ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ ތެރޭގައި ގައުމުގައި ކަން ހިނގާފައިވާގޮތާއި ކަން ހިނގަމުންދާގޮތް ގަސްތުގައި އޮޅުވާލަން މަސައްކަތް ކުރާ ބޭފުޅުން ގިނަކަން ފާހަގަ ކުރެވެއެވެ. ހާއްސަކޮށް، އިދިކޮޅު ކޯލިޝަންގެ ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕްގައި އެފަދަ ބޭފުޅުން ގިނަކަންވެސް ފާހަގަ ކުރެވެއެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްބޭފުޅަކީ ޕީޕީއެމާ ގުޅުމަށްފަހު، އެޕާޓީން ވަކިވެވަޑައިގެން، އަލުން ޕީޕީއެމާ ދާދިފަހުން ގުޅިވަޑައިގެންނެވި، ޑރ. މުހައްމަދު ޖަމީލު އަހުމަދު އެވެ. ދާދިފަހުން ޖަމީލު ކުރެއްވި ޓްވީޓަކަށް ބަލާނަމެވެ.
ޖަމީލު ވިދާޅުވަނީ، ނުފުއްދޭ ވަރުގެ ބޮޑެތި ވަޢުދުތައް ހުއްޓާލަން ދަސްކުރަންޖެހޭ ކަމަށާއި، ކުރިން ގޯސްވި ޤާނޫނު މިއަދު މޮޅުވެއްޖެކަމަށާއި ކުރިން ކަމުނުދިޔަ ފްލެޓް، ބްރިޖުތައް، މަހާޖައްރާފު މިއަދު ރަނަށްވެއްޖެ ކަމަށެވެ. މި 5 އަހަރު ޙާޞިލްކުރެވުނު ކަމަކީ ކުރީ ސަރުކާރުގެ މަޝްރޫޢުތައް ޕޮލިޝްކުުރުމާއި އަމިއްލައަށް ސަނާކިޔުން ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.
ޖަމީލު އެވެ. ކުރިން ގޯސްވި ގާނޫނު މިއަދު މިސަރުކާރަށް ވަކި މޮޅުވެގެން ނޫޅެއެވެ. ދިވެހި ރައްޔިތުންނަށް އޮޅުވާލަން އުޅުއްވިޔަސް ތިއީ ތަންފުކެއް ބޮޑުވަރު ނޫންތޯ އެވެ. ރައީސް ޔާމީންގެ ސަރުކާރުން ވުޖޫދަށް ގެނައި، "ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އަބުރު ރައްކާތެރި ކުރުމުގެ ގާނޫން" އަކީ، އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި ހެދިފައިވާ ޤާނޫނެއް ނަމަވެސް، އެ ޤާނޫނުގެ ދަށުން ކުރި ކަމަކީ ޙިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނައްތާލުން ނޫންތޯ އެވެ. ރައީސް ޞާލިހުގެ ސަރުކާރުން ވަނީ އެގާނޫނު އުވާލައްވާފަ އެވެ. ނަމަވެސް އަބުރަކީ ހުރުމަތް ވެގެންވާ، އަދި އަބުރަށް އަރައިގަތުމަކީ ނުރައްކާތެރި ކަމެއްކަމަށްވާތީ، އަދި އިސްލާމް ދީނުގައި އަބުރު ރައްކާތެރި ކުުރުމަށް ބާރުއަޅާފައިވާތީ، މިސަރުކާރުން އަބުރުގެ ގާނޫނެއް މަޖިލީހަށް ހުށަހެޅީ އެސަބަބަށްޓަކައެވެ. އެއްގޮތަކަށްވެސް ޕީޕީއެމްގެ ސަރުކާރުން ހިއްގެވި ހަޑި މުޑުދާރު އަމަލެއް، މީޑިއާތަކާއެމެދު މިސަރުކާރުން ނުހިންގާނެ ކަމުގެ ޔަގީންކަން މިސަރުކާރުން ވަނީ ދީފަ އެވެ. އަދި ދިވެހި މީީޑިއާތަށް މިވީ ދުވަސްތަކުގެ ތެރޭގައި އެކަން ފާހަގަ ކުރެވޭނެ އެވެ.
ޖަމީލު އެވެ. ޕީޕީއެމްގެ ސަރުކާރުން އިމާރާތްކުރި ހިޔާ ފްލެޓް ކަމުނުދާ ވާހަކައާއި އެކަމަށް ދިވެހި ރައްޔިތުންގެ ނަމުގައި ނެގި ލޯނު ބޮޑުކަމަށް ބުނަނީ، ހަމައެކަނި މިސަރުކާރަށް ނިސްބަތްވާ ބޭފުޅުން އެކަންޏެއް ނޫނެވެ. ދިވެހި ރައްޔިތުންނާއި، އިމާރާތް ކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންނެވެ. ބްރިޖް ކަމުނުދާވާހަކައެއް މިސަރުކާރުގެ ވެރިން އަދި ދިވެހި ރައްޔިތުން ވެސް ނުދައްކަ އެވެ. ދިވެހި ރައްޔިތުންނާއި މިސަރުކާރުގެ ވެރިން ދެއްކެވީ، ބްރިޖްގެ ދެ ފަރާތުން ދެ ލޭން "ކަޓުވާލައި" ބްރިޖް މަޝްރޫއުއިންވެސް ވައްކަން ކުރި ވާހަކަ އެވެ. "ވައްކަން އޯކޭއެއް ނޫން" ކަމަށެވެ. އެމްޓީސީސީގެ މަހާޖައްރާފް ވެސް ކަމުނުދަނީކީ ނޫނެވެ. އެމްޓީސީސީގެ ތެރެއިން ހިންގި ޖަރީމާތައް ކަމުނުދަނީ އެވެ. އަދި މިސަރުކާރުން މަހާޖައްރާފުގައި ތިބި ބޭރު މީހުންގެ ބަދަލުގައި ހުސް ދިވެހިން ވަޒީފާއަށް ހަމަޖެއްސީ އެވެ. އެހެންވީމާ، މިއަދު އެމްޓީސީސީއާއި މަހާޖައްރާފު އެއީ މިސަރުކާރަށް ހަމަ "ރަށް" ގަނޑެކެވެ. އެއީ ކޮންމެހެން ޕީޕީއެމް ސަރުކާރުން ކޮށްފައިވާ ކަމެއްކަމަށްވާތީ ސަނާކިޔުމެއްވެސް ނޫނެވެ. ކޮށްފައި ހުރި ނުރަނގަޅު ކަންކަން ރަނގަޅުކޮށް، ޕޮލިސް ކޮށްލުމަކީ ކުރިއަށް ދިއުމަށް މިސަރުކާރުން އަމާޒު ހިފާފައިވާކަމުގެ ހެއްކެއް ނޫންތޯއެވެ.
ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލި މީހުންގެ މައްސަލަތައް ބެލުމާއި އެ އާއިލާތަކަށް އިންސާާފު ހޯދާދިނުމަކީ ރައީސް ޞާލިހު ރިޔާސީ ބޮޑު ވައުދުފުޅެކެވެ. އެކަމަށް ރިޔާސީ ކޮމިޝަނެއް އުފައްދާފައިވާއިރު، ގިނަ މައްސަލަތަކަކީ ހުދު ޖަމީލުމެންގެ ބާރުވެރިކަމުގައި ތިއްބެވި އިރު މިރާއްޖޭގައި ހިންގާފައިވާ ޖަރީމާތަކެކެވެ. އެޖަރީމާތަކަށް ފަސްއަޅައި، ހެކި ނައްތާލަން މަސައްްކަތް ކުރީވެސް ހަމަ ތިބޭފުޅުން ހިމެނޭ ބަޣާވާތުގެ ވެރިކަމުގައި ޑރ. މުހައްމަދު ވަހީދު އާއި ދާހިލީ ވަޒީރަކަށް މަނިކުފާނު ހުންނަވައި އަދި ފަހުން ޕީޕީއެމް ސަރުކާރުގެ ނާއިބު ރައީސް ކަމުގެ މަގާމުގައި ހުންނަވައި ހަމަ ތިބޭޅުން ނޫންތޯ އެވެ. އެހެންވީމާ އެހާ ދުވަސްވެފައިވާ މިފަދަ ބޮޑެތި ޖަރީމާތައް މިއަދު ތަހުގީގު ކުރަން އުޅުނަސް މިސަރުކާރަށްވެސް ހެކި ހޯދުމުގައި ކުރެވޭނެ މާބޮޑު ކަމެއް ނެތުމަކީ ހަމަ ޖަމީލުމެންގެ ބާރުވެރިކަމުގައި ހިންގާފައިވާ ކަންތައްތަކުގެ ސަބަބުން ނުވިކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އެބައޮތެއް ނޫންތޯ އެވެ. އެހެންނަމަވެސް މިސަރުކާރުން ދަނީ ޖަމީލުމެން ހާވާފައިވާ "ހަޑި" ފާސުކޮށް، އިންސާފު ގާއިމު ކުރެވޭތޯ ލައްކަ މަސައްކަތް ކުރަމުން ނޫންތޯ އެވެ.
ޖަމީލު ވިދާޅުވަނީ، ނުފުއްދޭ ވަރުގެ ބޮޑެތި ވައުތައް ހުއްޓާލަން ދަސްކުރަން ޖެހޭ ކަމަށެވެ. އެއްގޮތަކުން ރަނގަޅު ވާހަކައެކެވެ. ނަމަވެސް ޖަމީލު އެވާހަކަ އަމާޒުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރަށެވެ. ސަރުކާރުން ވެފައިވާ ވައުދުތަކާއި ހިންގަމުންދާ މަޝްއޫރުތަކަށެވެ. އެހެންކަމުން އެއީ، ކޮން ވިސްނުމެއްގައި ޖަމީލު ވިދާޅުވި ވާހަކައެއްކަމެއް ސާފެއް ނޫނެވެ. ސާފުނުވާ އެއްސަބަބަކީ، ރައީސް ޞާލިހުގެ ސަރުކާރުން ހިންގަވާ މަޝްރޫތައް، ޖަމީލު ނިސްބަސްވި، ޕީޕީއެމް ސަރުކާރުގެ 5 އަހަރު ދުވަހު ނުހިންގަވާހާ ގިނަ މަޝްރޫއުތައް ރައީސް ޞާލިހުގެ ދެ އަހަރުވެސް ނުވާ މިސަރުކާރުން މިހާރުވެސް ހިންގަމުންދާ މަޝްރޫއުތައް ގިނަވެފައި ވުމެވެ. އަދި ހިންގަމުންދާ ގިނަ މަޝްރޫއުތަކަކީ ބިން ހިއްކުމާއި ރަށްރަށުގެ ފެނާއި ނަރުދަމާއާއި، ބަނދަރު ހެދުމާއި ރަށްރަށުގައި ހިމާޔަތް ކުރަންޖެހޭ ތަންތަން ހިމާޔަތް ކުރުމާއި މިސްކިތްތައް ބިނާ ކުރުމާއި އައު ސްކޫލްތައް އިމާރާތްކުރުމާއި މިހާރުހުރި ގިނަ ސްކޫލްތައް އިތުރަށް ތަރައްގީ ކުރުމުން ފެށިގެންގޮސް އުމްރާނީ އެތައް ބޮޑެތި މަޝްރޫއުތަކެއް އެބަހިންގަމުން ދެއެވެ. އަދި މީގެއިތުރުން، ރާއްޖޭގެ ރައްޔިތުންގެ ސިއްހީ ނިޒާމު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ރާއްޖޭގެ ފަސް ސަރަހައްދުގައި އިމާރާތް ކުރާ ޓާރޝިއަރީ ހޮސްޕިޓާލުތައް ތަރައްގީ ކުރުމާއި މިހާރުހުރި ގިނަ ސިއްހީ މަރުކަޒުތަކަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެސް، އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި މިއޮތްފަދަ ދަތި އުނދަގޫ ދަނޑިވަޅުގައިވެސް މިސަރުކާރުން ދަނީ ކުރަމުން ނެވެ. މާލެ-ވިލިގިލި-ގުޅިފަޅު-ތިލަފުށި ބްރިޖް މަޝްރޫއުވެސް ހަމަ ދަނީ ކުރިއަށެވެ. މަސްވެރިންނަށް ވީ ވައުދުތައް ފުއްދުމުގައި މިސަރުކާރުން އަވަދިނެތި އެދަނީ މަސައްކަތް ކުރަމުން ނެވެ. އެހެކަމުން ރައީސް ޞާލިހުގެ ސަރުކާރުން ވައުދުވެ، ނުފުއްދިފައިވާ ވައުދެއް އޮތިއްޔާ އެވައުދެއްގެ ވާހަކަ ދައުރު ނިމޭއިރު ފާހަގަކޮށްލަން މަޑުކޮށްލުން ރަނގަޅު ނޫންތޯ އެވެ. ވައުދުތައް ފުއްދަމުންދާ ސަރުކާރެއްގެ ވާހަކަ، ޕީޕީއެމްގެ ޕޯޑިއަމެއްގައި ދައްކަން ހެޔޮވާނެތޯ އެވެ.
ހަގީގަތަކީ ޖަމީލު، އެވިދާޅުވާ ބަސް ގޮސް ޖެހެނީ ވެސް، ހަމަ ޖަމީލު ނިސްބަތްވާ ޕީޕީއެމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް ސަރުކާރަށެވެ. ނުފުއްދޭ ވަރުގެ ބޮޑެތި ވައުތައް ވުން ހުއްޓާލަން ދަސްކުރަން ޖެހޭ ބަޔަކީ ތިއީ ނޫންތޯ އެވެ. 2023 ވަނަ އަހަރު ބޭއްވޭ ރިޔާސީ އިންތިހާބުގައި ތިކަން ހަދާނުގައި ބަހައްޓައިގެން، ޕީޕީއެމް މެނިފެސްޓޯ ތައްޔާރުކުރުން ބުއްދިވެރި ނޫންތޯ އެވެ.
އެހެން މިދެންނެވީ، 2013 ވަނަ ރިޔާސީ އިންތިހާބުގައި ކެމްޕެއިންގައި ޕީޕީއެމުން އަދި ރައީސް ޔާމީންގެ ރަނިންމޭޓަކަށް ނިކުންނަވާ ޖަމީލުމެން ދިވެހި ރައްޔިތުންނަށްވި ވައުދުތަކުގެ ވާހަކަ މިއަދުވެސް ބައެއް ފަރާތްތަކުން އެބަދައްކަ އެވެ. ސުޕްރީމް ކޯޓުގެ އެހީތެރިކަމާއެކު 2013ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއިރު، ޕީޕީއެމްގެ ސަރުކާރުން، ޖަމީލު ތިޔަ ވިދާޅުވާ ނުފުއްދޭ ވަރުގެ ބޮޑެތި ވައުދުތައްވިތަން ދިވެހި ރައްޔިތުން ދުށީމުއެވެ. ވެރިކަމުގެ ފުރިހަމަ 5 އަހަރުގެ ދައުރު ނިންމާލިއިރު، ދިވެހި މަސްވެރިންނަށް "ބެޔަސް ނުބެޔަސް 10،000ރ" ލިބޭނެކަމަށް ބުނިއިރު، އެ ފައިސާ ލިބުނު މަސްވެރިއެއް ނިކަން ދައްކަބަލާށެވެ. އެންމެ ފަހުން ދައުރު ނިމެންދަނިކޮށް، ބަލާލިއިރު، އެކަމަށް މާވަރުގަދަ ގަވާއިދެއް ހެދުމުން، އެ ގަވާއިދުގެ ދަށުން މަސްވެރިން ރެޖިސްޓްރީ ވާންޖެހުމުން ރެޖިސްޓްރީވީ އެންމެ ދޯންޏެއް ނޫންތޯއެވެ. ދެން، އޭރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަރިހުން "ބެޔަސް ނުބެޔަސް 10،000ރ" ކޮންމެ މަސްވެރިޔަކަށް ލިބޭނެ ކަމަށް ބުނެ ހުޅުވާލި ސްކީމް ކިހާ ކާމިޔާބުތޯ ސުވާލު ކުރުމުން ވިދާޅުވީ، ވަރަށް ކާމިޔާބު ކަމަށެވެ. ކާމިޔާބެއްކަމަށް ތިޔަވިދާޅުވަނީ ކީއްވެތޯ އެހުމުން ޝައިނީ ވިދާޅުވެފައިވަނީ، ދިވެހި މަސްވެރިންނަށް ލިބޭ އާމްދަނީ 10،000ރ އަށްވުރެ އިތުރުވުމުން ކަމަށެވެ. ނަމަވެސް ކަން ހިނގިގޮތް ދިވެހި ރައްޔިތުންނަށް އެނގެއެވެ. "ބެޔަސް ނުބެޔަސް 10،000ރ" ކޮންމެ މަސްވެއެރިޔަކަށް ލިބޭނޭ ކަމަށްބުނެފައިވާތީ، އެވާހަކަތައް މަސްވެރިން ގޮވާލުމުން، ސަރުކާރުން ހެދިގޮތަކީ ވަރުގަދަ ގަވާއިދެއް ހަދައި، އެގަވާއިދުގެ ދަށުން މަސްވެރިން އެ ސްކީމްގައި ބައިވެރި ނުވާނޭހާ އުނދަގޫތައް ޖެއްސީ އެވެ. އެހެންކަމުން މަސްވެރިން ބައިވެރި ނުވީ އެވެ. ޕީޕީއެމުން މަސްވެރިންނަށް ވެސް ހަމަ ވައުދެއްގެ ގޮތުގައި "ބެޔަސް ނުބެޔަސް 10،000ރ" ލިބޭނެ ކަމަށް ބުނެ ބޮޑު އޮޅުވާލުމެއް ހިންގާލީ އެވެ. ޕީޕީއެމުންވާ ވައުދުތައް ވަނީ އެއްވެސް ދިރާސާއެއް ކުރުމަކާ ނުލާކަން މީގެންވެސް ވަރަށް ސާފުކޮށް އެނގޭނޫންތޯ އެވެ.
ދެން އޮތީ، ކޮންމެ ދަނޑުވެރިޔަކަށް 8،000ރ އެވެ. މި ވައުދުވެސް ދިޔައީ "ތޮޅި" ޔަށެވެ. ވެރިކަމުގެ 5 އަހަރު ނިމުމުއިރު 8،000ރ ލިބުނު ދަނޑުވެރިއެއް ނެތެވެ. ނުވިތާކަށް، ދަނޑުވެރިނަށް އެއްވެސް އަޅާލުމެއް ސަރުކާރުން ދީފައެއް ނުވެއެވެ. މޫސުމީ ބައެއް ހާދިސާތަކުގައި ދަނޑުބިންތައް ހަލާކުވެ، ދިޔައިރުވެސް ސަރުކާރުން އެކަންކަމަށް ދަނޑުވެރިންނަށް އެއްބާރުލުން ދީފައެއް ވެސް ނުވެއެވެ.
ދެން އޮތީ ރިސޯޓް ހިއްސާ އެވެ. ރިސޯޓް ހިއްސާ ދޭނަމޭ ބުނެ ކެނޑި ފޮނިބައިސާއަކީ، ދުނިޔޭގެ ފެންވަރުގެ ބޮޑު ޖޯކެކެވެ. އެމްއެމްޕީއާރުސީގެ މެދުވެރިކޮށް، ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރަން ދޫކުރި ފަޅުރައްތަކާއި ފަޅުތަކާއި ފަރުތަކާއި ގިރިތައް، އެއީ ރިސޯޓް ހިއްސާ ދިވެހި ރައްޔިތުންނަށް ދިނުމަށް ހިންގި މަޝްރޫއުއެއް ތޯއެވެ. ރާއްޖޭގައި އޮތިއްޔާ އޮތް ފަޅުރަށަކާއި އޮތިއްޔާ އޮތް ފަޅެއް ވިއްކާލިއިރު، ބައިއެޅީ ދިވެހި ރައްޔިތުންނަށްތޯ އެވެ. ރިސޯޓެއް ތަރައްގީ ކުރުމަށް، 5 މިލިއަން ޑޮލަރުގެ އަގުހުރި ފަޅުރަށެއް 3 މިލިއަން ޑޮލަރަށް ވިއްކާލާއިރު، 2 މިލިއަން ޑޮލަރަކީ އެރަށް ކުއްޔަށް ނަގާމީހާއަށް ލިބޭ ޑިސްކައުންޓެވެ. އެރަށް 3 މިލިއަން ޑޮލަރަށް ވިއްކާލާއިރު، ބައިއަޅަމުންދިޔައީ ރައީސް ޔާމީނަށާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަަށް ނޫންތޯ އެވެ.
މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ރ. ފުއްގިރި ހިޔާނާތުގެ މައްސަލާގައި ކަން ހިނގާފައިވަނީ ވެސް އެގޮތަށް ނޫންތޯ އެވެ. 5 މިލިއަން ޑޮލަރުގެ އެރަށް 2 މިލިއަން ޑޮލަރުގެ ޑިސްކައުންޓަކާއެކު 3 މިލިއަން ޑޮލަރަށް ވިއްކާލިއިރު، އެމްއެމްޕީއާރުސީއަށް ލިބިފައިވަނީ 1.5 މިިލިއަން ޑޮލަރެވެ. އެހެންނަމަވެސް އެ 1.5 މިލިއަން ޑޮލަރު ވެސް ދިވެހި ރައްޔިތުންނަށް ލިބޭވަރެއް ނުވިއެވެ. އެވެސް ޖަމާކުރީ އެސްއޯއެފް ކުންފުނީގެ އެކައުންޓަށެވެ. އަނެއް 1.5 މިލިއަން ޑޮލަރު މަނީ ލޯންޑަރ ކުރުމުގެ އަމަލުގެ ތެރެއިން ގޮސް، އެކަމުގައި އުޅުނު ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ކްރިކް ރިޒާއަށްވެސް ޑޮލަރުކޮޅެއް ލިއްކޮށްލުމަށްފަހު، 1.1 މިލިއަން ޑޮލަރު ޖަމާކުރީ ރައީސް ޔާމީންގެ އެކައުންޓަށެވެ. އެހެންވީމާ ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް ދިނީ ރިސޯޓް ހިއްސާއެއް ނޫނެވެ. ކޮންމެ ދިވެހި ރައްޔިތަކަށް ދިނީ ރިސޯޓެއް ނޫންތޯ އެވެ.
ދެން އޮތީ އަލަތު ކައިވެންޏާއެކު ލިބޭނެ ކަމަށް ބުނި ފްލެޓެވެ. ޖަމީލު އެވެ. ފްލެޓް ލިބޭތޯ، އެތައް ބަޔަކު އަލަތު ކައިވެނިކުރި އިރުވެސް، ޕީޕީއެމް ސަރުކާރުގެ ފަސް އަހަރު ނިމިގެންދިޔައިރު، އެބުނާ ފްލެޓެއް ލިބުނު ދެމަފިރިއެއް ނެތެވެ. ދިރިއުޅޭނެ ތަނެއް ނެތިގެން، ކައިވެނި ނުކޮށްތިބި އެތައް ބަޔަކު، އަލަތު ކައިވެއްޏާއެކު ފްލެޓް ލިބޭނެ ކަމަށް ބުނުމުން ކައިވެނި ކުރިއެވެ. ނަމަވެސް ޕީޕީއެމް ވެރިކަމުގެ ފަސް އަހަރު ނިންމުނު އަލަތު ކައިވެންޏާއެކު ލިބުނީ ފްލެޓެއް ނޫނެވެ. ދަރިންނެވެ. ނުވިތާކަށް ދިރިއުޅޭނެ ތަނެއް ނެތިގެން ރޫޅުނު ކައިވެނިތައް ވެސް ވަކި މަދެއް ނޫނެވެ. ތިވަރަށް ދިވެހި ރައްޔިތުންނަށް "ދޯކާ" ދޭން ހެޔޮވާނެތޯ އެވެ.
ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ލިބޭނެ ކަމަށް ބުނެވެސް ފޮނި ބައިސާ ކެނޑިއިރު، މުޅި ގައުމު ފަސާދަކޮށް، މަސްތުވާތަކެތީގެ ނެޓްވޯޓްތައް އިތުރަށް ވަރުގަދަކޮށް، މަސްތުވާތަކެތިން ޒުވާން ޖީލު އިތުރަށް ހަލާކުގެ ތެރެއަށް ވައްޓާލައި ގޭންގްތައް އެކްޓިވްކޮށް، އެތަށް ޒުވާނުންނެއް ތޫނު އެއްޗެހިން ހަމަލާދީ މަރާލެވުނުއިރު، އެއާއިލާތަކަށް، ސަންދޯކެއް ނޫން އެއްޗެއް ލިބުނުތޯ އެވެ. ކުޑަމިނުން އިންސާފު ގާއުމުކޮށްދެވުނުތޯ އެވެ. ކޮންމެ އާއިލާއަކަށް ޑޮކްޓަރެކޭ ބުނެ ހިންގި، ސިއްހީ ނިޒާމުގެ ތެރެއިން ވެސް ވައްކަން ނޫންކަމެއް ކުރެއްވިންތޯ އެވެ.
ޖަމީލު އެވެ. ރައްޔިތުންނަށް ކަންކަން އޮޅުންފިލުވާއިދީގެން، ރަށްރަށުގެ ގޭގެއަށް ޒިޔާރާތްކޮށް، ހޮޅުއަށިތަކުގެ ބައްދަލުވުންތައް ބާވައި މަޝްވަރާ ކޮށްގެން، ވައުދުވެ، މެނިފެސްޓޯ ހަދައިގެން، އެކަން ކުރަން ދަސްކޮށްދިން ލީޑަރުން އެތިބީ މިއަދު ދައުލަތް ހިންގުމުގަ އެވެ. ވާވައުދު ފުއްދުމުގެ ގާބިލްކަން ވެސް ހުރީ މިއަދު ވެރިކަމުގައި ތިބި އެމްޑީޕީގަކަން އެޕާޓީން އެދަނީ ސާބިތު ކޮށްދެމުން ނޫންތޯއެވެ. ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން އެމްޑީޕީން ވެރިކަމަށް އަރާ ކޮންމެ ފަހަރަކު ބަޣާވާތް ކޮށްގެން ނޫންގޮތަކަށް އެމްޑީޕީގެ ވެރިކަން ބަދަލު ނުކުރެވޭނެކަމަށް ވިސްނޭ ބަޔަކު، ޖަމީލުމެން ތިޔަ ދައްކާޒާތުގެ ވާހަކަ ދައްކާ އުޅޭނެތަން މީގެކުރިން ވެސް ދިވެހި ރައްޔިތުންނަށް ވަނީ ފެނިފަ އެވެ.