ކުޅުދުއްފުށި ސިޓީގެ ކޮވިޑްގެ ހާލަތު: ގިނަ ބަޔަކު ކޮންޓެކްޓްވެ، ލޯކަލް ޓްރާންސްމިޝަނަކަށް ވަނީ ގޮސްފައި!
20 އޮކްޓޯބަރު 2020 | އަންގާރަ 04:38ސްކޫލުން 15 ކުދިންނާއި 7 ޓީޗަރުން ކޮންޓެކްޓް ވެފައިވޭ


ކުޅުދުއްފުށި ސިޓީ، މިއީ މޮނިޓަރިންއަށް އެސިޓީ ގެންދިޔަ ހަތަރު ވަނަ ފަހަރު
ކުޅުދުއްފުށި ސިޓީގެ ކޮވިޑްގެ ކޭސްގައި ގިނަ ބަޔަކު ކޮންޓެކްޓްވެ، ލޯކަލް ޓްރާންސްމިޝަނަކަށް ގޮސްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
ކުޅުދުއްފުށިން އެންމެ ފަހުން ޕޮޒިޓިވް ވެފައިވަނީ އެރަށުގައި މަސައްކަތްކުރާ ފުލުހެއްގެ އާއިލާގެ ހަތަރު މެންބަރުންނެވެ. އަދި އެ ކޭސްތަކާ ގުޅިގެން ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، މިއީ މޮނިޓަރިންއަށް އެސިޓީ ގެންދިޔަ ހަތަރު ވަނަ ފަހަރެވެ.
މިކޭސްއާ ގުޅިގެން ހޯމަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުޅުދުއްފުށީ ޓާސްކު ފޯސްގެ ފަރާތުން ވާހަކަދެއްކެވި އިބްރާހިމް ނާޒިމް ވިދާޅުވީ، މިކޭސްއާ ސްކޫލުން 15 ކުދިންނާއި 7 ޓީޗަރުން ކޮންޓެކްޓް ވެފައިވާ ކަމަށެވެ. އަދި ފުޓްބޯލް އެކަޑަމީންގެ ކުދިންނާ ދިމާވެފައިވާކަން ވެސް ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ ޕޮޒިޓިވްވި މީހަކާ ދިމާވެފައިވާކަން އެނގޭ ހިސާބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނުވަތަ ޓާސްކްފޯސްއަށް އެމީހަކު އަމިއްލައަށް ވެސް އެންގުމަށް އެދޭ ކަމަށެވެ. ބައެއް ހާލަތްތަކުގައި ޕޮޒިޓިވްވި މީހާއަށް މީހެއްގެ ނަން ނުބުނެވި ހިނގާދާނެ ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް މިކަމަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އުތުރު ޕޮލިސް ކްލަސްޓާއާ ގުޅިގެން މިހާތަނަށް ޖުމްލަ 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ކުޅުދުއްފުށިން ޕޮޒިޓިވްވި 13 މީހަކާއި ކުރިނބިން ޕޮޒިޓިވްވި މީހަކާއި ފޯކައިދޫން ޕޮޒިޓިވްވި މީހެއްގެ އިތުރުން ދިއްދޫން ޕޮޒިޓިވްވި ހަތަރު މީހުންނެވެ.





