Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަޝްރޫޢުތަކަށް ނަގާ ލޯނުތައް

ލޯނުގެ ދަންމަޅި، ސާފުވާންޖެހޭ ކިތަންމެ ކަމެއް

ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ތަފްސީލު ސާފެއް ނުވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 އޯގަސްޓު 2020 | ހޮނިހިރު 04:46
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޗައިނާ ސަރުކާރާއެކު އެއްބަސްވުންތަކުގައި ސޮއިކުރައްވަނީ (ވ)، އަދި އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެވަޑައިގެން ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަނީ(ކ)

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޗައިނާ ސަރުކާރާއެކު އެއްބަސްވުންތަކުގައި ސޮއިކުރައްވަނީ (ވ)، އަދި އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެވަޑައިގެން ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަނީ(ކ)

ލޯނު ނަގައިގެން މަޝްރޫޢުތައް ހިންގުމަކީ ރާއްޖެއަށް އައު ކަމެއް ނޫނެވެ. ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން އެނގޭގޮތުގައި 1979 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު ތަފާތު އެކި 115 މަޝްރޫޢެއް ހިންގުމަށް ބޭރުގެ ގައުމުތަކުންނާއި ބައިނަލްއަގްވާމީ ބޭންކުތަކުން ވަނީ ލޯނުނަގާފައެވެ. މީގެތެރޭގައި މިހާރުވެސް ހިނގަމުންދާ 39 މަޝްރޫޢެއް ނުވަތަ ނުނިމިވާ 39 މަޝްރޫޢެއް ހިމެނެއެވެ. ދޭތެރެއަކުން ލޯނުގެ ވާހަކަތަކާއި ދަރަނީގެ ވާހަކަތަކުގެ އަޑުތައް ގަދަވެގެންދެއެވެ.

ރާއްޖޭގެ ދަރަނީގެ އަދަދު ސާފުނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހާމަކުރެއްވުމާއެކު މީޑިޔާއަށް ތިލަވި ހެޑްލައިންތަކަށް ފަނޑުވުމެއް ނާންނަނީސް ހަފްތާ ނިންމާލީ އަވަށްޓެރި އިންޑިޔާއިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ބޮޑު 7 މަޝްރޫއެއް ހިންގުމަށް ހަމަޖެހުނު ވާހަކަ އާއި ރާއްޖޭގައި ހިންގާނެ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުކަމަށްވާ "ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" އަށް އިންޑިޔާއިން ފައިސާ ދިނުމަށް އެއްބަސްވި ޚަބަރުންނެވެ. މިއާއެކު އަނެއްކާވެސް ރާއްޖެއިން ނަގަމުންދާ ލޯނުތަކުގެ ވާހަކަތަކުގެ އަޑުތައް ގަދަވެއްޖެއެވެ.

ލޯނުގެ ވާހަކަތައް އާންމުގޮތެއްގައި ދިވެހިންގެ ތެރޭގައި ދައްކާ ދެ ސަބަބެއް ފާހަގަކުރެވެއެވެ. އެއް ސަބަބަކީ ބޮޑެތި އަދަދުތަކުން ލޯނު ނަގައިގެން މަޝްރޫޢުތައް ހިންގާތީ އެކަމުގެ ކަންބޮޑުވުމެވެ. އެއީ ލޯނުތަކުގެ އިންޓްރެސްޓް ރޭޓާއި ދައްކަންޖެހޭ މުއްދަތާއި މިހުރިހާ ކަމަކަށް ބަލާއިރު އެއީ ރާއްޖެއަށް ކުޅަދާނަ މިންވަރެއްތޯ އުފެދޭ ސުވާލުތަކާއި ކަންބޮޑުވުންތަކުގެ ތެރެއިން ދެކެވޭ ވާހަކަތަކެވެ.

ދެން އޮންނަނީ ސިޔާސީ ސަބެބެވެ. ސިޔާސީ ނަޒަރިއްޔާތަކުން ލޯނުތަކުގެ ވާހަކަ ދައްކާނަމަ އަނެއްކާވެސް ދެ ބަޔަކަށް ބެހެއެވެ. އެއީ އިންޑިޔާއިން ނަގާ ލޯނުތަކާއި ޗައިނާއިން ނަގާ ލޯނުތަކެވެ. ކޮންމެ ގައުމަކުން ލޯނު ނެގިއަސް އެނގޭ ކަމަކީ އެލޯނުތަކަކީ އެތައް ޖީލުތަކަކަށް ވާރުތަވާ ގޮތަށް ނެގިގެންދާ ލޯނުތަކެއްކަމެވެ. އެހެންކަމުން ނެގޭ ލޯނުތަކާއި، ލިބޭ ފައިދާތަކާއި، އިންޓްރެސްޓް ރޭޓާއި ދައްކަންޖެހޭ މުއްދަތުތަކަކީ އެންމެންނަށް ސާފުވާން ޖެހޭ ކަންކަމެވެ. އެހެން ނޫންކަމަށްވާނަމަ ލޯނުގެ ދަންމަޅި ކަރަށް މެހޭލެއް ބާރުވާހެން ހީވާނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ފާހަގަވެފައިވަނީ ޗައިނާއެވެ. އެހެންކަމުން އެސަރުކާރުގެ ފަސް އަހަރު ހިންގާފައިވާ ބޮޑެތި މަޝްރޫޢުތަކަކީ ޗައިނާއިން ނަގާފައިވާ ލޯނުތަކުން ކުރިޔަށް ގެންދިޔަ މަޝްރޫޢުތަކެވެ. އޭގެތެރެއިން ބައެއް މަޝްރޫޢުތައް މިހާރުވެސް ކުރިޔަށްދެއެވެ. އެންމެ ފާހަގަކުރެވޭ މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ކުރިޔަށް ގެންދިޔަ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ސިނަމާލެ ބްރިޖެވެ. މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުއާއި ހިޔާ ފްލެޓްތަކަކީވެސް ފާހަގަކޮށްލެވޭ މަޝްރޫޢުތަކެވެ. އެހެންނަމަވެސް ބިޔަ ބޮޑެތި މިމަޝްރޫޢުތަކުގެ އެއްބަސްވުންތަކުން އަދިވެސް ސާފުނުވާ ކަންތައްތަކެއް އެބަހުއްޓެވެ.

ސިނަމާލެ ބްރިޖް:

ސިނަމާލެ ބްރިޖް އެޅުމަށް ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން އަށް އެވޯޑްކޮށްފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހުއެވެ. ބުރިޖްގެ އަމަލީ މަސައްކަތް ފެށީ އެއަހަރުގެ ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހު އެވެ. ބްރިޖްއެޅުމަށް ބަޔަކާ ހަވާލުކުރިއިރު ބްރިޖް އެޅުމަށް ހިނގާ ޚަރަދާއި އިންޓަރެސްޓް ރޭޓާއި ލޯނު ދައްކަންޖެހޭ މުއްދަތުގެ ތަފްސީލުތަކެއް މީޑިޔާއާ ހަމައަށް ތިލަވެފައެއްނުވެއެވެ. 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހު ހައުސިންގެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އޭރުގެ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވެފައިވަނީ ބްރިޖް އެޅުމަށް 300 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ދެނީ ޗައިނާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ކަމަށާއި 170 މިލިއަން ޑޮލަރު ޗައިނާ އިން ދެނީ ލޯނުގެ ގޮތުގައި ކަމަށެވެ. މި ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓް ކަމަށް ވެސް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ބްރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

1.39 ކިލޯ މީޓަރ ދިގުމިނުގެ ބްރިޖް ނިމިގެންދިޔައިރު ބްރިޖަށް ޚަރަދުވިކަމަށް ސަރުކާރުން ހާމަކޮށްފައިވާ އަދަދުތަކަކީ 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫއަށް ދިވެހި ދައުލަތުގެ ބަޖެޓުން 12 މިލިއަން ޑޮލަރު (184 މިލިއަން ރުފިޔާ) ހޭދަކުރިއެވެ.

2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހު ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒޭންގް ލިޒްހޮންގ ކުރައްވާފައިވާ ޓްވީޓުން ހާމަވާ މައުލޫމާތުތަކަށް ބަލާއިރު ސިނަމާލެ ބްރިޖްގެ މަޝްރޫޢަށް މުޅި ޖުމްލަ ހޭދަވެފައިވަނީ 198 މިލިއަން ޑޮލަރެވެ. ލޯނުގެ ގޮތުގައި 67 މިލިއަން ޑޮލަރު 2 އިންސައްތަ އިންޓްރެސްޓް ރޭޓްގައި ދައްކަންޖެހެނީ 20 އަހަރު ދުވަހުގެ ތެރޭގައެވެ. އެއީ ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކަށްފަހު އެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ބޭރުން ނަގާފައިވާ ލޯނުތަކުގައި ހިމަނާފައިވާ މައުލޫމާތުތަކަށް ބަލާއިރު ބްރިޖް ޕްރޮޖެކްޓަށް އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާއިން ވަނީ 455,600,000.00 ޔުއާން ނަގާފައެވެ. އެއީ 1.02 ބިލިއަން ރުފިޔާއެވެ. މީގައި ފާހަގަކޮށްލަންޖެހޭ ކަމަކީ މިލޯނަކީ ރައްޔިތުންގެ ނަމުގައި ދައުލަތުން ނަގާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަ ކޮށްފައިވާ ހަތަރު ލޯނެއްގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގައި ނެތް ކަމަށާއި މަޖިލީހުގައި އޮތް ދެ ސޮވެރިން ގެރެންޓީގެ މައުލޫމާތު ފިނޭންސް މިނިސްޓްރީގައި ނެތް ކަމަށް އެ މިނިސްޓްރީން ބުނާ ކަމަށްވެސް މަޖިލިސް ރައީސް ފާހަގަކުރެއްވި ލޯނުތަކުގެ ތެރެއިން އެއް ލޯނުކަމެވެ. އެހެންކަމުން ސިނަމާލެ ބްރިޖް މަޝްރޫޢުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އަދިވެސް ސާފުނުވާ ކަންތައްތަކެއް ހުރިކަން މިއަދަދުތަކަށް ބަލާލުމުން ހާމަވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު

މިމަޝްރޫޢަށް ބަލާއިރު މަޝްރޫއުއަށް ހިނގާނެ ކަމަށް ބެލެވޭ 800 މިލިޔަން ޑޮލަރުގެ ބޮޑު ބައެއް ޗައިނާގެ ބޭންކްތަކުން ލޯނުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އައު ރަންވޭ އާއި ފިއުލް ފާމާއި ކާގޯ ޓާމިނަލާއި އެކަން ކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ އަގު އުޅެނީ 300 މިލިއަން ޑޮލަރަށް ވުރެ މަތީގަ އެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓަށް ބަލާއިރު އެއަރޕޯޓް މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާއިން ވަނީ 373,838,500.00 އެމެރިކާ ޑޮލަރު ނަގާފައެވެ. މިއީ 5.7 ބިލިއަން ރުފިޔާއެވެ.

ހިޔާ ފްލެޓް

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން ފެށި މަޝްރޫއުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ. ފްލެޓްތައް ހެދުމަށް ޗައިނާގެ އެގްޒިމް ބޭންކުން 437 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވާއިރު، އެކަން ކޮށްފައިވަނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު، 6 ޕަސެންޓުގެ އިންޓްރެސްޓް ރޭޓްގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދަައްކަން ޖެހެ އެވެ.

މިއިން ކޮންމެ ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަ ފޫޓެވެ. މިހާރުވެސް ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އުޅޭ މިފްލެޓްތަކުގެ މައްސަލައިގައި އެންމެފަހުން ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދިޔަ ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީއަށް އޭރުގެ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު އާއި މިހާރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ހާޒިރުކޮށް ކުރިޔަށް ގެންދިޔަ ބައްދަލުވުމުން ހާމަވެފައިވާ މައުލޫމާތުތަކަށް ބަލާއިރުވެސް އޮޅުންތަކެއް އުޅެއެވެ. ބޮޑު އަދަދަކުން ލޯނު ނަގައިގެން ކުރިޔަށް ގެންދާ މިމަޝްރޫޢުގައި ޗައިނާ ސަރުކާރާއި ރާއްޖޭގެ ސަރުކާރާ ދެމެދުގައި ބަދަލުކުރެވިފައި ހުރި މުއާމަލާތްތަކަށް ބަލާއިރު ހާމަވެފައިވަނީ އެންމެ ކުރިން ވެސް 62،000 ޑޮލަރަށް ފްލެޓެއްގެ ރޭޓުން މަސައްކަތް ޗައިނާގެ ސްޓޭޓާ ހަވާލުކުރީ ފިނިޝިން ނުނިންމައި ހަވާލުކުރާ ގޮތަށް ކަމަށެވެ. އެއީ ފްލެޓްތަކުގެ އަގަށް ބަލާއިރު، ކޮންމެ ޔުނިޓަކަށް 956،040 ރުފިޔާއެވެ.

ދެކޮޓަރީގެ ފްލެޓްތައް 5600 ރުފިޔާއަށް ދޫކުރެވޭނެކަމަށް އޭރުގެ ހައުސިންގ މިނިސްޓަރ ޑރ މުއިއްޒު ވިދާޅުވިނަމަވެސް އެއަގުގައި ފްލެޓްތައް ދޫނުކުރެވޭނެކަމަށް މިސަރުކާރުން އަންނަނީ ބުނަމުންނެވެ. 7000 ފްލެޓްގެ މައްސަލާގައި ޖާގައިގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު ލޯނުނަގާފައިވާ ރޭޓްތަކާއި ލޯނު ދައްކަންޖެހޭ އަދަދުތަކުގައިވެސް ކަންބޮޑުވުންތަކެއް އުޅެއެވެ. އެން މެބޮޑު ކަންބޮޑުވުމަކީ ބޮޑު އަދަދަކުން ލޯނު ނަގައިގެން ހެދި ތަނެއްގެ ބޭނުންނުކުރެވި ހިނގައިދާނެކަމެވެ. ނެގި ލޯނުގެ ފައިދާ ރައްޔިތުންނަށް ނުކޮށް ބޮޑު ދަރަންޏެއް ކުރިޔަށް އޮތް ޖީލުތަކަށް ވާރުތަވުމެވެ.

މިއީ ޗައިނާއިން ލޯނު ނަގައިގެން ކުރިޔަށް ގެންގޮސްފައިވާ ބައެއް މަޝްރޫޢުތަކެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ އަދަދުތަކުގެ ތަފްސީލު ނޭންގޭކަމަށް މިސަރުކާރުގެ މާލީ އިދާރާތަކުން ބުނަމުން އަންނައިރު ޗައިނާ އަށް ރާއްޖެ އިން 1.4 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.

މިހާރުގެ ސަރުކާރު އައުމަށްފަހު ފެންނަމުންދަނީ ކުރީ ސަރުކާރުން ފެއަށް ޖައްސާފައި އޮތް އިންޑިޔާ އާއި ގުޅުން ބަދަހި ކުރަމުންދާތަނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އެންމެ ބޮޑު އެހީތެރިކަމެއް ދޭ ގައުމެއްގެ ގޮތުގައި ފާހަގަވަނީވެސް އިންޑިޔާއެވެ. އޭގެ އެއް ހެއްކަކީ އިންޑިއާއިން ރާއްޖެއަށް ދޭން އިއުލާންކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ބޮޑު ހަތް މަޝްރޫއެއް ކުރިއަށް ގެންދިޔުމާ ބެހޭ ގޮތުން ދެ ގައުމުގެ ސަރުކާރުން މަޝްވަރާކޮށް އެއްބަސްވުމަކާ ހަމައަށް އައުމެވެ. މީގެއިތުރުން ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުކަމަށްވާ "ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުގެ މަޝްރޫޢަށް އެހީދިނުމަށްވެސް އިންޑިޔާއިން ވަނީ އެއްބަސްވެފައެވެ.

ކްރެޑިޓް ލައިންގެ ދަށުން ހިންގާ މަޝްރޫއުތައް:

800 މިލިއަން ޑޮލަރު (12.4 ބިލިއަން ރުފިޔާ)ގެ ފެސިލިޓީ ހަމަޖެހިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. ކްރެޑިޓް ލައިންގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީއާ އިންޑިއާގެ އެގްޒިމް ބޭންކާ ދެމެދު ސޮއިކުރީ 2019 މާރޗް މަހުއެވެ. އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ. ލޯން ދައްކަން ޖެހެނީ ފަސް އަހަރު ފަހުން 15 އަހަރުގެ މުއްދަތުގެ ތެރޭގަ އެވެ.

މި ކްރެޑިޓް ލައިންގެ އެއްބަސްވުމުގެ ދަށުން 34 ރަށެއްގެ ފެނާ ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި ،އައްޑޫގެ ތަރައްޤީގެ މަޝްރޫއު (މަގު ހެދުން، އައްޑޫގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުން، ބިން ހިއްކުން) އަދި ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް ގާއިމްކުރާނެ އެވެ. މީގެއިތުރުން ބައިނަލްއަގްވާމީ ޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއި ހުޅުމާލޭގައި 100 އެނދުގެ ކެންސަރ ހޮސްޕިޓަލެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ގެމަނަފުށި އަދި ފެލިވަރު މިފްކޯ ފެސިލިޓީ ތަރައްޤީކުރާއިރު ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުންވެސް ހިމެނެނީ މިކްރެޑިޓް ލައިންގެ ތެރެއިންނެވެ.

އިންޑިޔާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ކުރިޔަށް ގެންދާ މިމަޝްރޫޢުތަކުގެ ތަފްސީލު އެބޭންކަށް ހުށަހެޅުމުން މަޝްރޫޢުތަކުގެ ކަންކަން ކުރިޔަށްދާނެ ގޮތުގެ ތަފްސީލު އެބޭންކުގެވެބްސައިޓުންއެނގެއެވެ. އެގޮތުން 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 7 ވަނަ ދުވަހު ވެބްސައިޓްގައި ހާމަކޮށްފައިވާ ގައިޑްލައިނުގައި ލޯނުތައް ގައުމުތަކަށް ދޫކުރާގޮތުގެ ތަފްސީލުތައް ވަނީ ހިމަނާފައެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް:

މިއީ މިސަރުކާރުން ކުރިޔަށް ގެންދާނެ އެންމެ ބޮޑު މަޝްރޫޢެވެ. 6.695 ކިލޯމީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއުގެ ތެރެއިން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ ތިން ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފައެވެ. ބްރިޖް މަޝްރޫއުގެ ދަށުން ބްރިޖް އެޅުމުގެ އިތުރަށް ތިލަފުށީގައި ކޮމާޝަލް ހާބަރެއް ތަރައްގީ ކުރާނެ އެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައް ވެސް ގާއިމްކުރާނެ އެވެ.

މިމަޝްރޫޢަށް ޖުމްލަ 500 މިލިއަން ޑޮލަރު ހޭދަވެއެވެ. 400 މިލިއަން ޑޮލަރަކީ ލޯނެވެ. އަނެއް 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. އެއީ 7.7 ބިލިއަން ރުފިޔާއެވެ.

އެގްޒިމް ބޭންކުގެ ވެބްސައިޓުން ހާމަވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖެ ހިމެނެނީ ޓަރމްސް އޮފް ކްރެޑިޓް ދެވޭ ގައުމުތަކުގެ ދެ ވަނަ ކެޓަގަރީގައެވެ. ދެ ވަނަ ކެޓަގަރީގައި ހިމެނޭ ގައުމުތަކަށް ލޯނު ދިނުމަށް ހަމަޖެހިފައިވާ އުސޫލަކީ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ. ލޯން ދައްކަން ޖެހެނީ ފަސް އަހަރު ފަހުން 15 އަހަރުގެ މުއްދަތުގެ ތެރޭގަ އެވެ.

މިމަޝްރޫޢުގެ ތެރެއިން 75 އިންސައްތަ ހިއްސާވާނީ އިންޑިޔާގެ ކުންފުނިތަކާއި މުދަލެވެ. ބާކީ 25 އިންސައްތަ އަކީ އެ މަޝްރޫއެއް ހިންގާ ގައުމެއްގެ ކުންފުނިތަކަށް ދޫކޮށްލާފައި އޮންނަ ބައެވެ. މީގެއިތުރުން ގައިޑްލައިން ބުނާގޮތުން ކޮންސަލްޓޭޝަން އާއި މަޝްރޫޢު ކުރިޔަށް ގެންދާނެ ބަޔަކު ހޯދުމުގެ ކަންކަމުގައި ދެ ފަރާތުގެ ބައިވެރިވުމާއެކު ހާމަކަން ބޮޑުގޮތެއްގައި އެ މަރުހަލާކުރިޔަށް ގެންދަންޖެހޭނެ އެވެ. އަދި ހުރިހާ މައުލޫމާތުތަކެއް ހުންނަންވާނީ ހާމައަށެވެ.

މިފާހަގަކުރި މަޝްރޫޢުތަކަކީ 2023އަށް ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަށްވާއިރު މިއަހަރު ނިމުމުގެ ކުރިން މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމަށް ކޮންޓްރެކްޓަރުންނާއި ހަވާލުކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓްގައި އަންދާޒާކޮށްފައިވާ ގޮތުގައި މިއަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި ހުންނާނީ 57 ބިލިއަންގައެވެ. އެހެންނަމަވެސް ކޮވިޑް-19 އާ ގުޅިގެން ދަރަނި 72 ބިލިއަނާއި 75 ބިލިއަނާ ދެމެދަށް އަރާފާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ. މިފަދަ ދުވަސްވަރެއްގައި ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލިބޭ ލޯނުތަކެއްގެ މުހިންމުކަން ބޮޑެވެ. އަދި ހަމައެއާއެކު ހާމަކަން ބޮޑުގޮތެއްގައި ލޯނުތަކުގެ މައުލޫމާތު ފެންނަން ހުންނަ ގޮތަށް ހުރުމަކީ އިގްތިޞާދީ މިދަތި ދުވަސްވަރު ބޮޑެތި މަޝްރޫޢުތަކެއް ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ކޮންމެހެން މުހިންމު ކަމެކެވެ. އެހެން ނޫންކަމަށްވާނަމަ އަނެއްކާވެސް ކުރިމަތިކުރުވާ ހާސްކަމާއި ކުރެވޭ ބަހުސްތަކުގެ އަޑުތައް ދާނީ ގަދަވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

17 ޖުލައި 2017
ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

24 ޖޫން 2017
ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

05 ޖޫން 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު