ކ. މާލެ
|
18 މެއި 2020 | ހޯމަ 21:07
އިރާގުގެ ކަރުބަލާގައި ހުންނަ އިމާމް ހުސެއިން މިސްކިތް (މަގާމް ހުސެއިން)
އިރާގުގެ ކަރުބަލާގައި ހުންނަ އިމާމް ހުސެއިން މިސްކިތް (މަގާމް ހުސެއިން)
ޖީ.އެރިކް އެންޑް އެޑިތް މެޓްސަން ފޮޓޯގްރާފް ކަލެކްޝަން
އިސްލާމީ ތާރީޚް
ހުސެއިންގެފާނު ޝަހީދު ކޮށްލުން – އިސްލާމީ ތާރީޚްގެ އެންމެ ހިތްދަތި އެއް ސަފުހާ
 
މިއީ މުސްލިމުންނަށް އެތައް އިބްރަތްތަކެއް ލިއްބައިދޭ ހާދިސާއެއް

ކީރިތި ރަސޫލާގެ ދަރިދަރިކަނބަލުންގެ ތެރެއިން ފާތިމަތުގެފާނަކީ، އެކަލޭގެފާނަށް އެންމެ ހަގަށް ލިބިވަޑައިގެންނެވި ދަރިކަނބަލުންނެވެ. އެކަމަނާދެކެ ކީރިތި ރަސޫލާ ނުހަނު ލޯބިފުޅުވިއެވެ. ފާތިމަތުގެފާނު ކައިވެނިފުޅު ބައްލަވައިގަތީ މުސްލިމުންގެ ހަތަރު ވަނަ ޚަލީފާ އަލީ އިބްން ތާލިބް (އަލީގެފާނު) އަށެވެ. މި ދެބޭފުޅުންނަށް ލިބިވަޑައިގެންނެވި، ހަސަނުގެފާނާއި (އިމާމް ހަސަން) އާއި ހުސެއިންގެފާނު (އިމާމް ހުސެއިން) އަކީ ކީރިތި ރަސޫލާ އަށް ކާފާފުޅު ވިދާޅުވާ، އަދި އެ ދެބޭފުޅުންގެ ދެކެ އެކަލޭގެފާނު އިންތިހާ ލޯބިފުޅުވި ދެބޭފުޅުންނެވެ.

ހަސަންގެފާނާއި، ހުސެއިންގެފާނު ދެކެ ކީރިތި ރަސޫލާ ލޯބިވެވަޑައިގެންނެވި މިންވަރު ހާމަވާ އެތައް ކަމެއް އެކަލޭގެފާނުގެ ހަޔާތްޕުޅުން ފެނިފައިވާ ކަމަށް އިލްމްވެރިން ވިދާޅުވެއެވެ. އެ ދެބެއިން ތުއްޕުޅު އިރު ރަސޫލާގެ އުނގުކޮޅުގައި އާއްމުކޮށް ބައިންދަވާ ހައްދަވައެވެ. އެ ދެބެއިން ރަސޫލާގެ މޭފުޅާއި ގާތްކޮއްލައްވާ ބޮސްދެއްވާ ހައްދަވައެވެ. ކީރިތި ރަސޫލާ ނަމާދު ކުރައްވަން ހުންނަވާއިރު، އެ ދެބެއިން އެކަލޭގެފާނުގެ ބުރަކަށިފުޅުގެ މައްޗަށް އަރުއްވާ ހައްދަވައެވެ. އެހާވެސް ކީރިތި ރަސޫލާ އެ ދެބެއިން ގާތް ކޮށް ގެންގުޅުއްވިއެވެ. ކީރިތި ރަސޫލާ ހަސަންގެފާނާއި އާއި ހުސެއިންގެފާނަށް ލޯބިފުޅުވާ މިންވަރު އެކަލޭގެފާނުގެ އެތައް ބަސްފުޅުތަކުން ވެސް ހާމަވެއެވެ.

އެއް ދުވަހަކު ހަސަންގެފާނައި ހުސެއިންގެފާނާއި ދެބެއިންގެ އަތްޕުޅުގައި ހިއްޕަވާފައި ކީރިތި ރަސޫލާ ހަދީސް ކުރެއްވި ކަމަށް ވެއެވެ. ތިމަން ކަލޭގެފާނާއި، މި ދެބެއިންނާއި، މި ދެބެއިންގެ މަންމާފުޅާއި އާއި ބައްޕާފުޅު ދެކެ ލޯބި ވެއްޖެ މީހަކު މަހްޝަރު ދުވަހުން ހުންނާނީ ތިމަން ކަލޭގެފާނާއެކު ތިމަން ކަލޭފާނު ހުންނަވާ ތަނުގައެވެ. (އައް ތިރުމީޒީ).

ތުއްޕުޅު އިރުގެ ދުވަސްތައް

ހުސެއިނުގެފާނު އުފަންވެ ވަޑައިގަތީ، މައްކާ އިން މަދީނާ އަށް މުސްލިމުން ހިޖުރަ ކުރިތާ 4 ވަނަ އަހަރުގެ ތެރޭގައެވެ. ހަސަންގެފާނަށް ވުރެ ހުސެއިނުގެފާނު އެއް އަހަރު ހަގެވެ.

އެ ދެބޭކަލުންނަށް މުޚާތަބް ކުރައްވާ، އެ ދެ ބޭކަލުންނަކީ ސުވަރުގޭގެ ޒުވާނުންގެ ވެރިން ކަމަށް، ކީރިތި ރަސޫލާ ހަދީސް ކުރެއްވި ކަމަށް އޮވެއެވެ.

މި ދެބޭކަލުން އުފަންވެ ވަޑައިގަތީ މާތް އާއިލާއަކަށެވެ. ބޮޑުފުޅުވީ، ދުނިޔެ ދުށް އެންމެ މާތް އިންސާނާ، އެ ދެބޭކަލުންގެ ކާފާފުޅު، މުޙައްމަދު ނަބީ ކަލޭގެފާނުގެ އަތްޕުޅު މަތީގައެވެ.

ޒުވާން ދުވަސް ވަރު، ހުސެއިންގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅު، ޚަލީފާ އަލީގެފާނުގެ އަރިހުގައި، މުސްލިމުންގެ ވެރިރަށް އިރާގުގެ ކޫފާއަށް ވަޑައިގަތެވެ. މި ދަތުރުފުޅުގައި، ބައްޕާފުޅުގެ އަރިހުގައި ހުސެއިންގެފާނު ދެ ހަނގުރާމަ އެއްގައި ބައިވެރިވެ ވަޑައިގަތެވެ.

މަސްޖިދުއް ކޫފާގައި އަލީގެފާނު ޝަހީދު ކޮށްލުމުން، ކޫފާގެ ރައްޔިތުން، މުސްލިމުންގެ ވެރިޔަކަށް އިސްކުރުމަށް އަލީގެފާނުގެ ދޮށީ ދަރިކަލުން ހަސަނުގެފާނަށް ބައިއަތު ހިފިއެވެ. މިކަން މިހެން ހިނގިއިރު، މުއާވިޔާ ބިން އަބީ ސުފުޔާނަށް މުސްލިމުންގެ ވެރިކަން ދިނުމަށް ސީރިއާ މީހުން އޮތީ ނިންމާފައެވެ. މުސްލިމުންގެ ޚަލީފާ އަވަހާރަ ވުމުން، ހަސަނުގެފާނަށް މުސްލިމުންގެ ވެރިކަން ދިނުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމުގައި ވީނަމަވެސް، މުސްލިމުންގެ މެދުގައި އިތުރު ލޭ އޮހުރުވުމާއި ހަމަ ނުޖެހުން އައުމަށް ބޭނުންފުޅު ނުވާތީ، ހަސަނުގެފާނު ނިންމެވީ، ވެރިކަން ދޫކޮށްލެއްވުމަށެވެ. ވެރިކަން ދޫކޮށްލެއްވުމަށް ފަހު ކޮއްކޯފުޅު ހުސެއިންގެފާނާއި އާއިލާ އާ އެކު މަދީނާ އަށް އެނބުރި ވަޑައިގަތެވެ.

މަޝްހޫރު ތާރީޚީ އިލްމްވެރިން ކަމަށްވާ އިބްން ކާތިރު އާއި އިބްން ހަޖަރު އާ ހަވާލާދީ އިސްލާމީ ތާރީޚް ދިރާސާ ކުރާ ފަރާތްތަކުން، ލިޔުއްވާފައިވާ ގޮތުން، ހަސަނުގެފާނު މުސްލިމުންގެ ޚަލީފާކަން ދޫކޮށްލެއްވުމަށް ނިންމެވި ނިންމެވުމަކީ ހުސެއިންގެފާނު ރުހިވަޑައިގެންނެވި ކަމެއް ނޫނެވެ. އެހެން ނަމަވެސް، ބޭބޭފުޅުގެ އެ ނިންމެވުމަށް ހުސެއިންގެފާނު އިހްތިރާމް ކުރައްވާ އެގޮތް ގަބޫލުފުޅު ކުރެއްވީއެވެ.

އޭގެ ފަހުން މި ދެބޭކަލުން އާއިލާ އާ އެކު ދިރިއުޅުއްވަމުން ގެންދެވީ މަދީނާގައެވެ. އަޅުކަމާއި، މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށް ދެއްވުމުގައި ހިމޭން ހަޔާތްޕުޅެއް މަދީނާގައި ހޭދަކުރައްވަމުން ގެންދެވިއެވެ. މަދީނާގެ ރައްޔިތުންގެ ތެރޭގައި ހުސެއިންގެފާނު ވެވަޑައިގެންފައި ވަނީ މީސްތަކުން ވަރަށް ލޯބިވާ އިހްތިރާމް ކުރާ ބޭކަލަކަށެވެ.

ހުސެއިންގެފާނުގެ ޝަހުސިއްޔަތުގެ މާތްކަން ދޭހަވާ އެތައް ހާދިސާތަކެއް ތާރީޚް ދިރާސާ ކުރައްވާ އިލްމްވެރިން ލިޔުއްވާފައި ވެއެވެ. އޭގެ ތެރެއިން އެއް ހާދިސާ އެއްގައި، އެއްދުވަހަކު ހުސެއިންގެފާނު މަގެއްގެ މަތިން ވަޑައިގަންނަވަނިކޮށް، ފަގީރު ނިކަމެތިން ތަކެއް ކާން ތިބި ތަނަކާ ހަމަ އަށް އަރާވަޑައިގެންނެވުނު ވަގުތު، އެމީހުން، އެ ކެއުމުގައި ބައިވެރިވެ ވަޑައިގަތުމަށް ހުސެއިންގެފާނަށް ދައުވަތ އެރުވިއެވެ. އެހިނދު، ހަމަ ކަށަވަރުން، ބޮޑާ ކިބުރުވެރި މީހުން ދެކެ ﷲ ރުހިވޮޑިގެން ނުވެޔޭ ވިދާޅުވެ، އަސްމަތިން ފައިބައި ވަޑައިގެން، އެމީހުންނާ އެކު ފަރީއްކުޅުވިއެވެ. ފަރީއްކުޅުއްވާ ނިމުމުން، ތިޔަ ބޭކަލުންގެ ދައުވަތު ތިމަން ކަލޭގެފާނު ގަބޫލު ކުރައްވައިފީމު ނޫންހޭ، ދެން ތިމަން ކަލޭގެފާނު ދޭ ދައުވަތު ތިޔަ ބޭކަލުންވެސް ގަބޫލު ކުރައްވަން ޖެހޭނޭ ވިދާޅުވެ، ހުސެއިންގެފާނުގެ ގަނޑުވަރަށް އެމީހުން ގެންދަވާ އަނބިކަނބަލުން އައް ރަބާބް އަރިހުގައި އެމީހުންނަށް ކާން ގެނެސްދެއްވުމަށް އެންގެވިއެވެ.

ހުސެއިންގެފާނަކީ ނިކަމެތިންނަށް އެހީތެރިވެ ވަޑައިގަތުމުގައިވެސް ނަމޫނާ ޝަހުސިއްޔަތެކެވެ. ބުނެވޭ ގޮތުގައި އެކަލޭގެފާނުގެ ބުރަކަށިފުޅު މަތީގައި އެއްކޮޅުން އަނެއް ކޮޅަށް ލަކުނެއްގެ ގޮތައް ރޮނގެއް ދެމިފައި ހުރެއެވެ. އެއީ ޔަތީމުންނަށާއި، މިސްކީނުންނަށާއި، ފަގީރުންނަށާއި، ހުވަފަތްވެފައި ތިބޭ މީހުންގެ ގޭގެއަށް ކާތަކެތި އުފުއްލަވަން ގެންގުޅުއްވާ ދަބަހުގެ ވާގަނޑު ޖެހިފައި ހުންނަތާނގައި ލާފައި ހުންނަ ފާހަގައެކެވެ.

އަވަހާރަކޮށްލުމުގެ ހާދިސާ

ހިޖުރައިން 50 ވަނަ އަހަރު ހަސަނުގެފާނު އަވަހާރަ ވީ ފަހުން، އޭރުގެ ޚަލީފާ މުއާވިޔާ ބިން އަބީ ސުފިޔާން، އޭނާގެ ފަހުން ޚަލީފާ ކަމަށް އިސްކުރައްވާނެ ބޭކަލަކީ އޭނާގެ ދަރިކަލުން ޔަޒީދު ކަމުގައި ކަނޑައަޅުއްވާ އިއުލާން ކުރެއްވިއެވެ. މުސްލިމް އުއްމަތައް މިކަން ވީ ބޮޑު ހައިރާން ކަމެއް ލިބުނު ކަމަކަށެވެ. އެއީ ޔަޒީދަކީ ކީރިތި ރަސޫލާގެ ސަހާބީންގެ ތެރޭގައި ހިމެނޭ ފަރާތަކަށް ނުވެފައި، އެ މަގާމަށް މާ ބޮޑަށް އެކަށީގެންވާ، ތަޖުރިބާ ހުރި މާތް ސަހާބީން ދުނިޔޭގައި ތިއްބެވުމާ އެކުގައެވެ.

އެކަން އެހެން އޮތް ނަމަވެސް، ހިޖްރައިން 60 ވަނަ އަހަރު މުއާވިޔާ އަވަހާރަ ވުމާއެކު، އިސްލާމީ ދައުލަތުގައި ހިމެނޭ ގިނަ ގައުމުތަކުން، ޚަލީފާ ކަމަށް ޔަޒީދަށް ބައިއަތު ހިފިއެވެ. އެހެން ނަމަވެސް މައްކާ އާއި މަދީނާގެ މީހުން އެ ގޮތް ގަބޫލެއް ނުކުރިއެވެ.

މައްކާ އާއި މަދީނާގެ މީހުން، މުސްލިމުންގެ ޚަލީފާގެ ގޮތުގައި ކަނޑައަޅާނެ ކަމަށް އުއްމީދު ކޮށްގެން ތިބީ، އުމަރުގެފާނުގެ ދަރިކަލުން، އަބްދުﷲ ބިން އުމަރު ބިން އަލް ޚައްތާބް ނުވަތަ، އަސްމާ ބިންތު އަބީ ބަކްރިގެ ދަރިކަލުން އަބްދުﷲ ބިން ޒުބައިރު ނުވަތަ ކީރިތި ރަސޫލާގެ ކާފާ ދަރިކަލުން ހުސެއިންގެފާނު، މީގެ ތެރެއިން ކޮންމެވެސްް ބޭފުޅެއް ކަމުގައެވެ.

މިއާއެކު، ޚަލީފާ ކަމުގެ ވާދަވެރި ކަމުގައި، އުމައްޔަދު ޚިލާފަތުގެ ތެރޭގައި މައްސަލަތައް ބޮޑުވެދާނެ ކަމަށް ވިދާޅުވެ، މަދީނާގެ ގަވަރުނަރު ހުސެއިނުގެފާނު އޭނާގެ އަރިހަށް ގެންދެވިއެވެ. އޭރު މަދީނާގެ ގަވަރުނަރު ކަމުގައި ހުންނެވީ ޔަޒީދުގެ ބައްޕާފުޅު އިސްކުރައްވާފައި ހުންނެވި ބޭކަލެކެވެ. ގަވަރުނަރު ހުސެއިނުގެފާނު ގެންދަވާ، މިސްކިތުގައި އެވަގުތު ތިބި އެންމެންގެ ހާޒިރުގައި ޔަޒީދަށް ބައިއަތު ހިއްޕެވުމަށް އެންގެވިއެވެ. ނަމަވެސް އެކަން ހުސެއިނުގެފާނު ގަބޫލުފުޅު ނުކުރައްވާ، އެކަމާ ވިސްނާވަޑައިގަތުމަށް އިތުރު ވަގުތު ދެއްވުމަށް އެދިވަޑައިގަނެ، އެ މަޖިލިސް ދޫކުރައްވާ ނިކުމެ ވަޑައިގަތެވެ.

އެމަޖިލުހުން ނުކުމެ ވަޑައިގެން ގެއަށް ވަޑައިގެން، ދަތުރުފުޅު ތައްޔާރު ކުރައްވަން އާއިލާ އަށް އެންގެވިއެވެ. ގިނަ ވަގުތު ތަކެއް ނުނަންގަވާ އާއިލާ އާ އެކު ހުސެއިންގެފާނު މަދީނާ އިން މައްކާއަށް ދަތުރުފުޅު ކުރެއްވިއެވެ. މައްކާ އިން ހުސެއިންގެފާނަށް ބައްދަލުވެވަޑައިގެން ގިނަ މީހުންނަކީ ޔަޒީދު ވެރިކަމަށް ގެނައުމަށް ދެކޮޅު ހަދާ މީހުންކަން ހުސެއިންގެފާނަށް އެނގިވަޑައިގަތެވެ.

ޚަލީފާ ކަމަށް ޔަޒީދު އިސްކުރެއްވުމަށް އެއްބަސްވެ ވަޑައިނުގަނެ، މަދީނާ ދޫ ކުރައްވާ މައްކާ އަށް ހުސެއިންގެފާނު ދަތުރުފުޅު ކުރެއްވި ޚަބަރު އިސާހިތަކު މުސްލިމް ދައުލަތުގެ ތެރޭގައި ފެތުރިއްޖެއެވެ. އިރާގުގެ ކޫފާ އަށް މި ޚަބަރު ދިއުމާއެކު، ކޫފާގެ ގިނަ ބަޔަކު އެކަމަށް އުފާ ކުރިއެވެ. ކޫފާގެ ގިނަ މީހުންވެސް ތިބީ ޔަޒީދު ވެރިކަމަށް ގެންނަން ބޭނުން ނުވެފައި ކަމަށް ވެއެވެ. މިހާހިސާބުން މައްކާގައި ހުންނެވި ހުސެއިންގެފާނަށް ކޫފާގެ ގިނަ ބަޔަކު ސިޓީ ފޮނުވަމުން ދިޔައެވެ. އެ ސިޓީތަކުގައި ވަނީ ހުސެއިންގެފާނު ކޫފާ އަށް ވަޑައިގަނެ، ޔަޒީދުއާ ދެކޮޅަށް ތެދުވެވަޑައިގެން އޭނާ ވެރިކަމުން ދުރު ކުރުމަށް އެދޭ ކަމުގައެވެ. ތާރީޚް ދިރާސާ ކުރައްވާ އިލްމްވެރިން ލިޔުއްވާފައިވާ ގޮތުގައި، ކޫފާ އިން ހުސެއިންގެފާނަށް ލިބިވަޑައިގަތް ގިނަ ސިޓީތަކުގައި ވަނީ އެމީހުން ތިބީ ހުސެއިންގެފާނާ އެކުގައި ކަމަށާއި، އެމީހުން ހުރިހާ ގޮތަކުންވެސް ހުސެއިންގެފާނު ޚަލީފާ ކަމަށް އިސްވެވަޑައިގަތުމަށް އެހީތެރިކަން އަރުވާނެ ކަމުގައެވެ. މަދު ސިޓީއެއްގައި ހުސެއިންގެފާނަށް ނުރުހުމާ އިންޒާރުގެ ބަސްތައްވެސް ހުރި ކަމަށް ވެއެވެ.

ތަކުރާރު ކޮށް ކޫފާގެ ރައްޔިތުންގެ ފަރާތުން މި މެސެޖް ހުސެއިންގެފާނަށް ލިބިވަޑައިގަންނަވަމުން ދިއުމާއެކު، ހުސެއިންގެފާނުގެ ދެބެންގެ ދެދަރި ބޭކަލަކު ކަމުގައިވާ މުސްލިމް ބިން އަގީލް ކޫފާ އަށް ފޮނުއްވާ އެތަނުގެ ކަންކަން ހުރި ނެތް ގޮތް ބެއްލެވުމަށް ނިންމެވިއެވެ.

މުސްލިމް ބިން އަގީލް ކޫފާ އަށް ވަޑައިގަތުމުން، އެކަލޭގެފާނަށް ކޫފާގެ ރައްޔިތުން ވަރަށް ހޫނު މަރުހަބާ އެއް ދެންނެވިއެވެ. ބުނެވޭ ގޮތުގައި ބާރަ ހާހަށް ވުރެ ގިނަ މީހުން ހުސެއިންގެފާނަށް ތާއީދުކޮށް މުސްލިމް ބިން އަގީލަށް ބައިއަތު ހިފިއެވެ. ހުސެއިންގެފާނަށް އޮތް ބޮޑު ތާއީދު ފެނިވަޑައިގެން، ރައްޔިތުން ތިބީ ތައްޔާރަށް ކަމަށް ވިދާޅުވެ، މުސްލިމް ބިން އަގީލް ހުސެއިންގެފާނަށް އަވަހަށް ލަސް ނުކުރައްވާ ކޫފާ އަށް ވަޑައިގަތުމަށް ދަންނަވާ މެސެޖެއް ފޮނުއްވިއެވެ.

މިކަން މިހެން ހިނގަމުން ދާއިރު، ވާހަކަތަކުގެ އަޑުތައް ފެތުރި ދިމިޝިގްގައި ހުންނެވި ޔަޒީދުގެ ކަންފަތްޕުޅަށް ވެސް މި އަޑު އަރައިފިއެވެ. މި ކަމާ ގުޅިގެން، ޔަޒީދު ހެއްދެވި ގޮތަކީ، ކޫފާގައި ހުންނަވާ ގަވަރުނަރު މަގާމުން ވަކި ކުރައްވާ އިބްން ޒިޔާދު ކިޔާ ބޭކަލަކު ގަވަރުނަރު ކަމަށް ހަމަޖެއްސެވުމެވެ. ބުނެވޭ ގޮތުގައި އިބްން ޒިޔާދަކީ ނުބައި ރޭވުންތައް ރޭވުމަށް ހުނަރުވެރި ފަރާތެކެވެ.

އިބްން ޒިޔާދު ގަވަރުނަރު ކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ވެސް ކުރެއްވި އަމުރުފުޅަކީ، ހުސެއިންގެފާނުގެ މިތުރު މުސްލިމް ބިން އަގީލް ހުންނެވި ތަނެއް ހޯދުމަށާއި، އަދި ހުންނެވި ތާކުން ގެނައުމަށެވެ. އެކަމަށް ޖާސޫސަކު ހަމަޖައްސާ، އޭނާގެ މަސައްކަތުން، މުސްލިމް ބިން އަގީލް ކޫފާ ގައި ހުންނެވި ކަން އިސާހިތަކު ހޯދައިފިއެވެ.

މިއާ އެކު، ހުސެއިންގެފާނަށް ބައިއަތު ހިފައިގެން ކޫފާގައި ތިބި މީހުންގެ ކިބައިން އިބްން ޒިޔާދުގެ ކިއްލާ އަށް ހަމަލާ ދިނުމަށް އޭނާގެ އަރިހުގައި ނުކުތުމަށް މުސްލިމް ބިން އަގީލް ގޮވާލެއްވިއެވެ. މި ގޮވާލެއްވުމަށް އިޖާބަ ދީ ނުކުތީ، ބައިއަތު ހިފައިގެން ތިބި ކަމަށް ބުނި ބާރަ ހާސް މީހުންގެ ތެރެއިން އެންމެ ހަތަރު ހާސް މީހުންނެވެ.

އިބްން ޒިޔާދު ގެންދެވީ، ބިރު ދެއްކުމާއި، ރިޝްވަތުގެ އުކުޅުތައް ބޭނުން ކޮށްގެން މުސްލިމް ބިން އަގީލްގެ އަރިހުގައި ތިބި މީޙުންނަށް ނުފޫޒް ފޯރުވާ ކޮޅު ބަދަލު ކުރުމަށް ބާރު އަޅުއްވަމުންނެވެ. އިބްން ޒިޔާދުގެ މި ރޭވުން ތަކުގައި ޖެހި، މީހުންތައް މަދުވަމުން މަދުވަމުން ގޮސް ރޭ ވީ އިރު މުސްލިމް ބިން އަގީލްގެ އަރިހުގައި ތިބީ އެންމެ ދިހަވަރަކަށް މީހުންނެވެ.

އެންމެ ފަހުން އިބްން ޒިޔާދުގެ ސިފައިން މުސްލިމް ބިން އަގީލް އަތުލައިގަނެ، ހައްޔަރުކޮށްގެން ޒިޔާދުގެ ގަނޑުވަރުގެ މައިދާނަށް ގެންދެވުނެވެ. ގަނޑުވަރަށް ގެންދިޔަ މަގުމަތީގައި މުސްލިމް ބިން އަގީލް، ހުސެއިންގެފާނަށް މެސެޖެއް ރައްދު ކޮށްދޭނެ މީހަކު ހަމަޖައްސަވާ އޭނާ އެކަން ކޮށްދޭނެ ކަމަށް ވައުދު ކުރުވިއެވެ. އޭނާގެ ގާތު މުސްލިމް ބިން އަގީލް ވިދާޅުވީ، ކޫފާގެ ރައްޔިތުން ހުސެއިންގެފާނަށް ބޭވަފާތެރި ވެ، އެކަލޭގެފާނު ދޫކޮށްލައިފި ކަމަށް ގޮސް ދަންނަވައި ދިނުމަށެވެ.

ކޮންމެއަކަސް، ޒިޔާދުގެ އެންގެވުމަށް ވެރިކަން ބަދަލު ކުރަން އުޅުއްވުމުގެ އަދަބެއްގެ ގޮތުން، ކޫފާގެ ކުދި ބޮޑު އެންމެންނަށް ފެންނަ ގޮތައް، އެންމެންގެ ލޯތަކުގެ ކުރިމަތީގައި އުސް އިމާރާތެއްގެ މަތިން މުސްލިމް ބިން އަގީލް ވައްޓާލާ އަވަހާރަ ކޮށްލިއެވެ.

މައްކާގައި ހުންނެވި ހުސެއިންގެފާނަށް މިކަންކަން މިހެން ހިނގިކަމެއް އޭރު އެނގިވަޑައެއް ނުގަންނަވައެވެ. ހުސެއިންގެފާނު ހުންނެވީ، މުސްލިމް ބިން އަގީލްގެ ފަރާތުން ކުރި ލިބިވަޑައިގެންނެވި މެސެޖާ އެއް ގޮތައް ވިސް ނުންފުޅު ބަހައްޓަވައިގެންނެވެ. ހުސެއިންގެފާނުގެ ހިތްޕުޅުގައި އޭރުވެސް އޮތީ ކޫފާގެ ރައްޔިތުން ތިބީ އެކަލޭގެފާނާ އެކުގައި ކަމަށާއި މިއީ ކޫފާއަށް ވަޑައިގަންނަވީ ރަނގަޅު ވަގުތު ކަމުގައެވެ.

މި ވިސްނުންފުޅުގައި، ހުސެއިންގެފާނު ކޫފާ އަށް ވަޑައިގެންނެވުމަށް ދަތުރުފުޅު ބަންނަވަމުން ގެންދެވިއެވެ. ނަމަވެސް، ހުސެއިންގެފާނު ކޫފާ އަށް ވަޑައިގެންފި ނަމަ ހަނގުރާމަ އެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށް ފެންނާތީ އެ ދަތުރުފުޅުގައި ވަޑައި ނުގަތުމަށް ބައެއް އަރިސް ބޭކަލުން ހުސެއިންގެފާނަށް ދެންނެވިއެވެ.

މި ވާހަކަ ތަކަށް ރައްދު ދެއްވައި، ހުސެއިންގެފާނު ވިދާޅުވީ، ހުރުމަތްވެރި ވެގެންވާ މިސްކިތުގެ ދޮރުކޮޅުތައް ލޭ އޮހޮރޮވުމަށް ހުޅުވުމަށް ވުރެ، އެހެން ތަނަކަށް ވަޑައިގެން ހަނގުރާމަ ކޮށް އަވަހާރަވުންވެސް މާ ރަނގަޅު ކަމުގައެވެ. ހުސެއިންގެފާނު ދެކެވަޑައިގެންނެވި ގޮތުގައި މައްކާގައި ހުންނެވި ނަމަވެސް، އެކަލޭގެފާނާ ދެކޮޅަށް ޔަޒީދުގެ ލަޝްކަރު މައްކާ އަށް ހަނގުރާމަ އަށް ފޮނުއްވާނެއެވެ.

ކޮންމެއަކަސް ހުސެއިންގެފާނު ކޫފާ އަށް ދަތުރުފުޅު ފެއްޓެވިއެވެ. ދަތުރުފުޅުގައި ގެންދެވީ، އެކަލޭގެފާނުގެ އާއިލާ އާއި، ހަސަނުގެފާނުގެ ބޭބޭފުޅުންނާއި، މުސްލިމް ބިން އަގީލް ގެ ބޭބޭފުޅުންނެވެ. ވަފުދުގައި ހިމެނެނީ ގާތްގަނޑަކަށް 100 ވަރަކަށް މީހުންނެވެ.

ދަތުރުފުޅުގެ ވަކި ހިސާބަކުން، ކޫފާގެ ހާލަތު ދެނެވަޑައިތުމުގެ ގޮތުންނާއި، އެކަލޭގެފާނު ކޫފާއަށް ވަޑައިގަންނަވާ ކަމުގެ ޚަބަރު އެރަށުގެ ރައްޔިތުންނަށް ދެއްވުމުގެ ގޮތުން މެސެންޖަރަކު ހުސެއިންގެފާނު ފޮނުއްވިއެވެ. އެކަމަކު ޔަޒީދުގެ ސިފައިން އޭނާ ވަކި ހިސާބަކުން ހުއްޓުވާ މަރާލީއެވެ.

ހުސެއިންގެފާނު ފޮނުއްވި ދެވަނަ މެސެންޖަރަށް ވެސް ކަންތައް ދިމާވީ ހަމަ މިހެންނެވެ.

ތިން ވަނަ މީހަކު ވެސް ފޮނުއްވި އެވެ. އޭނާ މަރާލުމުގެ ކުރިން، ހުސެއިންގެފާނު އެބަ ވަޑައިގަންނަވައޭ އަޑުގެ ނެތް ތަނަކަށް ގޮވާ އެ މެސެޖް ފޯރުކޮށްދިން ކަމަށް ވެއެވެ.

މިހާ ހިސާބުން، މުސްލިމް ބިން އަގީލް އަށް ވީ ގޮތުގެ ޚަބަރު ހުސެއިންގެފާނަށް ލިބިވަޑައިގެންފިއެވެ. މި ޚަބަރާއެކު، ދަތުރުފުޅު އިތުރަށް ކުރިއަށް ނުގެންދަވާ އަނބުރާ އައިކޮޅަށް ވަޑައިގަތުމަށް އާއިލާގެ ބައެއް މެމްބަރުން ހުސެއިންގެފާނަށް ދެންނެވިއެވެ. އެ ވާހަކަތަކަށް އިޖާބަ ދެއްވުމުގެ ބަދަލުގައި ހުސެއިންގެފާނު ނިންމެވީ ހިތްވަރު ގަދަ ކުރައްވާ ކުރިއަށް ވަޑައިގަތުމަށެވެ. ހުސެއިންގެފާނު ދެކެވަޑައިގަތީ ކޫފާގެ ރައްޔިތުން އެކަލޭގެފާނަށް ތާއީދު ކުރައްވާނެ ކަމަށެވެ.

މިހާ ހިސާބުން، އިބްން ޒިޔާދު ނިންމެވީ، ހުސެއިންގެފާނާ ހަނގުރާމަ ކުރުމަށް ލަޝްކަރެއް ފޮނުއްވުމަށެވެ. މިގޮތުން، ރޫމީންގެ ސިޓީ އަކާ ހަނގުރާމަ އަށް ތުރުކީވިލާތައް ދަތުރު ކުރަމުން ދިޔަ ހަތަރު ހާސް ސިފައިންގެ މައްޗަށް އެކުލެވޭ ގާފިލާ އެއްގެ މިސްރާބު ބަދަލުކޮށް ހުސެއިންގެފާނާ ބައްދަލު ކުރުމަށް އިބްން ޒިޔާދު އެންގެވިއެވެ.

މި ލަޝްކަރު އައިސް ކަރުބަލާ އާ ހަމައިން ހުސެއިންގެފާނު ހުއްޓުވިއެވެ. އޭރު ކޫފާ އޮތީ ގައު ކޮޅެއް އެއްލައިލީމާ ގޮސް ޖެހޭހާ ވެސް ގާތުގައެވެ.

ޔަޒީދުގެ ސިފައިން ހުސެއިންގެފާނުގެ ގާފިލާ ހުއްޓުވުމުން، އެ ލަޝްކަރުގެ ކޮމާންޑަރަށް، ދެ ގޯނި ފުރާ ހުރި ސިޓީ ހުސެއިންގެފާނު ދެއްކެވިއެވެ. އޭގައި ވަނީ ކޫފާގެ ރައްޔިތުން އެމީހުންގެ ވެރިއަކަށް ހުސެއިންގެފާނު ވެވަޑައިގަތުމަށް އެދި ފޮނުވާފައި ހުރިހާ ސިޓީއެވެ. ހުސެއިންގެފާނު ވިދާޅުވީ، މިހުރިހާ ސިޓީއެއް ލިބިވަޑައި ނުގެންނެވި ނަމަ ކޫފާ އަށް ދަތުރުފުޅެއް ނުކުރެއްވީސް ކަމުގައެވެ. އަދި ބޭ އިންސާފައި ބާތިލް މަގަށް ލެނބިވަޑައި ނުގަންނަވާނެ ކަމަށާއި، އަނިޔާވެރި ވެރިޔާ ޔަޒީދަށް ބައިއަތު ނުހިއްޕަވާނެ ކަމަށްވެސް ހުސެއިންގެފާނު ވިދާޅުވިއެވެ. ހުސެއިންގެފާނާއި އެކަލޭގެފާނުގެ އަރިހުގައި ދަތުރުކުރެއްވި އެންމެން ހަ ދުވަސް ވަންދެން މި ތަނުގައި މި ގޮތައް ހިސޯރުވެފައި ތިބެން ޖެހުނެވެ. ބޯފެން ފޮދެއް ހޯއްދެވުމުގައިވެސް ވަށައިގެން ތިބި ވަރުގަދަ ލަޝްކަރުގެ ހަނގުރާމަވެރިން ހުސެއިންގެފާނަށް ހުރަސްތައް ކުރިމަތި ކުރިއެވެ.

އެހެން ނަމަވެސް، ހުސެއިންގެފާނާ ކުރިމަތިލައިގެން ތިބި ހަނގުރާމަވެރިން އެކަލޭގެފާނުގެ ހަށިކޮޅަށް ގެއްލުމެއްދޭން ތިބީ ނުކުރިފައެވެ. ކޮންމެ ގޮތެއްގައި ވިޔަސް އެއީ ކީރިތި ރަސޫލާގެ ކާފަ ދަރިކަލުންނެވެ. ހުސެއިންގެފާނުގެ ލޭ އެއިން އެއްވެސް މީހެއްގެ އަތުގައި އުނގުޅާކަށް ބޭނުމެއް ނުވެއެވެ. އިދިކޮޅުގައި ތިބި ބައެއް ސިފައިން ހުސެއިންގެފާނުގެ ކޮޅަށް އެނބުރުނުވެސް މެއެވެ.

މިހެން މި ގޮތައް ވަގުތުތައް ދަނިކޮށް، އިދިކޮޅުގައި ހުރި ލެޔަށް ފެންބޮވައިގަނެފައިވާ ޝިމްރް ނަމަކަށް ކިޔާ ހަނގުރާމަ ވެރިޔަކާ އޭނާ އާ ބައިވެރިވި ބަޔަކު ދުނިދަނޑިތަކާއި ލޮންސިތަކުން ކުއްލިއަކަށް ހުސެއިންގެފާނުގެ ފައުޖަށް ހަމަލާ ދިނެވެ. އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އަނިޔާވެރިންގެ ވިހަ ހަމަލާ ތަކުން ލޮބުވެތި އާއިލާގެ މެމްބަރުންތައް ޝަހީދު ވަމުން ދިޔައެވެ. ހަމަލާ އަށް ރައްދު ދެއްވާ، ހުސެއިންގެފާނު ގަބޫލު ކުރެއްވި މަތިވެރި އަގީދާގެ މަތީގައި ހުންނަވާ، އިސްލާމް ދީނުގެ ހައްގުގައި، ހިތްވަރާ އެކު ދުޝްމަނުންނަށް ހަމަލާ ދެއްވާ އެންމެ ފަހު ވަގުތާ ޖެހެންދެން ހިތްވަރު ކުރެއްވިއެވެ. ހަނގުރާމަ ނިމިގެން ދިޔައީ ވަރަށް އަނިޔާވެރި ކޮށް ހުސެއިންގެފާނު ޝަހީދު ކޮށްލުމުންނެވެ. އެކަލޭގެފާނުގެ އިސްތަށިފުޅާ ހަށިގަނޑާ އެ އަނިޔާވެރިން ވަކިކޮށްލިއެވެ. މި ހިތާމަވެރި، ހާދިސާގައި، ހުސެއިންގެފާނުގެ އާއިލާގެ 72 މެމްބަރުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި އެކަލޭގެފާނުގެ އުމުރުން އެންމެ 6 މަހުގެ ފިރިހެން ދަރިކަލުން ވެސް ހިމެނުނެވެ. މި ހިތާމެރި ހާދިސާ ހިނގީ ހިޖްރައިން 61 ވަނަ އަހަރުގެ މުހައްރަމް މަހުގެ 10 ވަނަ (އާޝޫރާ) ދުވަހުއެވެ.

ހުސެއިންގެފާނަކީ ކީރިތި ރަސޫލާގެ ނަސަބުން ވަޑައިގެންނެވި، އެކަލޭގެފާނު އެހާ ލޯބިފުޅުވި، މަތިވެރި އަޚްލާގާއި މާތް އުޅުއްވުން ލިބިވަޑައިގެން ހުންނެވި މީސްތަކުންގެ އިހްތިރާމް ހޯއްދެވި އިސްލާމީ ތާރީޚުގައި މުހިންމު ޝަޚްސިއްޔަތެކެވެ. އިސްލާމް ދީނާއި، ކީރިތި ރަސޫލާގެ ސުންނަތް މުސްލިމުންގެ މެދުގައި ނަގަހައްޓާއި ފަސާދަ އާއި އަނިޔާވެރި ކަމަށް ބޯ ނުލެންބެވި ހިތްވަރު ގަދަ މުޖާހިދެކެވެ. އިމާމް ހުސެއިން ވިދާޅުވި ކަމަށް އޮންނަ ބަސްފުޅެއްގައި ވެއެވެ. ޖިހާދުގެ ތެރެއިން އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ވެރިޔަކާ ދެކޮޅަށް ތެދުވުމެވެ. އަދި ހައްގު ބަސް ބުނުމެވެ. އެކަން އެކަލޭގެފާނު ކިތަންމެހާ ވެސް ރަނގަޅަށް ސާބިތު ކޮށްދެއްވިއެވެ.

ހުސެއިންގެފާނު ޝަހީދު ކޮށްލެވުނު ހިތާމަވެރި ޙާދިސާ އަކީ މުސްލިމުންނަށް އެތައް އިބްރަތްތަކެއް، ފިލާވަޅުތަކެއް ލިއްބައިދޭ ހާދިސާއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
99%
0%
0%
0%
ކޮމެންޓް
19 މެއި 2020 | އަންގާރަ 17:56
އިބްރާހީމް ދީދީ
ކަރުބަލާގެ ހިއްވަރުގަދަ ބަޠަލުންގެ ތެރެއިން ޒައިނަބް ބިންތި ޢަލީ އާއި ބެހޭގޮތުންވެސް ސައްލޭ ލިޔުއްވާނެ ކަމަށް އުއްމީދުކުރަން.