ކ. މާލެ
|
29 ޖުލައި 2020 | ބުދަ 22:58
1953 ގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ދިއަ ހައްޖާޖީން - ޙައްޖު ފަރުޟު ވެވުނީ ހިޖުރީ ސަނަތުން ފަހެއްގައި
1953 ގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ދިއަ ހައްޖާޖީން - ޙައްޖު ފަރުޟު ވެވުނީ ހިޖުރީ ސަނަތުން ފަހެއްގައި
ނެޝަނަލް ޖޯގްރަފިކް
ހައްޖު 1441
ޙައްޖަކީ ކޮބާ؟
 
ބޮޑެތި ކާރިޘާތަކާއި ސިޔާސީ ހަމަނުޖެހުންތަކާއި މަގުމަތި ނާމާންވުމުގެ ސަބަބުން ވިއްސަކަށް އަހަރު ޙައްޖު ނުވެވޭގޮތް ދިމާވެފައިވޭ
 
މިއުއްމަތަށް މާތްﷲ ޙައްޖު ފަރުޟު ކުރެއްވުމުން އެންމެ ފުރަތަމަ މުސްލިމުން ރަސްމީ ގޮތެއްގައި ޙައްޖުވީ ހިޖުރައިން ނުވަވަނަ އަހަރު
 
ޙައްޖު ފަރުޟު ވެވުނީ ހިޖުރީ ސަނަތުން ފަހެއްގައި

ޙައްޖަކީ މުސްލިމުންގެ ބައިނަލް އަޤްވާމީ އަހަރީ އެންމެ ބޮޑު ކޮންފަރެންސެވެ.

މިކޮންފަރެންސުގައި މުޅިދުނިޔެއިން މުސްލިމުން ބައިވެރިވެއެވެ.

އިސްލާމީ ނަޒަރަކުން ބަލާއިރު މުސްލިމުންގެ ޙައްޖަކީ އަހަރަކު އެއްފަހަރު ކަނޑައެޅިފައިވާ ދުވަސްތަކުގައި ކަނޑައެޅިފައިވާ މަނާސިކުތަކަކާއި ޝިޢާރުތައް އުފުލުމަށްޓަކައި މުސްލިމުން މައްކާއަށް ޖަމަޢުވެ ކިޔާ ކިއުންތަކަކާއި ކުރާ ކަންތައްތަކެކެވެ. މިއީ ކުޅަދާނަކަން ލިބިގެންވާ ބާލިޣު ކޮންމެ މުސްލިމަކަށް ޢުމުރުން އެއްފަހަރު ކުރުމަށް ވާޖިބުވެފައިވާ އަޅުކަމެކެވެ. އެއީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ﴿وَلِلَّـهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا ﴿٩٧﴾ މާނައީ: މުސްލިމުންގެ މައްޗަށް މިއަދުން ފެށިގެން ﷲގެ ނަންފުޅުގައި ގެފުޅަށް ގޮސް ޙައްޖުވުމީ ފަރުޟެއް ކަމުގައި ކަނޑައަޅުއްވައިފިއެވެ. އެއީ އެކަމަށް ކުޅަދާނަކަން ލިބިއްޖެ މީހަކަށެވެ.

ޙައްޖު ފަރުޟުވި ގޮތް

އިމާމު އިބްނި ޙަޖަރު ފަތުޙުލްބާރީގައި ވިދާޅުވެފައި ވެއެެވެ. ޙައްޖު ފަރުޟުވެވުނީ ހިޖުރީ ސަނަތުން ފަހެއްގައެވެ. ވަކި މުހިއްމު ސަބަބެއް ނެތި ކީރިތި ރަސޫލާ ވަނީ ޙައްޖު އަދާކުރުން ފަސް ކުރައްވާފައެވެ. އިތުރު އެކަލޭގެފާނު ޤަޟާ ޢުމުރާއަށް ވަޑައިގަތީ ހިޖުރައިން ހަތެއްގައެވެ. އެފަހަރަކު ވެސް ޙައްޖުވެވަޑައި ނުގަންނަވައެވެ. އެހެންޏާ އެއީ ޙައްޖު މޫސުމެވެ. މައްކާ ފަތަޙަ ކުރެއްވީ ހިޖުރައިން އަށެއްގައެވެ. އޭރަކުވެސް ޙައްޖުވެ ވަޑައި ނުގަންނަވައެވެ. އެއީވެސް ޙައްޖު މޫސުމެވެ. އެއަށްފަހު ކީރިތި ރަސޫލާ ސައްޔިދުނާ އަބޫ ބަކުރުއް ޞިއްދީޤު ޙައްޖުގެ އަމީރަކަށް ލައްވަވާފައި ހިޖުރައިން ނުވަވަނައަހަރު ޙައްޖަށް ފޮނުއްވިއެވެ. ދެން ކީރިތި ރަސޫލާ އިސްވެ ހުންނަވައިގެން ޙައްޖުވެ ވަޑައިގަތީ ހިޖުރީ ސަނަތުން ދިހައެއްގައެވެ. ޙައްޖަށްފަހު ކީރިތި ރަސޫލާ ދުނިޔޭގައި އުޅުއްވީ އަށްޑިހަ ދުވަހުއެވެ. (އެއަށްފަހު ހިޖުރީ ސަނަތުން އެގާރަވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ ބާރަވަނަ ދުވަހު ހެނދުނު ސުވަރުގެ ވަޑައިގެންފިއެވެ.) ބަޔާންވެދިޔަ އެންމެހައި ކަންކަމަކީ ސިޔަރަތުގެ ޢިލްމުވެރިން އެއްބަސްވެ ވަޑައިގެންފައިވާ ކަންކަމެވެ. ޙައްޖު ފަރުޟުވީ އަހަރު ފިޔަވައެވެ. އެކަމާމެދު ޢިލްމުވެރިންގެ މެދުގައި ބޮޑުވެގެންވާ އިޚްތިލާފެއް އުފެދިފައި ވެއެވެ.

ޙައްޖު ފަރުޟުވީ އަހަރު

ކުރީން ބުނި ފަދައިން އިމާމު އިބްނި ޙަޖަރު ވިދާޅުވެފައިވާ ފަދައިން ޙައްޖު ފަރުޟުވީ ހިޖުރައިން ފަހެއްގައެވެ. އިމާމު ބުޚާރީއާއި އިމާމު ނަވަވީ ވިދާޅުވަަނީ ހިޖުރައިން ހައެއްގައި ކަމަށެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އަށެއްގައި ކަމަށެވެ. ގިނަ ބޭކަލުން ބުރަވެ ވަޑައިގަންނަވަނީ ނުވައެއްގައި ކަމަށެވެ. ބައެއް ބޭކަލުން ދިހައެކޭވެސް ވިދާޅުވެފައި ވެއެވެ. އެހެނަސް މިއީ ބަލިކަށި ބަސްފުޅެކެވެ. މިހުރިހާ ބަސްފުޅުތަކަށް ތަޙްޤީޤީ ނަޒަރަކުން ބަލައިލާރު ބޮޑަށް ބުރަވެވެނީ ޙައްޖު ފަރުޟުވީ ހިޖުރީ ސަނަތުން އަށެއްގައި ކަަމަށެވެ. އެއީ ޙައްޖާބެހޭ އާޔަތް ހިޖުރައިން ފަހެއްގެ ފަހުކޮޅުގައި ނުވަތަ ހައެއްގެ ކުރީކޮޅުގައި ބާވައިލެއްވުނު ކަމުގައި ވިއަސް މައްކާ ފަތަޙަވެ މަގު އަމާންވީ ހިޖުރައިން އަށެއްގައި ކަމަށްވާތީއެވެ.

މުސްލިމުންގެ ފުރަތަމަ ޙައްޖު

މިއުއްމަތަށް މާތްﷲ ޙައްޖު ފަރުޟު ކުރެއްވުމުން އެންމެ ފުރަތަމަ މުސްލިމުން ރަސްމީގޮތެއްގައި ޙައްޖުވީ ހިޖުރައިން ނުވަވަނަ އަހަރުއެވެ. އެއީ އަބޫ ބަކުރުގެފާނުންގެ އަމީރުކަމުގެ ދަށުންނެވެ.

މިދަތުރަށް މުސްލިމުން ނިކުތްތަނާހެން މާތްﷲ ބަގަރާ ސޫރަތް ބާވައިލެއްވެވިއެވެ. މިޚަބަރާއިގެން މުސްލިމުންގެގާތަށް ކީރިތި ރަސޫލާ މާތްﷲ ރުއްސުންލެއްވި ޢަލިއްޔު އިބްނި އަބީޠާލިބު ފޮނުއްވެވިއެވެ. އެދަތުފުޅުގައި މުސްލިމުންނަށް މިނާގައި ބައެއްކަންކަން އަންގަވައި އިޢުލާން ކުރެވުނެވެ. އެއީ ކާފަރަކު ސުވަރުގެ ނުވަންނާނެ ވާހަކައާއި އެ އަހަރަށް ފަހުން މުޝްރިކުންނަށް ޙައްޖުގައި ބައިވެރި ނުވެވޭނެ ވާހަކައާއި އެއްވެސް މީހަކަށް ދެނެއް ބަރަހަނާ ހުރެގެން ޠަވާފު ނުވެވޭނެ ވާހަކައެވެ.

މިއަހަރަކީ މުސްލިމުން ޙައްޖުވަމުން އަންނަތާ ސާދަސަތޭކަ ސާޅީސް އެއްވަނަ އަހަރެވެ. ހިޖުރައިން ނުވަވަނަ އަހަރުން ފެށިގެން މިއަދާހަމައަށް މުސްލިމުން އަންނަނީ ޙައްޖު ވަމުންނެވެ. އެހެންނަމަވެސް ދޭތެރެ ދޭތެރޭންވަނީ ޙައްޖުގެ އަޅުކަން މެދުކެނޑިފައެވެ. ބުނެވޭ ގޮތުން ދިމާވާ ބޮޑެތި ކާރިޘާތަކާއި ވަބާތަކާއި ސިޔާސީ ހަމަނުޖެހުންތަކާއި މަގުފޭރޭ މީހުންނާހުރެ މަގުމަތި ނާމާންވުމާއި މިފަދަ އެކި އެކި ސަބަބުތަކާހުރެ އެކިއެކި އަހަރު މަތިން ވިއްސަކަށް އަހަރު ޙައްޖު ނުވެވޭގޮތް ދިމާވެފައި ވެއެވެ. މިއަހަރަކީ ވެސް އެފަދަ އަހަރެކެވެ. ނަމަވެސް މަދު މީސްކޮޅަކާއެކު ނަމަވެސް ސަޢޫދީ ސަރުކާރުން މިއަހަރުގެ ޙައްޖުގެ ކަންތައްތައް އެންމެ ފުރިހަމަގޮތުގައި އިންތިޒާމު އެބަކުރައްވައެވެ. ޚަބަރު ލިބޭ ގޮތުން ސަޢޫދީ ސަރުކާރުން މިއަހަރު ހައްޖުވުމަށް ހުއްދަ ދެއްވަނީ ސަޢޫދީގައި ދިރިއުޅޭ ބޭރުމީހުންގެ ތެރެއިންނާއި ސަޢޫދީ މީހުންގެ ތެރެއިން ޝަރުޠު ހަމަވާ މީހުންގެ ޖުމްލަ ދިހަހާސް މީހުންނަށެވެ. ކޮވިޑް19 ގެ ބިރުވެރިކަން ބޮޑުކަމުން ޢުމުރާގެ އަޅުކަމަށް ވަނީ ހުއްޓުމެއް އައިސްފައެވެ. 2019 ވަނަ އަހަރަށް ބަލާއިރު ޙައްޖު ވެފައިވަނީ 2.6 މިލިޔަން މީހުންނެވެ. އަދި މުޅި އަހަރު ޢުމުރާވެފައި ވަނީ 30 މިލިޔަން މީހުންނެވެ.

ކީރިތި ރަސޫލާ ޙައްޖަށް ނިކުމެ ވަޑައިގަތުން

ހިޖުރައިން ދިހަވަނަ އަހަރު ޛުލްޤަޢިދާ މަހުގެ ފަސްވަނަ ދުވަހު ޙައްޖަށް ވަޑައިގަތުމަށް ޤަޞްދު ކުރައްވާކަމަށް ލޮބުވެތި ކީރިތި ރަސޫލާ އިޢުލާން ކުރެއްވިއެވެ. އޭރު އެކަލޭގެފާނުންގެ އަރިހުގައި އަންހެނުންނާއި ފިރިހެނުންގެ ތެރެއިން ގާތްގަނޑަކަށް ނުވަދިހަވަރަކަށް ހާސް މީހުން މަދީނާއިން ޙައްޖަށްދާން ނިކުތެވެ. މަދީނާގެ ވެރިއަކަށް ކީރިތި ރަސޫލާ ކަނޑައެޅުއްވީ އަންޞާރިއްޔަ ބޭކަލަކު ކަމުގައިވާ މާތްﷲ ރުއްސުންލެއްވި އަބޫ ދުޖާނާ އައްސާޢިދީއެވެ. އިތުރު އެކަލޭގެފާނުންގެ އަރިހުގައި މަދީނާއިން ޙައްޖަށް ނިކުތް މީހުންގެ އިތުރުން ޢަރަބި ކަރައިގެ އެތަންމިތަނުން ވެސް ކީރިތި ރަސޫލާގެ އަރިހު ޙައްޖުގައި ބައިވެރިވުމަށް މީސްތަކުން ނިކުތެވެ. ބުނެވޭ ގޮތުގައި ޖުމްލަ ޙައްޖަތުލް ވަދާޢުގައި ބައިވެރިވީ 124000 ޙާޖީންނެވެ. އިއްތިފާޤުން މިޢަދަދަކީ ދުނިޔެއަށް ފޮނުއްވުނު ޖުމްލަ ނަބީބޭކަލުންގެ ޢަދަދެވެ.

ކީރިތި ރަސޫލާ ޙައްޖަށް ފެއްޓެވުން

ކީރިތި ރަސޫލާ ޙައްޖަށް އިޙުރާމް ބެންނެވީ ޛުލް ޙުލައިފާއޭ ކިއުނު މީޤާތުންނެވެ. ޛުލް ޙުލައިފާގައި އިޙްރާމުގެ ދެރަކުޢަތް ނަމާދު ކުރެއްވުމަށްފަހު އެކަލޭގެފާނުންގެ ޖަމަލުކޮޅަށް އަރައިވަޑައިގެން ނިޔަތް ގަންނަވައި ތަލްބިޔާ ވިދާޅުވާން ފެއްޓެވިއެވެ. މައްކާއަށް ވެދެވަޑައިގެންނެވެންދެން އިތުރު އެކަލޭގެފާނު ވަޑައިގަތީ ތަލްބިޔާ ވިދާޅުވަމުންނެވެ. ފަހަތްޕުޅުން އަޞްޙާބު ބޭކަލުންވެސް ތަލްބިޔާ ވިދާޅުވަމުން ގެންދެވިއެވެ. މިގޮތުން މައްކާއަށް ވެދެވަޑައިގެންނެވެންދެން އެކަލޭގެފާނު ގެންދެވީ ތަލްބިޔާ ވިދާޅުވަމުންނެވެ.

ކީރިތި ރަސޫލާ ޙައްޖުވެ ވަޑައިގަތް ގޮތް

ކީރިތި ރަސޫލާ މައްކާއަށް ވަޑައިގެން ކަޢުބަތުﷲ ގެފުޅުގައި ހަތްބުރު ޖައްސަވައި ޠަވާފު ފުރިހަމަ ކުރެއްވިއެވެ. އަދި ޠަވާފުގެ ބުރުތަކުގައި ޙަޖަރުލް އަސްވަދަށް އިސްތިލާމު ކުރެއްވިއެވެ. އެއަށްފަހު މަޤާމް އިބްރާހީމުގައި ދެރަކްޢަތް ނަމާދު ކުރެއްވިއެވެ. އަދި ޒަމްޒަމް ފެންފޮދު ހިއްޕެވުމަށްފަހު ޞަފާ މަރުވާއަށް ވަޑައިގެން ސަޢުޔު ކުރެއްވިއެވެ. ދެން ޙައްޖުމަހުގެ އަށްވަނަ ދުވަހު މިނާއަށް ވަޑައިގަތެވެ. އެރޭ ރޭކުރެއްވީ މިނާގައެވެ. ނުވަ ވަނަދުވަހު ވަޑައިގަތީ ޢަރަފާތަށެވެ. އިރުމެދުން ފިލުމުން ޢަރަފާތަށް ވެދެވަޑައިގެން ނަމިރާގައި މެންދުރު ނަމާދާއި ޢަޞުރު ނަމާދު ކުރުކޮށް، އިސްކޮށް ޖަމާޢަކުރެއްވިއެވެ. އެއަށްފަހު އިސްލާމީ އުއްމަތާ މުޚާޠަބުވެ ވަޑައިގެން ވަރަށްފުރިހަމަ ޚުޠްބާއެއް ދެއްވެވިއެވެ. މިޚުޠުބާއަށް ކިޔަނީ ޚުޠުބަތުލް ވަދާޢުއެވެ. ޢަފަރާތްދުވަހު އިރުއެއްސުމުން އިތުރުއެކަލޭގެފާނު ޙައްޖުވެރިންނާއިގެން ޢަރަފާތުން ނިކުމެވަޑައިގެން މުޒްދަލިފާއާ ދިމާއަށް ކުރިމަތިލެއްވެވިއެވެ. މުުޒްދަލިފާއަށް ވަޑައިގެން މަޣުރިބުނަމާދާއި ޢިޝާނަމާދު ކުރުކޮށް ފަސްކޮށް ޖަމާ ކުރެއްވިއެވެ. ދެން ދިހަވަނަ ދުވަހުގެ ފަތިސްނަމާދު ކުރަށްވައިގެން މިނާއަށް ވަޑައިގަތެވެ. މިނާގައި ޙައްޖުގެ މަނާސިކުތައް ފުރިހަމަ ކުރެއްވިއެވެ. ތިންނަވަ ޖަމްރާއަށް ހިލަކޮޅު އުއްކަވައި ހަދިޔާއި ޤުރުބާނީ ކަތިލައްވަވައި އިސްތަށިފުޅު ބޭލުއްވެވިއެވެ. އަދި ހަމައެދުވަހު ޙަރަމްފުޅަށް ވަޑައިގެން ޙައްޖުގެ ފަރުޟު ޠަވާފު ކަމުގައިވާ ޠަވާފުލް އިފާޟާ ކުރަށްވައި ޙައްޖު ނިންމަވާލެއްވިއެވެ. މިނާއަށް އެނބުރިވަޑައިގެން މިނާގައި މަޑުކުރައްވައި ތިންދުވަހު ތިން ޖަމުރާއަށް ހިލަ އުއްކެވިއެވެ. މިގޮތުން މައްކާގެ އެކިތަންތާގައި ދިހަދުވަސް ވެއަތު ކުރެއްވުމަށްފަހު ދެން މަދީނާއަށް އެނބުރި ވަޑައިގަތެވެ.

ކީރިތި ރަސޫލާގެ ޙައްޖާބެހޭ ތަފްޞީލީ ޙަދީޘެއް

އިމާމު ޝާފިޢީއާއި އަޙްމަދާއި ބުޚާރީއާއި މުސްލިމާއި އެނޫންވެސް އެތަކެއް އިމާމުން މާތްﷲ ރަޙްމަތްލެއްވި އިމާމު ޖަޢުފަރު އައްޞާދިޤު އެކަލޭގެފާނުންގެ ބައްޕާފުޅު އިމާމު ބާޤިރު (މުޙައްމަދު އިބްނިލް ޙުސައިން) ގެކިބައިން ރިވާކުރައްވާފައިވެއެވެ. އިމާމު ބާޤިރު ވިދާޅުވިއެވެ.

އެއްފަހަރަކު ތިމަންމެން ޖަމާޢަތެއްގެ މީހުން، މާތްﷲ ރުއްސުންލެއްވި ޖާބިރު އިބްނި ޢަބްދުﷲގެ އަރިހަށް ދިޔައިމެވެ. ތިމަންމެން އެކަލޭގެފާނުންގެ އަރިހަށް ޙާޟިރުވުމުން، ޖާބިރުގެފާނު ތިމަންމެންގެ ތެރެއިން ކޮންމެމީހަކާ ވަކިވަކިން ސުވާލުކުރަށްވައި ޙާލު އަޙްވާލު އައްސަވަމުން ގެންދެވިއެވެ. ދެން ތިމަންނާއާ ޖެހުމުން ތިމަންދެންނެވީމެވެ. ތިމަންނާއަކީ ޢަލީގެފާނުންގެ ދަރިކަލުން ޙުސައިންގެފާނުންގެ ކާފަދަރިކަލުން މުޙައްމަދު އިބްނި ޢަލީއީމެވެ. މިއަޑު އައްސަވާފައި އެކަލޭގެފާނުންގެ އަރިހަށް ތިމަން ގެންދަވައި ތިމަންގެ ބޮލުގައި އަތްޕުޅު ފިރުމާލެއްވިއެވެ. ދެން ތިމަންގެ އިޙްރާމުގެ މަތީފޮށާގެ ދެކަންގަނޑު ނަންގަވައި މޭމަތިހާމަވުމުން ތިމަންގެ މޭމަތީގައި އަތްޕުޅު ފިރުމާލެއްވިއެވެ. އޭރު ތިމަންނާއަކީ ޅަކުއްޖަކީމެވެ. އަދި އޭރު އެކަލޭގެފާނަކީ ލޯފަން ބޭކަލެކެވެ. އެހިނދު ވިދާޅުވިއެވެ. އޭ ކޮއްކޮގެ ދަރިފުޅާއެވެ. ބޭނުން ކަމަކާމެދު ސުވާލުކުރާށެވެ. މިހެން ވިދާޅުވުމުން ތިމަން ބައެއް ސުވާލުތައް ދެންނެވީމެވެ. ތިމަންމެން އެތާ ތިއްބާ ނަމާދުގެ ވަގުތު ވަނުމުން، އެކަލޭގެފާނު އޮޅުއްވައިގެން ހުންނެވި ސާލުކޮޅާއެކު އަވަހަށް ތެދުވެވަޑައިގަތެވެ. އެކަލޭގެފާނުހުންނެވީ އެސާލުކޮޅުކޮނޑުފުޅު މަތީ އަޅުއްވައިގެންނެވެ. ސާލުކޮޅުގެ ކުޑަކަމާހުރެ އެއްކޮނޑުފުޅުގައި ބޭއްވެވޭއިރަށް އަނެއް ކޮނޑުފުޅު ހާމަވެދެއެވެ. އެހެންނާ އެކަލޭގެފާނުންގެ އަޞްލު ފޮށާކޮޅު އަރިހުގައިހުރި ހެދުންކޮޅުތައް ލައްވަވާ ކޮތަޅުކޮޅުގައި ފެންނާން އޮތެވެ. އެކަން އެކަލޭގެފާނު ހަނދުމަފުޅުނެތުނީކަން ނޭގެއެވެ. ދެން ވަޑައިގެން ތިމަންމެންނާއިގެން އިސްވެ ނަމާދު ކުރެއްވިއެވެ.

ނަމާދުން ނިމިވަޑައިގަތުމުން ތިމަން ދެންނެވީމެވެ. ކީރިތި ރަސޫލާ ޙައްޖު ވެވަޑައިގަތީ ކިހިނަކުންކަން ވިދާޅުވެ ދެއްވަފާނަންތޯއެވެ؟ އެހިނދު އަތްޕުޅުން ނުވައެއްގެ ސޫރަ ދައްކަވާލެއްވިއެވެ. އެބަހީ ކީރިތި ރަސޫލާ ޙައްޖަށް ވަޑައިނުގަންނަވާ ހިޖުރައިގެ ނުވަ އަހަރު ވަންދެން މަދީނާގައި މަޑު ކުރެއްވި ވާހަކައެވެ. ދެން ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޙައްޖަށް ވަޑައިނުގަންނަވާ ހިޖުރައިގެ ފަހުން ނުވަ އަހަރު ވަންދެން މަދީނާގައި މަޑު ކުރެއްވެވިއެވެ. ދެން ދިހަ ވަނަ އަހަރު އިތުރު އެކަލޭގެފާނު ޙައްޖަށް ވަޑައިގަންނަވާ ވާހަކަ މީސްތަކުންނަށް އަންގަވައި އިޢުލާން ކުރެއްވިއެވެ.

މި އުފާވެރި ޚަބަރު މީސްތަކުންނަށް ލިބިގެން ކީރިތި ރަސޫލާ ގެ އަރިހު، އެކަލޭގެފާނާއި އެއްގޮތަށް ޙައްޖުވުމުގެ އެދުމުގައި ގިނަބަޔަކު މަދީނާއަށް ޖަމާވެއްޖެއެވެ. މިގޮތުން ތިމަންމެން އެންމެން އެކަލޭގެފާނުންގެ އަރިހު މަދީނާއިން ދަތުރު ފަށައިގެން ޛުލްޙުލައިފާއަށް ދިޔައިމެވެ. ހަމަ އެދުވަހުން އަބޫ ބަކުރުގެފާނުންގެ އަނބިކަނބަލުން އަސްމާ ބިންތި ޢުމައިސް، މުޙައްމަދު އިބްނި އަބީ ބަކްރަށް ރައްކާވެ އިންނެވިއެވެ. ދެން އެކަމަނާ ޙައްޖުގެ ކަންކަން ކުރައްވާނެ ގޮތާމެދު ސުވާލު ދެންނެވުމަށް ކީރިތި ރަސޫލާ ގެ އަރިހަށް މީހަކު ފޮނުއްވެވިއެވެ. އެހިނދު އިތުރުއެކަލޭގެފާނު ޙަދީޘުކުރެއްވީ، އެކަމަނާ ނާނާފުޅު ފިއްލަވައިގެން ފޮތިގަނޑަކުން ރަނގަޅަށް ލޭބަންދު ކުރައްވައިގެން އިޙްރާމް ބެންނެވުމަށެވެ. ދެން ކީރިތި ރަސޫލާ ޛުލްޙުލައިފާ މިސްކިތުގައި ނަމާދު ކުރައްވައިގެން، ސަވާރީއަށް އަރައި ވަޑައިގެން އިޙްރާމް ބެންނެވުމަށްފަހު، ސާވާރީ ތެދުކުރައްވައި، ބައިދާއާދިމާއަށް ދަތުރު ފައްޓަވައިފިއެވެ. އޭރު ތިމަން ކަލޭގެފާނު އެކަލޭގެފާނާ ދިމާއަށް ކަޅި ހިންގަވާލީމެވެ. ހިނގާފައިދާ މީހުންނާއި ސަވާރީގައި ދާމީހުން ތިބީ އެކަލޭގެފާނު ވަށާލައިގެންނެވެ. ކަނާތްޕުޅު ފަރާތާއި ވާތްޕުޅު ފަރާތާއި ކުރިފުޅާއި ފަހަތްޕުޅުގައިވެސް ވަރަށްގިނަމީހުން ތިއްބެވެ. އިތުރު އެކަލޭގެފާނު ތިމަންމެނާއެކު އެހެރަ ހުންނެވީއެވެ. އެކަލޭގެފާނުންގެ މައްޗަށް އިރުއިރުކޮޅާ ޤުރުއާން ބާވައިލެއްވެނީއެވެ. އެއާޔަތްތަކުގެ މުރާދަކީ ކޮބައިކަން އެނގިވަޑައި ގަންނަވަނީ ވެސް ހަމަ އެކަލޭގެފާނަށެވެ. އަދި އެކަލޭގެފާނު ޚުދް ވަޑައިގަތީ އެއާޔަތްތަކުން ނެރެވޭ ޙުކުމްފުޅުތަކަށް ޢަމަލު ކުރައްވަމުން، އެކަންކަން ތިމަންމެނަށް އުނގަންނަވައި ދެއްވަމުންނެވެ. އެކަލޭގެފާނު ޢަމަލުކުރަށްވާ ކޮންމެ ކަމެއް ބަލައިގެން ތިމަންމެން ދިޔައީ އެގޮތަކަށް ޢަމަލު ކުރަމުންނެވެ.

(ސަވާރީއަށް އަރައިވަޑައިގެން) އިތުރު އެކަލޭގެފާނު އިޙްރާމް ބަންނަވައި [لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لاَ شَرِيكَ لَكَ] މިފަދައިން ތަލްބިޔާ ވިދާޅުވިއެވެ. މިއަޑުފުޅުގެ ދަށުން މީސްތަކުން ތަލްބިޔާ ކިޔަންފެށިއެވެ. ކީރިތިރަސޫލާ މީސްތަކުންނަށް އެކަން މަނައެއް ނުކުރައްވަތެވެ. އަދި ތަލްބިޔާ ވިދާޅުވުމުގައި އިތުރު އެކަލޭގެފާނުވެސް ދެމި ހުންނެވިއެވެ. ޖާބިރުގެފާނު ވިދާޅުވެފައި ވެއެވެ. ތިމަންމެން ނިޔަތްގަތީ ހަމައެކަނި ސީދާ ޙައްޖަށެވެ. އޭރަކު ޙައްޖާއެކު ޢުމްރާ އޮންނަ ކަމެއް ތިމަންމެން ނުދަންނަމެވެ. ދެން ތިމަންމެން އިތުރު އެކަލޭގެފާނުގެ އަރިހުގައި ގެފުޅު ދޮށަށް އައިމެވެ. ޙަޖަރުލް އަސްވަދުގައި އަތްލައި ޠަވާފަށް ފެށީމެވެ. ފުރަތަމަ ތިން ބުރުގައި ކުޑަކޮށް ބާރަށް ހިނގާފައި ރަމްލު ކުރަމުން ދިޔައިމެވެ. ފަހު ހަތަރުބުރުގައި ދިޔައީ އާދައިގެގޮތުގައި ހިނގާލާފައެވެ. އެއަށްފަހު އިތުރު އެކަލޭގެފާނު ސަލާމް ލެއްވި އިބްރާހީމުގެ ފާނުންގެ މަޤާމު ދޮށަށް ކައިރިވެވަޑައިގެން [وَاتَّخِذُوا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى] މިފަދައިން ވިދާޅުވުމަށްފަހު، އެތާ ދެރަކްޢަތް ނަމާދު ކުރެއްވިއެވެ. (މާނައީ: މާތްﷲ މީސްތަކުންނަށް އަންގަވާފައި ވަނީ، އިބްރާހީމުގެފާނު އަޅުކަންކޮށް އުޅުއްވި ތަނުގައި ނަމާދު ކޮށް އަޅުކަން ކުރުމަށެވެ.) އޭރު މަޤާމު އިބްރާހީމުވީ އެކަލޭގެފާނާއި ގެފުޅާ ދެމެދުގައެވެ. އިމާމު ޖަޢުފަރު އައްޞާދިޤު ވިދާޅުވެފައި ވެއެވެ. ތިމަންގެ ބައްޕާފުޅު ވިދާޅުވެފައިވަނީ، އެކަލޭގެފާނަށް ޚުދް ކީރިތި ރަސޫލާގެ އަރިހުން ޚަބަރު ލިބިވަޑައިގެންފައިވަނީ، އިތުރު އެކަލޭގެފާނު މިނަމާދުގައި ކިޔަވާ ވިދާޅުވިކަމަށް ވަނީ، އަލްޙަމްދާއެކު ކާފިރޫނަ ސޫރަތާއި އިޚްލާޞް ސޫރަތް ކަމަށެވެ. އަނަސްގެފާނު ވިދާޅުވެފައިވެއެވެ. އެއަށްފަހު ޙަޖަރުލްއަސްވަދު ދޮށަށް ވަޑައިގެން އިސްތިލާމް ކުރެއްވުމަށްފަހު ދެން ވަޑައިގަތީ ޞަފާއާ ދިމާއަށެވެ. ޞަފާ ދޮށަށް ވަޑައިގެންނެވުމުން ޤިބުލައަށް ކުރިމަތިފުޅު ލައްވަވައިގެން ހުންނަވާ އަންނަނިވި އާޔަތް [إِنَّ الصَّفَا وَالْمَرْوَةَ مِنْ شَعَائِرِ اللَّهِ] ވިދާޅުވިއެވެ. (މާނައީ: ހަމަކަމަށަވަރުން ޞަފާއާއި މަރުވާއަކީ މާތްﷲ ޙުރުމަތްތެރި ކުރައްވާފައިވާ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެވެ.) ދެން [أَبْدَأُ بِمَا بَدَأَ اللَّهُ بِهِ] މިފަދައިން ވިދާޅުވިއެވެ. (މާނައީ: މާތްﷲ އެއިލާހުގެ ވަޙީ ބަސްފުޅުގައި ފަށްޓަވާފައި އޮތް ގޮތަށް ތިމަންވެސް ފަށްޓަވަމެވެ.) އެއަށްފަހު ޞަފާއަށް އަރާވަޑައިގެން ޤިބުލައަށް ކުރިމަތިފުޅު ލައްވަވައިގެން ހުންނަވާ ﷲގެ އެއްކައުވަންތަކަން ބަޔާން ކުރަށްވަމުން، ތަކްބީރު ވިދާޅުވެ، މިފަދައިން ވިދާޅުވިއެވެ. [لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ أَنْجَزَ وَعْدَهُ وَنَصَرَ عَبْدَهُ وَهَزَمَ اْلأَحْزَابَ وَحْدَهُ] (މާނައީ: އެއްކައުވަންތަ ﷲ ފިޔަވައި ޙައްޤު އެހެން އިލާހަކު ނުވެއެވެ. އެއިލާހަށް ޝަރީކަކު ނުވެއެވެ. ހުރިހާ ތަކެއްޗެއް މިލްކުވެ ވޮޑިގެންވަނީ އެއިލާހަށެވެ. އެންމެހައި ޙަމްދުޘަނާ ޙައްޤުވެގެންވަނީ ހަމަ އެއިލާހަށެވެ. އެއިލާހުވަނީ ހުރިހާތަކެއްޗެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންނެވެ. އެއްކައުވަންތަ ﷲ ފިޔަވައި އެހެން ޙައްޤު އިލާހަކު ނުވެއެވެ. އެއިލާހުގެ ވަޢުދު ބަސްފުޅަކީ ތެދުބަސްފުޅުކަން ސާބިތު ވެއްޖެއެވެ. އަދި އެއިލާހުގެ އަޅާއަށް ނަޞްރު ލިބިއްޖެއެވެ. އިދިކޮޅު އެންމެހައި ޖަމާޢަތްތައް ބަލިކުރެވިއްޖެއެވެ.) ދެން އެކަލޭގެފާނު މިދުޢާފުޅު ތިން ފަހަރުމަތިން ވިދާޅުވިއެވެ. ޞަފާ އިން ފައިބައި ވަޑައިގެން، ހާމަ ބިމަށް ވަޑައި ގެންނެވުމުން، ދެފަރުބަދަ ދޭތެރޭ ސަޢީ ކުރެއްވިއެވެ. އެބަހީ ބާރަށް ވަޑައިގަތެވެ. މަރްވާއަށް ވަޑައިގެންވެސް އެތަނަށް އަރައިވަޑައިގެން، ޞަފާގައި ޢަމަލުކުރެއްވި ފަދައިން ކަންތައްތައް ކުރެއްވިއެވެ. މިގޮތަށް ހަތްބުރު ޖެއްސެވިއެވެ. ފަހުބުރުން ނިމިވަޑައިގަތީ މަރުވާއަށެވެ. ދެން ޙަދީޘު ކުރެއްވިއެވެ. ތިމަން ކަލޭގެފާނު ޙައްޖުގައި ޢަމަލު ކުރައްވާފައި މިއޮތް ގޮތް ނޫން އެހެން ގޮތަކަށް ކަންތައް ކުރައްވަން އޮތްނަމަ ތިމަން ކަލޭގެފާނު ހަދްޔު ނުގެންނެވީހެވެ. އަދި ނިޔަތް ގެންނެވީހީ ޢުމްރާއަކަށެވެ. ތިޔައިގެ ތެރެއިން ތިމާއާއެކު ކަތިލާނެ ހަދްޔު ނުގެންނަ މީހާ، ތަޙައްލުލު ވެލައިގެން އިޙްރާމް ކަނޑާލާށެވެ. އަދި ތިމާގެ ޙައްޖު ޢުމްރާއަކަށް ބަދަލުކޮށްލާށެވެ. މިއަޑުފުޅު އައްސަވާފައި ސުރާޤާ އިބްނި މާލިކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! މިގޮތަށް މިކަން އޮންނަނީ ހަމައެކަނި މިއަހަރަށް ތޯއެވެ؟ ނުވަތަ ދާއިމަށްތޯއެވެ؟ އެހިނދު ކީރިތި ރަސޫލާ އެކަލޭގެފާނުންގެ ދެއަތްޕުޅުގެ އިނގިލިފުޅުތައް މަހާލެއްވުމަށްފަހު ޙަދީޘު ކުރެއްވިއެވެ. ނޫނެކެވެ. އެއީ ތާއަބަދަށް ކަނޑައެޅިފައި އޮތް ގޮތެވެ. އަދި އެގޮތަށް ކުރެވޭ ޙައްޖުގައި، ޢުމްރާއާއި ޙައްޖާއި ދެއަޅުކަން އެބަކުރެވެއެވެ.

(ރާވީ ވިދާޅުވެފައި ވެއެވެ.) އެދަތުރުފުޅުގައި ޢަލީގެފާނު ޔަމަނަށް ވަޑައިގެންފައި ކީރިތި ރަސޫލާ އަށް ޓަކައި ޖަމަލުތަކެއް ގެންނެވިއެވެ. ވަކިން ޢުމްރާ ކުރައްވައިގެން ތަޙައްލުލުވެ ވަޑައިގަތް ބޭކަލުންގެ ތެރޭގައި މާތްﷲ ރުއްސުންލެއްވި ފާޠިމަތުގެފާނު ވެސް ހިމެނި ވަޑައިގެންނެވިއެވެ. އެކަމަނާވެސް ރީތި ހެދުންކޮޅު ތުރުކުރައްވައިގެން ހުވަނދާއި އަނދުންކޮޅު ތުރުކުރެއްވެވިއެވެ. މިމަންޒަރު ދެކެވަޑައިގެން ޢަލީގެފާނު އެކަމާ ރުހިވަޑައިނުގެން، އެކަން އެގޮތަށް ނުކުރެއްވުމަށް އެންގެވިއެވެ. އެހިނދު އެކަމަނާ ވިދާޅުވީ، އެއީ އެކަމަނާއަށް ކަންކުރަން ބައްޕާފުޅު އެންގެވި ގޮތްކަމަށެވެ. ޖާބިރުގެފާނު ވިދާޅުވެފައި ވެއެވެ. ޢިރާޤުގައި ހުންނެވި ދުވަސްވަރު މިމައްސަލަ ނެގިގެން އެކަމާ ވާހަކަފުޅު ދައްކަވަމުން ޢަލީގެފާނު ވިދާޅުވެފައި ވެއެވެ. އެދުވަހު ފާޠިމުގެފާނުންގެ ޖަވާބު އައްސަވާފައި ހިތްޕުޅާ ހަމަނުކުރައްވައި ކީރިތި ރަސޫލާ ގެ އަރިހަށް ތިމަން ދިޔައިމެވެ. އެއީ އެކަމަނާގެ ކުށަށް ކޮންމެވެސް ވަރެއްގެ އަދަބެއް ދެއްވާތޯއާއި އެމައްސަލާގެ ޙުކުމަކީ ކޮބައިތޯ ބެއްލެވުމުގެ ގޮތުންނެވެ. އެހިނދު އެކަމަނާ ވިދާޅުވި ބަސްފުޅު ހަމަ އެވިދާޅުވި ގޮތަށް އިތުރު އެކަލޭގެފާނުންގެ އަރިހު ތިމަން ދެންނެވީމެވެ. އަދި އެއާމެދު ތިމަން ކަލޭގެފާނު އިންކާރު ކުރެއްވި ކަމަށްވެސް ދެންނެވީމެވެ. ކީރިތި ރަސޫލާ ޙަދީޘުކުރެއްވީ، ފާޠިމާ އެބުނީ ތެދެއް ކަމަށެވެ. ހަމަ ތެދެއްކަމަށެވެ. އަދިވެސް ޙަދީޘު ކުރެއްވިއެވެ. އޭ ޢަލީއެވެ! ނިކަން ޙައްޖަށް ނިޔަތް ގަތްގޮތް ބުނެދީބަލާއެވެ. ޢަލީގެފާނު ވިދާޅުވީ، ތިމަން ދެންނެވީމެވެ. ތިމަންމިގޮތަށް ނިޔަތްގަނެ، މިފައިން ކީމެވެ. [اللَّهُمَّ إِنِّي أُهِلُّ بِمَا أَهَلَّ بِهِ رَسُولُكَ] (މާނައީ: އޭ ﷲ! ތިމަން ނިޔަތް މިގަންނަނީ ތިޔަ އިލާހުގެ ނަބިއްޔާ ނިޔަތް ގެންނެވި ގޮތަށެވެ.) އެހިނދު އިތުރު އެކަލޭގެފާނުން ޙަދީޘު ކުރެއްވިއެވެ. ޢަލީއަށްޓަކައިވެސް ތިމަން ކަލޭގެފާނު ހަދުޔު ކަނޑައެޅުއްވީމެވެ. ވުމާއެކު އިޙްރާމް ނުކަނޑާ އެކަމުގެ މަތީ ދެމިހުންނާށެވެ. ޖާބިރުގެފާނު ވިދާޅުވެފައި ވެއެވެ. ކީރިތި ރަސޫލާއަށް ޓަކައި ހަދްޔުގެ ގޮތުގައި، ޢަލީގެފާނު ޔަމަނުން ގެންނެވި ޖަނަވާރުތަކާއި ކީރިތި ރަސޫލާ މަދީނާއިން ގެންނެވި ޖަނަވާރުތައް ލައިގެން، މުޅިއެކު ސަތޭކަ ޖަމަލު އިތުރު އެކަލޭގެފާނުންގެ އަތްޕުޅުގައި ހުރިކަމަށް ވެއެވެ. ކޮންމެއަކަސް ކީރިތި ރަސޫލާގެ އަމުރުފުޅަށް (ހަދުޔު ނުގެންނަ) އެންމެން އިޙްރާމު ކަނޑައި ތަޙައްލުލުވެ، ބޯ ކޮށާލައިފިއެވެ. އެހަނަސް ކީރިތި ރަސޫލާ އާއިއެކު، ތިމާމެން ކަތިލާނެ ހަދްޔު ގެންނެވި އަޞްޙާބު ބޭކަލުން ތިއްބެވީ އިޙްރާމް މަތީގައެވެ.

1953 ގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ދިއަ ހައްޖާޖީން - ކީރިތި ރަސޫލާ އިސްވެ ހުންނަވައިގެން ޙައްޖުވެ ވަޑައިގަތީ ހިޖުރީ ސަނަތުން ދިހައެއްގައި

ދެންފަހެ އަށްވަނަ ދުވަސް އައުމުން އެންމެން މިނާއަށް ދާން ނިކުމެއްޖެއެވެ. އިޙްރާމް ކެނޑި އެންމެން އަލުން ޙައްޖަށް ނިޔަތް ގެންފިއެވެ. ކީރިތި ރަސޫލާ ވެސް ސަވާރީއަށް އަރައިވަޑައިގެން މިނާއަށް ވަޑައިގަތީއެވެ. އެކަލޭގެފާނު އެދުވަހުގެ މެންދުރު ނަމާދާއި ޢަޞުރު ނަމާދާއި މަޣުރިބު ނަމާދާއި ޢިޝާ ނަމާދާއި ފަތިސް ނަމާދު ކުރެއްވީ މިނާގައެވެ. ދެން އަނެއް ދުވަހުގެ އިރުއަރައި އަލިވެ، އިރުގަނޑެއް ވަންދެން މިނާގައި މަޑު ކުރެއްވުމަށް ފަހު ކީރިތި ރަސޫލާ ދަތުރަށް ފަށްޓަވައިފިއެެވެ. އޭރުއެކަލޭގެފާނުވަނީ، އެކަލޭގެފާނަށްޓަކައި ޚާއްޞަ ލާގެކޮޅެއް ނަމިރާގައި ޖައްސަވަން، އަޞްޙާބު ބޭކަލުންތަކެއް ފޮނުއްވާފައެވެ. ޤުރައިޝު ވަންހައިގެ މީހުން ހީކޮށްގެންތިބީ އެމީހުން ކަންތައްކޮށްއުޅޭ ފަދައިން ކީރިތި ރަސޫލާ ވެސް ޢަރަފާތަށް ވަޑައިގަންނަވާނީ މުޒްދަލިފާގެ މައިދާނެއް ކަމުގައިވާ އަލްމަޝްޢަރުލް ޙަރާމުގައި މަޑުކުރެއްވުމަށްފަހު ކަމަށެވެ. އެހެނަސް އިތުރު އެކަލޭގެފާނު މުޒްދަލިފާގައި މަޑުކުރެއްވުމަކާ ނުލައި ޢަރަފާތާއި ދިމާއަށް ދަތުރުފުޅު ކުރިއަށް ގެންދެވީއެވެ. ދެން ވަޑައިގެން ނަމިރާގައި އެކަލޭގެފާނަށްޓަކައި ޖަހާލެވިފައިހުރި ލާގެކޮޅުގައި މަޑުކޮށްލެއްވީއެވެ. ޢަރަފާތަށްވެސް ވެދެވަޑައި ނުގަންނަވައެވެ. ދެން އެދުވަހުގެ އިރުމެދު ފިލުމުން އެކަލޭގެފާނު ޖަމަލުކޮޅުގައި ވަޑައިގަތީ ނަމިރާއާއި ޢަރަފާތާ ދެމެދު އޮންނަ ޢުރަނާ ކިއުނު ވާދީއަށެވެ. އެތާގައި ހުންނަވައިގެން މީސްތަކުންނަށް ދުވަހުގެ ދެޚުޠްބާ ދެއްވިއެވެ. އޭގައި މިފަދައިން ވިދާޅުވިއެވެ. "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މުދަލާއި ފުރާނަވަނީ ޙުރުމްތެރި ކުރެވިގެންނެވެ. އެއީ މިދުވަސް ޙުރުމަތްތެރި ކުރެވިގެންވާ ފަދައިން، މިމައްސަރު ޙުރުމަތްތެރި ކުރެވިގެންވާ ފަދައިން، މިރަށް (މައްކާ) ޙުރްމަތްތެރި ކުރެވިގެންވާ ފަދައިންނެވެ. ދަންނާށެވެ! ޖާހިލިއްޔަ ޒަމާނުގެ އެންމެހައި ކަންތައްތަކެއް މިއަދު ތިމަން ކަލޭގެފާނުންގެ ފައިންޕުޅު ދަށަށް ލެވި ޗިސް ޗިސް ކުރެވެނީއެވެ. ޖާހިލިއްޔަ ގޮތުގައި ބަދަލު ހިފުމުގެގޮތުން އޮހަރަމުންދިޔަ ލެއި އޮހޮރުން ނިމުމަކަށް ގެނެވުނީއެވެ. ދަންނާށެވެ! ތިމަންމެންގެ އޮހޮރިފައިވާ ލެއިތަކުގެ ތެރެއިން ތިމަން ކަލޭގެފާނު ބަދަލު ހިއްޕެވުމުން ތިމަން ކަލޭގެފާނު އެއްކިބާވެ ވަޑައިގަންނަވާނެ ފުރަތަމަ މީހަކީ ރަބީޢާ އިބްނިލް ޙާރިޘްގެ ދަރިކަލުންގެ ފުރާނައިގެ ބަދަލެވެ. އޭނާއަކީ ބަނީ ސަޢުދު ވަންހައިގެ އެއްކިރު މީހެއްވެސް މެއެވެ. އޭނާ މަރާލީ ހުޛައިލު ވަންހައިގެ މީހުންނެވެ. އަދި ދަންނާށެވެ! ތިމަން ކަލޭގެފާނު އެންމެފުރަތަމަ ދޫކޮށްލައްވާނެ ރިބާއަކީ ޢައްބާސް އިބްނި ޢަބްދުލް މުއްޠަލިބަށް ލިބިވަޑައިގަންނަވަން ޖެހޭ ރިބާގެމުދަލެވެ. ރިބާއަކީ މުޅިންމެ ހުއްޓާލައި އެއްކިބާވާންޖެހޭ އެއްޗެކެވެ. އަދި ދަންނާށެވެ! އަންހެނުންގެ ކަންކަމުގައި ﷲ އަށް ބިރުވެތިވެ، އެކަނބަލުންނަށް ހެއުކޮށް ހިތާށެވެ. ތިޔަބައިމީހުން ވަނީ އަމާނަތެއްގެ ގޮތުގައި ﷲގެ ޙައްޤުގައި ތިމާމެންގެ އަނބީން އަމިއްލަކޮށްފައެވެ. ﷲގެ ނަންފުޅުގައި އެކަނބަލުންގެ އަޢުރަ ހުއްދަކޮށްގެންނެވެ. އެކަނބަލުންގެ މައްޗަށްވާ ތިޔަބައިމީހުންގެ ޙައްޤުތަކެއް ވެއެވެ. އެއީ ތިޔަބައިމީހުން ނުރުހޭ އެއްވެސް މީހަކު ތިޔަބައިމީހުންގެ ގެއަށް ގެނަސް، އެމީހަކާއެކު ވާހަކަ ދައްކައި ނުހެދުމެވެ. މިގޮތަށް ކަންކޮށްފިނަމަ އެކަނބަލުންނަށް އަނިޔާއެއް ނުވާގޮތަށް އަދަބުދިނުމަކީ ތިޔަބައިމީހުންނަށް ހުއްދަވެގެންވާ ކަމެކެވެ. އަދި ތިޔަބައިމީހުންގެ މައްޗަށްވާ އެކަނބަލުންގެ ޙައްޤުތަކަކީ އެކަނބަލުންނަށް (ދެފަރާތް) ރުހެވޭ ގޮތުގެ މަތިން، ހެއު ގޮތުގައި ކާންބޯން ދިނުމާއި އަންނައުނު ދިނުމެވެ.

އަދި ދަންނާށެވެ! ތިމަން ރަސޫލާ މިވަޑައި ގަންނަވަނީ ތިޔަބައިމީހުން އެއެއްޗަކަށް ތަބާވެއްޖެ ކަމުގައިވާނަމަ، އެމީހަކު މަގުނުގެއްލޭނެ އެއްޗެއް ތިޔަބައިމީހުންނާ ޙަވާލު ކުރަށްވާފައެވެ. އެއީ ﷲގެ ކަލާމްފުޅެވެ. އަދި ތިމަން ރަސޫލާގެ އަރިހުން ތިޔަބައިމީހުން ބޭނުން ސުވާލެއްކުރާށެވެ. މިކަމާމެދު އަޅެ ތިޔަބައިމީހުން ބުނަނީ ކީކޭހެއްޔެވެ؟ އަޞްޙާބު ބޭކަލުން ދެންނެވިއެވެ. ކަލޭގެފާނަކީ ﷲގެ ރަސޫލާ ކަމަށާއި، ކަލޭގެފާނާ ޙާވާލު ކުރެއްވެވުނު ރިސާލަަތު ފުރިހަމަ ގޮތުގައި، އަމާނާތްތެރި ކަމާއެކު ތިމަންމެނަށް އަންގަވައި ދެއްވައި، ފޯރުކޮށްދެއްވައިފި ކަމަށް ތިމަންމެން ހެކިވަމެވެ.

އެހިނދު އިތުރު އެކަލޭގެފާނު އެކަލޭގެފާނުންގެ ކަނާތްޕުޅުގެ ޝަހާދަތް އިނގިލިފުޅު މައްޗަށް އުފުއްލަވައި މީސްތަކުންނާއި ދިމާއަށް ދިއްކުރަށްވައި އިޝާރަތް ކުރެއްވަމުން ﷲގެ ޙަޟުރަތުގައި ތިންފަހަރުމަތިން، މިފަދައިން މުނާޖާ ދެންނެވިއެވެ. [اللَّهُمَّ اِشْهَدْ اللَّهُمَّ اِشْهَدْ] (އޭ ﷲ! މިކަމާމެދު ތިޔައިލާހު ހެކިވެ ވޮޑިގަންނަވާނދޭވެ.) ދެން ޚުޠުބާއިން ނިމިވަޑައިގަތުމުން، ބަންގިދޭ މީހާއަށް ބަންގިދިނުމަށާއި ޤަމަތް ދިނުމަށް އެންގެވިއެވެ. އެއަށްފަހު މެންދުރު ނަމާދު ކުރެއްވިއެވެ. ދެން ޤަމަތް ދެއްވައި ޢަޞުރު ނަމާދު ކުރެއްވިއެވެ. އެ ދެނަމާދުގެ ދެމެދަކު އެހެން ނަމާދެއް ނުކުރައްވައެވެ. ދެން ކީރިތި ރަސޫލާ ސަވާރީއަށް އަރައިވަޑައިގެން ޢަރަފާތަށް ވެދެވަޑައިގެން ޖަބަލުއްރަޙްމާގެ ކައިރީ ހުއްޓިވަޑައިގަތެވެ. ސަވާރީކޮޅުގެ ލަގަން ދޫކޮށްލެއްވުމުން އެސޮރު އެތާއޮތް ހިލައެއްގެމަތީ ބަނޑު ޖައްސާލައިފިއެވެ. ދެން އެކަލޭގެފާނު ޤިބުލައަށް ހުންނަވައިގެން، ފައިމަގުގައި އައިމީހުންނާ ދިމާއަށް ކުރިމަތިފުޅު ލައްވަވައިގެން ދުޢާކުރަށްވަން ހުންނެވިއެވެ. މިގޮތަށް މިތާ އިތުރު އެކަލޭގެފާނު އިރު އޮއްސި، ރަތްވިލާ މުޅިންހެން ވީއްލަންދެން ހުންނެވިއެވެ. އިރު އޮއްސި އަނދިރިވާން ފެށުމުން ކީރިތި ރަސޫލާ ޢަރަފާތުން އެނބުރި ވަޑައިގަންނަވަން ދަތުރު ފެއްޓެވިއެވެ. އިތުރު އެކަލޭގެފާނުންގެ ފަހަތްޕުޅުގައި ސަވާރީ ކޮޅުގައި ބޭންދެވީ އުސާމާ އިބްނި ޒައިދެވެ. ޖަމަލު ބާރަށް ގެންދަވަން ވެގެން އިތުރު އެކަލޭގެފާނު ޖަމަލުގެ ލަގަން ބޮޑަށް އަރިހަށް ދަންނަމަވަތެވެ. އަސްގޮނޑީގެ ކައިރީގައި އޮންނަ އެސޮރު ބޯއަޅާ ގޮނޑީގައި އެސޮރުގެ ބޯޖެހޭ މިންވަރަށް ދަންމަވާ ހައްދަވަތެވެ. ދެން ފަރުބަދައަކާ ކައިރިވުމުން އިތުރު އެކަލޭގެފާނު ކަނާތްޕުޅުން މީސްތަކުންނާ ދިމާއަށް އިޝާރަތް ކުރައްވައި ހަމަހިމޭންވުމަށް އަންގަވަތެވެ. ހަނަފަސްތަނެއް އަންނަ ކޮންމެހިނދަކު ތަންކޮޅެއް ހަލުއިކުރައްވަތެވެ. މިގޮތަށް ދަތުރު ކުރައްވަމުން ވަޑައިގަންނަވަމުން މުޒްދަލިފާއަށް ވަޑައިގަނެވުނެވެ. ދެން އެތާގައި، އެއް ބަންގިއާއި ދެޤަމަތާއެކު މަޣުރިބު ނަމާދާއި ޢިޝާ ނަމާދު ކުރެއްވިއެވެ. އެތާކުވެސް އިތުރު އެހެން ސުއްނަތެއް ނުކުރައްވަތެވެ. އެއަށްފަހު ކީރިތި ރަސޫލާ އަވަހާރަ ލައްޕަވައިފިއެވެ. ފަޖުރުލައި ހެނދުނާއި ގާތްވުމުން، އެއް ބަންގިއާއި އެއް ޤަމަތާއެކު، ފަތިސް ނަމާދު ކުރެއްވިއެވެ. އެއަށްފަހު ޖަމަލުކޮޅަށް އަރާވަޑައިގެން އަލްމަޝްޢަރުލް ޙަރާމް ކިއުނު ހިސާބަށް ވަޑައިގަތެވެ. އެތާގައި ޤިބުލައަށް ކުރިމަތިފުޅު ލައްވަވައިގެން ދުޢާފުޅު ކުރެއްވިއެވެ. ތަކްބީރާއި ތަހްލީލު ވިދާޅުވެ ﷲގެ އެއްކައުވަންކަން ބަޔާންކޮށް ހެއްދެވިއެވެ. އަދި ރަނގަޅަށް އަލިވެ ދުނިޔެމަތިން އަނދިރިކަން ފިލައްޖެއުމަށް ދާނދެން އިތުރު އެކަލޭގެފާނު އެތާގައި މަޑު ކުރެއްވިއެވެ.

ކޮންމެއަކަސް އިރު ނާރަނީސް ލޮބުވެތި ރަސޫލާ މުޒްދަލިފާއިން ދަތުރުފުޅު ފަށްޓަވައިފިއެވެ. އަރިހުގައި ޖަމަލުކޮޅުގައި މިފަހަރު ގެންދެވީ ފަޟްލު އިބްނި ޢައްބާސް އެވެ. ފަޟްލަކީ ބުރުސޫރަފުޅު ވަރަށް ރީތި، ސަމައްތުރަ ހެއު، ދޮން، ނަލަ ކުއްޖެކެވެ. ކީރިތި ރަސޫލާ މުޒްދަލިފާއިން މިނާއަށް ވަޑައިގަންނަވަނިކޮށް، މަގުމަތިން އަންހެނުންގެ ޤާފިލާއަކާ ބައްދަލުވެ ވަޑައިގަތެވެ. އެވަގުތު އެކަނބަލުންނާ ދިމާއަށް ފަޟްލު ބައްލަވަން ފަށްޓަވައިފިއެވެ. ކީރިތި ރަސޫލާ ފަޟްލުގެ މޫނުފުޅުގައި އަތްޕުޅު އެޅުއްވުމަށްފަހު އަނެއް ފަރާތަށް މޫނުފުޅު އަނބުރާ ލެއްވިއެވެ. އަނެއްކާވެސް ފަޟުލު އެކަނބަލުންނަށް ބައްލަވަން ފެއްޓެވުމުން ދެވަނަ ފަހަރަށްވެސް ކީރިތި ރަސޫލާ ފަޟްލުގެމޫނުފުޅު އަނެއްފަރާތަށް އަނބުރާލެއްވިއެވެ. ދެންވެސް ފަޟުލު އެކަނބަލުންނާ ދިމާއަށް ބައްލަވަން ފެއްޓެވިއެވެ. އެވަގުތުވެސް ކީރިތި ރަސޫލާ ފަޟުލުގެ މޫނުފުޅު އަނބުރާލެއްވިއެވެ. މިގޮތަށް ދަތުރު ކުރައްވަމުން ވާދީ މުޙައްސިރާ އަރާ ހަމަވުމުން ތަންކޮޅެއް ބާރަށް ޖަމަލުކޮޅު ދުއްވެވިއެވެ. އަދި އެތަނުން ބޮޑު ޖަމްރާއާ ދިމާއަށް އޮންނަ މެދު މަގު އިޚްތިޔާރު ކުރައްވައި، ސީދާ އެތަނަށް ވަޑައިގަތެވެ. އެތާގައި ހުންނަ ގަސްދޮށަށް ޖަމަލުކޮޅު މަޑުކުރެއްވެވިއެވެ. ތިންވަނަ ޖަމްރާ ހުންނަނީ އެގަސްދޮށުގައެވެ. ދެން ވަޑައިގެން، ކޮންމެ ހިލަކޮޅަކަށް ތަކްބީރު ވިދާޅުވަމުން ހަތް ހިލަކޮޅު އުއްކެވިއެވެ. އެއީ ނިޔަރޮދިން ހިފާލެވޭ ވަރުގެ ކުދި ހިލަކޮޅުތަކެވެ. އޭރު އެކަލޭގެފާނުން ހުންނެވީ ޢަޤަބާ ވާދީގައެވެ. (މައްކާއާ ވީފަރާތަށް ވާތްޕުޅު ފަރާތް، އަދި ކަނާތްޕުޅު ފަރާތަށް މިނާއާއި މުޒްދަލިފާއާއި ޢަރަފާތު ވާގޮތަށް އުތުރަށް ކުރިމަތިފުޅު ލައްވަވައިގެންނެވެ.) އެއަށްފަހު އިތުރު އެކަލޭގެފާނު ވަޑައިގަތީ ކަތިލާ ތަނަށެވެ. އެތަނަށް ވަޑައިގެން އަމިއްލަ އަތްޕުޅުން ފަސްދޮޅަސް ތިން ޖަމަލު ކަތިލެއްވެވިއެވެ. އެއަށްފަހު ޢަލީގެފާނުންގެ އަތްޕުޅަށް ކަތިލެއްވުމަށް ދެއްވެވިއެވެ. އެކަލޭގެފާނު ބާކީ ހުރިހާ ހަދްޔުތައް ކަތިލެއްވެވިއެވެ. ކީރިތި ރަސޫލާ އެކަލޭގެފާނުންގެ ޖަމަލުކޮޅުގައި ޢަލީގެފާނު ބައިވެރި ކުރެއްވެވިއެވެ. ދެން ޢަލީގެފާނަށް އެންގެވީ ކޮންމެ ހަދްޔުއަކުންވެސް މަސްކޮޅެއް ނެންގެވުމަށާއި މިމަސްކޮޅު ކައްކާމީހުން ލައްވައި ތެއްޔެއްގައި ރަނގަޅަށް ކައްކާލެއްވުމަށެވެ. ކައްކައިގެން އަރިހަށްގެނެވުމުން އެއިން އިތުރު އެކަލޭގެފާނާއި ޢަލީގެފާނު ފަރީއްކުޅުއްވިއެވެ. އެދި އޭގެ ސުރުވާ ވެސް ހިއްޕެވިއެވެ.

އެއަށްފަހު ކީރިތި ރަސޫލާ ސަވާރީއަށް އަރައި ވަޑައިގެން ގެފުޅަށް ވަޑައިގަތެވެ. ޙައްޖުގެ ޠަވާފު ކުރެއްވިއެވެ. އެދުވަހުގެ މެންދުރު ނަމާދު މައްކާގައި ކުރައްވައިގެން ޢަބްދުލް މުއްޠަލިބު ވަންހައިގެ ބޭކަލުން މީސްތަކުންނަށް ޒަމްޒަމް ފެން ދެއްވަނިކޮށް، އެބޭކަލުންގެ ގާތަށް ވަޑައިގަތެވެ. އަދި ޙަދީޘު ކުރެއްވިއެވެ. ތިމަން ކަލޭގެފާނަށް ވެސް ފެންދޭށެވެ. ދަންނާށެވެ! މީސްތަކުން މިގޮތަށް ފެންދިނުމަކީ ޙައްޖުގެ ފަރުޟެއް ކަމުގައި ދެކި މިތަނަށް ޖަމާވެ ބައިބޯ ނުކުރާނެ ނަމަހީ ތިމަން ކަލޭގެފާނުވެސް ތިޔަބައިމީހުންނާ ބައިވެރިވެ ވަޑައިގެން ފެންދެއްވަން ހުންނެވީހެވެ. ދެން އެބޭކަލުން އެކަލޭގެފާނަށް ބާލިދީކޮޅަކުން ފެންފޮދު އެރުވުން އެއިން ފެންފޮދު ހިއްޕެވިއެވެ. އެއަށްފަހު މިނާއަށް އެނބުރި ވަޑައިގަތެެވެ. އަދި މިނާގައި ތިއްބެވި ބޭކަލުން އެބޭކަލުންނާއެކު އިސްވެ މެންދުރު ނަމާދު ކުރެއްވުމަށް ދެންނެވުމުން އަނެއްކާ ދެވަނަ ފަހަރަށް މެންދުރު ނަމާދު ކުރެއްވިއެވެ. (އެނަމާދަކީ އެކަލޭގެފާނުންގެ ނިސްބަތުން ސުއްނަތް ނަމާދެކެވެ.)

(އެހެން ރިވާޔަތެއްގައި އިތުރަށް މިފަދައިން އައިސްފައި ވެއެވެ.) ޖާހިލިއްޔަ ދުވަސްވަރު ޢަރަބިންގެ ޢާދައަކަށް އޮންނަ ގޮތަކީ އެބައިމީހުން އަބޫ ސައްޔާރާ ކިޔާ މީހަކު ބަހަރަނާ ކޮށްގެން ޙިމާރަކަށް އަރުވައިގެން މުޒްދަލިފާއަށް ގެންދެތެވެ. ޤުރައިޝުން ހީކޮށްގެން ތިބީ ކީރިތި ރަސޫލާ ޢަރަފާތަށް ވަޑައިގަތް ވަގުތު މަޝްޢަރުލް ޙަރާމުގައި މަޑު ކުރައްވާނެ ކަމަށެވެ. އެހެނަސް ކަންވީ ގޮތަކީ އިތުރު އެކަލޭގެފާނު މުޒްދަލިފާގައި މަޑު ކުރެއްވުމެއްނެތި މުޒްދަލިފާ ކަޑައްތު ކުރައްވާފައި ސީދާ ވަޑައިގަތީ ޢަރަފާތަށެވެ. ދެން އެތާ މަޑުކުރެއްވީއެވެ.

1953 ގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ދިއަ ހައްޖާޖީން - މިއުއްމަތަށް މާތްﷲ ޙައްޖު ފަރުޟު ކުރެއްވުމުން އެންމެ ފުރަތަމަ މުސްލިމުން ރަސްމީގޮތެއްގައި ޙައްޖުވީ ހިޖުރައިން ނުވަވަނަ އަހަރު

މިޙަދީޘުން ނެރެވޭ ފިޤުހީ ބައެއް މައްސަލަތައް

(1) މިއީ ޙައްޖުގެ ތަފްޞީލު ބަޔާންވެގެންވާ ޙަދީޘެކެވެ.

މިޙަދީޘަކީ ޙައްޖުގެ އަޅުކަމާމެދު އައިސްފައިވާ އެންމެ ތަފްޞީލީ ޙަދީޘެވެ. އެހެންކަމުން ޞަޙީޙު މުސްލިމުގައި މިޙަދީޘުގެ ބާބަކަށް ވެސް ގެންނަވާފައިވަނީ ކީރިތި ރަސޫލާ ޙައްޖު ވެވަޑައިގަތް ގޮތުގެ ތަފްޞީލު މިހެންނެވެ.

(2) ކޮންމެ މީހަކަށް ވެސް އެމީހަކާ އެކަށޭނަ ޢިއްޒަތް ދިނުން

ޖާބިރުގެފާނު އެކަލޭގެފާނުންގެ އަރިހަށް އިމާމު ބާޤިރު ގެންނެވުމާއި އެކަލޭގެފާނުންގެ މޭފުޅުގައި ޖާބިރުގެފާނުން އަތްޕުޅު ފިރުމާލެއްވުމުން ދޭހަވަނީ، ކޮންމެ މީހަކަށް ވެސް އެމީހެއްގެ ޤަދަރާއި ޢިއްޒަތާ އެއްފެންވަރަށް ޤަދަރުދިނުމީ އޮންނަ ކަމެއްކަމެވެ. އެއީ އެމީހާ ޢުމުރުގެ ގޮތުން ކިތަން ޅަކަމުގައި ވިއަސްވެހެވެ. އިމާމު ބާޤީރުގެ ހަށިކޮޅުގައި ޖާބިރުގެފާނު އަތްޕުޅު ލައްވައި ހެއްދެވި ސަބަބަކަށް ވަނީ ކުޑަ ކުއްޖަކަށްވާތީ އެވެ. ބޮޑު މީހަކުނަމަ އެހެން ނުހެއްދެވީހެވެ. އެހެންކަމުން ސިއްތުނާ ޢާއިޝާގެ އަރިހުން އިމާމު މުސްލިމު އެކަލޭގެފާނުންގެ މުޤައްދިމާގައި ނެރުއްވާފައިވަނީ އެކަމަނާ މިފަދައިން ވިދާޅުވެފައިވާ ކަމަށެވެ. [أَمَرَنَا رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ أَنْ نُنْزِلَ النَّاسَ مَنَازِلَهُمْ] މާނައީ: ތިމަންމެނަށް ކީރިތި ރަސޫލާ އަމުރު ކުރައްވާފައިވަނީ މީސްތަކުންނަށް އެއުރެންނާ އެކަށޭނަ ޢިއްޒަތް ދިނުމަށެވެ. (މިޙަދީޘާމެދު ބައެއް ބޭކަލުން ވާހަކަފުޅު ދައްކަވާފައި އޮތް ކަމުގައި ވިއަސް މިއީ ޞައްޙަ ޙަދީޘެއް ކަމުގައި އިމާމު ޙާކިމު ވިދާޅުވެއެވެ. އަދި ޙަދީޘުގެ ރާވީ މައިމޫނުއާ ޢާއިޝަތުގެފާނާ ބައްދަލުވެ ވަޑައި ނުގަންނަވާކަމަށް އިމާމު އަބޫ ދާއޫދު ވިދާޅުވެފައިވާ ވުމަށް އިމާމު އިބްނިޞަލާޙު ވަރަށްބޮޑަށް ރައްދު ދެއްވާފައި ވެއެވެ. (އަބޫދާއޫދު: 4202 ޙަދީޘުގެ ޝަރަޙަ، ޢައުނުލް މަޢުބޫދު ބައްލަވާ) އަދި އިމާމު ނަވަވީ އިމާމު ބައްޒާރުގެ ކިބައިން ނަގުލު ކުރައްވަނީ ޞައްޙަ ރިވާޔަތަކީ، ޢާއިޝާގެ މައުޤޫފު ރިވާޔަތެއްކަމަށެވެ. ދެން އިމާމު ނަވަވީ ވިދާޅުވަނީ މިޙަދީޘުން ސާބިތުވާ ކަންތައްތަކުގެ ތެރޭން ކީރިތި ރަސޫލާގެ އަހުލު ބައިތުންނަށް ކަމޭ ހިތުމާއި މެހުމާނުންނަށާއި ޒިޔާރަތްކުރާ މީހުންނަށް މަރްޙަބާކިއުމާއި އެބައިމީހުންނަށް ކަމޭހިތައި ޢިއްޒަތް ކުރުމާއި މިކަންކަމީ ސުއްނަތުގެ ތެރޭގައި ހިމެނޭ ކަންކަން ކަމެވެ.

(3) ލޯފަން މީހެއްގެ ފަހަތުގައި ނަމާދުކުރުން

ދެން މިޙަދީޘުން ސާބިތުވާ އަނެއްކަމަކީ ލޯފަން މީހެއްގެ ފަހަތުގައި ފެންނަ މީހުންނަށް ނަމާދުކުރުން ހުއްދަވެގެންވާ ކަމެވެ. މިއީ އެއާމެދު ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް އޮތް ކަމެއް ނޫނެވެ. އެހެނަސް އައުލާ ގޮތަކީ ކޮބައިކަމާމެދު ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިންގެ މެދުގައި ވަނީ ޚިޔާލު ތަފާތު ވެފައެވެ. އެންމެ ޞައްޙަގޮތަކީ އެދެމީހުންގެ ތެރޭގައި ވަކިތަފާތެއް ނެތްކަމަށާއި އިމާމާގެ ގައިގައި ހުންނަންޖެހޭ ސިފަތަކަށް ބަލައިގެން އައުލާ މީހަކު ބެލުމަށެވެ. މިގޮތަށް އިމާމު ޝާފިޢީގެ އަރިހުން ނައްޞުން އައިސްފައި ވެއެވެ. މިޙަދީޘުން ސާބިތުވާ އަނެއްކަމަކީ ގޭގެ ވެރިޔާއަށް ގޭގައި އިސްވެ ނަމާދުކުރުން ޙައްޤުކަން ބޮޑުކަމެވެ. މިއިން ސާބިތުވާ އަނެއްކަމަކީ އަންނައުނުގެ ދެގަނޑެތި ލިބެން އޮތް ޙާލުގައިވެސް އެކަތިގަނޑުގައި ނަމާދު ކުރުން ހުއްދަ ވެގެންވާ ކަމެވެ. (އެހެނަސް ޙަންބަލީ މަޛްހަބުގައި ކޮނޑު ހާމައަށް ހުރިއްޔާ ނަމާދު ޞައްޙަ ނުވާނެއެވެ.)

(4) ޙައްޖު ވެވަޑައި ނުގެން ކީރިތި ރަސޫލާ ނުވަ އަހަރު ހުންނެވުން

މިބަސްފުޅުގެ މުރާދަކީ އިތުރު އެކަލޭގެފާނު ޙިޖުރައަށްފަހު ނުވަ އަހަރު މަޑު ކުރެއްވި ވާހަކައެވެ. އަދި ކީރިތި ރަސޫލާ ޙައްޖު ވެވަޑައިގަތް ގޮތަކީ ކޮބައިތޯ އިމާމު ބާޤިރު އެއްސެވި ބަސްފުޅުގެ މުރާދަކީ ޙައްޖަތުލް ވަދާޢުގެ ވާހަކައެވެ. އަދި އިތުރު އެކަލޭގެފާނު ޙައްޖަށް ވަޑައިގަންނަވާ ވާހަކަ އިޢުލާން ކުރައްވައި މީސްތަކުންނަށް އެންގެވި ސަބަބީ މީސްތަކުން ދުރާލާ އައިސް ޙައްޖުގެ އަޅުކަންތައް އުނގެނުމަށާއި އެކަންކަން ކީރިތި ތަސޫލާގެ ފަހަތްޕުޅުގައި ތިބެގެން އެކަލޭގެފާނު ވިދާޅުވި ބަސްފުޅުގެ އިތުރުން ޢަމަލުފުޅުން ކުރެއްވިގޮތް ބަލައިގެން އެގޮތް ދަސްކޮށް އެއަށް ޢަމަލު ކުރުމެވެ. އެހެންކަމުން ޚުދް އެކަލޭގެފާނު ޙަދީޘު ކުރައްވާފައިވަނީ، [لِيُبَلِّغَ الشَّاهِدُ الْغَائِبَ] މިއެވެ. (މާނައީ: މިއަދުމިތާ ޙާޟިރުވެތިބި މީހުން އަނެކުންނާ ހަމައަށް މިވާހަކަތައް ފޯރުކޮށް ދޭހުށިކަމެވެ.) އަދި މިޙަދީޘުން ސާބިތުވާ މުސްތަޙައްބު އަނެއްކަމަކީ މީސްތަކުން ހޭލެއްވުމުގެ ގޮތުންނާއި އެންމެން އެއްގޮތް ކުރުމުގެ ގޮތުން ދީނުގެ ބޮޑެތި މުހިއްމު އިޖްތިމާޢީ ކަންކަމުގައި ފަހުބަސް ބުނުމުގެ ޙައްޤު ވެރިޔާއަށް ލިބިގެންވާ ކަމެވެ. މިސާލަކަށް ރޯދައާއި ޢީދުފަދަ ދުވަސްތައް އިޢުލާން ކުރުމާއި ނަމާދުގެ ވަގުތު ހަމަޖެއްސުމާއި މިކަންކަމެވެ.

(5) އަޞްޙާބު ބޭކަލުން އެންމެން ކީރިތި ރަސޫލާއާގެ އަރިހު ނިޔަތް ގެންނެވީ ޙަޖަށެވެ

މިޙަދީޘުން ސާބިތުވާ އަނެއް ކަމަކީ ކަނޑައެޅިގެން އެންމެހައި އަޞްޙާބު ބޭކަލުން ކީރިތި ރަސޫލާގެ އަރިހުގައި ނިޔަތްގެންނެވީ ހަމައެކަނި ޙައްޖަށް ކަމެވެ. ޤާޟީޢިޔާޟް ވިދާޅުވެފައިވެއެވެ. މިޙަދީޘުން ދޭހަކޮށްދޭ ފަދައިން ކީރިތި ރަސޫލާގެ އަރިހު އެންމެހައި އަޞްޙާބު ބޭކަލުން ޙައްޖު ވުމުގައި ނިޔަތް ގެންނެވީ ހަމައެކަނި ޙައްޖަށެވެ. ތަމައްތުޢު ޙައްޖަކަށް ނޫނެވެ. އޭގައި އެބޭކަލުންގެ މެދުގައި އެއްވެސް ޚިލާފެއްނެތެވެ. އެހެންކަމުން ޖާބިރުގެފާނު ވިދާޅުވެފައިވަނީ "އިތުރު އެކަލޭގެފާނު އެކަމެއް ކުރެއްވި ކޮންމެކަމެއް އެގޮތަކަށް ތިމަންމެންވެސް ކަންކުރީމެވެ." ހަމައެހެންމެ ޢަލީގެފާނާއި އަބޫ މޫސާ ވިދާޅުވެފައިވަނީ ތިމަންމެން ނިޔަތް ގަތީ ކީރިތި ރަސޫލާ ނިޔަތް ގެންނެވި ގޮތަށް ކަމަށެވެ. އެހެންކަމުން ފަހުން އެކަލޭގެފާނުގެ އިރްޝާދުގެ މަތިން ހަދުޔު ނުގެންނަވާ ބޭކަލުން ތަމައްތުޢު ޙައްޖަކަށް ބަދަލު ކުރައްވައި އިޙްރާމް ކެނޑުއްވީއެވެ.

(6) އިޙްރާމުގެ ދެރަކްޢަތް ނަމާދު

ޛުލް ޙުލައިފާގައި އިތުރު އެކަލޭގެފާނު ކުރައްވާފައި ވަނީ އިޙްރާމުގެ ދެރަކްޢަތް ނަމާދެވެ. މިޙަދީޘުގައި އަންނަނީ، [أَنَّهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى بِذِي الْحُلَيْفَةَ رَكْعَتَيْنِ ثُمَّ أَحْرَمَ] މާނައީ: ކީރިތި ރަސޫލާ ޛުލްޙުލައިފާއަށް ވަޑައިގެން އެތާގައި ދެރަކްޢަތް ނަމާދު ކުރެއްވުމަށްފަހު، ވަޑައިގެން ދެން އިޙްރާމް ބެންނެވިއެވެ. މިއެވެ. މީގެ އިތުރުން ޢަބްދު ﷲ އިބްނި ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. [عَنْ اِبْنِ عُمَرَ أَنَّهُ كَانَ يَأْتِي مَسْجِدَ ذِي الْحُلَيْفَةَ فَيُصَلِّي رَكْعَتَيْنِ ثُمَّ يَرْكَبُ فَإِذَا اسْتَوَتْ بِهِ رَاحِلَتَهُ قَائِمَةً أَحْرَمَ ثُمَّ يَقُولُ هَكَذَا رَأَيْتُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَفْعَل] (މިއީ އިމާމު އަޙްމަދާއި ޙާކިމާއި އަބޫ ދާއޫދުގެ ރިވާޔަތެކެވެ.) މާނައީ: އެކަލޭގެފާނު ޛުލްޙުލައިފާގެ މިސްކިތަށް ވަޑައިގެން އެތާ ދެރަކްޢަތް ނަމާދު ކުރައްވައިގެން ސަވާރީއަށް އަރައިވަޑައިގެން، ބިންމަތިން ސަވާރީގެ ބަނޑު އުފުލާލުމުން، ހަމަޖެހި ވަޑައިގަތުމަށްފަހު ދެން އެކަލޭގެފާނު އިޙްރާމް ބަންނަވަތެވެ. މިއެވެ. ދެން އެކަލޭގެފާނު ވިދާޅުވެފައި ވަނީ، މިގޮތަށް ކީރިތި ރަސޫލާ ޢަމަލު ކުރެއްވިތަން އެކަލޭގެފާނު ދެކެވަޑައިގަތްކަމަށެވެ. (މިއީ މިޙަދީޘު ބުޚާރީ ގެންނެވި ގޮތެވެ.) އަދިވެސް މާތް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސްގެއަރިހުން، އިމާމު އަޙްމަދާއި ޙާކިމާއި އަބޫ ދާއޫދު ރިވާކުރަށްވާފައި ވެއެވެ. [عَنْ ابْنِ عَبَّاسٍ قَالَ خَرَجَ رَسُولُ اللَّهِ صَلَى اللَّهُ عَلَيْهِ وَسَلَّمَ حَاجًّا فَلَمَّا صَلَّى فِي مَسْجِدِهِ بِذِي الْحُلَيْفَةَ رَكْعَتَيْهِ أَوْجَبَ فِي مَحَلِّهِ فَأَهَلَّ بِالْحَجِّ حِينَ فَرَغَ مِنْ رَكْعَتَيْهِ] (މާނައީ: އިބްނި ޢައްބާސް ވިދާޅުވެފައި ވެއެވެ. ކީރިތި ރަސޫލާ ޙައްޖު ވެވަޑައިގަތުމަށް މަދީނާއިން ފުރާވަޑައިގަތެވެ. ދެންފަހެ ޛުލް ޙުލައިފާގައި ހުންނަ އެކަލޭގެފާނުންގެ މިސްކިތްކޮޅަށް ވަޑައިގެން އެތާ އިޙްރާމުގެ ދެރަކްޢަތް ނަމާދު ކުރައްވައިގެން އެތާ އިންނެވިއެވެ. ދެން އެނަމާދުން ނިމިވަޑައިގެން ޙައްޖަށް އިޙްރާމް ބެންނެވިއެވެ.) އިިމާމު ނަވަވީ އަލްމަޖްމޫޢުގައި ވިދާޅުވެފައިވަނީ މިނަމާދަކީ ސުއްނަތެއް ކަމާމެދު އެންމެހައި ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާކަމަށެވެ. އިމާމު ޤާޟީ ޙުސައިންއާއި ބަޣަވީއާއި މުތަވައްލީއާއި ރާފިޢީ ވިދާޅުވެފައިވަނީ މަސްދިޖު ސުއްނަތެކޭ އެއްފަދައިިން، މީހަކު އިޙްރާމް ބަނުމުގެ ކުރިން ފަރުޟު ނަމާދު ކޮށްފި ނަމަވެސް މިސުއްނަތް ނަމާދު ކުރިކަމަށް ފުދޭނެ ކަމަށެވެ.

(7) ހިނގާފައި ދިއުމާއި ސަވާރީގައި ދިއުން

ކީރިތި ރަސޫލާގެ އަރިހުގައި ޙައްޖަށް މީސްތަކުން ދިޔައީ ހިނގާފަޔާއި ސަވާރީގައެވެ. ކީރިތި ރަސޫލާ ހުންނެވީ ސަވާރީކޮޅެއްގައެވެ. މިއިން ދޭހަވަނީ ދެގޮތްމެ ހުއްދަ ކަމާއި ދެގޮތްމެ ސުއްނަތް ކަމެވެ. އެހެނަސް އައުލާ ގޮތަކީ ސަވާރީގައި ދިއުންތޯ ނުވަތަ ހިނގާފައިތޯ މިއީ ދަންނަބޭކަލުންގެ މެދުގައި ޚިލާފުއޮތް ކަމެކެވެ. އިމާމު މާލިކާއި ޝާފިޢީއާއި ޖުމްހޫރު ދަންނަބޭކަލުން ވިދާޅުވަނީ ސަވާރީގައި ދިއުން އައުލާ ވެގެންވާ ކަމަށެވެ. އެއީ ކީރިތި ރަސޫލާ ވެސް ޙައްޖު ވެވަޑައިގަތީ ސަވާރީގައި ކަމަށް ވެފައި، ޚަރަދުގެ ތަކްލީފު ބޮޑުވާނީވެސް އެގޮތް ކަމަށް ވާތީއެވެ.

(8) ތަލްބިޔާ ކިއުން

ތަލްބިޔާ ކިއުމުގައި ސުއްނަތްވެފައި، އައުލާ ގޮތަކީ އަސްލު ތަލްބިޔާގެ ޢިބާރާތް ކިއުމެވެ. އެއަށް އުނިއިތުރު ގެނައުމެއް ނެތިއެވެ. އެހެނަސް އިބްނި ޢުމަރާއި އިބްނި ޢައްބާސްގެ އަރިހުން އިތުރު ބައެއް ލަފްޒުތައް އައިސްފައި ވެއެވެ. ޝާފިޢީގެފާނު ވިދާޅުވާ ގޮތުން ބޮޑަށް ބުރަވެވެނީ އުނި އިތުރު ނުކޮށް ހަމަ އެލަފްޒުތައް ކިއުމެވެ.

(9) ޠަވާފު ޤުދޫމު ކުރުމާއި ރަމްލު ކުރުން

(ހ) އިތުރު އެކަލޭގެފާނު ފުރަތަމަ ވަޑައިގަތީ ޠަވާފު ކުރެއްވުމަށެވެ. މިޠަވާފަކީ ސުއްނަތެކެވެ. ޙައްޖަށް އިޙްރާމް ބަނދެގެން ހުރިމީހަކު ޢަރަފާތަށް ނުގޮސް ފުރަތަމަ މައްކާއަށް އަތުވެއްޖެނަމަ އޭނާއަށް ސުއްނަތް ވެގެންވަނީ ޠަވާފު ޤުދޫމު ކުރުމެވެ. ޙައްޖަށް އައިސް ފުރަތަމަ ކުރާ ޠަވާފަށް ކިޔަނީ ޠަވާފު ޤުދޫމެވެ. ތަމައްތުޢު ޙައްޖު ވިކަމުގައި ވިއަސް ވެހެވެ. އެހެނަސް ޢުމްރާގައި ކުރާނީ ވާޖިބު ޠަވާފެކެވެ. އެއީ އަކީ ސުއްނަތެއް ނޫނެވެ. ކީރިތި ރަސޫލާގެ މިޢަމަލުފުޅުން ސާބިތުވަނީ އިފްރާދު ނުވަތަ ޤިރާން ޙައްޖަށް އަންނަ މީހާއަށް ޢަރަފާތަށް ނުގޮސް ވެސް ޠަވާފު ކުރެވިދާނެ ކަމެވެ. އޭރުންވެސް އެޠަވާފު ހިމެނޭނީ ޠަވާފު ޤުދޫމުކަމަށެވެ. ޠަވާފުލް އިފާޟާ ނުވަތަ ޙައްޖުގެ ޠަވާފު ކުރާނީ ޢަރަފާތުން އެނބުރި އައިސްއެވެ.

(ށ) އިމާމު ނަވަވީ ވިދާޅުވެފައިވަނީ ޙަދީޘުތަކުން ސާބިތުވާ ފަދައިން ކީރިތި ރަސޫލާ ޤުދޫމުގެ ޠަވާފުގެ ފުރަމަ ތިންބުރު ޖެއްސެވީ ރަމްލުކޮށްކަމަށާއި އަނެއްހަތަރުބުރުގައި ހިންގެވީ އާދަައިގެ ހިންގެވުމެއްގައި ކަމަށެވެ. ރަމްލުކޮށް ހިނގުމަކީ އާދައިގެ ހިނގުމުގައި ފިޔަވަޅު އަޅާ ހިސާބަށްވުރެން ކައިރީގައި ފިޔަވަޅު އަޅައިގެން ހިނގާއިރު ހަލުއިކޮށްލައިގެން ހިނގުމެވެ. މިގޮތަށް ރަމްލު ކުރާނީ ހަމައެކަނި ޤުދޫމުގެ ޠަވާފުގެ ފުރަތަމަ ތިން ބުރުގައެވެ. އަނެއް ހަތަރުބުރުގައި ހިނގާނީ ހަމަ އާދައިގެ ހިނގުމެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިގޮތަށް ރަމްލު ކުރަނީ ޙައްޖަށް ނުވަތަ ޢުމްރާއަށް އައިސް ކުރާ ފުރަތަމަ ޠަވާފު ގައެވެ. އެހެން ޠަވާފެއްގައި އެގޮތަށް ކަންތައް ކުރުމީ ސުއްނަތެއް ނޫނެވެ. އަދި ޢުމްރާ ވުމަށްފަހު އެދަތުރުގައި ފަހުން ޢުމްރާއެއް ވުމަކުން، ޢުމްރާގެ ޠަވާފުގައި ވެސް މިގޮތަށް އަވަސް ހިނގުމެއް ސުއްނަތް ވެގެނެއް ނުވެއެވެ. އެއީ ޤުދޫމުގެ ޠަވާފަކަށް އެޠަވާފު ނުވާތީއެވެ. އަދި ޤުދޫމުގެ ޠަވާފު ނޫން އެހެން ޠަވާފެއް އެއީ ވަދާޢުގެ ޠަވާފު ކަމުގައި ވިއަސް ރަމްލު ކުރުމަކީ ސުއްނަތެއް ނޫނެވެ.

(10) ކަނާތު ކޮނޑު ހާމަކޮށްފައި ބެހެއްޓުން

ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ފަދައިން ޤުދޫމުގެ ޠަވާފު ކުރާއިރު ރަމްލު އޮންނަ ތިން ބުރުގައި ފިރިހެނާ އޭނާގެ ކަނާތު ކޮނޑު ހާމަވާގޮތަށް އިޙްރާމު އަޅައިގެން ހުރުމީ ސުއްނަތެކެވެ. އެއީ ފުރަތަމަ ޠަވާފުގެ ފުރަމަ ތިން ބުރުގައެވެ. މިކަމާބެހޭ ޙަދީޘު އިމާމު ތިރްމިޛީއާއި އަބޫ ދާއޫދާއި އިބްނި މާޖާ ނެރުއްވާފައި ވެއެވެ. (ތިރްމިޛީގެ 787 ވަނަ ޙަދީޘު ބައްލަވާށެވެ.)

(11) ޙަޖަރުލް އަސްވަދުގައި އިސްތިލާމު ކުރުން

ޙަޖަރުލް އަސްވަދުގައި އިސްތިލާމު ކުރުމަކީ އެހިލަކޮޅުގައި ބީހުމެވެ. ނުވަތަ އަތް ޖައްސާލުމެވެ. އެކަން ޠަވާފުގެ ކޮންމެ ބުރެއް ފަށާއިރުވެސް ސުއްނަތް ވެގެން ވެއެވެ. ނޫންނަމަ ދުރުން އިޝާރަތް ކުރުމުންވެސް އެސުއްނަތް އަދާކުރެވޭނެއެވެ.

(12) ޠަަވާފުގެ ދެރަކްޢަތް ނަމާދު

(ހ) ކޮންމެ ޠަވާފެއް ކުރުމަށްފަހު، ޠަވާފުގެ ދެރަކްޢަތް ނަމާދު ކުރުމީ ދަންނަބޭކަލުން އިޖްމާވެ އެއްބަސްވެ ވަޑައިގެންފައިވާ ކަމެކެވެ. އެހެނަސް އޭގެ ޙުކުމާމެދު ޚިލާފު ވެފައި ވެއެވެ. ބައެއް ބޭކަލުން ވާޖިބެކޭ ވިދާޅުވި ކަމުގައި ވިއަސް ގަދަ ބަސްފުޅަކީ އެއީ ސުއްނަތެއް ކަމަށެވެ.

(ށ) މިނަމާދު ކުރުން ސުއްނަތް ވެގެންވަނީ މަޤާމު އިބްރާހީމުގެ ފަހަތުގައެވެ. ނުވަތަ އެދިމާއަށް ފަހަތުގައެވެ. އެތަނުގައި ނުކުރެވޭނަމަ ޙިޖްރު އިސްމާޢީލުގެ ތެރޭގައެވެ. ނޫންމަ ޙަރަމްފުޅުގެ ކޮންމެ ތަނެއްގައިވެސް މިނަމާދު ކުރެވިދާނެއެވެ. އަދި މައްކާގެ ކޮންމެ ބިމެއްގައިވެސް ކުރެވިދާނެއެވެ. އަދި ޢުމުރުން ކޮންމެ ދުވަހެއްގައިވެސް މައްކާއަށް އައިސް އެނަމާދު ކުރެވިދާނެއެވެ. ލަސްވުމަކުން އެނަމާދު ފާއިތުވެ ނުދާނެއެވެ. ހަމައެހެންމެ ތިމާގެ ރަށަށް ގޮސްފައި ނުވަތަ މައްކާއިން ބޭރުގައި މިނަމާދު ކުރިކަމުގައި ވިއަސް ސުއްނަތް އަދާވެވުނީއެވެ. އެހެނަސް އޭގެ މާތްކަން ގެއްލި ދިޔައީއެވެ.

(ނ) ޙަރަމަށް ވަދެ އެއް ޠަވާފަށް ވުރެން ގިނަ ޠަވާފު ކޮށްފި މީހާއަށް ވެސް ކޮންމެ ޠަވާފެއްގެ ފަހުން މިނަމާދު ކުރުން ސުއްނަތް ވެގެން ވެއެވެ. އެހެނަސް މީހަކު ސުއްނަތް ނުކޮށް އެތަކެއް ޠަވާފެއް ކުރުމަށްފަހު ދެން އެއްފަހަރާ ހުރިހާ ނަމާދެއް އެކުއެކީ ކުރުމަށް ޤަޞްދު ކޮށްފިނަމަ އެއާބެހޭގޮތުން ޝާފިޢީ މަޛްހަބުގެ އިމާމުން ވިދާޅުވެފައިވަނީ އެގޮތަށްވެސް ޞައްޙަވާނެ ކަމަށާއި އެކަމަކު އޭރުން އޭނާއަށް އައުލާ ގޮތާ ޚިލާފުވެވުނީ ކަމަށެވެ. އަދި ބައެއް އަޞްޙާބު ބޭކަލުންނާއި ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެގޮތަށް އެނަމާދު ކުރުން ހުއްދަ ކަމަށާއި އެކަން މަކްރޫހަވެސް ނުވާނޭ ކަމަށެވެ. ނަމަވެސް ޖުމްހޫރު ދަންނަބޭކަލުންގެ ރައުޔަކީ އެގޮތް ހުއްދަވި ކަމުގައިވިއަސް އެއީ މަކްރޫހަ ވެގެންވާ ކަމެއް ކަމަށެވެ.

(13) ޞަފާގައި ދުޢާކުރުން

ސުއްނަތުގެތެރޭ ހިމެނޭ އަނެއްކަމަކީ ޞަފާގައި ޛިކުރު ކުރުމާއި ދުޢާ ކުރުމެވެ. ތިންތިން ފަހަރުމަތިން ދުޢާއާއި ޛިކުރު ތަކްރާރު ކުރުމެވެ. ޤިބްލައަށް ކުރިމަތި ލައިގެން ހުރެއެވެ. ފަށާއިރު [أَبْدَأُ بِمَا بَدَأَ اللَّهُ بِهِ وَرَسُولُهُ] (ﷲ އާއި އެއިލާހުގެ ރަސޫލާ ފެއްޓެވި ހިސާބުން ފަށަމޭ) ބުނެ މިފަދައިން ކިޔައިގެން ފެށުމެވެ.

ބޮޑު ޢީދު ދުވަހު އުޟްޙިޔާ ކަތިލުން

ބޮޑު ޢީދު ދުވަހު އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުއްނަތެކެވެ. ތިމާގެ އަމިއްލަ ނަމުގައްޔާއި ތިމާގެ ޢާއިލާގެ ނަމުގައެވެ. ތިރީގައި އެކަމާ ބެހޭ ޙަދީޘަކާއި އޭގެ ފިޤުހީ ބައެއް ފައިދާތައް ބަޔާންކޮށްލާނަމެވެ.

އިމާމު މުސްލިމާއި އެނޫންވެސް ބޭކަލުން ނެރުއްވާފައި ޙަދީޘެއް އަނަސްގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. [ضَحَّى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِكَبْشَيْنِ أَمْلَحَيْنِ أَقْرَنَيْنِ ذَبَحَهُمَا بِيَدِهِ وَسَمَّى وَكَبَّرَ وَوَضَعَ رِجْلَهُ عَلَى صِفَاحِهِمَا] މާނައީ: ޢީދު ދުވަހު ކީރިތި ރަސޫލާ އެކަލޭގެފާނުންގެ އަމިއްލަ އަތްޕުޅުން ދަޅުހުރި ސާފުހުދު ދެ ކަންބަޅި ކަތިލެއްވެވިއެވެ. އަދި ﷲގެ އިސްމުފުޅު ވިދާޅުވެ، ތަކްބީރު ވިދާޅުވިއެވެ. އަދި ކޮންމެ ބަކަަރިއެއް ކަތިލެއްވެވި އިރުވެސް އެސޮރުގެ ކަރުގެ އެއްފަރާތަށް އިތުރު އެކަލާގެފާނުންގެ ފައިންޕުޅުން ފިއްތަވާލައްވައިގެން ހުންނެވިއެވެ.

1- އުޟުޙިޔާގެ މަސް ކެއުން

އުޟުޙިޔާގެ މަސް ކެއުމާއި ބެހުމަކީ ސުއްނަތެކެވެ. ބަހާނީ ތިމާއަށާއި ޢާއިލާއަށް ކޮންމެވެސް ވަރެއް ބަހައްޓާފައި ފަޤީރުންނަށާއި މިސްކީނުންނަށާއި މުހުތާދުންނަށެވެ. ބާކީ ހުރެއްޖެ އެއްޗެއް ރައްކައު ކުރެވިދާނެއެވެ.

2- ނިޔަފަތި ކެނޑުމާއި އިސްތަށި ކޮށުން މަނާވުން

އުޟުޙިޔާ ކަތިލުމަށް އެއްޗެއް ހޯދައި ނިޔަތް ގަތުމަށްފަހު ޙައްޖު މަހުގެ 1 އިން ފެށިގެން އުޟުޙިޔާ ކަތިލަންދެން ތިމާގެ ނިޔަފަތި ކެނޑުމާއި ގައިން އިސްތަށި ވަކިކުރުމަކީ މަކްރޫހަ ވެގެންވާ ކަމެކެވެ. މިއީ ތިމާގެ އަތުގައި ބަކަރިއޮވެ ތިމާގެ ޙާޟިރުގައި ބަކަރި ކަތިލާނަމައެވެ. ނަމަވެސް ތިމާ ނެތްތަނެއްގައި ކަތިލާނަމަ ނުވަތަ މީހަކާ ޙަވާލުކޮށް ކަތިލާނަމަ މިގޮތަށް ތިމާގެ އިސްތަށްޓާއި ނިޔަފަތި ނުކަނޑައި ބެހެއްޓުން ސުއްނަތް ވެގެނެއް ނުވެއެވެ.

3- ނިޔަފަތި ކެނޑުމާއި އިސްތަށި ކޮށުމާމެދު އޮންނަ ޙުކުމް

މިކަމާގުޅޭ ޙަދީޘުތަކުގެ އަލީގައި މިމައްސަލައިގެ ޙުކުމާމެދު ޢިލްމުވެރިންގެ މެދުގައި ވަނީ ރައުޔު ތަފާތު ވެފައެވެ. އިމާމު ސަޢީދު އިބްނި މުސައްޔަބާއި ރަބީޢާއާއި އަޙްމަދާއި އިސްޙާޤާއި ދާއޫދާއި ބައެއް ޝާފިޢީ އިލްމުވެރިން ވިދާޅުވަނީ އުޟްޙިޔާއަކަށް ނިޔަތް ގެންފިމީހާ ޢީދުދުވަސް އައިސް ތިމާގެ އުޟްޙިޔާ ކަތިލެވެންދެން ތިމާގެގައިން އިސްތަށްޓެއް ކޮށުމާއި ނިޔަފައްޗެއް ކެނމަކީ ޙަރާމްވެގެންވާ ކަމެކެވެ. އިމާމު ޝާފިޢީއާއި ޝާފިޢީ މަޛްހަބުގެ ޢާއްމު އިމާމުން ވިދާޅުވަނީ އެއީ ޙަރާމް ކަމެއް ނޫންކަމަށާއި މަކްރޫހަ ތަންޒީހީއެއް ކަމަށެވެ. މިއީ އިމާމު މާލިކުގެ އެއް ބަސްފުޅެވެ. އިމާމު އަބޫ ޙަނީފާއާއި އިމާމު މާލިކުގެ މަޛްހަބަކީ އެކަން ޙަރާމްވެގެން ނުވާކަމަށާއި އަދި އެއީ މަކްރޫހަ ކަމެއްވެސް ނޫން ކަމަށެވެ.

ކޮންމެއަކަސް ޙަރާމްކަމަށް ވިދާޅުވާ ބޭކަލުން ދަލީލު ނަންގަވަނީ އިމާމު މުސްލިމާއި އެނޫން ބޭކަލުން ރިވާކުރަށްވާފައިވާ މިޙަދީޘުންނެވެ. [إِذَا دَخَلَتْ الْعَشْرُ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ فَلَا يَمَسَّ مِنْ شَعَرِهِ وَبَشَرِهِ شَيْئًا] މާނައީ: ޙައްޖުމަހުގެ ދިހަދުވަސް އަންނަ ހިނދު ތިމާމެންގެ ތެރެއިން މީހަކަށް އުޟުޙިޔާ ކަތިލުމުގެ ފުރުޞަތު ލިބިއްޖެނަމަ އޭނާ ތިމާގެ އިސްތަށްޓާއި ނިޔަފަތީގެ ތެރެއިން އެއްވެސް އެއްޗެއްގައި އަތް ނުލާހުށި ކަމެވެ. އެހެން ބޭކަލުން ނަންގަވަނީ ޢާއިޝަތުގެފާނުންގެ ކިބައިން ރިވާވެގެންވާ އަންނަނިވި ޙަދީޘެވެ. އޭގައިވަނީ، ތިމަން ކަމަނާ ކީރިތި ރަސޫލާ ކަތިލުމުގެ ގޮތުން ގެފުޅަށް ފޮނުއްވަން ކަނޑައަޅުއްވާ ހަދުޔުގެ ކަރުގައި އެޅުމަށް ގިލަފަތި ގަތައި ތައްޔާރު ކުރަށްވަމެވެ. ދެން އިތުރުއެކަލޭގެފާނު އަމިއްލަފުޅުން އެ ގިލަފަތި އެސޮރުގެކަރުގައި އަޅުއްވާފައި ޙައްޖު ވެރިންނާއެކު މައްކާއަށް ފޮނުއްވަތެވެ. މިގޮތުން ހަދުޔު ކަތިލުމާ ހަމައަށް ވެސް އެކަމާ ގުޅިގެން ﷲ ހުއްދަ ކުރެއްވި އެއްވެސް ކަމަކުން މަޙްރޫމުވެ ވަޑައިގެން އެކަލޭގެފާނު ނުހުންނަވަތެވެ.

އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. މައްކާއަށް ހަދުޔު ފޮނުވުން އުޟުޙިޔާ ކަތިލުމަށް ޤަޞްދު ކުރުމަށްވުރެން ބޮޑުވެފައި މުހިއްމުކަން ބޮޑެވެ. އެކަމުގައި ތިޔަކަހަލަ ކަމެއްނެތް ހިނދު އުޟްޙިޔާގައި ވެސް އެކަން ޙަރާމް ނުވާނެއެވެ. ދެން ނަހީވެގެންވާ ޙަދީޘުތަކުން ތިމަންމެން ދަލީލު ނަގާނީ އެއީ ތަންޒީހީ ގޮތުން މަކްރޫހަ ވެގެންވާ ކަމެއްގެ ގޮތުގައެވެ.

4- ނިޔަފަތި ކެނޑުމާއި އިސްތަށި ކޮށުމުގެ މާނަ:

އަޅުގަނޑުމެންގެ އިމާމުން ވިދާޅުވާ ގޮތުން މިތާގައި ނިޔަފަތި ކެނޑުމާއި އިސްތަށި ކޮށުމުގެ މުރާދަކީ އެފަދަ އެއްޗެއް އުފުރުމާއި ކޮށުމާއި ބޭލުމާއި ބުރިކުރުމެވެ. އަދި ނިޔަފަތި އުފުރުމާއި ބުރިކުރުމާއި އަނގައިން ވިއަސް ކެނޑުމެވެ. އަދި އިސްތަށީގެ މުރާދަކީ ކިހިލިފަތާއި ބޮލާއި ތުނބުޅިއާއި ޢާނަތުގެ އިސްތަށްޓާއި އެނޫންވެސް ހަށިގަނޑުގެ އެއްވެސް ތަނަކުން އިސްތަށްޓެއް ނުވަތަ އިސްތަށްޓަކުން ބައެއްވިއަސް ވަކިކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
25%
50%
25%
0%
0%
0%
ކޮމެންޓް