ކ. މާލެ
|
22 ޖުލައި 2020 | ބުދަ 15:08
އުމްރާގެ އަޅުކަން އަދާކުރުމަށް 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު މައްކާއަށް ދިއަ މީހުން ހަރަމްފުޅުގައި ނަމާދުކުރަނީ
އުމްރާގެ އަޅުކަން އަދާކުރުމަށް 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު މައްކާއަށް ދިއަ މީހުން ހަރަމްފުޅުގައި ނަމާދުކުރަނީ
ރާއްޖެ އެމްވީ
ހައްޖު 1441
ޙައްޖު މަހުގެ ދިހަ ދުވަސް އިޙްޔާ ކުރުމަކީ ވަރަށް މަތިވެރި ކަމެއް
 
މިދުވަސްވަރު ކުރަން އޮންނަ އެންމެ މުހިއްމު ކަމަކީ މުސްލިމުންގެ ތެރެއިން ކުޅަދާނަވީ މީހަކު ﷲގެ ނަންފުޅުގައި ޙައްޖު ވުން
 
ހައްޖު މަހުގެ މާތްކަން ބޮޑަށް އެކުލެވިފައި ވަނީ ފުރަތަމަ ދިހައިގެ ތެރޭގައި

ހައްޖު މަހަކީ މާތްﷲ ޙުރުމަތްތެރި ކުރެއްވި ހަތަރު މައްސަރުގެ ތެރެއިން ހަަތަރުވަނަ މައްސަރެވެ. ޙައްޖުގެ މާތް ވެެގެންވާ އަޅުކަން އަދާކުރެވޭ މައްސަރެވެ.

މި މަހުގެ މާތްކަން ބޮޑަށް އެކުލެވިފައިވަނީ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ތެރޭގައެވެ. އެހެންކަމުން އެދިހަ ދުވަހުގެ މާތްކަމުގެ ބޮޑުކަމުން މާތްﷲ ވަނީ އެދުވަސްތައް ގަންދެއްވައި ހުވައިގެ ބަސްފުޅު ވަޙީކުރައްވާފައެވެ. ވަޙީ ކުރަށްވަނީ: [وَالْفَجْرِ وَلَيَالٍ عَشْرٍ] މިއެވެ. މާނައީ: ފަތިސް ނަމާދާއި ފަތިސް ވަގުތު ގަންދެއްވަމެވެ. އަދި ޙައްޖު މަހުގެ ދިހަ ރޭ ގަންދެއްވަމެވެ.

މި ދިހަ ދުވަހަކީ ދުވަސްތަކުގެ ތެރެއިން މާތްﷲ މާތް ކުރެއްވި އެންމެ މާތް ދިހަ ދުވަހެވެ. ޙުރުމަތްތެރި ހަތަރު މަހުގެ ތެރެއިން އެންމެ މާތް ދުވަސްވަރެވެ. މިދުވަސްވަރު ކުރަން އޮންނަ އެންމެ މުހިއްމު ކަމަކީ މުސްލިމުންގެ ތެރެއިން ކުޅަދާނަވީ މީހަކު ކަޢުބަތުﷲ ގެފުޅަށް ގޮސް ﷲގެ ނަންފުޅުގައި ޙައްޖު ވުމެވެ. ޢުމުރާގެ އަޅުކަންތައް އަދާ ކުރުމެވެ.

މިދުވަސްތަކުގައި ގިނަގިނައިން އަޅުކަން ކުރުމަކީ މުސްތަޙައްބު ވެގެންވާ ކަމެކެވެ. ޞަދަޤާތް ދިނުމާއި ރޯދަ ހިފުމާއި ހެޔޮޢަމަލުކޮށް ހެދުމެވެ. ތަކްބީރު ކިއުމާއި ޙަމްދުކުރުމާއި ތަސްބީޙަ ކިއުމާއި ތަހްލީލުކޮށް ހެދުމެވެ. ގިނަގިނައިން ދުޢާކުރުމާއި ގާތްތިމާގެ ކަމުގެ ގުޅުން ބޭއްވުމާއި އެގުޅުން ބަދަހި ކުރުމާއި މީސްމީހުންނާއެކު ހިނިތުން މޫނަކާއެކު މުޢާމަލާތް ކުރުމާއި ތިމާގެ މައިންބަފައިން ހަނދުމަކުުޅައުމާއި އެއުރެންނަށްޓަކައި ޚާއްޞަކޮށް ދުޢާކުރުމާއި އެއުރެން ދިރިތިބި ނަމަ ޚިދުމަތް ކުރުމާއި ކީރިތި ރަސޫލާއަށް ގިނިގަނައިން ޞަލަވާތް ކިޔެވުމާއި އެކަލޭގެފާނުންގެ ސުއްނަތުގެ ތެރެއިން ތިމާއަށް ޢަމަލު ނުވެވިހުރި ކަންކަމުގެ ތެރެއިން ކޮންމެވެސް ކަންތައްތަކަކަށް ޢަމަލުކުރުމާއި އެކަންކަން ދިރުވަން މަސައްކަތް ކުރުމެވެ.

މި ދިހަ ދުވަހު ތިމާއަށް ހިފުނު މިންވަރަކަށް ރޯދަ ހިފުން ސުއްނަތް ވެގެންވާ ކަމުގައި ދީނުގެ ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. ޚާއްޞަކޮށް ޢަރަފާތް ދުވަހުގެ ރޯދައެވެ. ޢަރަފާތް ދުވަހުގެ ރޯދަ ހިފުން ސުއްނަތް ވެގެން ވަނީ ޙައްޖުވެރިން ނޫން މީހުންނަށެވެ. ޢީދު ދުވަސް ފިޔަވައެވެ. ޢީދު ދުވަހު ރޯދަ ހިފުމަކީ ޙަަރާމްވެގެންވާ ކަމެކެވެ. އިމާމު މުސްލިމު ރިވާކުރަށްވާފައިވާ ޙަދީޘެއްގައި ވެއެވެ. ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. [صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ] މާނައީ: ޢަރަފާތް ދުވަހު ރޯދަ ހިފުމަކީ ދަރުމަހުރި ކަމެކެވެ. ތިމަން ކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެރޯދަ ހިފާމީހާގެ ވެއަތުވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ފާފައިގެ ކައްފާރާއަކަށް މާތްﷲ އެރޯދަ ލައްވާފައި ވެއެވެ.

މިދުވަސްވަރު ތިމާއަށް ވެވުނު މިންވަރަކުން ޞަދަޤާތް ދިނުން މުސްތަޙައްބު ވެގެން ވެއެވެ. ޚާއްޞަކޮށް ޢީދުގެ އުފަލުގައި ނިކަމެތިން ބައިވެރި ކުރުމުގެ ނިޔަތުގައެވެ. އެމީހުންގެ ހެޔޮ ދުޢާ ތިމާއަށް ލިބުމުގެ އުއްމީދުގައެވެ.

މިދިހަ ދުވަހުގެ ތެރޭގައި ކުރަން ސުއްނަތްވެގެންވާ އަޅުކަންތައްތަކުގެ ތެރޭން ހިމެނޭ ބައެއް ކަންކަމަކީ ޢަރަފާތް ވިލޭރޭގެ ފަތިސް ނަމާދުން ފެށިގެން ތޭރަ ވަނަ ދުވަހުގެ ޢަޞުރު ނަމާދު ނިމެންދެން ކޮންމެ ނަމާދެއްގެ ފަހުގައި ތަކްބީރު ކިއުމާއި އެކިއެކި ތަންތާގައި ތަކްބީރުގެ އަޑު އުފުލުމާއި އަންހެން ފިރިހެން ކުދިބޮޑު އެންމެން ޢީދު ނަމާދަށް ދިއުމާއި ޢީދު ޚުޠުބާއަޑު އެހުމާއި ޢީދުގެ ފަހުން ތިމާއަށް ކުޅަދާނަ ވެގެންވާނަމަ އުޟްޙިޔާ ކަތިލުމެވެ. އެއީ ތިމާއާއި ތިމާގެ މައިންބަފައިންނާއި ތިމާގެ ދަރިންގެ ނަމުގައި ކަތިލެވޭ ބަކަރިއެކެވެ. މިއީ ގަދަވެގެންވާ ސުއްނަތެކެވެ. ކީރިތި ރަސޫލާ ދެބަކަރި ކަތިލައްވަވާ ކަމަށް ޞައްޙަ ޙަދީޘުން ސާބިތުވެގެން ވެއެވެ. ބަކަރި ކަތިނުލެވޭނަމަ އެފައިސާ މުހުތާދުންނަށް ބަހައިލާނީއެވެ.

އަޅުގަނޑުގެ ދުޢާ އަކީ މާތްﷲ އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނާއި މުޅި އިސްލާމީ އުއްމަތް މިދުވަސްތަކުގެ ބަރަކާތުން ދެ ދުނިޔެ ބާއްޖަވެރި ކުރައްވައި މުޞީބާތުން އެއުރެން އެންމެން ސަލާމަތް ކޮށްދެއްވުމެވެ. އާމީން!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް