ކ. މާލެ
|
14 އޯގަސްޓް 2020 | ހުކުރު 18:32
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓޫރިޒަމް މިނިސްޓްރީ
ޓޫރިޒަމް އޮޑިޓް ރިޕޯޓްގެ މައްސަލަ
ކޮރަޕްޝަންގެ އިނގިލި ދިއްކުރެވެނީ އަލީ ވަހީދުގެ ބޮލުގައި ތުހުމަތު އެޅުވި މީހުންނަށް!؟
 
26 މިލިއަންގެ ހަރަދުކޮށްފައިވާއިރު، 99% އަކީ މެންޑޭޓުން ބޭރުން ކުރި ހަރަދު ކަމަށް އޮޓިޓްގައި ބުނޭ
 
މި މައްސަލަތައް ތުހުމަތު ކުރެވެނީ އޮޕަރޭޝަންގައި އުޅުނު މީހުންނަށް ކަމަށް ބުނޭ
 
މިނިސްޓްރީގެ އޮޑިޓް ރިޕިޕޯޓުން ވަނީ ކޮރަޕްޝަންގެ ބޮޑޭތި މައްސަލަތަކެއް ފެންމަތި ކުރުވާފައި

ކޮވިޑް19އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުތަކުގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ބުނެ ބުރާސްފަތި ދުވަހު އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ އޮޑިޓް ރިޕޯޓެއް ނެރެފައެވެ. މިދިޔަ ޖެނުއަރީ އެކަކުން ޖޫން 30 އަށް ކުރި ހަރަދުތަކުގެ އެ އޮޑިޓްގައިވާ ގޮތުން 26 މިލިއަން ރުފިޔާ މިނިސްޓްރީން ވަނީ ކޮވިޑްގެ އެކި ކަންކަމަށް ހޭދަކޮށްފައެވެ. އެގޮތުން ރާއްޖޭގެ ތިން އެއާޕޯޓެއްގައި ތާމަލް ކެމެރާތައް ބެހެއްޓުމަށާއި ކަރަންޓީން/އައިސޮލޭޝަން ފެސިލީޓީތައް ގައިމުކުރުމަށާއި ސިއްހީ ވަސީލަތައްތައް ބޭރުން ގެނައުމަށް އަދި ސިއްހީ މާހިރުން ބޭރުން ގެނައުމަށް އެ ފަންޑުން ވަނީ ހަރަދު ކޮށްފައެވެ. މި ކަންކަން ކޮށްފައިވަނީ ޓްރަސްޓް ފަންޑު ހިންގާ ކޮމިޓީން ފާސް ކޮށްގެން މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމަށް ޓްރަސްޓް ފަންޑު ކޮމިޓީން ހުއްދަ ދީގެން ކުރި ކަންތަކެވެ. ނަމަވެސް ރިޕޯޓުގައި ބުނަނީ ވަކި ވަކި ކަންކަމަށް ހުއްދަ ހޯދާފައި ނުވާ ކަމަށެވެ.

ޓްރަސްޓު ފަންޑު ކޮމިޓީގައި ތިބެނީ ކޮން ބައެއް؟

ޓޫރިޒަމް ޓްރަސްޓް ފަންޑަކީ، ރިސޯޓުތަކުގެ ކޮސްޓްރަކްޝަން މުއްދަތު އިތުރު ކުރަން ނަގާ ފީއާއި ސީއެސްއާރު ފައިސާ ޖަމާކުރާ ފަންޑެކެވެ. އެ ފަންޑުން ހަރަދު ކުރަނީ، ޓޫރިޒަމްގެ އެކި އެކި ކަންކަމަށެވެ. ނަމަވެސް ކޮވިޑް19ގެ ހަލަތާ ގުޅިގެން ވައިރަހުން އަރައިގަތުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމަށް އެ ފަންޑުން ހަރަދު ކުރުމަށް ސަރުކާރުން އޭރު ނިންމިއެވެ.

މި ފަންޑުގައި ތިއްބެވީ އޭރުގެ ޓުއަރިޒަމް މިނިސްޓަރާއި، ޓުއަރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކާއި، ހޯމް މިނިސްޓްރީގެ އިސް އޮލިޝަލަކާއި، ފިނޭންސް މިނިސްޓްރީގެ އޮފިޝަލެއް އަދި މަޓީގެ ބޭފުޅެކެވެ.

ކޮމިޓީގެ ނިންމުންތައް ތަންފީޒު ކުރުމުގައި އުޅުއްވީ ޓޫރިޒަމް މިނިސްޓްރީގެ އިސް މުވައްޒަފުންތަކެއް ކަމަށްވާ އާލީ ހާޝީމް (ސްމިތް) އާއި އިބްރާޙިމް ފަރުހާދާއި އަލީ ރައްޒާން އަދި މުހައްމަދު ޙުއްސާނެވެ.

ރާއްޖެ އެމްވީއަށް އިތުބާރު ހުރި މަސްދަރަކުން ކަށަވަރު ވެފައިވާ ގޮތުގައި އެ މީހުންނަކީ، އަލީ ވަހީދު މިނިސްޓަރު ކަމުން ވަކިކުރުމަށް އެންމެ އިސްކޮށް އުޅުއްވި މީހުންނެވެ. އެމީހުންނަކީ އަލީ ވަހީދު މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާއާއި ފުރައްސާރަ ކުރި ކަމަށް ބުނެ އެ މައްސަލައިގައި ރައީސް އޮފީހަށް ދިޔަ ފަރާތްތައް ކަމަށް ވެސް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ، މައުލޫމާތު އެނގޭ މީހަކު ބުނީ މިކަމުގައި ޒިންމާ ވާން ޖެހޭނީ ކޮމިޓީގެ ނިންމުންތައް ތަންފީޒު ކުރި މީހުން ކަމަށެވެ. އަދި ގޯސް ހެއްދެވީ އޮޕަރޭޝަންގައި މަސައްކަތް ކުރި މީހުން ކަމަށް އެނާ ބުންޏެވެ. އޭގެ އިތުރުން މިނިސްޓްރީގެ މާލީ ކަންކަމުގައި އެންމެ އިސްކޮށް އުޅޭ މީހުންނަށް ވެސް އޭނާ ވަނީ މިކަމުގައި ތުހުމަތުވާ ކަމަށް ވިދާޅުވެފައެވެ.

"އަލީ ވަހީދު ވަނީ އަންގާފައި ކޮމިޓީންގެ ނިންމުންތައް ގާނޫނާ ގަވާއިދުގެ އިމުގެ ތެރެއިން ކުރަން. އެހެން ނަމަވެސް ގައިވައިދާ ހިލާފަށް ކަމެއް ކޮށްފައި އޮތް ނަމަ، އެކަން ކޮށްފައިވަނީ އޮޕަރޭޝަން ލެވެލްގައި މަސައްކަތް ކުރި މީހުން،" އޭނާ ބުންނެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކޮށް ނެރުނު ރިޕޯޓުގައި ބުނީ މިނިސްޓްރީން ހޭދަކޮށްފައިވާ 26 މިލިއަން ރުފިޔާގެ ތެރެއިން 99 ޕަސަންޓް މަސައްކަތަކީ، މިނިސްޓްރީގެ މެންޑޭޓުގައި ނުހިމެނޭ ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތަކެކެއް ކަމަށެވެ. އަދި އެ ފަންޑުން ހަރަދު ކުރަން ޖެހެނީ ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ޓޫރިޒަމް މިނިސްޓްރީ އިން ކުރިި ހަރަދުތަކުގެ ތަފްސީލު:

- ފަމަސޫޓިކަލްތަކެއްޗާއި އެހެނިހެން މެޑިކަލް ކޮންސިއުމަބަލްސް ހޯދުމަށް - 7.7 މިލިއަން ރުފިޔާ

- ކޮވިޑް19ގެ ކަންކަމުގައި މަސައްކަތް ކުރާނެ ބޭރުގެ ޑޮކްޓަރުންގެ ޓީމެއް ގެނައުމަށް 6.9 މިލިއަން ރުފިޔާ

- ކ. ވިލިނގިލިވަރު (ވިލިވަރު)ގައި ކަރަންޓީން ފެސިލިޓީއެއް ހެދުމަށް 6.5 މިލިއަން ރުފިޔާ

- އެއާޕޯޓުތަކުގައި ތާމަލް ކެމެރާ ބެހެއްޓުމަށް - 2.5 މިލިއަން ރުފިޔާ

- މެޑިކަލް ޓީމުގެ ޑޮކްޓަރުންގެ ހިދުމަތުގެ މުއްދަތު އިތުރުކުރުމާ ގުޅިގެން ހިނގި ހަރަދު - 2.03 މިލިއަން ރުފިޔާ

- ހެލިކޮޕްޓަރ ކްރޫންގެ ހުރުމުގެ ހަރަދު - 198،397

- ތާށިވި ފަތުވެރިން ރާއްޖޭގައި ބޭތިއްވުމަށާއި އަނބުރާ ގައުމަށް ފޮނުވާލުމަށް - 118،842 ރުފިޔާ

- އއ. ވެލިދޫ ކަރަންޓީނު ފެސިލިޓީ ހެދުމަށް - 92،462 ރުފިޔާ

- އެހެނިހެން ހަރަދު - 107،296 ރުފިޔާ

"ޓޫރިޒަމް މިނިސްޓްރީ އަކީ ސިއްހީ މިފަދަ ކާރިސާ މެނޭޖް ކުރުމުގެ ސީދާ ޒިންމާ އެޅިފައިވާ މިނިސްޓްރީއަކަށް ނުވުމުގެ އިތުރުން. ޓްރަސްޓް ފަންޑުގައި ހުރި ފައިސާ މިހާ ހުޅުވާލެވިފައިވާ ގޮތަކަށް ޓްރަސްޓް ފަންޑުން ހަރަދުކުރުމަކީ ޒިންމާދާރު ނިންމުމެއް ކަމުގައި މި އޮފީހުން ނުދެކެމެވެ،" އޮޓިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ގޮތަށް ރިޕޯޓުގައި ބުނެފައިވީނަމަވެސް، މި ކަންކަމަކީ ރައިސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން މުލިޔާގޭގައި ބާއްވާ ބައްދަލުވުންތަކުން ނިންމައިގެން، ކޮވިޑް19 ޓާސްކް ފޯސް އިން މިނިސްޓްރީއާ ހަވާލު ކުރި ކަންކަމަށް ކުރިން މައުލޫމާތު ދިން މީހާ ބުންޏެވެ. އަދި މިއިން ކޮންމެ ކަމެއް ކޮށްފައި ވަނީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ފިނޭންސް މިނިސްޓްރީގެ ވެސް ހުއްދައާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ބުނި ގޮތުގައި، އަލީ ވަހީދުގެ ބޮލުގައި އެޅުވުމަށްޓަކައި މިނިސްޓްރީ ތެރެއިން ލިޔެކިޔުންތައް ވެސް ބައްދަލު ކޮށްފައިވުން އެކަށީގެންވެއެވެ. އަދި މި ކަންކަމުގެ އެއްވެސް ލިޔުމެއްގައި އަލީ ވަހީދު ސޮއިކޮށްފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ އެހެނިހެން ކަންކަން!

އޮޑިޓް ރިޕޯޓުގައިވާ ގޮތުން ކޮވިޑް19އާ ގުޅިގެން ޓްރަސްޓް ފަންޑުން ދެ މިލިއަން ރުފިޔާ ހަރަދުކުރުމަށް މިނިސްޓްރީގެ ފަރާތުން ކޮމިޓީގެ ލަފައަށްކަަށް އެދުނެވެ. އަދި ދެ މިލިއަން ރުފިޔާ ހަރަދު ކުރުމުގެ ހުއްދަ ކޮމިޓީން ދިނީ މެއި، 9 2020 ގައި ކަމަށް ރިޕޯޓުގައި ބުންޏެވެ. އެހެން ނަމަވެސް ކޮމިޓީން އެ ހުއްދަ ދިނުމުގެ ކުރިން 14 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެއެވެ.

ތާމަލް ކެމެރާ ގަތުމުގެ މަޝްރޫއަށް 2.3 މިލިއަން ރުފިޔާ ހަރަދު ކުރިއިރު، އެ ފައިސާގެ 38 ޕަސަންޓް ހަރަދު ކުރީ، ތާމަލް ކެމެރާ ގަތުމަށް މެދުވެރިއަކަށްވި، ކޮންސަލްޓަންސީ ދިން ކުންފުންޏަށެވެ. އެގޮތުން ސެކިއޯ ސޯސް އިންޓަނޭޗަނަލް، އެލްއެލްސީ (އެސްއެސްއައި) ނަމަކަށް ކިޔާ އެ ކުންފުންނަށް އެސެސްމަންޓް ހެދުމަށާއި ކެމެރާ ވިއްކާނެ ބަޔަކު ހޯދުމަށް 906،311 ރުފިޔާ ހޭދަކޮށްގައިވެވެ. އޭގެ އިތުރުންވެސް އެކުންފުންޏާ ވަނީ މެޑިކަލް އައިޓަމްސް ތަކެއް ހޯދުމަށް ހަވާލުކޮަށްފައެވެ. އަދި އެ ކުންފުންޏަކީ އެފަދަ ބާވަތެއްގެ މަސައްކަތް ކުރާ ކުންފުންޏެއް ނޫން ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނީ، މި ފައިސާތައް ދެއްކުމަށް މެދުވެރިއެއްގައި ރޯލް އަދާ ކުރީ އެސްޓިއޯ ކަމަށެވެ. ތަމާލް ކެމެރާ ގަނެފައިވަނީ އެސްޓީއޯއިން ކަމަށް ދައްކަން މިނިސްޓްރީން މަސައްކަތް ،ކުރިމަށެވެ. އެގޮތުން ފައިސާ ޕަބްލިކް އެކައުންޓިންގެ ތެރެއިން އެސްޓީއޯއަށް ދެއްކުމަށްޓަކައި މިނިސްޓްރީން ފަހުން ތައްޔާރުކޮށްފައިވާ ލިޔެކިޔުންތަކުގައި އެ ކެމެރާތައް ފޯރުކޮށްދޭ ފަރާތަކީ އެސްޓޯއޯކަމަށާއި އެ ތަކެތީގެ އަގުވެސް ހޯދާފައިވަނީ އެސްޓީއޯއިން ކަމަށް ދޭހަވާ ގޮތަށް ބަޔާންކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

"މިގޮތަށް، ލިޔެކިއުންތައް ތައްޔާރުކޮށްފައިވަނީ އޮޅުވާލުމުގެ ގަސްދެއް އޮވެގެންކަމަށް މި އޮފީހަށް ގަބޫލުކުރެވެއެވެ. އަދި، މި ފައިސާއަކީ އެސްޓީއޯ މެދުވެރިކޮށް ދެއްކުމުގެ ބަދަލުގައި ސީދާ ސަރުކާރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ދެއްކޭނެ ފައިސާއެއްކަމާއި، އެސް.ޓީ.އޯ މެދުވެރިކޮށް ފައިސާ ދައްކަންޖެހޭ ސަބަބެއް ހަގީގަތުގައި ނެތްކަން ފާހަގަކުރަމެވެ،" ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނީ އެސްއެސްއީ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަކީ އެ ކުންފުންޏަށް ވަރަށް ބޮޑަށް ފައިދާ ވާގޮތަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށެވެ. އެގޮތުން އެ ކުންފުނީގެ ޒިންމާއަކީ ހަމައެކަނި ތަކެތި ވިއްކާ ފަރާތެއް ހޯދުން ކަމަށެވެ. އަދި ތަކެތި ޝިޕް ކުރުމާއި ހެންޑްލް ކުރުމަކީ އެ ކުންފުނީގެ ޒިންމާ އެއް ނޫން ކަމަށާއި، ޝިޕިންގ އާގުޅޭ ހުރިހާ ހަރަދެއްގެ ޒިންމާ ނަގަންޖެހޭނީވެސް މިނިސްޓްރީން ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން އެ ކުންފުނިން ފޮނުވާފައިވާ ބިލުގައި ޝިޕިންގ ކޮސްޓް ގެ ގޮތުގައި 308،400 ރުފިޔާ ހިމަނާފައިވަނީ ކޮން ގޮތަކަށް ކަމާއި، އެ ޢަދަދު އަންދާޒާކޮށްފައިވަނީ ކޮންގޮތަކަށް ކަން އެނގޭކަށް ނެތެވެ. އަދި ހިދުމަތް ނުލިބެނީސް އެސްއެސްއައިއަށް އެޑްވާސްސްކޮށް ބޮޑެތި އަދަދުން ފައިސާ ދިން ކަމަށްވެސް ވެއެވެ. ރިޕޯޓުގައި ބުނީ، އެސްޓިއޯފަދަ، ދައުލަތުގެ ކުންފުންޏެއް މެދުވެރިކޮށް ތަކެތި ހޯދި ނަމަ، ތަކެތީގެ އަގަށްވުރެ އިތުރަށް ދައްކާފާއިވާ 1.8 މިލިއަން ރުފިޔާ ހަރަދު ނުކޮށް ތަކެތި ހޯދުނީސްކަމަށެވެ.

އެސްޓީއޯ އިން އެސްއެސްސީއަށް ފައިސާ ދައްކާފައިވަނީ ވެސް ހަބީބް ބޭންކް ލިމިޓެޑުން 180 ދުވަހުގެ ކްރެޑިޓް ފެސިލިޓީއެއް ނަގައިގެންނެވެ. އަދި އޭގެ ސަބަބުން، "ފައިނޭންސިންގ ކޮސްޓް" ގެ ގޮތުގައި ޖުމްލަ 4،760 ޑޮލަރު 73،804 ރުފިޔާ މިނިސްޓްރީން އެސްޓީއޯއަށް ދައްކާފައިވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް، ދައުލަތުގެ އިދާރާތަކުގެ ހަރަދުތައް އާންމުކޮށް ޕްރޮސެސްކުރާ އުސޫލުން ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތް ހިންގިނަމަ އެ އަދަދު ސަލާމަތްކުރުމުގެ ފުރުސަތުއޮތްކަން ރިޕޯޓުގައި ބުނެއެވެ.

ކަރަންޓިން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރި ކ. ވިލިވަރުގެވެސް ކޮރަޕްޝަންގެ މައްސަލަތަކެއްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފެންމަތި ކުރުވާފައެވެ. އެގޮތުން، މި މަސައްކަތް ހަވާލު ކުރި ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ޔަގީންކުރިކަމެއް ލިޔެކިއުމުން އެނގޭކަށް ނެތް ކަމަށާއި، މިކަމުގެ މަސައްކަތް ކުރާނެ ފަރާތެއް ސިންގަލް ސޯސް އުސޫލުގެ ދަށުން ބަޔަކާ ހަވާލުކުރުމަށް، މިފަދަ ދަނޑިވަޅެއްގައި، ފިނޭންސް މިނިސްޓްރީގެ ހުއްދައަކަށް އެދިފައިނުވާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މަސައްކަތް ހަވާލުކުރި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބިޑް ކޮމެޓީން އެ މަސައްކަތް ހަވާލުކުރަން ނިންމައި ހުއްދަ ދިނުމުގެ ކުރިންކަން އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެންއޭ) އިން އެދުނު ވަރަށް ވުރެ އިތުރަށް ތަކެތި ބޭރުން ގެނެސްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި ލިބުނު ތަކެއްޗަކީ އެކަށީގެންވާ ސްޓޭންޑަރޑްގެ، ފެންވަރު ރަނގަޅު ތަކެތިކަން މިނިސްޓްރީން ވެސް، އަދި އެންޑީއެމްއޭއިން ވެސް ބަލައި ޗެކުކުރިކަން ލިޔެކިއުމުން އެނގޭކަށް ނެތް ކަމަށް ރިޕޯޓުގައި ބުންޏެވެ. އޭގެ އިތުރުން މިނިސްޓްރީން ގެނައި ތަކެތީގެ ތެރޭގައި ހިމެނޭ N95 މާސްކުތަކަކީ ވެރިފައިޑް އެޕްރޫވަލް ސެޓްފިކޭޓު ހުރި ތަކެތިކަމަށް މިނިސްޓްރީން ފާހަގަކުރިނަމަވެސް، މިނިސްޓްރީން ފާހަގަކުރި އެޕްރޫވަލް ސެޓްފިކޭޓުގައި ބަޔާންކޮށްފައިވާ މޮޑެލް ނަމްބަރު މިނިސްޓްރީން ގެނައި ތަކެއްޗާ ގުޅޭ އެއްވެސް ލިޔެކިއުމެއްގައި ފެންނަން ނެތުމުން، ގެނެސްފައިވަނީ އެ ސެޓިފިކޭޓުގައި ބަޔާންކޮށްފައިވާ މޮޑެލްގެ ތަކެތިކަން އެނގޭކަށް ނެތެވެ.

"މިހެން ދިމާވެފައިވަނީ، މި ތަކެތި ގަތުމުގެކުރިން، ސއްހީ ދާއިރާގެ ފަންނީ ފަރާތްތަކުގެ މަޝްވަރާ ހޯދާފައިނުވާތީއާއި، ގަންނަން ބޭނުންވާ ތަކެތީގެ ފެންވަރާއި ސްޕެސިފިކޭޝަން ފަދަ މުހިންމު މައުލޫމާތު ނިންމައި ލިޔެކިއުމުން ބެލެހެއްޓިފައި ނުވާތީއާއި، ލިބުނު ތަކެއްޗަކީ ބޭނުންވާ ފެންވަރުގެ ތަކެތިކަން ދާއިރާގެ ފަންނީ ފަރާތްތައް ލައްވައި ޗެކުކޮށްފައި ނުވާތީކަން ފާހަގަކުރަމެވެ" ރިޕޯޓުގައި ބުންޏެވެ.

މީގެ އިތުރުން، ބޭރުން ގެނައި މެޑިކަލް ޓީމާ ގުޅޭ ކަންކަމަށް ބޮޑު ހަރަދެއް ހިނގާފައިވާ އިރު، އެ ޓީމު ހޯދުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަންނީ ލަފައެއްވެސް ހޯދާފައިވާކަން އެނގެން ނެތްކަމާއި، އެ ހިދުމަތް ހޯދުމުގައި ސިއްހީ ދައިރާގެ އެފަދަ ހިދުމަތްދޭ އެހެން އެއްވެސް ފަރާތަކާ މަޝްވަރާކޮށް އަގެއް ހޯދާފައި ނުވާކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެކަމަށްޓަކައި ހިނގި ހަރަދަކީ، ޓޫރިޒަމް މިނިސްޓްރީން ފިނޭންސް މިނިސްޓްރީގެ ހާއްސަ ހުއްދައެއް އެދި ހުށަހެޅި އަދަދަށްވުރެ 2.8 މިލިއަން ރުފިޔާ އިތުރު އަދެއްކަންވެސް ފާހަގަކޮށްފައި ވެއެވެ.

އިސްލާޙު ކުރަން އޮޑިޓާ ޖެނެރަލް ލަފާ ދެއްވި މުހިންމު ކަންކަން:

- ލިޔެކިއުންތައް ފަހުން ތައްޔާރުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ބެލެވޭތީ މިކަންކަން އިތުރަށް ތަހުގީގުކުރުމަށް ދެންނެވުން.

- މަގުބޫލު އުޒުރެއް ނެތި އެސްޓީއޯ. މެދުވެރިކޮށް ފައިސާ ދެއްކުމުން ފައިނޭންސިންގ ކޮސްޓުގެ ގޮތުގައި، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެ އިތުރަށް، އެސްއެސްއައިއަށް ފައިސާދޫކުރުމުގައި ޝާމިލުވާ ފަރާތްތަކުގެ އަތުން އެފައިސާ ހޯދުމަށް.

- އަހަރެއްގެ ތެރޭގައި ފަންޑުން ހަރަދުކުރާނެ ކަންތައްތަކާއި، އެ ކަންތައްތަކަށް ހަރަދުކުރުމަށް ކަނޑައަޅާ މިންވަރު، އަހަރު ފެށުމުގެކުރިން ފާސްކުރުމަށާއި، ކުއްލިއަކަށް ކުރަންޖެހޭ ޚަރަދުތައް ވެސް ކޮމިޓީގައި މަޝްވަރާކުރުމަށްފަހު ނޫނީ ނުކުރުމަށް އެދުނު

- ޓްރަސްޓް ފަންޑުތަކުން ހަރަދު ކުރާއިރު، އެ މުއައްސާސާއެއްގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކުރުން.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
50%
29%
21%
ކޮމެންޓް
15 އޯގަސްޓް 2020 | ހޮނިހިރު 12:56
ކުރީ ކުރީ
ތިވާނީ ކުރީ ސަރުކާރުގެ ކަމަކަށް. ލޮލް