ކ. މާލެ
|
27 މެއި 2020 | ބުދަ 16:20
ރައްޔިތުންގެ މަޖިލީހުގެ އިދާރާ: ކައުންސިލްތަކުގެ ދައުރު އަންނަ ޖޫން މަހުގެ 3ގެ ފަހުން ހަމަވާތީ، މެމްބަރުންގެ މެދުގައި އަދި ގާނޫނީ ބޭފުޅުގެ މެދުގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައި
ރައްޔިތުންގެ މަޖިލީހުގެ އިދާރާ: ކައުންސިލްތަކުގެ ދައުރު އަންނަ ޖޫން މަހުގެ 3ގެ ފަހުން ހަމަވާތީ، މެމްބަރުންގެ މެދުގައި އަދި ގާނޫނީ ބޭފުޅުގެ މެދުގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައި
ރާއްޖެއެމްވީ
ކައުންސިލްތަކަށް ގާނޫނީ ހުސްކަން!
ކައުންސިލްތަކުގެ ގާނޫނީ ހުސްކަން: ގާނޫނުއަސާސީ އިސްލާހު ކުރިޔަސް، ހައްލެއް ނުލިބޭ!
 
ގާނޫނުއަސާސީ އިސްލާހު ކުރިއަސް، ޖޫން 3ގެ ފަހުން އެއީ އިންތިހާބީ ކައުންސިލަރުން ކަމަކަށް ނުވާނެ
 
ގާނޫނުއަސާސީގައި އިންތިހާބު ނުބޭއްވޭ ހާލަތެއްގެ ވާހަކަ ބަޔާން ކޮށްފައިނެތުމަކީ، ރައްޔިތުންގެ ނިންމުން ބޮލާލާ ޖެހޭނެ ކަމެއް ނޫން
 
ރައްޔިތުން ނިކުމެ، ކައުންސިލަރުންނަށް ވޯޓުލީ 3 އަހަރަށް

މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރަކީ ތިން އަހަރު ކަމަށާއި ކައުންސިލްތަކުގެ އިންތިޚާބަށް ކައުންސިލަރުން ޢައްޔަނު ކުރަން އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކޮށްފައިވަނީ ވެސް ޤާނޫނުއާސާސީގައި ބުނެފައިވާ ގޮތަށް ތިން އަހަރުގެ މުއްދަތަކަށް ކަމަށް ވާއިރު، ލޯކަލް ކައުންސިލްތަކުގެ ދައުރަކީ ޤާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް ތިން އަހަރެވެ. އަދި އިންތިޚާބު ބޭއްވުމަށް ޤާނޫނުއަސާސީން މަތިކޮށްފައިވާ، އިލެކްޝަންސް ކޮމިޝަނާއެކު ރައްޔިތުން އެއްބަސްވެ، ރައްޔިތުން ނިކުމެ ވޯޓުލުމުން، އެއީ ވަރަށް ޑިމޮކްރެޓިކް ނިންމުމެކެވެ. ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސަކީ ވެސް މިނިވަން އިންސާފުވެރި އިންތިޚާބުތައް ބޭއްވުމާއި މެޖޯރިޓީއަށް ތަބާވެ، މައިނޯރިޓީގެ އަޑުވެސް އެހުމެވެ.

އެގޮތުގެ މަތިން އެކުލަވާލެވުނު، އަދި މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތައް އެކުލަވާލެވި، އަދި މިހާރު މިވަނީ އެ ކައުންސިލްތަކާއި ރައްޔިތުންނާ ދެމެދު ވެވިފައިވާ ތިން އަހަރު ދުވަހުގެ އެއްބަސްވުން ނިމުމުގެ މަގުމަތީގަ އެވެ. އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހު ލޯކަލް ކައުންސިލްތަކާއި ރައްޔިތުންގެ މެދުގައި ވެވިފައިވާ އެއްބަސްވުން ޤާނޫނުއަސާސީގައި ބުނެފައިވާ ތިން އަހަރުގެ މުއްދަތު ނިމުމަކަށް އަންނާނެ އެވެ. އޭގެ ފަހުން ލޯކަލް ކައުންސިލްތަކަށް ކުރިއަށް ދެވޭނެ ހަމައެކަނި ގޮތަކަކީ، ރައްޔިތުންގެ މެދުގައި ސިއްރު ވޯޓެއް ނަގައި، ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމެވެ. އިތުރު އެއްވެސް ޙާލަތެއް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނެއްގައި ވެސް ބުނެފައެއް ނެތެވެ. އެކަން އެގޮތަށް އޮތުމުން ރައްޔިތުންނާއި ދައުލަތުން ޢަމަލު ކުރަންޖެހޭނީ ބަޔާން ކޮށްފައިވާ ހަމައެކަނި ޙާލަތަށް ނޫންތޯ އެވެ.

މިހާރު ދިމާވެގެން މިއުޅެނީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތް ޙާލަތެއް މެދުވެރި ވެގެންނެވެ. މި ޙާލަތު މިހެން އޮތްވައި، އެހެންކަމެއް ވެސް ނުވަތަ އެހެން ޙާލަތެއް ވެސް ކުރިމަތިވީ އެވެ. "ރިހޭފައި މައްޗަށް ފޮއި ވެއްޓުނީ" އެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންކޮށް ފައިވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ދިޔައީ، ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމުގެ ތައްޔާރީތައްވެ، އިންތިޚާބު ބާއްވާނެ ތާރީޚާއި، އަދި އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ހުޅުވާލި އެވެ. އަދި ކެންޑިޑޭޓުންގެ ނަންތައްވެސް އިޢުލާނު ކޮށްފައިވަނިކޮށް، ރާއްޖޭގެ ޙާލަތު ބަދަލުވީ އެވެ. މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅުން ފެށިގެން، ޗައިނާގައި ފެތުރެމުން ދިޔަ ކޮވިޑް-19 ރޯގާ މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކުރަމުން ގޮސް، ރާއްޖެއާ ހަމައަށް މާރޗު މަހު ވަނީ ވާޞިލު އެވެ. އޭރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޭޕްރީލް ހަތަރު ވަނަ ދުވަހު ބޭއްވުމުގެ ހުރިހާ ތައްޔާރީތަަކެއްވެ، އަދި ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ދިޔައީ ކަންކަން ހަމަޖައްސަމުން ނެވެ.

ނަމަވެސް، ރާއްޖެއިން ކޮވިޑް-19 ރޯގާ ފެނުމާ ގުޅިގެން މާރޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފަ އެވެ. މިއާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމުގެ މާޙައުލެއް ނެތި، އިންތިޚާބު ފަސްކުރަން ޖެހުނީ އެވެ.

ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާގުޅޭ ގޮތުން ޤާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ މުހިންމު ބައެއް ކަންކަމަށް ބަލާއިރު، ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގައި މުހިންމު ވަރަށް ގިނަ ކަންކަން ބަޔާންކޮށްފައި ވެއެވެ.

އެގޮތުން 231 ވަނަ މާއްދާގެ (ހ)ގައި ބުނަނީ، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނެން ވާނީ ހަމައެކަނި އެ ކައުންސިލް ނިޞްބަތްވާ ޞަރަޙައްދުގެ ރައްޔިތުން ދިމިޤްރާތީ އުޞޫލުތަކުގެ މަތީން، ސިއްރު ވޯޓަކުން އިންތިޚާބު ކުރާ މެންބަރުން ކަމަށެވެ. ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ)ގައި ބުނަނީ، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގެ އުމުރަކީ ދިގުވެގެން ތިން އަހަރު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުންނާއި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންގައި "އެޖެންޑާ 19" ގައި ބުނެފައިވާ ގޮތަށް ސަރުކާރުންނާއި މަޖިލީހުން ވަނީ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެސް، ކައުންސިލްތަކުގެ ދައުރު 3 އަހަރުން 5 އަހަރަށް ބަދަލުކޮށްފަ އެވެ.

ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާއިން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ)އަށް ގެނެސްފައިވާ އިޞްލާޙު ކަމަށްވާ ކައުންސިލްތަކުގެ އުމުރު 3 އަހަރުން 5 އަހަރަށް ބަދަލުކުރި ކުރުމަށް ރިޢާޔަތް ކުރާއިރު، އެ މާއްދާއަށް ޢަމަލު ކުރެވޭނެ އުޞޫލު ކަނޑައަޅާދީފައި ވަނީ އެ ޤާނޫނުގެ 4 ވަނަ މާއްދާގަ އެވެ. މިގޮތުން ޤާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ގެނެސްފައިވާ ބަދަލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލްތަކަށް މެންބަރުން ޢައްޔަނު ކުރަންވާނީ އެ ކައުންސިލްތަކަށް މެންބަރުން ޢައްޔަނުކުރަން ފެށި ތާރީޚު ކަމަށްވާ 8 ޑިސެމްބަރު 2019ށް ފަހު، ދެން އެންމެ އަވަހަށް ބާއްވާ އިންތިޚާބެއްގައި ކަމަށް ބަޔާންކޮށްފައި ވެއެވެ.

ޤނޫނުއަސާސީއަށް އެ އިޞްލާޙު ގެނައުމުގައި މީހަކަށް ނުރުހުމުގައި ދެއްކޭނެ އެއްވެސް ވާހަކައެއް ނެތެވެ. އެއީ ސަރުކާރުގެ ރިޔާސީ އަދި އެމްޑީޕީގެ "އެޖެންޑާ 19"ގެ ވަޢުދެ ކެވެ. ރައްޔިތުންގެ އެދުމާއެކު އެކަން މިވަނީ ސަރުކާރުންނާއި މަޖިލީހުން ކޮށްނިންމާފަ އެވެ.

ނަމަވެސް މިހާރު މިއޮތް ޙާލަތަކީ، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެވިދާނެ ޙާލަތެއްތޯ އެވެ. ޞިއްޙީ މާހިރުން ވިދާޅުވަނީ ގޭގައި މަޑު ކުރުމަށެވެ. އެކަކު އަނެކަކާ އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށެވެ. އެއްވެ ނޫޅުމަށެވެ. މާސްކް އެޅުމަށާއި، ގިނަ ގިނައިން އަތް ދޮވުމަށެވެ. އަދި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް، އަދި މުޅި މާލެ ޞަރަޙައްދު ފުރަބަންދު ކޮށްގެން މަހަކަށް ވުރެ ގިނަ ދުވަސް ވީއިރު، އަޅުގަނޑުމެން މިތިބީ، ގޭގަ އެވެ. ގޭ ބަންދުވެފަ އެވެ. އަވި ކޮޅެއްގައި ޖެހި ނުލެވި، ޖައްވުގެ ސާފު ވައި ނުލިބި، ގޭގައި ތިބި ބަޔަކު ނޫން ބަޔަކު ނުފެންނަތާ، މަހަކަށް ވުރެ ގިނަ ދުވަސްވީ އެވެ. ފޯނު ހަލާކުވެފައި އޮތުމުން، ފޯނެއް ގަނެވެންވެސް އޮތީ މާލެ ފުރަބަންދު ވީއްލިގެން ކަމަށްވާތީ، ގުޅަން ބޭނުންވާ ފަރާތްތަކަށް ގުޅުމާއި، ވާހަކަ ދައްކާލަން ބޭނުންވާ ޢާއިލީ އަދި ގާތްތިމާގެ މީހުންނާ ވާހަކަ ނުދެއްކި، ބައްދަލު ނުކުރެވި މަހަކަށް ވުރެ ގިނަ ދުވަސް ވެގެން ދިއުމަކީ ވަރަށް ހިތާމަހުރި ކަމެކެވެ. މިއީ އިންޓަރނެޓާއި ޓެކްނޮލޮޖީގެ ޒަމާނެއްކަމަށް ވިޔަސް، ގޭގައި މިހެން އިންނައިރު، ފޯނަށް ރޭންޖު ނުލިބުމާއި، ފޯރުކޮށްދޭ 'ފިނިހަކަ" އިންޓަރނެޓް ސްޕީޑް ވެފައި މިވަނީ ބޮޑު ބޮލު ރިހުމަކަށެވެ.

ކޮވިޑް-19 ރޯގާގެ ސަބަބުން ރަށްރަށުގެ ރައްޔިތުން ވާހަކަ ދައްކާލަން ގޮސްއުޅޭ ހޮޅުއަށިތައް ނަގައިފި އެވެ. ރައްޔިތުން ގޭބަންދުގައި ބައިތިއްބާ އިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވޭނީ ސަރުކާރުގެ އިދާރާއެއް ބުނާ ގޮތަކަށް، ނުވަތަ ދޭ ހުއްދައެއްގެ ދަށުން ކަމަށްވާނަމަ އަދި އިތުރަށް ކަންބޮޑުވެ އެވެ. ރައްޔިތުންގެ މަޖިލިސް ހިންގާނެ ގޮތާއި، ޖަލްސާތައް ބާއްވާނެ ގޮތް ނިންމާނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ ރައީސެވެ. މިއީ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކާ ބެހޭ ކަމެއް ނޫނެވެ.

ރަނގަޅެވެ. ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނު ކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހެލްތު މިނިސްޓަރ އިޢުލާނު ކުރައްވާފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ވެސް ރައްޔިތުންގެ ވަރަށް އަސާސީ ޙައްޤު ތަކެއް ވަނީ ހިފެހެއްޓިފަ އެވެ. އަދި އެއްވެ ނޫޅެވޭ އިރު، މިވަނީ ގޭގައި ތިބޭށެވެ. އަދި ގެއިން ނިކުތުމުގެ ސަބަބުން ގިނަ ބަޔަކު ޖޫރިމަނާކޮށް، އަދި އެތައް ބަޔަކު ހައްޔަރުކޮށްފައި ވެއެވެ. ވީމާ މިއީ ޤާނޫނުއަސާސީ އިޞްލާޙު ކުރެވޭނެ ޙާލަތެއްތޯ އެވެ. ޤާނޫނުއަސާސީ އިޞްލާޙު ކުރަން މަޖިލީހަށް ވަދެވެނީ ފުލުހުން ނުވަތަ ސަރުކާރުގެ އިދާރާއެއްގެ ހުއްދައެއް ލިބިގެން ކަމަށްވާނަމަ މިއީ ހަމަ ޤާނޫނުއަސާސީ އިޞްލާޙު ކުރެވޭނެ ޙާލަތެއްތޯ އެވެ. ކޮވިޑް-19 ރޯގާގެ ސަބަބުން ކަރަންޓީން ކުރެވިފައިވާ ނުވަތަ މޮނީޓަރިންގ ޙާލަތަށް ގެނެސްފައިވާ ގޭތަކުގައި ބަންދުވެފައި މަޖިލީހުގެ 7 މެންބަރުން އެބަތިއްބެވި އެވެ. މަޖިލީހުން ޤާނޫނުއަސާސީ އިޞްލާޙު ކުރާއިރު، އެ 7 މެންބަރުންނާއި އެ 7 ދާއިރާއަށް ނިސްބަތްވާ ރައްޔިތުންގެ ޙައްޤުތަކެއް ވެސް ވާނެ އެވެ. އެ 7 މެންބަރުންނަށް ޖަލްސާއަށް ހާޒިރު ނުވެވި، ގޭގައި ތިބެންޖެހިފައި މިވާ ޙާލަތަކީ، ޤާނޫނުއަސާސީ އިޞްލާޙު ކުރެވޭ ޙާލަތެއްތޯ އެވެ.

ދެން އޮން އަނެއް ސުވާލަކީ، މިއީ ޤާނޫނުއަސާސީ އިޞްލާޙު ކުރެވޭނެ ޙާލަތެއްކަމަށް ބުނެ، ޤާނޫނުއަސާސީ އިޞްލާޙުކޮށް، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ދިގުދަންމާލެވިދާނެތޯ އުފެދޭ ސުވާލެވެ.

އެކަމެއް ނުކުރެވޭނެ އެވެ. ޤާނޫނުއަސާސީގައި ބުނެފައިވާ ގޮތުން މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހު ހަމަވާނެ އެވެ. އަދި ރައްޔިތުން ނިކުމެ އެ ކައުންސިލަރުންނަށް ވޯޓު ދިނީ ވެސް، ޖޫން މަހުގެ 3 ވަނަ ދުވަހާ ހަމައަށް ތިއްބަވަން ކަމަށް ވާއިރު، އެ އެކައުންސިލަރުން އިތުރަށް ބޭތިއްބޭނެ އެއްވެސް ގޮތެއް ނެތެވެ. ދައުރު ނިމުނީމައި، އެނިމުނީ އެވެ.

ޤާނޫނުއަސާސީއަށް މިހާރު ގެންނަން މިހާރު ހުށަހަޅާފައިވާ އިޞްލާޙުން މިވަގުތަށް އެކަމުގެ ފައިދާއެއް ނުކުރާނެ އެވެ. ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވޭ ޙާލަތުގައި ނުވަތަ ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ދިގު ދަންމާލަން ގެންނަ އިޞްލާޙެއް ގެންނަނަމަ، އެ ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމުގެ ކުރިން އެ އިޞްލާޙެއް އޮންނަން ޖެހޭނީ ގެނެވިފަ އެވެ. މާނައަކީ މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމުގެ ކުރިން ރައްޔިތުންނަށް އޮންނަންޖެހޭނީ އެ މަޢުލޫމާތު ސާފުވެފަ އެވެ.

ބުނަން މިއުޅެނީ، ޤާނޫނާ އެއްގޮތަށް ކުރިން ހިންގާފައިވާ ކަމެއް ފަހުން އަންނަ ޤާނޫނަކުން (ރެޓްރޮސްޕެކްޓިވް) ކުރިން ހިންގާފައިވާ ކަމަށް ޢަމަލުކުރުމަކީ ވަރަށް ބީރަށްޓެހި ގޮތެކެވެ. އެއީ ޤާނޫނުހަދާ މަޖިލީހުން ޢަމަލު ކުރަންވެސް ރަނގަޅު ގޮތެއްވެސް ނޫނެވެ.

ޤާނޫނުއަސާސީން މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ދިގުދަންމާލުމަށް ފަހު، ޚާއްޞަ ޤާނޫނަކުން އެ ކައުންސިލްތަކުގެ ދައުރު ހަނިކޮށް، ބައެއް ކަންކަން ނުކުރެވޭގޮތަށް ވެސް ނުހެދޭނެ އެވެ. ސަބަބަކީ ޤާނޫނުއަސާސީން ދައުރު ދިގުދަންމާލުމުގެ މާނައަކީ، ޤާނޫނުއަސާސީގައި ބުނާ އަދި ޤާނޫނުގައި ބުނާ ކަންކަން ކުރުމުގެ ބާރު ލިބުމެވެ. ޚާއްޞަ ޤާނޫނަކުން ވިޔަސް ބާރުތައް ވަކި ހަންޏެއް ނުކުރެވޭނެ އެވެ.

އެހެންވީމާ، މިވަގުތު ޤާނޫނުއަސާސީ އިޞްލާޙު ކޮށްގެން، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ދިގުދަންމާ ލެވޭކަށް ނެތެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ އާއި ދިވެހިރާއްޖޭގެ ޞަރަަޙައްދު ބަޔާންކުރުމަށް ފަހު، ދެން ބުނަނީ ދިވެހި ރައްޔިތުންގެ ބާރުގެ ވާހަކަ އެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބުނަނީ، "ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގަ އެވެ."، ދުސްތޫރުގައި އެގޮތަށް ބަޔާންކޮށްފައި ވާއިރު، ރައްޔިތުން ނިންމާފައިވާ ނިންމުމެއް، އެހެންގޮތަކަށް ނިންމުމުގެ ބާރު ދައުލަތުގެ އެއްވެސް އެހެން ބާރަކަށް ލިބިގެން ނުވެއެވެ. މާނައަކީ، މިހާރު ހިނގަމުންދާ ކައުންސިލްތަކަށް ރައްޔިތުން ނިކުމެ ވޯޓު ދިނީ ތިން އަހަރުގެ ދައުރަކަށެވެ. ދެން އެ ދައުރު، އިތުރަށް ދިގު ދަންމާލުމަށް ޤާނޫނުއަސާސީ އިޞްލާޙު ކުރިއަސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ.

ދެން އޮތް ގޮތަކީ، ޤާނޫނުއަސާސީއަށް މިހާރު ހުށަހަޅާފައިވާ އިޞްލާޙު، ނުވަތަ ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވޭ ޙާލަތުގައި ޢަމަލު ކުރާނެ ގޮތެއް ޤާނޫނުއަސާސީގައި ބަޔާން ކުރުމެވެ. އަދި އެކަން ކުރަންވާނީ، މިހާރު ޤައުމު މިއޮތް ކުއްލި ނުރައްކަލުގެ ޙާލަތުން އަރައިގަނެ، ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ލިބުމުން ނެވެ. އަދި ދެން އެންމެ އަވަހަކަށް ބާއްވާ ކައުންސިލްތަކުގެ އިންތިޚާބަށް އިޢުލާނު ކުރުމުގެ ކުރިން، މަޖިލީހުން އެ އިޞްލާޙު ފާސްކުރަންވީ އެވެ. އަދި ކައުންސިލްތަކުގެ އިންތިޚާބަށް ރައްޔިތުން ވޯޓުލާއިރު، ވޯޓު މިލެވެނީ، ކައުންސިލްތަކަށް ފަސް އަހަރުގެ ދައުރެއް ދިނުމަށްކަމަށާއި އަދި ކައުންސިލްތަކުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު، އާ ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ ދެން ޢަމަލު ކުރާނެ ގޮތް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢަމަލުކުރާނެކަން އެނގިތިބެ ދެވޭ ވޯޓަކަށް ވުމެވެ.

މިހާރު އޮތްގޮތުން، ކޮންމެ ގޮތެއް ވިޔަސް އަންނަ ޖޫން މަހުގެ 3ގެ ފަހުން ލޯކަލް ކައުންސިލްތަކުގައި އިންތިޚާބީ ކައުންސިލަރުން ބޭތިއްބޭނެ ގޮތެއް ނެތެވެ. ޤާނޫނުއަސާސީ މިހާރުން މިހާރަށް އިޞްލާޙު ކުރިޔަސް ރައްޔިތުން ނިންމާފައިވާ ނިންމުމެއް ބޮލާލައި ނުޖެހޭނެ އެވެ.

ކައުންސިލަރުން ނެތަސް، ކައުންސިލް އިދާރާ މެދުވެރިކޮށް، ސަރުކާރާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އާއި ރައްޔިތުންގެ މަޖިލީހުން ވަކި އިންތިޒާމުތަކެއް ހަމަޖައްސައި، ރައްޔިތުންނަށް ދޭންޖެހޭ ޚދުމަތްތައް ދިނުން ނޫން އިތުރު އެހެންގޮތެއް އެބައޮތްތޯ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
20%
60%
0%
20%
0%
0%
ކޮމެންޓް