މާދަމާއިން ފެށިގެން ރޭގަނޑު 8ން ފަތިހު 5ށް އެއްގަމު އުޅަނދު ދުއްވުން މަނާ
އެއްގަމު އުޅަނދު ދުއްވުން މަނާކުރީ ހާލަތަށް ބަލާފައި


މާލޭގައި މީހަކު ސައިކަލެއްގައި ދަނީ
އާދީއްތަ ދުވަހުގެ ރޭގެ 8:00ން ފެށިގެން ފަތިހު 5:00އާ ހަމައަށް ކޮންމެ ރެއަކު ވެސް އެއްގަމު އުޅަނދު ދުއްވުން މަނާ ވާނެ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވި މާދަމާ ރެއިން ފެށިގެން އެގޮތަށް އަމަލުކުރަމުން ނިންމާފައިވާއިރު މިހާރު ވެސް އަމަލު ކުރަމުން އަންނަ ގޮތަށް ރޭގަނޑު 10:00ން ފަތިހު 5:00ށް ބޭރަށް ނުކުމެ އުޅުން މަނާވާނެ ކަމަށެވެ.
އަލަށް އެޅި ފިޔަވަޅުތަކާއި ގުޅޭ ގޮތުން ޑރ. ނަޒްލާ ވިދާޅުވީ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސްތައް އިތުރުވެފައިވާ ކަމަށާއި، ކުރިން ދުވަހަކު ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތަކެއް އަނެއްކާ ވެސް ފެނިފައިވާ ކަމަށެވެ. އަދި މިއާއެކު ބަލި ކޮންޓްރޯލް ކުރުމަށް އެއްވެއުޅުމާއި އެހެނިހެން ކަންތައްތަކަށް ކޮންކަހަލަ ބަދަލުތަކެއްތޯ ގެނެވޭނީ ބެލުމަށްފަހު އަދި މަޝްވަރާ ކުރުމަށްފަހު ނިމިފައި އޮތީ މާދަމާ (އާދީއްތަ ދުވަސް) ރެއިން ފެށިގެން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 8:00ން ފެށިގެން ފަތިހު 5:00އާ ހަމައަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާކުރުމަށް ކަމަށެވެ.
އުޅަނދު ދުއްވުން މަނާކުރަން ނިންމުމާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެޑް އޮފް މާލެ ސިޓީ ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ކޮވިޑުން ސަލާމަތް ވުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ތެރޭގައި މީގެ ކުރިން އިއުލާންކޮށްފައި ހުރި ފިޔަވަޅުތަކުގެ އިތުރަށް އާދީއްތަ ދުވަހުގެ ރޭގެ 8:00ން ފަތިހު 5:00ށް މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމާއި ގުޅިގެން ފުލުހުން މިކަން ތަންފީޒު ކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އެގޮތުން ރޭގަނޑު 8:00ން ފެށިގެން ފަތިހު 5:00އާ ދެމެދުގައި އެއްވެސް އުޅަނދެއް ދުއްވާނަމަ ފުރަތަމަ ފަހަރަށް ނަސޭހަތްތެރިވާނެ ކަމަށެވެ. އަދި ދެވަނަ ފަހަރު އެ އުޅަނދެއް ޗެކްކުރެވިއްޖެ ނަމަ ޖޫރިމަނާ ކުރާނެ ކަމަށާއި، އިތުރު ފިޔަވަޅެއްގެ ގޮތުން މިގޮތަށް ތަކުރާރުވާނަމަ އެ އުޅަނދެއް ޓޯ ކުރާނެ ކަމަށެވެ.
އެއްގަމު އުޅަނދު ދުއްވުން ރޭގަނޑު 8:00ން ފަތިހު 5:00ށް މަނާކުރި ނަމަވެސް ޓެކްސީ ކުރާ އުޅަނދުތައް ދުއްވުމުގެ ހުއްދަ އޮންނާނެ ކަމަށް އެޗްއީއޯސީން ބުނެއެވެ. ޖުލައި މަހުގެ 1ން ފެށިގެން ލޮކްޑައުން އަށް ދިން ލުއިތަކާ އެކު، މާލެ ސަރަހައްދުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. އެގޮތުން މި ހަފްތާގައި އެކަނި ވެސް 1000 މީހުން ޕޮޒިޓިވްވެ 4 މީހަކު ވަނީ ނިޔާވެފައެވެ.








