވާލައިފި ކަމުގެ މައުލޫމާތުދީ ކަމުގެ ސީރިއަސްކަން ކިޔައިދިނެވެ.

އެއާއެކު ބްރިގޭޑިއާ ދިލަން ދިވެހި ސިފައިންގެ އަތުގައި ޖީޕީއެމްޖީ (ޖެނެރަލް ޕާޕަސް މެޝިން ގަން) އެބަހުރިތޯ އެއްސެވެ.

އެންއެސްއެސް އިން ވާހަކަ ދެއްކި ފަރާތުން އާނއެކޭ އެބަހުއްޓޭ ބުނުމުން، ފޫދުއްވާލި ދިމާލުގައި މެޝިން ބަޑި ބެހެއްޓުމަށާއި، އަދި ފާރުގައި ހުރި ބާގަނޑުގައި ވެލި ގޯނި ޖެއްސުމަށް ދިލަން ލަފާ ދިނެވެ. އަދި އެއާއެކު ހާސް ނުވާށޭ، ފުރިހަމަ ބާރާއެކު ވަރަށް އަވަހަށް އެބަ ދަމޭ ބްރިގޭޑިއާ ދިލަން ބުންޏެވެ.

ދިލަން ޓަވަރުން ނުކުމެގެން ރަންވޭ އާ ދިމާލަށް ނުކުތް އިރު ދެވަނަ ބޯޓު އައިސް ހުޅުލޭގައި ޖައްސައިފިއެވެ. ބްރިގޭޑިއާ ބުލްސާރާގެ އެންގެމަށް އެއަރޕޯޓް ބެލެހެއްޓުމަށް އިންޑިއާ ސިފައިން ބޭތިއްބުމައްފަހު ބާކީ ތިބި ސިފައިން މާލެ އަށް އައުމަށް މަސައްކަތް ފެށިއެވެ.

އޭރު ހުޅުލޭ ޖެޓީގައި 5 ނުވަތަ 6 ސްޕީޑް ލޯންޗު އޮތެވެ. އޭގެ ތެރެއިން ދުއްވާނެ މީހުން ތިބި ދެ ލޯންޗަކަށް އަރައިގެން މާލެ އައުމަށް ފުރިއެވެ.

ފަހުން ސާފުވި ގޮތުގައި ލޯންޗުތައް މާލެ އައީ ކުލީ ސިފައިން، ބޯޓެއް ހައިޖެކްކޮށްގެން ނައްޓާލި ވަގުތެވެ. އިންޑިއާ ސިފައިން ދަތުރު ކުރީ ހައިޖެކް ކުރި ބޯޓު ދަތުރު ކުރި ރޮނގު ހުރަސްކޮށްފައެވެ. އެކަމަކު އޭރު އެކަމެއް ނޭގެއެވެ.

ރާއްޖެއަށް ފޮނުވި ފިފްޓީ ބްރިގޭޑްގެ ލަޝްކަރަށް ނޭނގި، އިންޑިއަން ނޭވަލްގެ ބޯޓެއް މާލޭގެ މަތިން އޭގެ އިރުކޮޅެއް ކުރިން ވަނީ އުދުހިފައެވެ. އެއާއެކު، ކުލީ ސިފައިންނަށް ބޮޑު ސިހުމެއް އައި ކަމަށް ވެއެވެ. މިކަން މިހެން ހިނގާފައިވަނިކޮށް، ހުޅުލެއަށް ވައިގެ ސިފައިންނާ އެކު އައި ބޯޓު ޖެއްސި އަޑުފައްގަނޑަށް، ގޭމް ނިމިއްޖެ ކަމަށް ކުލީ ސިފައިންނަށް އިހުސާސްވިއެވެ. ފުލުފުލުގައި އިވުނު މަތިންދާ ބޯޓުގެ އަޑުފައްގަނޑާއެކު ބަޔަކު ހިސާރު ކޮށްގެން އަވަހަށް މާލޭން ނައްޓާލަން ކުލީ ސިފައިން ނިންމިއެވެ.

އިންޑިއާ ސިފައިން މާލެ އައި ލޯންޗުތައް ކައިރި ކުރީ މާލޭގެ ހުޅަނގު ފަރާތަށެވެ. ލޯންޗު މާލެއާ ގާތް ކުރުމާއެކު މޭޖަރ ދިލަން އެއްގަމަށް ފުންމާލިއެވެ. އޭރު ލޯންޗުގައި ތިބި އެހެން މީހުން ތިބީ ލޯންޗު ތެޅުވި ވަރުން ކޮންމެވެސް ވަރަކަށް ބޯ އަނބުރާ ގޮތްވެފައެވެ.

ލޯންޗުން ފޭބި ސިފައިން މަގު ދައްކާނެ އެހީތެރިއަކު ފެނޭތޯ ވަގުތުން މަސައްކަތް ފެށިއެވެ. އިންޑިއާ ސިފައިން މާލެ ފައިބާ އިރު މަގުދައްކާނެ މީހަކު ހަމަޖައްސާނެ ކަމަށް އެންއެސްއެސް އިން ކުރިން ވާހަކަ ދެއްކި މޭޖަރަކު އޮތީ ބުނެފައެވެ. ކުރިން ބުނެފައި އޮތީ، އެންމެ ފުރަތަމަވެސް އެމީހެއްގެ އާރުކާޓީ ކަމުގައި އިންޑިއާ ސިފައިން މައުމޫނު ފިއްލަވާ ހުންނެވި ތަނަށް ދިއުމަށެވެ. މިހާ ހިސާބަށް އައި އިރު އެކި ލޯންޗުގައި މާލެއަށް އިންޑިއާގެ 40 ޕެރަޓްރޫޕަރުން އަރައިފިއެވެ.

އިރުކޮޅަކުން މުންޑެއް އަނދެފައި ހުރި މީހަކު ސައިކަލެއްގައި އައިސް އިންޑިއާ ސިފައިންނާ އަރާ ހަމަކޮށްފިއެވެ. އެކަމަކު އިންޑިއާ ސިފައިންނަކަށް އެއީ ރަހުމަތްތެރިއެއް ކަމެއް ދުޝްމަނެއް ކަމެއް ނޭނގުނެވެ. ތަނެއް ދޮރެއް ނޭނގޭހާ ބޮޑަށް މުޅި ސަރަހައްދު އޮތީ އަނދިރީގައެވެ. މާލެ އަކު ކަރަންޓެއް ނެތެވެ.

އިންޑިއާ ސިފައިން މިމީހާ ގަދަކަމުން ހިފެހެއްޓި ފަހުން އެއީ މަގު ދައްކަން އެންއެސްއެސް އިން ފޮނުވި މީހާކަން އެނގިއްޖެއެވެ. އަދި ފުރަތަމަ ދާންވީ ޑިފެންސް މިނިސްޓަރގެ ގެކޮޅަށްކަން އޭނާގެ ފަރާތުން އެނގުނެވެ.

ލޯންޗް ފަހަރު ގާތް ކުރާ ސަރަހައްދުގައި، 10 ވަރަކަށް އިންޑިއާ ސިފައިން ބޭތިއްބުމަށް ފަހު، ބާކީތިބި ސިފައިން ކުރިއަށް ދަނިކޮށް ތަޅުދަނޑި ޖަހާފައި އޮތް ޕިކަޕެއް ފެނުމުން އެ ޕިކަޕުގައި ދިއުމަށް ނިންމިއެވެ.

ދިލަންގެ ފައުޖު ޑިފެންސް މިނިސްޓަރގެ ގެކޮޅާ ހަމައަށް ދެވުނު ތަނުން، ކާނަލް ޖޯޝީގެ ފައުޖުވެސް އެހިސާބަށް އައިސް ހަމަ ކޮށްފިއެވެ. އިންޑިއާ ސިފައިންނަށް ލިބުނު މައުލޫމާތަކީ ރައީސް މައުމޫނު ހުންނެވީ، އެމަނިކުފާނުގެ މުވައްޒަފެއްގެ ގޭގައި ކަމަށާއި އެގެ ހުންނަނީ އިންޑިއަން ހައިކޮމިޝަނާ ސަތޭކަ ވަރަކަށް ޔާޑު ދުރުމިނުގައި ކަމުގައެވެ.

މިހާހިސާބައް އައި އިރު ޕްލޯޓް ޖަމާއަތުގެ ކުލީ ސިފައިންގެ ގިނަ މީހުން ބޯޓެއްގައި ފިލައިގެން ނައްޓާލައިފިއެވެ. އަދި ދެންތިބި މީހުންވެސް އެހެން ބޯޓެއްގައި ނައްޓާލަނީއެވެ. ޕްލޯޓް ޖަމާއަތުގެ ފުރަތަމަ ގްރޫޕް، އިންޑިއާގެ މަތިންދާ ބޯޓެއް މާލޭގެ މަތިން ޖެހި ބުރާއެކު ހަވީރު ހަތަރެއް ޖަހާކަންހާ އިރު އޮތީ ނައްޓާލަން ނިންމާފައެވެ.

ކުލީ ސިފައިން މާލެން ފިލައިގެން ދާން ޖެހިދާނެ ކަމަށް ބަލާ ގަހަނާ ފިހާރަތަކާއި، އެހެނިހެން ފިހާރަތައް ލޫޓުވިއެވެ.

އިންޑިއާ ސިފައިންނަށް ރައީސް މައުމޫނު ފިއްލަވާ ހުންނެވި ގޭދޮށަށް ދެވިއްޖެއެވެ. އެކަމަކު ދޮރު ފާރަވެރިއަކަށް ހުރި މީހާ އެމީހުން އެތެރެއަށް ވައްދަން އެއް ބަހެއް ނުވިއެވެ.

ދިލަން ގަސްތުކުރީ ފާރުމަތިން އަރައިގެން އެތެއަށް ވަނުމަށެވެ. ނަމަވެސް ފާރައަށް ހުރި މީހާއަށް އެއީ އިންޑިއާ ސިފައިންކަން އެނގުމުން ދޮރުހުޅުވާ އެތެރެއަށް ވެއްދީއެވެ.

ގޭތެރެއަށް ވަނީ ކާނަލް ޖޯޝީ އާއި، މޭޖަރ ދިލަން އާއި ކެޕްޓަން ސިންގް ގެ އިތުރުން އެކުގައި އައި އިތުރު ސިފައިންނެވެ.

އެންއެސްއެސްގެ ގައިޑަކަށް ހުރި ފަރާތުން ރައީސް މައުމޫނު އެގޭގައި ހުންނެވި ކޮޓަރި އާ ހަމައަށް އިންޑިއާ ސިފައިންގެ ފައުޖު ގެންގޮސްދިނެވެ.

މައުމޫނު ހުންނެވީ ދެކޮޓަރީގެ ތަނެއްގައެވެ. އަރިހުގައި އަނބިކަނަބަލުންނާއި، ބޭފުޅަކު ހުންނެވިއެވެ. އަރިހުގައި އިތުރު ގާޑުންވެސް ތިއްބެވެ. އިންޑިއާ ސިފައިންނަށް ފާހަގަވި ގޮތުގައި ރައީސް މައުމޫނު އެމީހުންނާ ބައްދަލުވެވަޑައިގަތުމުން އެމަނިކުފާނަށާއި އާއިލާއަށް ވަރަށް ބޮޑު ލުޔެއް އިހްސާސް ކުރެއްވުނު ކަހަލައެވެ.

ކެޕްޓަން އެމްކޭ ސިންގްގެ ބެލުމުގެ ދަށުން ޕްލެޓޫނެއް މިގެ ބެލެހެއްޓުމަށް ދިލަން ހަމަޖެއްސިއެވެ. އެހެން ހެދުމަށްފަހު، ރައީސް މައުމޫނު އާއި އާއިލާ ގޮވައިގެން އެންއެސްއެސް ހެޑްކޯޓަރަށް އިންޑިއާ ސިފައިން ނައްޓާލިއެވެ. ރައީސް މައުމޫނު ހުންނެވި ގޭގެ ދޮށުގައި އިންޑިއާ ސިފައިން ބޭތިއްބުމުގެ ބޭނުމަކީ އެތަނުގައި ރައީސް މައުމޫނު އުޅުއްވާ ކަމުގެ ގޮތްދައްކާ އޮޅުވާލުން ކަމުގައި ދިލަން ހާމަކޮށްފައިވެއެވެ.

އެންއެސްއެސް އަށް ދިޔަ މަގުމަތީގައި، އެދުވަހުގެ ކުރީ ކޮޅު ދިވެހި ސިފައިންގެ ބަޑީގެ ހަމަލާގައި މަރުވެގެން ވެއްޓިފައި ތިބި ކުލީ ސިފައިންގެ ހަށިތައް އިންޑިއާ ސިފައިންނަށް ފެނުނެވެ.

ރައީސް މައުމޫނާއި އާއިލާ ރައްކާތެރި ކަމާއެކު އެންއެސްއެސްގެ ހެޑްކުއަރޓާއި ބޭތިއްބެވުމަށް ފަހު، ކުޑަ ޓީމަކާއެކު މޭޖަރ ދިލަން މިސްރާބް ޖެހީ ބަނދަރު ތެރޭގެ ހާލަތު ދެނެގަތުމަށެވެ.

އެ ހިސާބަށް ދިޔައިރު، އެންއެސްއެސްގެ ފާރު ވައްޓާލުމަށް ރޮކެޓް ލޯންޗަރަކުން ހަމަލާ ދިނުމުގައި ބައިވެރިވި ކުލީ ސިފައިންގެ 3 މީހުން ފިލައިގެން ދިއުމަށް ފަޅު ތެރޭގައި އޮތް ކުޑަ ލޯންޗަކަށް އަރައިގެން ދުއްވަމުން ދަނިކޮށް ތެޔޮ ހުސްވެގެން މާލެ އާ 10 ކިލޯ މީޓަރު ދުރުން ރަށެއްގެ ފަރަށް އަރާފައިވަނިކޮށް، އެ މީހުން އަތުލައިގަނެގެން އިންޑިއާ ސިފައިންގެ އަލްފާ ކޮމްޕެނީން އެމީހުން މާލެ ގެނެއެވެ.

ޕްލޯޓް ގްރޫޕްގެ ލީޑަރަކަށް ހުރި ޖޫލިއޯ ދިވެހި ސިފައިންގެ ހަމަލާއެއްގައި މަރުވެގެން އެންއެސްއެސް ހެޑްކޯޓަރުގެ ކުރިމައްޗަށް ވެއްޓުން ވެގެން ދިޔައީ ކުލީ ސިފައިންގެ ހިތްވަރު މުޅިން އެލުނު ކަމަށެވެ. އެއާއެކު އިންޑިއާ ސިފައިންގެ އަސްކަރީ މަތިންދާ ބޯޓފަހަރު އަންނަ މަންޒަރު ފެނުމާއެކު، ބާކީ ތިބި މީހުން އަވަހަށް ފިލައިގެން ދިއުން ނޫން ގޮތެއް ނެތްކަން އެމީހުންނަށް ވިސްނުނެވެ.

އެންއެސްއެސްގެ ހެޑްކުއަރޓާގައި ހުންނަވާ ރައީސް މައުމޫނު އިންޑިއާގެ ބޮޑުވަޒީރަށް ފޯނުން ގުޅުއްވާ ޝުކުރު އަދާ ކުރެއްވިއެވެ.

މިކަންކަން މާލޭގައި ހިނގަމުން ދިޔައިރު ކުލީ ސިފައިން ފިލައިގެން ދިޔަ ބޯޓު އަތުލައިގަތުމަށް އިންޑިއާގެ ކަނޑުގެ ސިފައިން ހަރަކާތްތެރިވެ، ފިލައިގެން ދިޔަ ކުލީ ސިފައިން ހުއްޓުވާ އަތުލައިގަތެވެ.

އިންޑިއާ ސިފައިން އޮޕަރޭޝަން ކެކްޓަސް ނިންމާލީ، އެ އޮޕަރޭޝަންގެ ހުރިހާ މަގްސަދުތަކެއް ހާސިލް ކުރުމަށްފަހުގައެވެ. އިންޑިއާ ސިފައިންގެ އެންމެ ފުރާނައެއްވެސް ގެއްލިގެން ނުދެއެވެ. އޮޕަރޭޝަންގައި ބައިވެރިވުމަށް އައި ސިފައިންގެ ތެރެއިން ޕެރަ މިލިޓަރީ ބައެއް ސިފައިން ރާއްޖޭގެ ދިފާއީ ކަންކަން ބެލެހެއްޓުމަށް ރައީސް މައުމޫނުގެ އެދިވަޑައިގަތުމަށް ދުވަސް ކޮޅަކަށް މަޑު ކުރިއެވެ.

މޭޖަރ ދިލަންގެ ނަޒަރުގައި މިއީ އިންޑިއާގެ އަސްކަރީ ތާރީޚުގައި ލިޔެވުނު އެންމެ މުހިންމު އެއް ސަފްހާއެވެ.

- ކޮމެންޓް
5 ނޮވެންބަރ 2020 | ބުރާސްފަތި 14:56
މޭކަރާނެ
އިންޑިއާގެ ފިލްމް ޕްރޮޑިއުސަރެއްގެ ސްކްރިޕްޓްއަކާ ވަރަށް ވައްތަރު.. ދެން އެނގޭ އިންޑިއާގެ އަތްދަށަށް މިހާރު މިދާވަރުވެސް.. ކީއްކުރާނީ ބުއްދި ނެތް އިންސާނުންވެސް އެބައުޅޭ..
5 ނޮވެންބަރ 2020 | ބުރާސްފަތި 14:51
އަލީ
ހާދަ ހަމަނުޖެހޭ ތަންތަން ގިނައޭ މި ވާހަކާގަ. ކުލީ ސިފައިންގެ ޕްލޭންވެސް ކުރީބައިގަ މި މީހުންނަށް އެނގޭހެން ހީވަނީ.. ހެހެހ
4 ނޮވެންބަރ 2020 | ބުދަ 19:42
ކާފަދ
ކަލޯ މިގޮލާ ހަމައިގަ ހުރެތަ ލިޔުނީ. މީގަ ނެތް ތެދު އެންމެ ކަމެއްވެސް
4 ނޮވެންބަރ 2020 | ބުދަ 18:20
ސޯލްޖަރ
ތީގަ ގިނައީ ދޮގު ވާހަކަ.
4 ނޮވެންބަރ 2020 | ބުދަ 15:16
1828
އިންޑިއާ ސިފައިނެއް މަރެއް ނުވާނެއެއް ނޫން ތޯ؟ ހުރިހާ ކަމެއް ނިމުނު ފަހުން އައީމަ
4 ނޮވެންބަރ 2020 | ބުދަ 13:10
ޣގގ
ޥ ފުރިހަމަ
4 ނޮވެންބަރ 2020 | ބުދަ 01:34
މަ
އިންޑިއާއިން 3ނޮވެންބަށްރަކުޅި ފައޮތް ފިލްމު ދެއްތޮމި ވަރަށްވައްތަރު
4 ނޮވެންބަރ 2020 | ބުދަ 01:28
އަލީ
އިންޑިއާއިން ކުޅި ފައިން ފިލްމުދޯމިމިހާރުލިޔެ ފަ
3 ނޮވެންބަރ 2020 | އަންގާރަ 23:48
މާނި އު
މި އީ އެތަ އް ދޮގެ އްގެ މަ އްޗަށް ސަ އްލެ ލިޔެފަ އިވާ ލިޔުމެ އް