އެންމެ ފަހުން ފަގީރުންގެ ލިސްޓު އެކުލަވާލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު!
18 މެއި 2020 | ހޯމަ 12:402019 ވަނަ އަހަރު ދެފަހަރެއްގެ މަތިން އަޕްޑޭޓް ކުރެވިފައިވޭ


އިސްލާމިކް މިނިސްޓަރ: މިފަހަރު ޒަކާތުގެ ފައިސާ ދޫކުރަނީ މިލިސްޓަށް ބެލުމަށްފަހު ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވޭ
ފަގީރުންގެ ލިސްޓު އަބަދުވެސް އަޕްޓޭޑް ކުރަމުންދާ ކަމަށާއި، އެންމެ ފަހުން ފަގީރުންގެ ލިސްޓު އެކުލަވާލީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ހޯމަ ދުވަހު ރާއްޖެޓެވީއަށް ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ މުޅި ރާއްޖެއަށް ބަލާއިރު، ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވަނީ 8764 މީހުން ކަމަށެވެ. އަދި މާލެއިން އެކަނި ވެސް 1717 މީހުން ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީ ވެފައިވާ ކަމަށެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވީ ފަގީރުން ގެ ލިސްޓުގައި މިހާރު ހިމެނެފައިވާ މީހުން ނަކީ 2019 ވަނަ އަހަރުގެ އޮކްޓޫބަރުގައި އެކުލަވާލި ލިސްޓެއް ކަމަށާއި، 2019 ވަނަ އަހަރު އެކަނި ވެސް ފަގީރުންގެ ލިސްޓް ދެފަހަރު އަޕްޑޭޓްކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 ގެ މިހާލަތުގެ ސަބަބުން މިއަހަރު ދަފްތަރު އެކުލުވާލުމުގައި ދަތިވެފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވީ ކޮވިޑް-19ގެ މިހާތަލާ ގުޅިގެން ހާލުގައި ޖެހޭ މީހުންނަކީ އެއީ ފަގީރުންގެ ލިސްޓަށް އަރާނެ ބައެއް ނޫން ކަމަށެވެ. އެއީ ވަގުތީ ގޮތުން ހާލުގައި ޖެހޭ ފަރާތްތަކަށްވާތީ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ފަރުދުން ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.








