ދެތިން މެމްބަރަކު ވަޒީރުންނަށް ބިރު ދައްކާ ސަރުކާރުގެ ތެރެ ހަލާކުކޮށްލަން މަސައްކަތް ކުރޭ: މިނިސްޓަރު މަހުލޫފު
13 އޯގަސްޓު 2020 | ބުރާސްފަތި 03:04މަޖިލީހުގެ ގިނަ މެމްބަރުންނާއި ވަޒީރުންގެ ގުޅުންތައް ރަނގަޅު


މިނިސްޓަރު މަހުލޫފު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވޭ
ދެތިން ރައްޔިތުންގެ މަޖިލިސް މެމްބަރުން ވަޒީރުންނަށް ބިރު ދެއްކާ ސަރުކާރުގެ ތެރެ ހަލާކުކޮށްލަން މަސައްކަތް ކުރާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު މަހުލޫފު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ދެތިން މެމްބަރަކު ވަޒީރުންނަށް ބިރު ދެއްކުމަށް މަސައްކަތް ކުރާ ކަމަށާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި އެކު ދެތިން މެންބަރުން އުޅެނީ ސަރުކާރު ހަލާކު ކޮށްލަން ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރުނެތް ކަމުގެ މައްސަލައަކީ ވެސް އެ މަސައްކަތުގެ ތެރެއިން ކުރާ ކަމެއްގެ ގޮތުގައި މިނިސްޓަރު މަހުލޫފު ސިފަކުރެއްވިއެވެ.
މިނިސްޓަރު މަހުލޫފު ވިދާޅުވީ އެމްޑީޕީގެ ވަޒީރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާ ގާތްގުޅުމެއް އޮންނަ އަދި ގުޅިގެން މަސައްކަތް ކުރާ ވަޒީރުން ކަމަށެވެ. ގިނަ މަސައްކަތްތަކެއް މަޖިލިސްގެ ތެރެއިން ވެސް ކުރަމުންދާއިރު، ދާއިރާގެ ކަންކަން ނުވުމަކީ މެމްބަރުންގެ ކަންބޮޑުވުމަކަށް ވާނެކަން ގަބޫލުކުރާ ކަމަށާއި، ނަމަވެސް ސިޔާސީ ވަކި ކަމެއް ހާސިލް ކުރުމަށް ކުރާކަން ހާސިލްނުވާނެ ކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.
އަލީ އާޒިމްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާ މިނިސްޓަރު މަހުލޫފު ވިދާޅުވީ ގަވާއިދާ ހިލާފަށް ގިނަ މަސައްކަތްތަކެއް ކުރާކަމަށް ތުހުމަތުކޮށް ވަޒީރުކަމުން ދުރުކުރުމަށް މަސައްކަތް ކުރި ނަމަވެސް އަލީ އާޒިމް ވިދާޅުވެގެން ކުޅިވަރުގެ ދާއިރާ ހަލާކުކޮށްލުމަށް މަސައްކަތް ނުކުރާނެ ކަމަށާއި، މަގާމު ގެއްލިދާނެތީ ބިރު ނުގަންނަ ކަމަށެވެ. އަދި ވިދާޅުވިހާ ގޮތަކަށް އަމަލުނުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މަހުލޫފު ވިދާޅުވީ އަލީ އާޒިމް ހިތްހަމަޖެހިވަޑައިނުގެންނެވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މަގާމުގައި ހުންނެވުމުން ކަމަށެވެ. ނަމަވެސް އަބަދު އެފްއެމްއޭ ތަޅަން ނުހުރެވޭނެ ކަމަށާއި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މިނިސްޓަރު މަހުލޫފު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމުގައި ކުޅިވަރު ދާއިރާ ސިޔާސީ ނުކުރުމަށް ސިޔާސަތު ކަނޑައެޅި ކަމަށެވެ. އެހެންކަމުން ކުޅިވަރުގެ ދާއިރާއަށް ސިޔާސީ ކަންކަން ނުވައްދާ މަޝްވަރާގެ ތެރެއިން އަބަދު ވެސް ކަންކަން އިމްތިޒާމްކުރާކަން މިނިސްޓަރު މަހުލޫފު ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް އެއްވެސް އެސޯސިއޭޝަނެއްގައި ސިޔާސީ ކަމަކަށް އެދިފައި ނޯންނާނެ ކަމަށާއި، ޖަލްސާއަކަށް މީހަކު ފޮނުވަން ނުވަތަ ސިޔާސީ ވާހަކައެއް ވެސް އެފަދަ ބޭފުޅަކާ ދައްކާފައި ނުވާނެކަމުގެ ޔަގީންކަން މިނިސްޓަރު މަހުލޫފު ދެއްވިއެވެ.






