ކ. މާލެ
|
30 މެއި 2020 | ހޮނިހިރު 22:16
ޒަމްޒަމް ވަޅުގެ ތަސްވީރެއް
ޒަމްޒަމް ވަޅުގެ ތަސްވީރެއް
މިއުޒިއަމް އޮފް ދަ ސިޓީ
ޒަމްޒަމް ފެން
ޒަމްޒަމް ފެން - ދިރިހުރި މުއުޖިޒާތެއް
 
ޒަމްޒަމް ފެނުގައިވާ ސިއްރުތައް ޒަމާނީ ސައިންސްގެ އަލީގައި ދަނީ ހާމަ ވަމުން

ޒަމްޒަމް ފެނަކީ، އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 2000 (ދެހާސް) އަހަރު ކުރިން ދުނިޔޭން ފާޅު ކުރެއްވި ބަރަކާތްތެރި ފެނެކެވެ. އެ ފެނުގެ މޮޅުކަމާ، އޭގައިވާ އަޖައިބުތަކާއި ބޭނުންތެރިކަމުގެ ވާހަކަ އަކީ އެތައް ގޮތަކުން ދެކެވެމުން އައިސްފައިވާ އޭގައި ދިގު ތާރީޚެއް އޮތް ވާހަކަތަކެކެވެ. އިލްމްވެރިން ވިދާޅުވާ ގޮތުގައި، ކީރިތި ގުރުއާނުގެ އިތުރުން ތައުރާތާއި، ބައިބަލް ގައި ޒަމްޒަމް ފެނުގެ ވާހަކަ އައިސްފައި ވެއެވެ.

ޒަމްޒަމް ފެނުގެ އުފެދުން

ޒަމްޒަމް ފެން އުފެދިގެން އައި ގޮތުގެ ވާހަކައަކީ އިސްލާމީ ތާރީޚްގައި ވަރަށް ފާހަގަ ކޮށްލެވޭ ހާދިސާ އެއްގެ މައްޗަށް ބިނާވެގެން އައިސްފައިވާ ވާހަކައެކެވެ. އިސްލާމީ ތާރީޚް ދިރާސާ ކުރައްވާ އިލްމްވެރިން މި ހާދިސާ ލިޔުއްވުމުގައި ކުދިކުދި ޚިލާފު ހުރިނަމަވެސް، ހާދިސާގެ މައިގަނޑު އޮތީ އެއް ގޮތަކަށެވެ.

އެ ހާދިސާގައި ވާ ގޮތުން، އިސްމާޢީލުގެފާނު ރައްކައުވުމަށްފަހު މާދުވަސްތަކެއް ނުވެ އިބްރާހީމް އަލައިހިއްސަލާމްގެ ދެ ވަނަ އަނބިކަނބަލުން ހާޖަރާއި ތުއްޕުޅު ދަރިކަލުން އިސްމާއީލްގެފާނާ އެކު މައްކާ އަށް ދަތުރުފުޅެއް ކުރެއްވިއެވެ. މި ދަތުރުފުޅުގެ ވަކި ހިސާބަކުން މާތް ﷲ ގެ އަމުރުފުޅަކަށް އިބްރާހީމްގެފާނު، އެކަލޭގެފާނުގެ ވަޒަނަށް އެނބުރި ވަޑައިގަންނަވަން ޖެހި ވަޑައިގަތެވެ. އެކަލޭގެފާނު އެނބުރިވަޑައިގަތީ، ދެމައިކަނބަލުން މައްކާގެ ހަނަފަސް ވާދީއަށް ދޫކޮށްލެއްވުމަށް ފަހުގައެވެ. އެ ދެމައިކަނބަލުން މަޑުކުރެއްވީ ކަޢުބަތު ﷲ ގެފުޅުގެ ބިނާވެފައި ހުރި ހިސާބުގައެވެ. އެ ވާދީއަކީ އެބޭކަލުން ވަޑައިގެންނެވިއިރު އެއްވެސް ދިރުމެއް ހުރި ތަނެއް ނޫނެވެ.

އިސާހިތަކު ހާޖަރުގެ އަތްޕުޅުގައިވާ ބޯ ފެން ފޮދު ހުސްވެ، އިސްމާއީލްގެފާނު ފެންފޮދަކަށް ކީރިތި ކުރައްވަން ފެއްޓެވިއެވެ. ކަންބޮޑުވެ ވަޑައިގެން ހުންނަވާ، ސަފާ ފަރުބަދަ އާއި މަރުވާ ފަރުބަދަ އާ ދެމެދު ހާޖަރު ދުވެ ވަޑައިގެން މި ދެ ފަރުބަދަ އަށް އަރުއްވާ ފެންފޮދެއް ފެނޭތޯ ވާދީގެ އެކި ހިސާބު ބައްލަވަމުން ގެންދެވިއެވެ. މި ގޮތުން މި ދެ ފަރުބަދަ ދެމެދުގައި ހަތްވަނަ ފަހަރު ދުވެވަޑައިގެން، މަރުވާ ފަރުބަދައިގައި ހުންނަވަނިކޮށް އަޑެއް އިވި ވަޑައިގަތެވެ. އެހިނދު ހާޖަރު އިސްމާއީލްގެފާނު ހުންނެވި ތަނަށް އެނބުރި ވަޑައިގެންނެވި އިރު، ބިމުން ބޮކިޖަހާ ފެން އަރަމުން ދިޔައެވެ. ބުނެވޭ ގޮތުން ފެން އަރަމުން ދިޔައީ، ޖިބްރީލްގެފާނުގެ ފިޔަފަތްޕުޅުން ބިންގަނޑުގައި ޖެއްސިވި ތަނުންނެވެ. ބައެއް ލިޔުން ތަކުގައި ފެން އެރީ އިސްމާއީލްގެފާނުގެ ފައިންޕުޅު ބިންގަނޑުގައި ކޭއްތެވި ތަނުން ކަމުގައި ބުނެފައިވެއެވެ. ކޮންމެ އަކަސް ބިމުން އަރަމުން ދިޔަ ފެން ހާޖަރުގެ ދެ އަތްޕުޅުން ގޮށި ހައްދަވާ ފެން ނަންގަވާ ކަންވާރަކަށް އެޅުއްވިއެވެ. ފެން ނަންގަވާ ކަންވާރަށް އަޅުއްވަމުން ގެންދަވާ ވަރަކަށް ބިންގަނޑުން ބޮކި ޖަހާ ފެން އަރައެވެ. ބިމުން ހުއްޓުމެއް ނެތި އަރަމުން ދިޔަ ފެންގަނޑު ފެތުރެމުން ދާތީ، ފެންފޮދު ގެއްލި ހިނގައިދާނެ ކަމަށް ކަންބޮޑުވެ ވަޑައިގެން ހުންނެވި ހާޖަރު ފެން އާރުގެ ވަށައިގެން ވެއްޔާއި ހިލަ ޖެއްސެވިއެވެ. ބިންގަނޑުން ބާރަށް ފެން އަރާ ފެތުރެމުން ދާތީ "ޒަމްޒަމް" އޭ ހާޖަރު ވިދާޅުވަމުން ގެންދެވިއެވެ. އޭގެ މާނައަކީ "ފެތުރުން ހުއްޓޭ"، މިހެން ކަމަށް ވެއެވެ.

މި ދެންނެވި ހާދިސާ ހިނގީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 2000 ވަރަކަށް އަހަރު ކުރިން ކަމަށް ތާރީޚީ ލިޔުންތަކުން ފެންނަން ހުރުމާއެކު، ޒަމްޒަމް ވަޅަށް މިހާރު މަދުވެގެން 4000 ވަރަކަށް އަހަރު ވެދާނެ ކަމަށް ބެލެއެވެ.

ޒަމްޒަމް އަށް އެތައް ނަމަކުން ކިޔެއެވެ. އޭގެ ތެރޭގައި، "ޒައްމާމް"، "ޒުމާޒިމް"، "ޝުބާ" "ހަމްޒަތުލް މާލިކް"، "ރަކްދަތު ޖިބްރީލް" ހިމެނެއެވެ.

ޒަމްޒަމް ވަޅު ބެލެހެއްޓުން

މަތީގައި ބަޔާން ކުރެވުނު ހާދިސާގެ ދުވަސްތަކެއް ފަހުން، ޖުރުހުމް ގަބީލާގެ މީހުން ޔަމަނުން މައްކާ އަށް ދަތުރުކޮށް އެ ސަރަހައްދުގައި ވަޒަންވެރި ވިއެވެ. އިސްމާއީލްގެފާނު ކައިވެނިފުޅު ބައްލަވައިގަތީ ޖުރުހަމް ވަންހައިގެ ކަނބަލަކަށެވެ. އޭގެ ފަހުން ކައުބާ އާއި، ޒަމްޒަމް ވަޅުގެ ކަންކަން ބަލަހައްޓަމުން ގެންދިޔައީ އިސްމާއީލްގެފާނުގެ ދަރިދަރިކަލުންނެވެ. އޭގެ ފަހުން ޖުރުހުމް ގަބީލާގެ މީހުން މި ޒިންމާ އަދާކުރަމުން ގެންދިޔައެވެ. ބުނެވޭ ގޮތުގައި، ޖުރުހަމު ގަބީލާގެ މީހުން މާތްވެގެންވާ މި ބިމުގެ ހުރުމަތް ކެނޑޭ އަމަލުތައް ކުރަމުން ދިޔުމާއެކު، އެމީހުންނަށް އައި ކޯފާ އެއްގެ ގޮތުން ޒަމްޒަމް ވަޅުން ފެން ހިކި، ވަޅުގެ ނިޝާންތައް ގެއްލިގެން ދިޔައެވެ. މި ގޮތުން އެތައް ސަތޭކަ އަހަރެއް ވަންދެން ވަޅުހުރި ތަން އިންސާނުންގެ ލޯމަތިން ގެއްލިފައި ހުރި ކަމަށް ވެއެވެ. މިހެން މިކަން އޮއްވާ އަލުން ޒަމްޒަމް ވަޅު ހޯއްދެވީ، ކީރިތި ރަސޫލާގެ ކާފާފުޅު އަބްދުލް މުއްތަލިބެވެ.

ޒަމްޒަމް ވަޅު

ޒަމްޒަމް ވަޅު ހުންނަނީ ދުނިޔޭގެ އެންމެ މާތް ބިމުގެ އެންމެ މާތް ތަން ކަމުގައިވާ މައްކާގެ މާތް ވެގެންވާ ކައުބާގެ އިރުން، ކައުބާ އާ 20 މީޓަރު ދުރުގައެވެ. ގާތްގަނޑަށް ފުން މިނުގައި 30.5 މީޓަރު ހުންނަ މި ވަޅަކީ އަތުން ކޮނެފައިވާ ވަޅެކެވެ. ވަޅުގެ ފުލުގެ ފުޅާ މިނުގައި ހުންނަނީ 1.08 މީޓަރާއި 2.66 މީޓަރާ ދެމެދުގެ މިނެކެވެ. އިހުޒަމާނުގައި ވަޅުން ފެން ނެގުމަށް ވާ ޖަހައިގެން ބާލިދީ ބޭނުން ކުރިއެވެ. މި ޒަމާނުގައި ވަޅުން ފެން ނަގަނީ ކަރަންޓު ޕަމްޕް ބޭނުން ކޮށްގެންނެވެ. ވަޅު މިހާރު ހުންނަނީ ވަށައިގެން ބިއްލޫރި ޖަހާ ބައްދާފައިވާ ތަނެއްގެ ތެރޭގައި ކައިރި ނުވެވޭ ގޮތް ހަދާފައެވެ.

ޒަމްޒަމް ފެނުގެ ދިރާސާތައް

ޒަމާނީ ސައިންސްގެ އަލީގައި ޒަމްޒަމް ފެނުގެ ދިރާސާތައް ފެށިފައިވަނީ 1935 ވަނަ އަހަރާ ހަމައިންނެވެ. މި ގޮތުން ޒަމްޒަމް ފެނުގެ ފުރަތަމަ ދިރާސާ ކުރީ، 1935 ވަނަ އަހަރު "އިޖިޕްޝަން ކޮމިޝަން ޓު ހިޖާޒް" އިން ނެވެ. އޭގެ ފަހުން 1971 ވަނަ އަހަރު، ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އާއި ކޮންސަލްޓަންޓުން ތަކެއް ގުޅިގެން ޒަމްޒަމް ފެނުގެ ތަހުލީލު ތަކެއް ކުރިއެވެ. މިދިރާސާ ތަކުގެ އަލީގައި އިތުރު ދިރާސާތަކަށް މަގު ތަނަވެސްވެ، ޒަމްޒަމް ފެނުގެ ސައިންޓިފިކް ދިރާސާތައް ކުރުމަށް ޝައުގުވެރިކަން އިތުރުވިއެވެ. ޒަމްޒަމް ފެނުގެ ކެމިކަލް އެނޭލިސިސް އާ ބެހޭ ދިރާސާއެއް ބައިނަލް އަގްވާމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ޝާއިއު ކުރީ އެމެރިކަން ވޯޓަރ ރިސޯސް އެސޯސިއޭޝަންގެ ފަރާތުން 1976 ވަނަ އަހަރުއެވެ. ވޭތުވެ ދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ޒަމްޒަމް ފެނާ ބެހޭ އެތައް ތަހުލީލުތަކެއް ދުނިޔޭގެ ނަން މަޝްހޫރު އެތައް ލެބޯޓަރީ އެއްގައި ކުރެވިފައިވެއެވެ. މިހާރު ޒަމްޒަމް ފެނުގައި އެކުލެވޭ އެކިއެކި ފައިދާތަކާ ބެހޭ ގިނަ ސައިންފިކް ދިރާސާތައް ކުރެވޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވެ، އެފަދަ ދިރާސާތަކުގެ އެތައް ހޯދުންތަކެއް، ސައިންޓިފިލް މަޖައްލާތަކުގައި ވަނީ ޝާއިއު ކުރެވިފައެވެ.

ޒަމްޒަމް ފެނުގައި އެކުލެވިފައިވާ ކެމިކަލް މާއްދާތައް

ތަހުލީލުތަކުން އެނގޭ ގޮތުގައި، މުހިންމު މިނެރަލްތައް ކަމުގައިވާ، ކްރޯމިއަމް، ސެލީނިއަމް، ކެލްސިއަމް، މެގްނީޒިއަމް، ޕޮޓޭސިއަމް، ސޯޑިއަމް ފާހަގަ ކުރެވޭ މިންވަރަށް ޒަމްޒަމް ފެނުގައި އެކުލެވިގެން ވެއެވެ. ދިރާސާތަކުން ހާމަވާ އަނެއް ކަމަކީ، ހަށިގަނޑުގައި ކެލްސިއަމް މަދުވާ މީހުންނަށް ޒަމްޒަމް ފެނުގެ މުހިންމު ކަމެވެ. ޒަމްޒަމް ފެން ބޯ ނަމަ، ދުވާލަކަށް ބޭނުންވާ 3 ގްރާމް ކެލްސިއަމް ހަށިގަނޑަށް ލިއްބައިދޭ ކަން ވަނީ ހާމަވެފައެވެ.

ހޯދުން ތަކުން ފެންނަ ގޮތުގައި، ޒަމްޒަމް ފެނުގައި 34 ބާވަތެއްގެ އެލިމެންޓްސް އެކުލެވިގެން ވެއެވެ. އާއްމު ބޯފެނުގައި އެކުލެވޭ މިންވަރަށް ވުރެ މަތީ މިންވަރަކަށް ޒަމްޒަމް ފެނުގައި، ކެލްސިއަމް، މެގްނީޒިއަމް، ސޯޑިއަމް، އަދި ކްލޯރައިޑް ހިމެނެއެވެ. އިންސާނުންގެ ސިއްހަތައް ގެއްލުން ވެދާނެ މިންވަރަކަށް ނުރައްކާތެރި އެއްވެސް މައުދަނެއް މި ފެނުގައި އެކުލެވިގެން ނުވާކަން އެތައް ދިރާސާއަކުން ސާބިތުވެފައި ވެއެވެ. ޒަމްޒަމް ފެނުގެ އަނެއް މުހިންމު ކަމަކީ އެ ފެނުގައި ފްލޮރައިޑް ހިމެނުމެވެ. އެއީ ޖަރާސީމު ނައްތާލުމަށް މުހިންމު މާއްދާއެކެވެ.

ޒަމްޒަމް ފެނުގެ ސާފުތާހިރު ކަން

ޒަމްޒަމް ފެނުގެ އަސްލުގައި އެއީ ސާފު ތާހިރު ރައްކައުތެރި ފެނެކެވެ. އުއްމުލް ޤުރާ ޔުނިވަރސިޓީ ގެ ރިސާޗް ސެންޓަރުން ހެދި ދިރާސާތަކުން އެނގޭ ގޮތުން، ޒަމްޒަމް ފެނުގައި އެއްވެސް ބެކްޓީރިއާއެއް، ޖަރާސީމެއް ނުހުރެއެވެ. ޒަމްޒަމް ފެނަކީ ގިނަ ދުވަސްވެގެން ފޫ ޖަހާ ނުބައިވާ ފެނެއް ނޫނެވެ. އޭގެ ކުލަޔަކަށް، ރަހަޔަކަށް ބަދަލެއް ނާދެއެވެ. ކޮލިޓީއަކަށް ބަދަލެއް ނާދެއެވެ.

ހުސްވުމެއް ނެތް ފެނެއް

ޒަމްޒަމްވަޅުގެ އެންމެ އާދަޔާޚިލާފު އެއް ކަމަކީ، އެ ވަޅުން ފެން ބޭނުން ކުރުން އެހާމެ ގިނަވެފައި، އެ ވަޅު ހުރީ މާ ސިންގާ ހަނަފަސް ބިމެއްގައި ކަމަށް ވުމާއެކު ވެސް ވަޅުން ފެން ހުސްވުމުގެ މައްސަލަ އެއް ކުރިމަތި ނުވާކަމެވެ. އަހަރުން އަހަރަށް ޒަމްޒަމް ފެނުގެ ޑިމާންޑް މައްޗަށް ދިޔަ އިރު، އެ ވަޅުން އަބަދުވެސް ހުންނަނީ އޭރަކު އެ ބޭނުންވާ ވަރަކަށް ފެން ލިބިލިބިއެވެ. މިހާރު މި ވަޅުން މިނެޓަކު 8000 ލީޓަރުގެ ފެން ޕަމްޕް ކުރަމުން ގެންދެއެވެ. 1953 ވަނަ އަހަރުގެ ފަހުން ވަޅުން ފެން ނަގަމުން އަންނަނީ ކަރަންޓު ޕަމްޕް ބޭނުން ކޮށްގެންނެވެ.

ރަހަޔަށް ބަދަލެއް ނާދޭ

ޒަމްޒަމް ފެނުގެ ރަހަޔަށް ދުވަހަކުވެސް ބަދަލެއް ނާދެއެވެ. އެކަން އެހެން ވަނީ ޒަމްޒަމް ފެނުގައި އެކުލެވޭ ސޯލްޓް ތަކާއި ސޯލްޓްތައް އެކުލެވޭ ނިސްބަތައް ބަދަލު ނާންނާތީ ކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ.

ފެހިި ނުޖަހާ ވަޅެއް

ޒަމްޒަމް ވަޅަކީ އެހެން ވަޅުތަކާ ޚިލާފަށް ފެހި ޖަހާ ވަޅެއް ނޫނެވެ. ފެން ވަޅުގައި ފެހި ޖެހުމަކީ އޭގެ ރަހަޔާ ވަހަށް ބަދަލު އަންނަ ކަމެކެވެ. ފެހި ޖެހުމުގެ މައްސަލަ ދިމާ ނުވުމާއި، ފަނިފަކުސާ އެ ފެނުގައި ނުއުފެދޭތީ، އެފަދަ ދިރޭތަކެތި ކޮންޓްރޯލް ކުރުމަށް ޒަމްޒަމް ފެނަށް ކްލޮރިން ފަދަ ކެމިކަލް އަޅާކަށް ނުޖެހެއެވެ.

ޒަމްޒަމް ފެނަކީ ފަރުވާއެއް

ޒަމްޒަމް ފެނުގައިވާ ސިއްހީ ފައިދާތަކުގެ ވާހަކަތަކަކީ އިސްލާމީ ތާރީޚުގައި ވަރަށް ބޮޑަށް ފާހަގަ ކުރެވޭ އަދި މާ ކުރިންސުރެ ވަރަށް ބޮޑު ސަމާލުކަމެއް ދެވިފައިވާ ވާހަކަކަތެކެވެ. ޒަމްޒަމްގެ ސިއްހީ ފައިދާތައް ކީރިތި ރަސޫލާގެ ބަސްފުޅުތަކުންނާއި، އިސްލާމީ ތާރީޚުގައި ލިޔެވިފައިވާ އެކިއެކި ހާދިސާތަކުންނާއި މިޒަމާނުގެ ސައިންސްވެރިންގެ ހޯދުންތަކުން ވަރަށް ސާފުކޮށް ހާމަވެއެވެ.

ޒަމްޒަމް ފެނުގެ ސިއްހީ ފައިދާތައް ހާމަވާ މުހިންމު އެއް ހާދިސާއަކީ، ރަސޫލު ކަމައިގެން ފޮނުއްވުމުގެ ކުރިން، މުހައްމަދުގެފާނު ތުއްޕުޅު އިރު، ކުދިންތަކަކާއެކު ކުޅުއްވަން އުޅުއްވަނިކޮށް ޖިބްރީލްގެފާނު ވަޑައިގެން އެކަލޭގެފާނު ގެންދަވާ އެކަލޭގެފާނުގެ މޭފުޅު އިރުއްވައި، ހިތްޕުޅު ނަންގަވާ، ހިތްޕުޅުގައިވާ ބައެއް ބުރިކޮށް ނެންގެވުމަށްފަހު، އެކަލޭގެފާނުގެ މޭފުޅަށް ހިތްޕުޅު އަލުން ލެއްވުމުގެ ކުރިން، ޒަމްޒަމް ފެނުން ހިތްޕުޅު ދޮންނެވިއެވެ. ކީރިތި ރަސޫލާގެ މޭފުޅުމަތީގައި، އިރާލެއްވި ތަން ބެދިގެން އުފެދިފައިވާ ހުރި ލަކުނު ދެކެވަޑައިގެންނެވި ކަމަށް އަނަސްގެފާނު ވިދާޅުވެފައި އޮވެއެވެ.

ޒަމްޒަމް ފެނުގައި ބަލިތަކަށް ޝިފާ ވާ ކަން އެނގޭ އެންމެ މުހިންމު ދަލީލަކީ އެކަމާގުޅޭ ގޮތުން ކީރިތި ރަސޫލާ ވިދާޅުވެފައިވާ ބަސްފުޅު ތަކެކެވެ.

ކީރިތި ރަސޫލާ ހަދީސް ކުރެއްވި ކަމަށް އިބްން އައްބާސް ވިދާޅުވެފައި ވަނީ ދުނިޔޭގައިވާ އެންމެ މޮޅު ފެނަކީ ޒަމްޒަމް އެވެ. އޭގައިވަނީ ފުރިހަމަ ކާނާ އާއި ބަލިތަކުން ފަސޭހަ ވުމެވެ. (އައް ތަބަރާނީ).

އެހެން ހަދީސެއްގައި ވަނީ، ޒަމްޒަމް ފެން ބޮނީ ކަރު ހިއްކުން ފިލުވުން ކަމުގައި ވާ ނަމަ، ކަރު ހިއްކުން ފިލާނެއެވެ. ޒަމްޒަމް ފެން ބޮނީ ބަނޑުހައި ހޫނުކަން ފިލުވަން ކަމަށް ވާނަމަ، ބަނޑުހައި ހޫނުކަން ފިލާނެއެވެ. ޒަމްޒަމް ފެން ބޮނީ ބަލި ފަސޭހަވުމަށް އެދި ކަމަށް ވާނަމަ، ބަލިން ފަސޭހަ ވާނެއެވެ. (އިތު-ހާފް).

ޒަމްޒަމް ފެނަކީ އެ ފެން ބޭނުން ކުރާ މީހަކު އެކަމަށް ނިޔަތް ގަތް ކޮންމެ ކަމަކަށް އޭގެ ފައިދާ ލިބޭ ފެނެއް ކަން ކީރިތި ރަސޫލާގެ މި ބަސްފުޅުން ދޭހަވެއެވެ.

ދީން ތަކާ ބެހޭ އިލްމަށާއި ގާނޫނީ އިލްމުގައި މަޝްހޫރު ބޭކަލެއް ކަމުގައިވާ އިބްން ގައްޔިމް އޭނާ ލިޔުއްވި ފޮތް "ޕްރޮފެޓިކް މެޑިސިން" ގައި ޒަމްޒަމް ފެނުގައި އެކުލެވޭ ސިއްހީ ފައިދާ ކިޔައިދެއްވަމުން ލިޔުއްވާފައިވެއެވެ. އެއް ފަހަރަކު މައްކާއަށް އޭނާ ކުރެއްވި ދަތުރުފުޅެއްގައި އާލާސްކަންފުޅެއް ޖެހިގެން ބޭސްވެރިއަކު ހޯއްދެވުމަށް އުޅުއްވާ އެކަން ނުވެގެން، އެންމެ ފަހުން، ފާތިހާ ސޫރަތް ވިދާޅުވުމަށް ފަހު، ޒަމްޒަމް ފެން ބެއްލެވުމުން، ހަށިގަނޑުގައި ހުރި ބަލީގެ އުނދަގޫތައް ފިލައި ހިގަންޖެއެވެ. އަދި އޭނާ ވިދާޅުވީ އޭގެ ފަހުން އޭނާ ވަޑައިގެންނެވި ކޮންމެ ތާކަށް އަތްމަތީ ބޭހެއްގެ ގޮތުގައި ޒަމްޒަމް ފެން ގެންދަވާ ކަމުގައެވެ.

މިޒަމާނުގެ ސައިންސްގެ އަލީގައި ކުރެވިފައިވާ ދިރާސާތަކުން ތަފާތު އެކި ބަލިބަލިން އިންސާނުންނަށް ލުއި ލިބުމުގައި އަދި ބަލިން ފަސޭހަ ވުމުގައި ޒަމްޒަމް ފެން އަދާ ކުރާ ދައުރު ދަނީ ހާމަވަމުންނެވެ.

މި ގޮތުން ބަލާއިރު، ލޯ ފުސް ވުމާއި، ހަކުރުބަލި ފަދަ ބަލިތަކާ ދެކޮޅަށް ޒަމްޒަމް ފެނުން ރައްކާތެރިކަން ލިބެއެވެ.

ދަރިމައި ވުމުގައި ޒަމްޒަމް ފެނުގެ ދައުރު މުހިންމުކަން ސައިންސްވެރިން ވަނީ ދެނެގަނެފައެވެ. ޒަމްޒަމް ފެނުގައި މަތީ މިންވަރަކަށް ކެލްސިއަމް އާއި މެގްނީޒިއަމް ހިމެނިފައި ވުން އެއީ މީގެ އެއް ސަބަބު ކަމަށް ބެލެއެވެ.

އާއްމުކޮށް ޒަމްޒަމް ފެން ބޯ މީހުންގެ ދަތުގެ ބަލިތައް ޖެހޭލެއް ކުޑަކަން ދިރާސާތަކުން ފާހަގަވެއެވެ. އޭގެ އެންމެ މުހިންމު ސަބަބަކީ ޒަމްޒަމް ފެނުގައި ފްލޮރައިޑް ހުންނަ މިންވަރު މަތި ވުމެވެ. ފްލޮރައިޑް އަކީ ދަތުގެ ރައްކާތެރި ކަމަށް މުހިންމު މާއްދާ އެއް ކަމާއި ބޯފެނުގައި ފްލޮރައިޑް އެކުލެވުމަކީ ދަތްތަކަށް ރައްކާތެރިކަން ގެނެސްދޭ ކަމެއް ކަން ސައިންސްވެރިން ވަނީ ދިރާސާތަކުން ސާބިތު ކޮށްދީފައެވެ.

ޒަމްޒަމް ފެނަކީ ރޭޑިއޭޝަންގެ އަސަރުން ހަށިގަނޑު ސަލާމަތް ކޮށްދޭ އެއްޗެއްކަން ދިރާސަތަކުން ހާމަވެއެވެ.

ފަހުގެ ސައިންޓިފިކް ދިރާސާތަކުން އެނގޭ ގޮތުގައި ޒަމްޒަމް ފެނަކީ ކެންސަރު ބައްޔަށް ވެސް ވާ ރައްކަލެކެވެ. ދިރާސާތަކުން އެނގޭ ގޮތުގައި ޒަމްޒަމް ފެނުގެ ސަބަބުން ކެންސަރުގެ ޓިއުމަރ އުފެދި ބޮޑުވުމަށް ހުރަސް އެޅެއެވެ.

ކަރާމާތްތެރި ފެނެއް

ޖަޕާނުގެ މަޝްހޫރު ސައިންސްވެރިއެއް ކަމަށްވާ މަސާރޫ އީމޯޓޯ އަކީ ޒަމްޒަމް ފެނާ ބެހޭ ގޮތުން އެތައް ދިރާސާއެއް ކުރި ފަރާތެކެވެ. އޭނާގެ ދިރާސާ ތަކުގެ މައްޗަށް ލިޔުނު ފޮތް "މެސެޖަސް ފްރޮމް ވޯޓަރ އެންޑް ދަ ޔުނިވަރސް" ގައި ޒަމްޒަމް ފެނުގެ އާދަޔާ ޚިލާފް ގިނަ ވާހަކަތަކެއް ލިޔުއްވާފައިވެއެވެ. އީމޯޓޯ ގެ ހޯދުންތަކުގެ އަލީގައި އޭނާ ބުނެފައިވަނީ، ފެނަކީ އެއަށް އިހްސާސް ތަކެއް ލިބިގެންވާ އެއްޗެއް ކަމުގައެވެ. އަދި އެ ފެނަށް ކުރެވޭ އިހްސާސް ތައް ހާމަ ކުރާ ކަމުގައެވެ. މިގޮތުން، އީމޯޓޯ ވަނީ ޒަމްޒަމް ފެނުގައ ކީރިތި ގުރުއާނުގެ އަޑު ޖެހުމުން އެކަމުގެ އަސަރު ފެނަށް ކުރާ ކަން ހާމަ ކޮށްދީފައެވެ. އީމޯޓޯ އަށް މިކަންކަން ދެނެގަނެވިފައިވަނީ ފެނުން ކްރިސްޓަލް އުފެދޭ ގޮތް ދިރާސާ ކުރުމުގެ ތެރޭންނެވެ. އީމޯޓޯގެ ހޯދުންތަކުގައި ވާ ގޮތުން، ޒަމްޒަމް ފެނުން އެންމެ ފުރިހަމަ ކްރިސްޓަލް އުފެދެނީ ފެނުގައި ކީރިތި ގުރުއާނުގެ އަޑު ޖެހުމުންނެވެ. ހަމަ މި ގޮތައް، މާތްﷲ ގެ 99 އިސްމުފުޅުގެ އަޑު ޖެހުމުން، ކޮންމެ އިސްމްފުޅަކަށް ތަފާތު ކްރިސްޓަލެއް ޒަމްޒަމް އިން އުފެދޭކަން އީމޯޓޯ ފާހަގަ ކުރިއެވެ. އީމޯޓޯ ބުނެފައިވަނީ، ޒަމްޒަމްގެ ކޮލިޓީ އަދި އޭގައި އެކުލެވޭ މާއްދާތަކަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. އޭގެ ސަބަބެއް ނޭގޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އަދި މި ފަދަ ދެވަނަ ފެނެއް ދުނިޔޭގެ އެއްވެސް ތާކު ނުވާނޭ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ޒަމްޒަމް ފެނަކީ، އެ ފެން ބުއި ކޮންމެ ބޭނުމެއް ފުދޭ އެއްޗެއް ކަމުގައި ބުނެވެނީ، އެކަމަށް ދަލީލު ލިބޭ ގޮތައް އިތުބާރު ހުރި ފަރާތްތަކުން ކޮށްފައިވައިވާ ހަގީގީ ތަޖުރިބާ ތަކުންނެވެ. ޒަމްޒަމްގެ އާދަޔާ ޚިލާފު ބައެއް ކަންކަމަކީ މި ޒަމާނުގެ ސައިންސްގެ އަލީގައި ހޯދާ ބެލިފައިވާ ކަންކަމެކެވެ. އަނެއް ބައެއް ކަންކަމަކީ ސައިންސަށްވެސް އޭގެ ޖަވާބު ނޭނގޭ ކަންކަމެވެ. ވަކި ކަމަކަށް ނިޔަތް ގަނެ ޒަމްޒަމް ފެން ބުއިމުން އެކަން ކާމިޔާބުވާ ކަން އެނގޭ އެއް ޙާދިސާ އަކީ އިމާމް ޝާފީ ވިދާޅުވެފައިވާ ހާދިސާ އެކެވެ. އިމާމް ޝާފީ ވިދާޅުވެފައިވަނީ، ޒަމްޒަމް ފެން ބެއްލެވުމަށް ފަހު މާތް ﷲ ގެ ހަޒްރަތުގައި، އޭނާ ޖައްސަވާ ދުނި ދަނޑިތައް އަމާޒަށް ވާސިލް ކުރެއްވުން އެދި ދުއާ ކުރެއްވި ކަމުގައެވެ. އޭނާ ވިދާޅުވީ އޭގެ ފަހުން، 10 ދުނިދަނޑި ޖެއްސެވިއްޔާ އޭގެ ތެރެއިން އެންމެ މަދުވެގެން ވެސް 9 ދުނިދަނޑި އަމާޒަށް ވާސިލުވާ ކަމުގައެވެ. ގިނަ ފަހަރަށް 10 ދުނިދަނޑިވެސ އަމާޒަށް ފޯރާ ކަމުގައެވެ.

އިމާމް އަލް ޚަތީބް އަލް ބަގްދާދީ އަކީ އިސްލާމީ އުއްމަތުގައި ފާހަގަ ކުރެވޭ މާތް އިލްމްވެރިއެކެވެ. އޭނާ ވިދާޅުވި ކަމަށް އޮންނަނީ، ޒަމްޒަމް ފެން ބެއްލެވުމަށްފަހު އޭނާ 3 ކަމަކަށް އެދި ﷲ ގެ ހަޒްރަތުގައި ދުއާ ދެންނެވި ކަމުގައެވެ. ފުރަތަމަ ކަމަކީ ބަޣްދާދުގެ ތާރީޚާ ބެހޭ ފޮތެއް ލިޔުއްވުމެވެ. ދެވަނަ ކަމަކީ، ބަގްދާދުގެ އެންމެ ހައިބަތު ބޮޑު މިސްކިތް ކަމުގައިވާ މަސްޖިދުއް ސަލާމުގައި ކިޔަވައި ދެއްވުމެވެ. ތިން ވަނަ ކަމަކީ، އޭނާ އަވަހާރަ ވުމުން، މަޝްހޫރު އިލްމްވެރިޔާ މަރްހޫމް ބިޝްރް އަލް ހާފީގެ މަހާނަ ހުރި ގަބުރުސްތާނުގައި އޭނާ އަވަހާރަވުމުން ވަޅުލުމުގެ ތައުފީގު ދެއްވުމެވެ.

ކޮންމެ އަކަސް ދުވަސްކޮޅެއްގެ ތެރޭގައި ބަޣްދާދުގެ ވެރިޔާގެ ފަރާތްޕުޅުން އޭނާ އަށް ސިޓީފުޅެއް ލިބިވަޑައިގަތެވެ. އޭގައި އޮތީ، ބަޣްދާދަށް އަވަހަށް ވަޑައިގެން އެތަނުގެ ބޮޑު މިސްކިތް މަސްޖިދުއް ސަލާމުގައި ކިޔަވައި ދެއްވުމުގެ މަސައްކަތް ފައްޓަވައި ދެއްވުމެވެ. އޭގެ މަދު އަހަރު ތަކެއްގެ ތެރޭގައި ބަޣްދާދުގެ ތާރީޚާ ބެހޭ ބޮޑު ފޮތެއް އޭނާ ލިޔުއްވިއެވެ. އަދި އޭނާ އަވަހާރަވުމުން ވަޅުލީ، ބިޝްރް އަލް ހާފީ ގެ މަހާނަ ހުރި ގަބުރުސްތާނުގައެވެ. އޭރު އެ ގަބުރުސްތާނަކީ ބުނެވޭ ގޮތުން އަމިއްލަ މީހަކު ގަނެފައިވާ ތަނެކެވެ. އެތަނުގައި ވެރިމީހާގެ ހުއްދަ ނެތި މީހުން ވަޅުލެވޭނެ ގޮތެއް ނޯންނާނެއަތީ އޭނާގެ ހުއްދަ އަކަށް އެދުމުން ފުރަތަމަ ކުރީ އިންކާރެވެ. އެމީހާގެ ޚިޔާލު ބަދަލުވެ، އެތަނުގައި ބަޣްދާދީ ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދިއުން އެންމެ ރަނގަޅޭ ބުނީ، ބަޣްދާދީ އެހެން ތަނެއްގައި ވަޅުލުމުގެ ކަންކަން ހަމަޖައްސަމުން ގެންދަނިކޮށްނެވެ. އަލްބަޣްދާދީގެ ހަޔާތްޕުޅު ނިމިގެން ދިޔައީ މި ހުރިހާ ކަމެއް ފުރިހަމަ ވެގެންނެވެ.

ގަސްގަހާ ގެއްސަށް ކުރާ ފައިދާ

ފެނާ ނުލާ ދަނޑުވެރިކަމެއް ނުކުރެވޭނެއެވެ. ދަނޑުން ގޮވާން ލިބުމާއި ފެނާއި ހުރި ގުޅުމުގެ މިސާލެއްގެ ގޮތުން، އެއް ކިލޯ ހަނޑޫ އުފެއްދުމަށް 3000 އާއި 5000އާ ދެމެދުގެ ލީޓަރު ފެން ބޭނުން ވެއެވެ. އެއް ޓަނުގެ ގޮދަން އުފައްދަން އެއް ހާސް ޓަނު ފެން ބޭނުން ވެއެވެ. ދަނޑުގޮވާމުން އެކަށީގެންވާ ނަތީޖާއެއް ހާސިލް ކުރުމަށް އެކަށީގެންވާ ގޮތެއްގައި ފެން ލިބެން ހުންނަންޖެއެވެ. ފެން މަދުވުމަކީ ދަނޑުގޮވާމުގެ އުފެއްދުންތެރިކަން ދަށްވެ، އެ މަސައްކަތުގެ ނަތީޖާ ދައްވާ ކަމެކެވެ. ޒަމްޒަމް ފެނަކީ ދަނޑުގޮވާމަށް މޮޅު ފެނެއް ކަމަށް މިސްރުގެ ސައިންސްވެރިން ކުރި ދިރާސާއަކުން އެނގެއެވެ. ދިރާސާއިން ސާފުކޮށް އެނގޭ ގޮތުގައި ޒަމްޒަމް ފެނުގެ ސަބަބުން ގަސް ފެޅުން އަވަސް ވުމާއި، ގަސް ހެދުން އަވަސް ވުމާއި، ގަހުގައި މާ އެޅުން އިތުރުވާކަން ހާމަވެއެވެ.

ނިންމުން

ޝައްކެއްވެސް ނެތެވެ. ޒަމްޒަމް ފެނުގެ ހަގީގަތްތައް ހޯދާ ބެލި ވަރަކަށް އިންސާނުންނަށް ޒަމްޒަމް ފެނުގެ މާތްކަމާއި އޭގައި އެކުލެވިފައިވާ ސިއްރުތައް ދަނީ ހާމަވެ ފެންނަމުންނެވެ. ޒަމްޒަމަކީ، ރަހުމަތެކެވެ. އިންސާނުންނަށް މާތް ﷲ ގެ ހަޒްރަތުން ހަގީގަތުގައިވެސް ލިބިފައިވާ ބޮޑު ނިއުމަތެކެވެ. ޒަމްޒަމް ފެނުގެ ޚާއްސަ ކަމާއި އޭގެ ތަފާތު ސިފަ ތަކަށް ވިސްނާލުމުން އެނގެނީ، ޒަމްޒަމް ފެނަކީ ބިންމަތީގައި ﷲ ލައްވާފައިވާ މުއުޖިޒާތްތަކުގެ ތެރެއިންވާ ދިރިހުރި މުއުޖިޒާތެއް ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
5%
88%
1%
1%
3%
2%
ކޮމެންޓް